ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު 10 ޖެހިއިރު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައެވެ. މިއުފާވެރި ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށް ޚާއްޞަ އުފާފުޅެއް ކަމަށް ވިދާޅުވެ، ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރައްވަމުން ގެންދަވާ ރާއްޖޭގެ އަޚުންނާއި އުޚްތުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޢީދުގެ ތަހުނިޔާ ރައްދުކުރެއްވިއެވެ. އަދި މި ޢީދުގެ ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވައި، މިދުވަސްތަކުގެ ބަރަކާތާއި ހެޔޮ ދަރުމަ ދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ދުޢާ ކުރެއްވިއެވެ.

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންވެސް މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.