އިނގިރޭސިވިލާތުގެ ޑިއުކް އޮފް ޔޯރކް ޕްރިންސް އެންޑްރޫ، ރާއްޖެއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ. ޕްރިންސް އެންޑްރޫގެ މިދަތުރުފުޅުގައި އައްޑުއަތޮޅު ގަމަށާއި އައްޑުއަތޮޅު ހިތަދޫއަށް ވަޑައިގެން އެމަނިކުފާނުގެ ޝަރަފުގައި ރާއްވަވާފައިވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޕްރިންސް އެންޑްރޫ ރާއްޖެ ވަޑައިގަތީ މި ނޮވެމްބަރު މަހުގެ 17ވީ އަންގާރަ ދުވަހުއެވެ. އެމަނިކުފާނަށް އައްޑުއަތޮޅު ގަމުގެ ބައިނަލްއަޤްވާމީ ވައިގެބަނދަރުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންނާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ދެކުނު ޕްރޮވިންސްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް މުޙަންމަދު ނަޞީރެވެ. މީގެ އިތުރުން، ޕްރިންސް ގަމަށް ވަޑައިގަތުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސަދަން ކޮމާންޑްގެ ފަރާތުން އޮނަރ ގާޑެއް އެރުވިއެވެ.

އައްޑު އަތޮޅު ގަމުގައި ހުންނަ ހަނގުރާމައިގެ ހަނދާނީ ބިނާއަށް ޕްރިންސް އެންޑްރޫ، މި ނޮވެމްބަރުމަހު 18 ވަނަ ދުވަހު ހެނދުނު، ޒިޔާރަތް ކުރައްވައި، ހަނގުރާމައިގައި މަރުވެ ގޮސްފައިވާ ސިފައިންގެ ހަނދާނުގައި، އެ ބިނާގައި މާބޮނޑިއެއް ބޭއްވެވިއެވެ.

ޕްރިންސް އެންޑްރޫގެ މިދަތުރުފުޅުގައި ދެކުނު ޕްރޮވިންސްގެ ތަޅުދަނޑި، އެމަނިކުފާނަށް އެރުއްވިއެވެ. ދެކުނު ޕްރޮވިންސްގެ ތަޅުދަނޑި ޕްރިންސް އެންޑްރޫއަށް އެރުއްވީ، އެކަމަށްޓަކައި، ހިތަދޫގައި ހުންނަ ދެކުނު ޕްރޮވިންސް އޮފީހުގައި މިނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވުނު ކުލަގަދަ ޘަޤާފީ ރަސްމިއްޔާތެއްގައި، ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މުޙަންމަދު ނަޞީރެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތާއި އައްޑުއަތޮޅާދެމެދު އޮންނަ ޒަމާންވީ ގުޅުމުން ފިލާވަޅު ލިބިގަނެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕްރިންސް އެންޑްރޫ، ރާއްޖެއަށް، ޚާއްޞަކޮށް އައްޑުއަތޮޅަށް ވަޑައިގެން، އެމަނިކުފާނުގެ ޝަރަފުގައި އައްޑޫގައި ބޭއްވެވި ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޕްރިންސް އެންޑްރޫ ދެއްކެވި ވާހަކަފުޅުގައި، ދެކުނު ޕްރޮވިންސަށް ޒިޔާރަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވާ ތިންވަނަ ޒިޔާރަތްކަން ފާހަގަކުރައްވަމުން، ރާއްޖެއަށް ޒިޔާރަތްކުރައްވައި، ރާއްޖެ ތަރައްޤީ ވަމުންދާގޮތާއި، ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލާގޮތާއި، އަދި އިންޑިޔާ ކަނޑުގެ މެދުގައި ކުދި ޖަޒީރާ ތަކެއްގައި ދިވެހިން ދިރިއުޅޭގޮތް ދެކެވަޑައިގަތުމަކީ އެމަނިކުފާނަށް ވަރަށް ފުން އިޙްސާސްތަކެއް ކުރެއްވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ޕްރިންސް އެންޑްރޫ ވިދާޅުވިއެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ޑިއުކް އޮފް ޔޯރކް ޕްރިންސް އެންޑްރޫ، އައްޑު އަތޮޅުގައި ޙިމާޔަތް ކުރެވިފައިވާ އީދިގަލިކިޅިއަށް ވަޑައިގެން އެތަން ބައްލަވާލެއްވިއެވެ.

ޕްރިންސް އެންޑްރޫ، އައްޑުއަތޮޅުގެ މީހުން އުޅޭ ރަށްރަށަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމުގެ ކުރިން، ގަމަށް ވަޑައިގެން، ގަމުގައި އިނގިރޭސި ރޯޔަލް އެއަރ ފޯސް ބޭސް ހުރި ސަރަޙައްދުގައި ރުކެއް އިންދަވައިދެއްވިއެވެ.