ކޯޕަންހޭގަންގައި ބޭއްވޭ ޖަލްސާއިން މުހިންމު ނަތީޖާއެއް ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިކަމަށް ގޮވާލެއްވީ، ތިމާވެށީގެ ދާއިރާގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅުންނަށް ކޮމަންވެލްތް ޖަލްސާގެ ތެރެއިން އިއްޔެ ލިބިވަޑައިގެންނެވި ފުރުޞަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ބޮޑުވަޒީރު ޕެޓްރިކް މެނިންގ ރައީސް ނަޝީދަށް އަދި ރާއްޖެއަށް ދެއްވި ޚާއްޞަ ފުރުޞަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑްން ބްރައުނާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ކެވިން ރުޑާއި، އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ފަދަ ބޭފުޅުން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ރައީސް ނަޝީދުގެ އިތުރުން، ފަރަންސޭސިވިލާތުގެ ރައީސް ސަރުކޯޒީއާއި، ޑެންމާކުގެ ބޮޑުވަޒީރު ލާރސް ރަސްމުސެންއާއި، އ.ދ.ގެ ސެކްރެޓެރީ ޖެނެރަލް ބަންކި-މޫންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި އިނގިރޭސި ރާނީ ރޭ ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.