بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް ފާޠިމަތު ލީނާ، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ނިޔާޒް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު އާޠިފް އަދި ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ސުހައިލް އަޙްމަދު، އެސް.ޖޭ. ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑައިރެކްޓަރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، އަދި ކާމިލްދީދީ ޕްރައިމަރީ ސްކޫލްގެ އެންމެހައި މުދައްރިސުންނާއި ހީވާގި ވެރިން، އަދި އަޅުގަނޑުމެންގެ ދަރިވަރުންގެ ބެލެނިވެރިން، އަދި އެންމެހައި ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް ހުރިހާ ދަރިވަރުންނަށް، ސްކޫލް ފެށުމުގެ މި މުނާސަބަތުގައި ސްކޫލަށް، ހުރިހާ ކުދިންނަށް އަޅުގަނޑު މަރުޙަބާ ކިޔަން. އަދި ހަމައެއާއެކު،މި ސްކޫލްގެ ހުރިހާ މުދައްރިސުންނަށާއި، ހީވާގި އެންމެހައި މުވައްޒަފުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން.

އާދެ، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ސްކޫލެއްގެ ފެށުމަކީ، އަދި ވަކިން ޚާއްޞަކޮށް، އާ ސްކޫލަކަށް ދިޔުން ނުވަތަ އާ ސްކޫލެއްގެ ފެށުމަކީ، އެއަށްވުރެ މާބޮޑަށް އަޅުގަނޑުމެން އެންމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އަޅުގަނޑުމެން އާ ސްކޫލެއް ފަށާއިރު، ވަރަށް ބޮޑެތި އުންމީދުތަކެއް ހުންނާނެ. ވަކިން ޚާއްޞަކޮށް، މިއަދު ހުރިހާ ދަރިވަރުން ކައިރީގައި ބުނެލަން އޮތީ، އާ ސްކޫލެއްގައި ތިޔަކުދިން، މިއަދު ކިޔެވުން ފަށާއިރު، އެކި ގްރޭޑްތަކުގައި ތިބި ކުދިން ކިންޑަރގަރޓްން އިން ފެށިގެން ގްރޭޑާ ހަމައަށްދާއިރު، ތިޔަކުދިން އެންމެ ބޮޑު އިސްކަމެއް ދޭންވީ ކަމަކީ، އެއްކުއްޖަކަށް އަނެއް ކުއްޖެއްގެ ފަރާތުން ކަންކަން ކިޔައިދިނުމާއި، ޝެއަރ ކުރުމާއި، އޯގާތެރިކަމާއެކު ތިޔަކުދިން ކުރާ ހުރިހާ ކަންތައްތަކެއް ކުރުމަށް.

ޚާއްޞަކޮށް މުދައްރިސުންނާއި ބެލެނިވެރިން، އަދި މައިންބަފައިންގެ ނަސޭޙަތުގެ އަޑުއަހައިގެން، ކަންތައްތަކެއް ދަސްކުރަން ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރުން. ފިލާވަޅުތަކަށް ރަނގަޅަށް ބަލައި، ފިލާވަޅުތައް ދަސްކުރުން. އަދި އަޅުގަނޑު ހަމަ ފާހަގަކޮށްލަން މި ސްކޫލްގެ މޮޓޯ، ނުވަތަ އަޅުގަނޑުމެންނަށް މި ސްކޫލްގެ ނަމުން ދޭހަކޮށް މިދޭ ކަންތައްތައް ތިޔަ ކުދިންނަށް ދެންމެ އެޑިޔުކޭޝަން މިނިސްޓަރވެސް ވިދާޅުވެދެއްވައިފި. އެހެންވީމާ، ވަކިން ޚާއްޞަ ސަމާލުކަމެއް ތިޔަ ކުދިން ދިނުމަށް، ފޮތްކިޔުމަށާއި، އެކަމަށް ހޭދަކުރާ ވަގުތު އިތުރުކުރުމަށްޓަކައި. ހަމައެއާއެކު، ސްކޫލްގެ ތެރެއިންވެސް ކަންތައްތައް ދަސްކުރުމަށްޓަކައި، ކޮންމެ ކުއްޖަކުވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. ޚާއްޞަގޮތެއްގައި ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމަކީ، ތިޔަ ކުދިން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނޭ ކަންތައްތައް.

އާދެ، އަޅުގަނޑު ހަމަ ޓީޗަރުންނަށް އެއްޗެއް ދަންނަވާލަން ބޭނުންވޭ. ޕްރިންސިޕަލް އެބަ އިންނެވި. ސްކޫލެއްގެ ފެށުން، އާ ސްކޫލެއް ފަށައިގަންނައިރު، އަޅުގަނޑު ކުރީގައި މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ވަރަށް ފޮނި އުންމީދުތަކެއް އެބަވޭ. ބެލެނިވެރިންގެ އުންމީދުތަކެއްވާނެ. މުޅި ޤައުމުގެ އުންމީދުތަކެއްވެސްވޭ. އަޅުގަނޑުމެން މިއަދު އެންމެބޮޑަށް ދެނެގަންނަންވީ ކަމަކީ ޒިންމާ.

މި ސްކޫލްގެ ނަން އާދެ، ނިސްބަތްވާ ފަރާތަކީވެސް ދިވެހިރާއްޖޭގެ ދިވެހި ތާރީޚުގައި، ޚާއްޞަކޮށް ތަޢުލީމީ ދާއިރާއަށް، ދިވެހި އަދަބިއްޔާތަށް، ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެއިން ނަތީޖާތަކެއް ވަނީ ނުކުމެފައި. ރަނގަޅު ދަރިންތަކެއްވަނީ އުފެދިފައި. މިއަދު ޚާއްޞަކޮށް މުދައްރިސުންގެ ސަމާލުކަން ދޭންވީ ކަމަކީ، އަޅުގަނޑުމެންގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް. އާދެ، އަޅުގަނޑު ޒިންމާގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ގަބޫލުކުރަން އެ ހުރިހާ އެންމެންގެވެސް ޒިންމާ އެބައޮވޭ. މުދައްރިސުންނާއި، ބެލެނިވެރިންނާއި، އަދި އަޅުގަނޑުމެން ސަރުކާރުގައި ތިބި ފަރާތްތަކުގެ ޒިންމާއެއް އެބަވޭ.

އެހެންވީމާ، ކުޑަކުދިން އަޅުގަނޑުމެން ބޭނުންވަނީ، ކިހާހިސާބަކަށް ގެންދަންކަން މިއީ އަޅުގަނޑުމެން މިއަދު ދެނެގަންނަންޖެހޭ ކަމެއް. މި ޤައުމަށް ހެޔޮލަފާ ރަނގަޅު ޖީލެއް ލިބެންއޮތީ، މި ދެންނެވި ހުރިހާ ފަރާތްތަކުގެ އެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކޮށްގެން. އެނގިވަޑައިގަންނަވާނެ، ވަރަށް ތުއްތުކުދިންތަކެއް އަޅުގަނޑުމެންނާ މި ޙަވާލުކޮށްލީ ބެލެނިވެރިން ވަރަށް ފޮނި އުންމީދުތަކެއްގައި، ވަރަށް ފުރިހަމަ ޔަޤީންކަމަކާއެކު.

އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ސްކޫލްގެތެރެއިން، ސްކޫލް ނިންމާލާފައި ނުކުންނަ ކޮންމެ ކުއްޖަކީވެސް، ދެންމެ އަޅުގަނޑުމެންނަށް އަޑުއިވިގެން އެދިޔަ ކަހަލަ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ، އަހުލުވެރި، އަދި މަސައްކަތްތަކެއް ދަސްކުރެވިފައިވާ، އަދި ވަކިން ޚާއްޞަކޮށް، ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ. އުފެއްދުންތެރި، އަމިއްލަ މަސައްކަތުން އުޅެވޭފަދަ ދަރިޔަކަށް އެ ދަރިވަރު ވާންޖެހޭނެ. އެހެންވީމާ، އެކަން ކުރެވެން އޮތީ، މި ދެންނެވި ގޮތަށް، މުޅި މުޖުތަމަޢުގެ ޒިންމާ އަޅުގަނޑުމެން އަދާކޮށްގެން.

އާދެ، ރިވެތި އަޚްލާޤަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ދަރިވަރުންނަށް ފޮތުގައި، ކިތަންމެ ރަނގަޅު ފިލާވަޅުތަކެއް ލިޔެފައި ހުއްޓަސް، އެއަށްވުރެ ބޮޑަށް ދަރިވަރުންނަށް ފެންނާނީ، ދަރިވަރުންގެ ލޮލުގެ ކުރިމައްޗަށް ފެންނަ، ދަރިވަރުންގެ ކަންފަތަށް އަޑުއިވޭ އެއްޗެއް. އަޅުގަނޑުމެން ބޮޑެތި މީހުން، އެންމެންގެ ފަރާތުން އަބަދުވެސް ފެންނަންޖެހޭނީ، ރިވެތި އަޚްލާޤާއި، ރިވެތި ބަސްތަކުން އަޅުގަނޑުމެން ވާހަކަވެސް ދައްކާތަން.

އެހެންވީމާ، މުޅި މުޖުތަމަޢު މިކަމަށް ހޭލުންތެރިވެ، އަޅުގަނޑުމެން ބޭނުންވާ ހިސާބަށް އަޅުގަނޑުމެންނަށް ދެވެންއޮތީ، އަޅުގަނޑުމެންގެ މި ޒިންމާ އަދާކޮށްގެން. އަޅުގަނޑުމެން ހިތުގެއަޑިން ގަބޫލުކޮށް، އެކަމަށް ޢަޒުމް ކަނޑައަޅައި، ހުރިހާ އެންމެން މަސައްކަތް ކުރުމަކީ އެއީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ހަމަ ދަންނަވާލަން.

އާދެ، ސަރުކާރުން އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ، އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަކީ ތަޢުލީމް. ތަޢުލީމީ ދާއިރާ ފުޅާކޮށް، މި ދެންނެވިފަދަ ދަރިންތަކެއް ދިވެހި ޤައުމުގައި އުފެއްދުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން.

އާދެ، މިއަދު އަޅުގަނޑުމެންގެ އުންމީދަކީ، ޚާއްޞަކޮށް މި ސަރަޙައްދުގެ ހިޔާ ފުލެޓްތައް ކައިރީގައި، މި ސްކޫލް ހުޅުވިގެންދިޔުމުން، ވަރަށްބޮޑު ލުއި ފަސޭހަތަކެއް ޚާއްޞަކޮށް ބެލެނިވެރިންނަށް ލިބިގެންދާނެކަން. އަދި ކުދިންނަށްވެސް އޭގެ ފަސޭހަތަކެއް ހުންނާނެކަން.

އަޅުގަނޑުމެންގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި އަދި އިތުރު ސްކޫލްތައްވެސް ބިނާކުރެވި، ދުރަށް ދާންޖެހޭ ދިޔުން ހުއްޓުމަކަށް ގެނެސްފައި، ދިރިއުޅޭ ހިސާބާ ވީހާވެސް ކައިރިން ސްކޫލްތައް ބިނާކޮށް، އެ ފުރުޞަތު ޚާއްޞަކޮށް ބެލެނިވެރިންނާއި ދަރިވަރުންނަށް އަޅުގަނޑުމެން ހޯދައިދިނުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި ސްކޫލް މިއަދު މި ހުޅުވުނީ ވަރަށް ގިނަބަޔަކު މަސައްކަތްތަކެއް ކޮށްގެން. އަޅުގަނޑު ވަރަށްބޮޑަށް ފާހަގަކޮށްލަން، މިކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކޮށްފައިވާ މަސައްކަތްތަކާއި، އަދި މިކަމުގައި ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން، އެސް.ޖޭ. ކޮންސްޓްރަކްޝަނުން ކުރި މަސައްކަތް. އަދި މި ހުރިހާ ކަމެއް ކުރުމުގައި، ވަކިން ޚާއްޞަކޮށް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކުރެއްވި މަސައްކަތް އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމު ކުރި މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ގަބޫލުކުރަންވީ އެއްކަމަކީ އަޅުގަނޑުމެން ކުރާ އެއްވެސް ކަމެއް، އެންމެ މީހެއްގެ މަސައްކަތަކުން، އަޅުގަނޑުމެންނަކަށް ކާމިޔާބެއް ނުކުރެވޭނެކަން. އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ، އެންމެން ގުޅިގެން، އެންމެން އެއް އަމާޒަކަށް ކުރާ މަސައްކަތަކަށް ނުވާހާ ހިނދަކު، ދުވަހަކުވެސް އަޅުގަނޑުމެންނަށް އެއްވެސްގޮތަކަށް އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެ.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން ދިވެހިރާއްޖެ، ދިވެހި ޤައުމަށްޓަކައި، ދިވެހި ސަރުކާރުން ކުރާ މިފަދަ ކޮންމެ ކަމެއްގައި، ކަމާގުޅޭ ހުރިހާ އެންމެންގެ އަތްތައް ގުޅާލައި، އެކަމުގައި އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ކުރިއަށް އޮތް ތާނގައިވެސް ލިބިގެންދިޔުން.

އަޅުގަނޑުގެ އުންމީދަކީ މިއަދު މި ފެށޭ ސްކޫލްގެ ސަބަބުން، ދަރިވަރުންނަށް ޚާއްޞަކޮށް ބެލެނިވެރިންނަށް، ފަސޭހަތަކެއް ލިބި، އަޅުގަނޑުމެން އުންމީދުކުރާ ކަހަލަ ދަރިވަރުންތަކެއް އަޅުގަނޑުމެންގެ ޤައުމަށް ލިބިގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، މާތްﷲގެ ތަނަވަސް ރަޙްމަތުން، އަޅުގަނޑުމެންގެ ދަރިންނަކީ، ތޫނުފިލި ކުދިންތަކެއްގެ ގޮތުގައި ލެއްވުން. އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައި، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތް ލައްވާށި! ދިވެހި ޤައުމަށް އަދަށްވުރެ ފަހި މުސްތަޤްބަލެއް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރައްވާށި! މި އުފާވެރިކަން އަޅުގަނޑު ލިބިގަންނަމުން އަޅުގަނޑު ވަކިވެލާނީ، ތިޔަ ހުރިހާ ފަރާތްތަކަށް އަދި ވަކިން ޚާއްޞަކޮށް، ދަރިވަރުންނަށާއި މުދައްރިސުންނަށް ބާއްޖަވެރި ދުވަހަކަށް އެދެމުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.