ޞިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަކީ، ޤައުމު ބިނާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށާއި، ޞިއްޙީ ޚިދުމަތް ދޭ އަމިއްލަ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސަރުކާރުގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރއިން އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިގޮތުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، ޑޮކްޓަރުންނަށް ސްކޮލަރޝިޕްތައް ދިނުމާއި، މުވައްޒަފުން ތަމްރީން ކުރުމަށް އެހޮސްޕިޓަލުން ކުރާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މަތީ ތަޢުލީމް ހާޞިލްކުރުމަށް ސަރުކާރުން ދެމުން އަންނަ ސްކޮލަޝިޕްތަކުގައި މިހާރުވެސް މެޑިސިންގެ ދާއިރާއިން 70 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. އަދި ސަރުކާރުން ކުރިޔަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15000 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރޭގައި ނަރުސްކަން ކިޔަވަމުންދާ 800 ވުރެ ގިނަ ދަރިވަރުން ހިމެނޭކަންވެސް ރައީސުލްްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޭޑީކޭ ހޮސްޕިޓަލުން އަލަށް ފެށުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި އޭޑީކޭ ހޮސްޕިޓަލުން ބައިވެރިވެ، ކުރަމުންދާ މަސައްކަތްތަކަށް އެހޮސްޕިޓަލްގެ މެނޭޖްމަންޓާއި ސްޓާފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މިކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތާއިއެކު، ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމުގައި ހުރި ދަތިތައް ނިމުމަކަށް ގެނެވޭނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، އައްޑޫ ސިޓީގައި ހުންނަ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް ކެތުލެބެއް ހުޅުވިގެންދާނެ ކަމަށެވެ.
ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުޅަހެޔޮ ސިއްޙަތަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމަށް މުޖުމަޢުން އެއްބާރުން ދެއްވުމަށް ގޮވާލައްވާފައެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މެދުވެރިވާ ހާދިސާތައް މަދުކުރެވި އާއްމު ސިއްޙަތަށް ހެޔޮބަދަލެއް ގެނައުމަކީ، މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތް ކުރާނަމަ ހާޞިލްކުރަން އުނދަގޫކަމެއް ނޫންކަމުގައިވެސް ވިދާޅުވިއެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ، "މޯލްޑިވްސް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2022" ކުރިޔަށްދަނީ، ސެޕްޓެމްބަރު 19 އިން 22 އަށް ކްރޮސްރޯޑްސް މޯލްޑިވުސްގައެވެ. މިއީ 2017 ވަނަ އަހަރު ފެށި މިސިލްސިލާގެ 4 ވަނަ ކޮންފަރެންސެވެ.