ފާއިތުވެ ދިޔަ ހަފްތާގައި ކުރެވުނު މުހިއްމުކަންކަމާއި ކުރިޔަށްއޮތް ހަފްތާގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު މީޑިއާއަށް ޙިއްޞާ ކުރައްވައިފިއެވެ.

މިހަފްތާގެ މުހިއްމު ކަންކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ފާހަގަކުރެއްވި މުޙިއްމު ކަންކަމުގެ ތެރޭގައި، ލ.ގަމުގައި ބޭއްވުނު ވިޔަވަތި ކޮންފަރެންސާއި، އެކޮންފަރެންސްގެ ނިންމުންތަކާއި، ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ޖަލްސާއާ، މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ މުޙިއްމު ނުކުތާތައް ހިމެނެއެެވެ.

މީގެ އިތުރުން ބޯހިމެނުމުގެ މަސައްކަތާއި، ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭގޮތުންވެސް، މިޢްވާން ވަނީ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކުރިއަށް ހުރި ހަފްތާގެ މުހިއްމު ކަންކަމުގެ މަޢުލޫމާތުވެސް ނޫސްވެރިންގެ މިބައްދަލުވުމުގައި މިޢްވާން ވަނީ، ހިއްސާކުރައްވާފައެވެ. އެގޮތުން، އަވަހާރަވި އިނގިރޭސި ރާނީ، އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ މާދަމާ އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމާއި، އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުން، ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދު، ޢާއްމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާކަން ހާމަކުރެއްވިއެވެ.

މީގެ އިތުރުން މިއަހަރުގެ ޤައުމީ ދުވަސް، ހއ އުތީމުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިވާއިރު، ޤައުމީ އިނާމު ދެއްވުމަށް ބާއްވާ ޖަލްސާ އަންނަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައިވެސް މިޢްވާން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، މިޢްވާން ވަނީ، ނޫސްވެރިން ސަރުކާރުގެ އެކި ކަންކަމާއި ގުޅޭ ގޮތުން ކުރެއްވި ހުރިހާ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.