بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙްމަދު އަންވަރު، ދަޢުލަތުގެ ވަޒީރުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑޮކްޓަރ ޢަލީ ނަޖީބް، ވިލާ ކޮލެޖްގެ ކައުންސިލަރ އެކެޑަމިކް ސެނެޓް، އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން، އަދި ޖަމުޢިއްޔާތަކުގެ އިސްވެރިން، އެވޯޑް ހާސިލުކުރާ ޝަރަފުވެރިން އަދި އެ ފަރާތްތަކުގެ ބެލެނިވެރިންނާއި، މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ސްޓޫޑެންޓް އެޗީވްމަންޓް ފާހަގަކުރުމަށްޓަކައި މި ބޭއްވިގެންދާ ޙަފްލާގައި ބައިވެރިވެ، އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު ލިބުނީތީ އެކަމާ އުފާކޮށް، ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަންވަރަށާއި އަދި އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ކަމަކީ، މި ޙަފްލާގައި އެވޯޑް ހާސިލުކުރެއްވި އެންމެހައި ފަރާތްތަކަށް މަރުޙަބާއާއި ތަހުނިޔާ ދެންނެވުން.

އާދެ، އެއްވެސް ޝައްކެއްނެތް، ކާމިޔާބަކީ އެހާ ފަސޭހައިން ހޯދޭ އެއްޗެއް ނޫން. އެއީ ގަދައަޅައި، ކުރެވޭ މަސައްކަތުގެ ނަތީޖާއެއް. އަޅުގަނޑު ދަންނަވާލަން ބޭނުން، ޑޮކްޓަރ އަންވަރުގެ ވާހަކަފުޅުގައިވެސް ފާހަގަކުރެއްވި، އަޅުގަނޑުމެން، ސަރުކާރުގެ ފަރާތުން، މިފަދަ މުހިންމު ކަންތައްތަކުގައި ބައިވެރިވާތީ، އެކަން ވަރަށްބޮޑަށް ފާހަގަކުރެއްވި. އަޅުގަނޑު މީގައި ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދެކެނީ ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތްތަކަކީ، އެއީ ހަމަ ސަރުކާރުން ކުރާ މަސައްކަތާ އެއްފަދަ މަސައްކަތެއް ކަމަށް. ރާއްޖޭގައި ތަރައްޤީއާއި ކުރިއެރުން އޮތީކީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތަކުންނެއް ނޫނޭ.

އެހެންވީމާ، އަމިއްލަ ފަރާތްތަކުން މިގޮތަށް ކުރައްވާ މަސައްކަތްތައް، ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާ، އަދި މަތީ ތަޢުލީމް ފުޅާކުރުމަށްޓަކައި، ވަކިން ޚާއްޞަކޮށް، ހުނަރުވެރިން ބިނާކުރުމަށްޓަކައި ކުރައްވާ މަސައްކަތުގައި ކުޑަގޮތަކަށް ނަމަވެސް އަޅުގަނޑުމެންނަށް މިހެން ބައިވެރިވެލުމަށްޓަކައި ލިބޭ ފުރުޞަތަކީ އެއީ، ލިބޭ ހިތްހަމަޖެހުމެއް. ވަރަށް ބޮޑު ޝަރަފެއް. ދެން އެހެންނަމަވެސް، އަޅުގަނޑު ވަރަށް ތައްޔާރުވެގެން އައީ. އެހާ ދިގު ވާހަކަތަކެއް ދެއްކޭކަށް ނެތް. އެއީ ޑޮކްޓަރ އަންވަރު ވިދާޅުވެއްޖެ މާ ކުރީބައިގައި، އެހާ ދިގުކޮށް ނުގެންދަން. އެއީ އެހާ މުނާސަބު ނޫން ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީމާ ދެން އަޅުގަނޑު ތަންކޮޅެއް ކުރުކޮށް މިރޭ ގެންދާނަން.

އާދެ، އަޅުގަނޑު ހަމަ މީގައި ފާހަގަކޮށްލަން ބޭނުން، ޚާއްޞަކޮށް އަޅުގަނޑު މިދެންނެވި ކަންތައްތައް، އާދެ ރާއްޖޭގެ ހަޔަރ އެޑިޔުކޭޝަން ދާއިރާ ފުޅާކުރުމަށްޓަކައި، ހަރުދަނާކޮށް އަދި ރަނގަޅު ދަރިންތަކެއް ބިނާކުރުމަށްޓަކައި، އެ ކުރައްވާ މަސައްކަތް، އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކުރަން. ވިލާ ކޮލެޖަށް ގާތްގަނޑަކަށް ފަނަރަވަރަކަށް އަހަރު ވެގެންދާއިރު، ވަރަށްގިނަ ދިވެހި ދަރިންތަކެއް މިވަނީ އުފައްދާފައި. އަޅުގަނޑުމެން، ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ، ކުންފުނިތަކުގެ އެކި ދިމަދިމާއަށް ބަލައިލާއިރުވެސް، މި ފެންނަނީ ވަރަށްބޮޑަށް، ޚާއްޞަކޮށް ވިލާ ކޮލެޖުން މި ކުރެވެމުންދިޔަ މަސައްކަތްތަކުގެ ތެރެއިން، ނުކުތް ދަރިންތައް. އެހެންވީމާ، އަޅުގަނޑު ހަމަ އެކަން ފާހަގަކޮށް، ޚާއްޞަކޮށް މި ކަންތައްތައް އުފެއްދެވުމުގެ ބާނީގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ވިލާ ކޮލެޖުގެ ބާނީ، އޮނަރަބްލް ޤާސިމް އިބްރާހީމަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، މި ދާއިރާ ކުރިއަށް ގެންދާއިރު، އަޅުގަނޑު ހަމަ މިއަދު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންނަށް ދިވެހި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް، ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭންޖެހޭނެ. އެނގިވަޑައިގަންނަވާނެ، އަމިއްލަ ފަރާތްތަކުން ތަޢުލީމު ކަމުގައި ވީނަމަވެސް، އަދި ޞިއްޙީ ފަރުވާގެ ކަންތައްތަކަށް ވީނަމަވެސް، ވަރަށް އުނދަގުލުން ދަތިގޮތަކަށް، އެކަންތައްތައް ފަށައިގެން ކުރިއަށް ގެންދަނީ. އެހެންވީމާ، ފަސޭހަކުރުމަށްޓަކައި، އަވަސް ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން ކުރެވެން ހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮށްދެމުން ގެންދާނެކަމުގެ ހަމަ ފުރިހަމަ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، މިކަންތައްތައް ކުރިއަށް ގެންދާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ދެވޭ ތަމްރީނާއި، ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި، ވަރަށް ގިނަ މަސައްކަތްތަކަށް، ވަރަށްގިނަ މަޝްރޫޢުތަކަށް، ކުރީގައި ރާއްޖެއަށް ބޭނުންނުވާ އެތައް ދާއިރާއަކުން، މިހާރު އަޅުގަނޑުމެންނަށް ދަރިވަރުން، ދިވެހި ޒުވާނުން އެބަ ބޭނުންވޭ. އެހެންވީމާ، ކުރާ ކޮންމެ ކަމެއް، ވީހާވެސް ރަނގަޅަކަށް ކުރުމަކީ އެއީ، އަޅުގަނޑުމެން ކޮންމެހެންވެސް މިއަދު ސަމާލުކަންދޭންޖެހޭ ކަމެއް.

އަޅުގަނޑު މިގޮތަށް ދަންނަވާއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން، އަޅުގަނޑުމެންނަށް މިރޭ މި ފެނިގެންދިޔައީ، ދުނިޔޭގެ ފެންވަރުގައި، އަޅުގަނޑަށް އަޑުއިވިގެން މިދިޔައީ، ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑުން ކުދިން ހޯދި ނަތީޖާތަކާ އެއްވަރެއްގެ ނަތީޖާތައް މިރޭ މި ދަރިވަރުން ހޯއްދެވިތަން. އަދި ހަމައެއާއެކު، އަޅުގަނޑުމެންނަށް ދާދި އިހަށްދުވަހު ފެނިގެންދިޔައީ، އޯލެވެލް ނިމިގެންދިޔައިރުވެސް ދުނިޔޭގެ އެއްވަނައިގައި ދިވެހި ދަރިވަރުން ވަރަށް ގިނަ ޢަދަދަކަށް ހިމެނިގެންދިޔަތަން. މިއިން އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ، ދިވެހި ޒުވާނުންގެ މެދުގައި، ދިވެހި ދަރިވަރުންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ޝައުޤުވެރިކަން، އޮތް ލޯބި. އެހެންވީމާ، އެކަން ހަމަ އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން، މިރޭ ޚާއްޞަކޮށް އިންޑަސްޓްރީ ލީޑަރުން، ކުންފުނިތަކުގެ ވެރިން، ވަރަށްގިނަ ޢަދަދަކަށް އެބަ ބައިވެރިވެވަޑައިގަންނަވާ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައި ވަރަށްބޮޑު ކޯޑިނޭޝަނެއް، ވަރަށްބޮޑު ގުޅުމެއް ބާއްވަން އެބަޖެހޭ. އެންމެ މުހިންމު ދާއިރާތަކަށް އިސްކަންދީގެން، އަޅުގަނޑުމެންގެ ހުރިހާ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަކީ އެއީ، އަޅުގަނޑު ކުރީގައިވެސް މި ދެންނެވި ގޮތަށް ކޮންމެހެންވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެގޮތުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ހަޔަރ އެޑިޔުކޭޝަން ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކެއްވެސް މި ދެންނެވި ގޮތަށް، އަމިއްލަ ފަރާތްތަކާއި، އަދި ސަރުކާރުގެވެސް ކުންފުނިތަކާއެކު މަޝްވަރާ ކުރެވިގެން، އެންމެ މުހިންމު ދާއިރާތަކަށް މީހުން ބިނާކުރުމަށް އިސްކަން ދެއްވުމަށް.

އާދެ، އަޅުގަނޑުމެން މިއަދު ވިސްނާލަން އެބަޖެހޭ ތަފާތުގޮތަކަށް. އަދިވެސް އަޅުގަނޑުމެން މުޅިން މިއުޅެނީ، ސަލާމަތް ނުވެވިގެން، ކޯވިޑް-19ގެ މި ކަންތައްތަކުން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޚާއްޞަކޮށް ރާއްޖޭގެ އެންމެ އިންޑަސްޓްރީއަކަށް، ސިންގަލް އިންޑަސްޓްރީގެ ޑިޕެންޑެންސީ އޮތުމުގެ ސަބަބުންވެސް މައްސަލަތަކެއް އޮތްކަން. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޕޮޒިޓިވް އިކޮނޮމިކް ގްރޯތަކަށް ވިސްނާ ކަމަށްވަންޏާ، ޑައިވައިސިފައި ކުރުމަށްޓަކައި، މަސައްކަތްތަކެއް ކުރަން. އެހެންވީމާވެސް މި ދެންނެވި ދާއިރާތަކަށް އިސްކަންދިނުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އާދެ، ޓުއަރިޒަމް އިންޑަސްޓްރީ ވިޔަސް އަދި ފިޝަރީޒް ސެކްޓަރވިޔަސް، އެނާރޖީ ސެކްޓަރ ވިޔަސް، ދަނޑުވެރިކަމާ ގުޅުންހުރި ދާއިރާތައް ކަމަށްވިޔަސް، އިންޖިނިއަރިންގ އަދި ޓެކްނިކަލް ދާއިރާތަކަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދީގެން، މީހުން ބިނާކޮށް، އެ ދާއިރާތައް އަޅުގަނޑުމެން ފުޅާކޮށް، އަންނަ ކޮންމެ ޝޮކަކުން އެހާބޮޑު ލޮޅުމެއް ނާންނަވަރަށް ރިޒިލިއަންޓް ކޮމިއުނިޓީއެއް، ސޮސައިޓީއެއް އުފެއްދުމަށްޓަކައި އަޅުގަނޑުމެން އާ ވިސްނުންތަކެއް މިއަދު ނެރެން އެބަޖެހޭ. އާދެ، އަޅުގަނޑު މިހެން މި ދެންނެވީ، ދިވެހިރާއްޖޭގައި މިއަދުވެސް މިއޮތީ ޚާއްޞަކޮށް ޓުއަރިޒަމް އިންޑަސްޓްރީއަށް ހަމައެކަނި ވަރަށްބޮޑަށް ޑިޕެންޑް ވެފައި. އެހެންވީމާ، ރާއްޖޭގައި ހުރި ވަސީލަތްތައް އަޅުގަނޑުމެން ހޯދައި، ހަމަ އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން އެ މަސައްކަތެއް ދޫކޮށްނުލައި ކުރަން އެބަޖެހޭ.

އާދެ، އަޅުގަނޑު ދަންނަވާލަން އޮތީ، ތިޔައިން ކޮންމެ ބޭފުޅަކުވެސް ބައްލަވާށޭ، ތިމަންނާއަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ. ޤައުމީ ފެންވަރުގައިވިޔަސް، އަތޮޅު ފެންވަރުގައިވިޔަސް، އަދި ރަށު ފެންވަރުގައިވިޔަސް، ޚިދުމަތެއް ކުރުމަކީ އެއީ، ތިމާއަށް ލިބޭ އުފަލެއްގެ ގޮތުގައި ހަދަމާ ހިނގާށޭ. އަޅުގަނޑުމެންނަށް ޤައުމު ތަރައްޤީ ކުރެވޭނީ، ކުރިއަށް ގެންދެވޭނީ، އެފަދަ ގޮތަކަށް އެކުއެކީގައި އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިގެން. އެންމެންގެ ޤައުމު، އެންމެން އެކުގައި ނޫންގޮތަކަށް އަޅުގަނޑަކަށް ނުވިސްނޭ ކުރިއަށް ގެންދެވޭނޭ ހަމަ އެއްވެސް ގޮތެއް.

އާދެ، އަޅުގަނޑު ދެން އެހާ ދިގުނުކޮށް، އަޅުގަނޑުގެ ވާހަކަކޮޅު މިރޭ ނިންމާލާނަން. އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ދެތިން ކަމެއް އަދި އެބައޮތް. "ނެވަރ ސެކްރިފައިސް ޔުއަރ ޑިގްނިޓީ". އަޅުގަނޑުމެންގެ އަގު އަޅުގަނޑުމެން މުޖުތަމަޢުގެ ތެރޭގައި ހިފަހައްޓަން އެބަޖެހޭ. ތިޔަބޭފުޅުންނަށް ތިޔަ ކަންތައްތައް ހާސިލުކުރެއްވުނީ އެތަކެއް އަހަރު ދުވަހަކުން. މިއީކީ ހަމަ އޯވަރނައިޓަކުން، ހަމަ މީހަކު ތަނެއްގައި ހުއްޓައި ލިބުނު ސަނަދެއްވެސް ނޫން. ތިޔަބޭފުޅުން ގަދައަޅައި ވަރަށް ގިނަ ޤުރްބާނީތަކެއް ވެގެން، ގިނަ ބޭފުޅުންނަކީ، އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި މަސައްކަތެއްވެސް ކުރައްވަމުން، ޢާއިލާގެ ކަންތައްތައް ބަލަހައްޓަވަމުން އަދި ކިޔަވައި ވިދާޅުވެގެން ރަނގަޅު ނަތީޖާތަކެއް ހޯއްދެވި ބޭފުޅުން. އެހެންވީމާ، މިއީ ވަރަށް ގިނަ ދުވަހުން ތިޔަބޭފުޅުންނަށް ބިލްޑް ކުރެވުނު އިމޭޖެއް. ރެޕިއުޓޭޝަނެއް.

އެހެންވީމާ، އެއްވެސް ހާލެއްގައި ތިމާގެ ޑިގްނިޓީ، މުޖުތަމަޢުގެ ތެރޭގައި ތިމާ ހިފަހައްޓަންޖެހޭ ޤަދަރު، އެ ދޫކޮށްނުލައްވާ. އެއީ އެއްވެސް ހާލެއްގައި ކަންތައްތައް ކޮށްގެންވާނެ ގޮތެއްނޫން. އަދި ޢަމުދުން ޢިލްމު އުނގެނި، ތަޢުލީމީ މާތް ބޭފުޅުން އަގުވެއްޓޭގޮތަށް އެކިއެކި ވައްތަރުތަކުގެ ވާހަކަ ދައްކައި، އެކަންތައްތައް ކުރުމަކީ އެއީ، އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއްނޫން.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކަންތައްތަކާ ވިސްނަންޖެހޭ. އަޅުގަނޑުމެން މީހަކާ ދިމާއަށް އެއްޗެއް ބުނެލާއިރު، އަޅުގަނޑުމެން ވިސްނާލަންވީ، މާދަމާ އަޅުގަނޑުމެން ބުނާއެތި، ރިވާރސް ކުރަންޖެހޭނީ ތިމަންނާ ނޫންބާވައޭ. އެއްދުވަހު މީހަކަށް ތަޢުރީފް ކޮށްފައި، އަނެއްދުވަހު އޭނާއަށް ހެއްދެވި ނެހެއްދެވިއަށް، ހިތަށްއެރި ހުރިހާ އެއްޗެއް ކިޔާފައި، އަނެއްކާ އަނެއް ދުވަހު، އޭނާގެ މޮޅު ވާހަކަ ދައްކަން އެއީ، ތަޢުލީމު އުނގެނިގެން، ތިޔަފަދަ ފާސްތައް ނަންގަވައިގެން ހުންނަވާ ބޭފުޅަކު، އަދި އެއްވެސް އިންސާނަކު އަޅުގަނޑު ގަބޫލުކުރާގޮތުގައި ކޮށްގެންވާނެ ކަމެއްނޫން.

އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް ވިސްނަންވީ، ކޮންމެ ދުވަހަކުވެސް އަޅުގަނޑުމެން ކުރާ، އަޅުގަނޑުމެންގެ ދުލުން އަޅުގަނޑުމެން ބުނާ ބަސްތަކާއި ރަނގަޅުގޮތުގައި ނޫނީ ހަމަ އެއްވެސް ކަމެއް ނުކުރުމުގެ ޢަޒުމް އަޅުގަނޑުމެން ކަނޑައަޅަންވީ. ތިޔަބޭފުޅުންނަށް މިރޭ ތިޔަ ލިބިވަޑައިގަތީ ސަނަދެއްގެ ގޮތުގައި ގޯލްޑް މެޑަލް. އުޅުމުގައިވެސް ގޯލްޑް މެޑަލް ހޯދަންވީ. މީހުންނާ މުޢާމަލާތް ކުރުމުގައިވެސް ގޯލްޑް މެޑަލް އަޅުގަނޑުމެން ހޯދަންވީ. އެއީ އެންމެ ރިވެތި ސިފަ. އިޖުތިމާޢީ މައްސަލަތައް އެބަހުރި. އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންނުވިޔަސް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެންގެ ތެރެއިން، އަޅުގަނޑުމެންގެ ސަރުކާރުންވެސް އަޅުގަނޑުމެން ބޭނުންވޭ އެކަންތައް ގަބޫލުކޮށް މަސައްކަތްތަކެއް ކުރަން. އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމަކީ އެއީ، އެންމެ މުހިންމު ކަންތައް. ރިވެތި އަޚްލާޤީ ސިފަތައް އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި، ގައިގައި އަށަގެންނެވުމަކީ އެއީ، އެންމެ މުހިންމު ކަންތައް. އެ ކަންތައްވެސް ކުރެވޭނީ ވަކިން ޚާއްޞަކޮށް، މި ދެންނެވި ގޮތަށް ތަޢުލީމީ، ޤަދަރުވެރި އަދި ޢިލްމީ ބޭފުޅުންގެ ފަރާތުން އެންމެ ރީތި ނަމޫނާތައް ދައްކައިގެން.

އެހެންވީމާ، އަޅުގަނޑު ހަމަ މިރޭ ވަރަށް އަދަބުވެރިކަމާއެކު މިކަހަލަ ވާހަކައެއް މި ދަންނަވާލީ، ދެން އަޅުގަނޑު ސްޓޭޖަށް އަރަންޖެހޭތީ އަޅުގަނޑު މި ވާހަކަ ދައްކަނީ. އެއީ އަޅުގަނޑަށް މިއަދު މިގޮތަށް މިކަހަލަ ވާހަކަތަކެއް ދައްކަންޖެހޭތީވެސް ދައްކަނީ. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކަށްވާތީ އަޅުގަނޑު ގަބޫލުކުރަނީ، މިކަހަލަ ވާހަކަތައް އަޅުގަނޑު ޖެހޭނެއޭ ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ޚާއްޞަކޮށް ރާއްޖޭގެ ޕްރައިވެޓް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަންގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކުން އެ ކުރައްވާ މަސައްކަތް ފާހަގަކޮށް، ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ވިލާ ކޮލެޖުން ވޭތުވެދިޔަ ފަނަރަ އަހަރު ކުރަމުން ގެންދިޔަ މިންނެތް މަސައްކަތް ފާހަގަކޮށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތް، އެކަން ފާހަގަކޮށް، އަޅުގަނޑު އެކަމަށްޓަކައި އެމަނިކުފާނުގެ ފަރާތްޕުޅުން ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އެދުމަކީ، ވިލާ ކޮލެޖުން ކުރާ މަސައްކަތްތައް ކާމިޔާބުވެގެން ދިޔުން. އަދި ތިޔަބޭފުޅުންނަށް އަދަށްވުރެ ފަހި ދުވަސްތަކެއްވެސް ލިބިގެންދިއުން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ގެ ތަނަވަސް ރަޙްމަތުން، ދިވެހި ޒުވާނުންނަކީ ހުނަރުވެރި، ތަޢުލީމީ، ޤާބިލު ބައެއްގެ ގޮތުގައި ލެއްވުން. އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް އަދަށްވުރެ ފަހި ދުވަސްތަކެއް މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.