މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢައްބާސް އިބްރާހީމް:

السّــلام عليــكم.

ތިމާވެށި ދުވަހު، ރާއްޖޭގެ ނޫސްވެރިން އެދިވަޑައިގެންނެވި އެދިވަޑައިގަތުމެއްގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ޤަޞްދުކުރެއްވީ މިއަދުގެ މުނާސަބަތުގައި ނޫސްވެރިންނާ ބައްދަލުކޮށްލެއްވުމަށް. މިހާރު މި ބޭއްވޭ ބައްދަލުވުމަކީ އެކަމަށްޓަކައި ތައްޔާރުކުރެވިފައިވާ ބައްދަލުކޮށްލެއްވުމެއް.

މިކަން ރޭވިފައިވާ ގޮތަކީ، ނޫސްވެރިންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވާހަކަފުޅު ދައްކަވާލައްވާނެ. އެއަށްފަހުގައި ނޫސްވެރިން ކުރައްވަން ބޭނުންވާ ސުވާލަކަށް ހުޅުއްވައިލައްވާނެ. އެ ފުރުޞަތު ލިބިވަޑައިގަތުމުން، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ މުނާސަބަތާ ގުޅޭ ސުވާލެއް، އެމަނިކުފާނުގެ އަރިހުގައި ދަންނަވަމުން ގެންދަވަންވީ.
ޝުކުރިއްޔާ!


ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

السّــلام عليــكم.

އެންމެ ފުރަތަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް، އާދެ، ރާއްޖޭގެ ނޫސްވެރިންނަށް އަދި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި މަސައްކަތް ކުރައްވާ، ޚިދުމަތް ކުރައްވާ ބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭ. އެއީ، މިމުނާސަބަތުގައި ނޫސްވެރިންނާ، ތިޔަބޭފުޅުންނާ، އަޅުގަނޑު ބައްދަލުކޮށްލަން އެދިވަޑައިގަތީތީ. ޝައްކެއްނެތްގޮތުގައި، މި މުނާސަބަތަކީ މިހާރު އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހޭ މުނާސަބަތެއް. ތިމާވެށްޓަކީ މިހާރު އަޅުގަނޑުމެންނަށްވެސް އޭގެ މުހިންމުކަން ވަރަށް އިޙްސާސް ކުރެވޭ ކަމަކަށްވެއްޖެ. އާދެ، އެހެންވީމާ، ފުރަތަމަ ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެފަހުގައި ތިޔަބޭފުޅުން ބޭނުންފުޅުވާ ސުވާލުތައް ކުރެއްވުމުގެ ކުރިން، ތިމާވެށްޓާ ބެހޭގޮތުން ދެތިން އެއްޗެއް ދަންނަވާލަން ބޭނުންވޭ.

އާދެ، ތިމާވެށްޓަށް މިއަންނަ ބަދަލުތަކާ ބެހޭގޮތުން މިހާރު އަޅުގަނޑުމެން ކަންބޮޑުވަމުންދިޔަ ކަމުގައިވިޔަސް، ޙަޤީޤަތުގައި ދުނިޔޭގެ ތިމާވެށްޓަށް މިއަންނަ ބަދަލުތަކަކީ ހަމައެކަނި މިޒަމާނުގައި އަންނަން ފެށި ބަދަލުތަކެއް ނޫން. ތިމާވެށްޓަކީ ކޮން އެއްޗެއްތޯ؟ ތިމާވެށްޓަކީ އަޅުގަނޑުމެންގެ ވަށައިގެންވާ ހުރިހާ ތަނެއް. އަޅުގަނޑުމެން މި ދިރިއުޅޭ ބިންތައް. އެބިމުގައިވާ ކޯރުތައް، ފަރުބަދަތައް، އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުތައް، އަޅުގަނޑުމެން ނޭވާލާ ވައި، އަޅުގަނޑުމެން ބޭނުންކުރާ ފެން. މިހެންގޮސް ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ނުވަތަ ހުރިހާ ތަކެއްޗެއް މި ހިމެނެނީ ތިމާވެށީގެ ތެރޭގައި. އެހެންވީމާ، ދުނިޔޭގައި މީހުން އުޅެން ފެށީއްސުރެން ފެށިގެން ޤުދުރަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އެމީހުންގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދަން ފެށުމާއެކު، ތިމާވެށްޓަށް ބަދަލު އަންނަންވަނީ ފަށާފައި. އެހެންނަމަވެސް، ކުރީ ޒަމާނުގައި އެއަންނަ ބަދަލުތައް ނުވަތަ އައި ބަދަލުތައް އެއީ މިހާރާ އަޅައިބަލާއިރު، ވަރަށް ކުދިކުދި ބަދަލުތަކެއް ކަމުގައި ވެދާނެ.

ފަހަކަށްއައިސް ވާންފެށިގޮތަކީ ދުނިޔޭގެ އުފެއްދުންތެރިކަން އިތުރުވެ، ބޮޑެތި ކާރުޚާނާތައް އުފެދި އަދި ޤުދުރަތުގެ ވަސީލަތްތައް، އިންސާނާގެ ތަރައްޤީއަށްޓަކައި ބޭނުންކުރަން ފެށުމުން، އެ ބޭނުންކުރެވެމުންދިޔަލެއް އަވަސްކަމުން، އޭގެ ސަބަބުން ތިމާވެށްޓަށް އަންނަ ބަދަލުތައް، ކުރިއަށްވުރެ މާބޮޑުތަން އިތުރުވެގެންދިޔައީ. ދިރިއުޅުމަށްޓަކައި، މީހުންނަށް ގެދޮރުއެޅުމަށް ދުނިޔޭގެ އެތަންމިތާނގައި ގަސްކަނޑަން ޖެހުނު. އަދި ދަނޑުބިންތައްވެސް، އެޝަހަރުތައް ހެދުމަށްޓަކައި ޢިމާރާތް ކުރުމަށް ބޭނުންކުރަންޖެހުނު. ފަރުބަދަތައް ކަނޑައި، ފަރުބަދަތަކުގައި މަގުހަދައި، މިކަހަލަ ކަންތައްތައްވެސް ކުރަންޖެހުނު. އަދި ގެދޮރުއެޅުމަށް ފަރުބަދަތަކުން ހިލަ ކަނޑައި، އޭގެ ބޭނުންކުރަންވެސް ޖެހުނު. އަދި އެކިއެކި ބަނދަރު ހެދުމަށްޓަކައި ބަނދަރުގެ ވަށައިގެން ކަނޑުތޮށިލައި ނުވަތަ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްތައް ކުރަންޖެހުނު. އެހެންގޮސް އަޅުގަނޑުމެންގެ ވަށައިގެންމިވާ ބިމާއި، ކޯރުތަކާއި، ކަނޑުތަކާއި، ފަރުބަދަތަކާ، މި ހުރިހާ ތަކެއްޗަށް ވަރަށް ބޮޑެތި ބަދަލު އަންނަގޮތަށް އިންސާނުން ޢަމަލުކުރަން ފެށީ. އޭގެ ސަބަބުން ތިމާވެށްޓަށް ވަރަށްގިނަ ބަދަލުތައް އައި. އަދި މިހާރުވެސް ދަނީ އަންނަމުން.

އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި ވިސްނާއިރުވެސް، ކިތަންމެ ކުޑަކޮށް ނަމަވެސް އެމަސައްކަތް އަޅުގަނޑުމެންނަށް ދަނީ ކުރެވެމުން. އެއީ އަޅުގަނޑުމެންވެސް ބޭނުން، އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރަން. ދިރިއުޅުމަށްޓަކައި ތަފާތު މަސައްކަތްތައް ރާވައި ހިންގަންޖެހޭ. އެއިން ކޮންމެ މަސައްކަތެއްގެ ސަބަބުން ތިމާވެށްޓަށް ކޮންމެވެސް ބަދަލެއް އާދޭ. މާލެ، އަޅުގަނޑުމެން މިސާލެއްގެ ގޮތުން ނެގިކަމުގައިވިޔަސް، މާލެއިންވެސް ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ އަސަރުތައް ވަރަށްބޮޑަށް ފެންނަން އެބަހުރި. ހުރިހާ އެންމެންނަށްވެސް އެކަން މިހާރު އިޙްސާސް ކުރެވޭ. މާލޭގެ ބޯފެން، އެއްދުވަހުން އަނެއްދުވަހަށް ދަނީ ލޮނުވަމުން. އޭގެ ސަބަބުން މާލޭގައި އުފެދޭ ގަސްގަހާގެއްސަށް ވަރަށްބޮޑެތި ބަދަލު އަންނާނެ. މިހާރުވެސް ކުރިން ހެދޭވަރަކަށް ގަސްތައް ހެދެމުންނުދޭ. އަދި ގަސްތައް މަރުވަމުންވެސް އެބަދޭ.

އަޅުގަނޑުމެންގެ ބިމުގައިވާ މީރުފެނުގެ ފަށަލައަކީ ވަރަށް ތުނިތުނި ފަށަލައެއް. މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދިޔުމާއި އަދި އެމީހުން އެފެނުގެ ބޭނުންކުރަންޖެހޭލެއް ގިނަވުމުގެ ސަބަބުން، އެފެންފޮދު މިހާރު އެ ދަނީ ހުސްވަމުން. ދެން އެފެން އެދަނީ ލޮނުވަމުން މިހާރު. އަދި މާލޭގައި މީހުން ގިނަވުމާއެކު، މާލެއިން އުކާލަންޖެހޭ ކުނިވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ވަރަށްބޮޑުތަން އިތުރުވަމުން. އެ ކުނިތައް ނައްތާލެވޭނެ އެކަށީގެންވާ ރަނގަޅު ގޮތެއް ހަމަޖެހިފައިނެތުމާއެކު، ވަރަށް ގިނަ މީހުންނަށް އެކަން ކުރަން ޖެހިފައި އޮންނަނީ. ކޮންމެވެސް ގޮތަކުން ކުނި އުކާލަންޖެހެނީ. ރަށުތެރެއަށް އުކާލިކަމުގައިވިޔަސް، އަދި އަޅުގަނޑުމެންގެ ވަށައިގެންވާ މޫދަށް އުކާލިކަމުގައިވިޔަސް، އޭގެ ސަބަބުން ތިމާވެށްޓަށް އަންނަމުންދަނީ ވަރަށްބޮޑެތި ބަދަލުތަކެއް. އަޅުގަނޑުމެންގެ މޫދުތައް ހަޑިވަމުންދަނީ. އަދި ޚާއްޞަކޮށް، ޕްލާސްޓިކް ކޮތަޅާއި، އެކިއެކި ދަޅުފަދަ އެއްޗެތި އަޅުގަނޑުމެންގެ ވަށައިގެންވާ މޫދަށް އުކާލީމާ، އޭގެ ސަބަބުން މުރަކަ ހެދުމަށްވެސް ދަނީ ހުރަސްއެޅެމުން. އަޅުގަނޑުމެންގެ ވަށައިގެންވާ މުރަކަތައް މަރުވަމުންދަނީ. އެއީ އަޅުގަނޑުމެންގެ ނިސްބަތުގައި ވަރަށްބޮޑަށް ވިސްނަންޖެހޭވެސް ކަމެއް. އެއީ މިހާރު އަޅުގަނޑުމެންނަށް އެނގިފައިވާ ފަދައިން، ކަނޑުގެ ލޮނުގަނޑު ދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން. އަދި ދާނީވެސް އެހެން. މިދެންނެވި ބަހުގެ މާނައަކީ، މާ ކުއްލިއަކަށް ލޮނުގަނޑު ބޮޑުވަމުންދާ ވާހަކައެއް ނޫން. އެކަމަކު ދުރު މުސްތަޤްބަލަކަށް ވިސްނާއިރު، ކުރިއަށް އޮތް ތިރީސް އަހަރަށް، ސާޅީސް އަހަރަށް، ފަންސާސް އަހަރަށް، ނުވަތަ ސަތޭކަ އަހަރަށް ވިސްނާއިރު، އެކަށީގެންވާވަރަކަށް ކަނޑުގެ ލޮނުގަނޑު އުސްވަމުންދާނެ ކަމަށް ސައިންޓިފިކް ތަޙުލީލުތަކުން ދައްކާ. އޭގެ މުޤާބިލުގައި، އަޅުގަނޑުމެންގެ ދިފާޢުގައި ޤުދުރަތީ ގޮތުން ވެދާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނަނީ މުރަކަ ހެދެމުންދިޔުން، ބޮޑެތިވަމުންދިޔުން. އެއީ ކަނޑުގެ ލޮނުގަނޑު އުސްވުމާ އެއްވަރަށް މުރަކަ ހެދެމުންދާ ކަމަށްވަންޏާ، އޭގެ ނުރައްކާތެރިކަން ޖަޒީރާ ޤައުމުތަކަށް ފޯރާލެއް ކުޑަވާނެއޭ. މުރަކަ ހެދުނީމާ، އެ ވާނެ ދިފާޢީ ކަމަކަށް. ޤުދުރަތީ ގޮތުން އަޅުގަނޑުމެންގެ ރަށްތައް ދިފާޢުކުރެވޭ ކަމަކަށް. އެހެންވީމާ، މިދަންނަވަނީ އެމުރަކަތައް މަރުވާގޮތް ދިމާވެއްޖިއްޔާ، އަޅުގަނޑުމެން އުކާލާ ޕްލާސްޓިކް ކޮތަޅުތަކާއި، އެހެނިހެން ކުނިބުންޏާއި، ދަޅުތަކާ، މިކަހަލަ އެއްޗެތީގެ ސަބަބުން މުރަކަ ހެދުން ލަސްވެ ނުވަތަ އެ މަރުވަމުންދާގޮތް ދިމާވެއްޖިއްޔާ އެއީ މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ދިމާވާން މިއޮތް ބޮޑު ނުރައްކަލުންވެސް ޤުދުރަތީގޮތުން ސަލާމަތްވެވެން އޮތް އެންމެ ފަސޭހަ މަގު ބަންދުވެގެން ދަނިއްޔޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ރާއްޖޭގެ ނިސްބަތުގައި ތިމާވެށްޓަށް އަންނަ ބަދަލުތައް އެއީ އަޅުގަނޑުމެން ވަރަށްބޮޑަށް އެކަމާ ދޭތެރޭގައި ހޭލަންވެއްޖެ ކަމެކޭ. ވަރަށްބޮޑަށް ވިސްނާ ފިކުރުކުރަންވެއްޖެ ކަމެކޭ. ދުނިޔޭގެ ނިސްބަތުގައި އެކަން އޮންނަވަރަށްވުރެވެސް އަޅުގަނޑުމެންގެ ނިސްބަތުގައި އެކަމުގެ ނުރައްކާތެރިކަން މާބޮޑޭ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިބަދަލުތަކަކީ އެއްގޮތަކަށްވެސް ކުއްލިއަކަށް މިޒަމާނުގައި އަންނަން ފެށި ބަދަލުތަކެއް ނޫން. މާކުރިއްސުރެން ފެށިގެން މަޑުމަޑުން ނަމަވެސް އަންނަމުންދާ ބަދަލުތަކެއް. އަދި އެބަދަލުތައް ގުޅިފައިވަނީ އިންސާނުން ދުނިޔޭގައި ދިރިއުޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ. ތަރައްޤީވުމަށް ކުރަންޖެހޭ މަސައްކަތްތަކާ. އެންމެފަހުން މިހާރަކަށްއައިސް، މިހާބޮޑެތި ބަދަލުތަކެއް އަންނަން މިޖެހުނީ، އެއީ ޞިނާޢީ ޤައުމުތަކުގެ ފަރާތުން އެކިއެކި ތަކެތި އުފެއްދުމުގައި ބޭނުންކުރާ ވަސީލަތްތަކުގެ ސަބަބުން. އޭގެ ސަބަބުން އެކިއެކި ވިހަ ގޭސްތައް ޖައްވުގެ ތެރެއަށް ދިޔުމާ، މިކަހަލަ ގޮތްގޮތުން މާއަވަހަށް މިބަދަލުތައް އަންނަމުންދަނީ.

އެހެންވީމާ، އަޅުގަނޑުމެންގެ ކުރިމަތީގައި، މިއަދު އެ ބަދަލުތައް ހުއްޓުވުމަށް ނުވަތަ އޭގެކުރިންވެސް އޮތްގޮތަށް ޤުދުރަތީ ކަންތައްތައް، ތިމާވެށީގެ ކަންތައްތައް، އަނބުރާ ގެންދިޔުމަށް އަޅުގަނޑުމެން އަމިއްލައަށް ދުނިޔޭގެ ނިސްބަތުގައި ކުރެވޭނެ މާބޮޑު މަސައްކަތެއް ނެތް. އެއީ، އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއަކީ އެފަދަ ތަކެތި އުފައްދާ ތަނެއްވެސް ނޫން. އޯޒޯން ފަށަލައަށް އަންނަ ބަދަލުގެ އެންމެބޮޑު ސަބަބެއް ކަމުގައި އެބުނަނީ، ސީ.އެފް.ސީ.އޭ. މިކިޔާ ބާވަތުގެ ކެމިކަލް އިތުރުވަމުންދިޔުން. އެ ކެމިކަލް، ޖައްވުގެ ތެރޭގައި ގިނަވެގެންދިޔުން. އެކަން އެދިމާވަނީވެސް ޞިނާޢީ ޤައުމުތަކުން އެ ޞިނާޢަތަށް ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދިޔުމުން، އެއިން އެ ނުކުންނަ ތަކެތީގެ ސަބަބުން. ޖައްވުގެ ތެރެއަށްދާ ތަކެތީގެ ސަބަބުން. އެކަހަލަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަމު. އެހެންނަމަވެސް، އޭގެ ނަތީޖާ، އޭގެ ނޭދެވޭ އަސަރުތައް، އެންމެ ފުރަތަމަ އިޙްސާސް ކުރަންޖެހޭ އެއްބަޔަކަށްވަނީ އަޅުގަނޑުމެންފަދަ ކުދި ޤައުމުތައް.

އެހެންވީމާ، ދުނިޔޭގެ ތިމާވެށްޓަށް މިއަންނަ ބަދަލުތައް ޙައްލުކޮށް، އެ އަންނަ ނޭދެވޭ އަސަރުތައް ހުއްޓުވައި، މުޅި ދުނިޔޭގެ ރައްކަލަކަށްޓަކައި، އިންސާނުންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ އެންމެ ބޮޑުބައި އަޅަންޖެހޭނީ ކުރިއަށް ގޮސްފައިވާ ޤައުމުތަކުން. ޚާއްޞަކޮށް، ޞިނާޢީ ޤައުމުތަކުން. އެއީ އެމީހުންގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އެގޮތަށް އަޅުގަނޑު ވާނެ، އ.ދ. މަޖިލީހުގައި އޮތް ޖަލްސާގައިވެސް ހަމަ ޞަރީޙަ ޢިބާރާތުން ބުނެފައި. މިކަމުގެ ނަތީޖާ، ނުވަތަ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ ޞިނާޢީ ޤައުމުތަކޭ. އެމީހުންގެ މަސްއޫލިއްޔަތެކޭ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދިނުމުގައި އެހީވެދިނުމަކީ.

އާދެ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގައި، މިކަމާ ބެހޭގޮތުން ދުނިޔޭގެ އެތަންމިތާނގައި ޚިޔާލުފާޅުކުރެވި، ޖަލްސާތައް ކުރެވި، އެކިއެކި މަސައްކަތް ކުރެވެމުންދާނެ. އެގޮތުން ރާއްޖޭގައިވެސް މިއަދު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަށް ސަރުކާރުން ވަނީ ރާވާފައި. އެކަންތައްތަކުގެ ބޭނުމަކީ ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން. މިބާވަތުގެ މައްސަލަތަކަކީ ޢާންމުންގެ ހޭލުންތެރިކަން އިތުރުވެ އަދި ޢާންމުންގެ ކޮންމެ ފަރުދަކަށްވެސް މިވަނީ ކީއްކަމާއި، އެހެންވީމާ، އަޅުގަނޑުމެންގެ އަމިއްލަ ޙަޔާތަށްވެސް އެކަމުން ކުރާނެ އަސަރުތަކާއި، އަދި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މިކަމާ ދޭތެރޭގައި އެޅޭނީ ކޮން ފިޔަވަޅުތަކެއްކަމާ، މިކަންތައްތައް ހުރިހާ އެންމެންނަށް ރަނގަޅަށް އޮޅުންފިލައިގެން ނޫނީ، މިކަހަލަ ބޮޑުކަމެއް އަޅުގަނޑުމެންނަކަށް ޙައްލެއްނުކުރެވޭނެ. ނުވަތަ އެދެވޭ ފިޔަވަޅުތަކެއް އަޅަމުންނެއް ނުގެންދެވޭނެ.

އެއީ އަޅުގަނޑު ފުރަތަމަ ދަންނަވާލަން ބޭނުންވި ވާހަކަޔަކީ. ދެން މީގެފަހުން ތިޔަބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ކޮންމެވެސްވަރަކަށް ޖަވާބު ދެވޭތޯ އަޅުގަނޑު ބަލާނަން.

ޙުސައިން މުޙަންމަދު - ޓީ.ވީ. މޯލްޑިވްސް:

މަނިކުފާނު ރާއްޖޭގެ އަދި ޢާންމުކޮށް ދުނިޔޭގެ މާޙައުލާބެހޭ ކަންކަން ދިރާސާކުރައްވައި އަދި އެކަންކަން ރަނގަޅު ކުރެއްވުމަށް ޝައުޤުވެރިކަން ދެއްވާވަރު މިހާރު އަޅުގަނޑުމެންނަށް ވަނީ ހާމަވެފައި. ދެން މިއަދު މަނިކުފާނަށް ލިބިވަޑައިގަންނަވާ އެވޯޑަކީވެސް މިކަމުގެ ހެތްކެއް ކަމަށް އަޅުގަނޑުމެން ދެކެން. ދެން މި މުނާސަބާގައި، ރާއްޖޭގެ ނޫސްވެރިންގެ ފަރާތުން މަނިކުފާނަށް އަޅުގަނޑުމެން މުބާރިކްބާދީވެސް ދަންނަވަން. އެހެންވީމާ، މިމަސައްކަތްޕުޅު ކުރިއަށް އޮތް ދުވަސްތަކުގައި ގެންދަވަން ޚިޔާލުފުޅު ކުރައްވާ ގޮތްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އެންމެ ފުރަތަމަ އެއްޗެއް ދަންނަވާލަންޖެހޭ، ތިޔަ ވިދާޅުވި އިނާމާ ބެހޭގޮތުން. ޙަޤީޤަތުގައި އަޅުގަނޑު މިކަމުގައި މާބޮޑު ދިރާސާތަކެއް ކޮށްފައެއްވެސް ނެތް. އަޅުގަނޑަކީ ސައިންޓިސްޓެއް ނޫން. ކަންދިމާވެފައި އޮތް ގޮތަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި، ކަނޑުގެ ލޮނުގަނޑު ބޮޑުވުމަކީ ވަރަށް ނުރައްކާތެރި ކަމަކަށްވާނެތީ، އެކަމާ ބެހޭގޮތުން ޚިޔާލުކުރަންޖެހުނު ޚިޔާލުކުރަންޖެހުމެއް. އޭގެ ސަބަބުން ކަމާބެހޭގޮތުން ދުނިޔޭގެ އެތަން މިތާނގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް އެއްކޮށް، އޭގައިވާ އެއްޗެއް އޮޅުންފިލާތޯ ދިވެހި ސަރުކާރުން އޮތީ ކޮންމެވެސްވަރަކަށް މަސައްކަތް ކުރަން ޖެހިފައި. އެހެންވީމާ، އެމަސައްކަތް ސަރުކާރުން ކުރީ. ދެން އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް، ބައިނަލްއަޤްވާމީ ޖަލްސާތަކުގައި ހާމަކުރަމުން ގެންދިޔައީ. އެހެންވީމާ، އެއީ ތިމާވެށްޓަށް މިއަންނަ ބަދަލުތައް ބަލައި، އެ ހޯދުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމެއްނޫންކަންނޭނގެ. އެހެނެއްނޫން. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިދިމާވާ މައްސަލައަކީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިމާވާ މައްސަލައަށްވުރެ މާނުރައްކާތެރިކަން ބޮޑު މައްސަލައަކަށްވާތީ، ދުނިޔޭގެ ސަމާލުކަން އަޅުގަނޑުމެންނަށް ލިބޭތޯ ދިވެހި ސަރުކާރުން ކުރި މަސައްކަތްތަކެއް އެއީ.

އެހެންވީމާ، އެކަމާ ބެހޭގޮތުން ދުނިޔޭގެ އެކި ފަރާތްތަކުން އެކަމުގެ އަގު ވަޒަންކުރައްވާ ކަމަށްވަންޏާ، އަޅުގަނޑު ހިތުން އެފަރާތުން އެވަޒަންކުރައްވަނީ މުޅި ދިވެހި ސަރުކާރުން އެމަޝްރޫޢާ ދޭތެރޭގައި ކުރި މަސައްކަތް. އޭގެ އަގު އެ ވަޒަންކުރައްވަނީ. އަދި ދިވެހިރާއްޖެއިން އިސްނަގައިގެން ބައިނަލްއަޤްވާމީ ދާއިރާގައި ކޮންމެވެސްވަރަކަށް ޙަރަކާތްތެރިވެފައިވާތީ، އެކަމުގެ އަގު އެ ވަޒަންކުރައްވަނީ. އެއީ ފަހަރެއްގައިވެސް އަޅުގަނޑުގެ ޝަޚްޞަށް، އަޅުގަނޑުގެ ޒާތަށް، ލިބުނު ޝަރަފެއް ކަމުގައެއް އަޅުގަނޑު ނުދެކެން.

ދެން ކުރިންވެސް ދެންނެވިފަދައިން، މި މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް ވަރަށްބޮޑު ނުރައްކަލެއް. އެހެންވީމާ، މިހާތަނަށްވެސް މަސައްކަތް ކުރެވެމުން އައި ގޮތުގެމަތިން، ކުރިއަށް އޮތް ތާނގައިވެސް މަސައްކަތް ކުރަން ސަރުކާރުން ޤަޞްދުކުރަނީ. އެންމެ ފުރަތަމަ އަޅުގަނޑުމެން ބޭނުންވަނީ، މިއީ ކިހިނެއްވާ ކަމެއްތޯ ބަލަން. އަދިވެސް އަޅުގަނޑުމެންނަކަށް ޔަޤީނެއްނުވޭ. ދުނިޔޭގެ ސައިންޓިފިކް ތަޙްލީލުތަކުންވެސް އަދި ކަނޑައެޅިގެން މިވަނީ ކީއްކަން އަދި ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދަނީ ކިހާ މިންވަރަކަށްކަން، ކިހާ ހަލުވިމިނެއްގައިކަން އެކަން ކުރިއަށްދަނީ، އެކަންވެސް ކަނޑައެޅިގެން އަދި ސައިންޓިސްޓުންނަކަށްވެސް ނުބުނެވޭ. އެމީހުންގެ ޚިޔާލުވެސް މިކަމުގައި ވަރަށް ތަފާތު.

އެހެންވީމާ، އެންމެ ފުރަތަމަ ކަމަކަށްވާނީ އަދިވެސް ހަމަ އިތުރު މަޢުލޫމާތު ހޯދުން. މިހާރު ރާއްޖޭގައި، ރާއްޖެއާ ބެހޭގޮތުން، ރާއްޖޭގެ މާޙައުލަށް މިއަންނަ ބަދަލުތަކާއި އަދި ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކާ، މިކަންތައްތައް ބެލުމަށް ސަރުކާރުން މިހާރު މަސައްކަތްކުރާތާ ދުވަސްކޮޅެއްވެއްޖެ. އެއީ އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީ، މަޢުލޫމާތު އެއްކުރުން. އޭގެފަހުގައި އެކަމާ ބެހޭގޮތުން އެޅެންއޮތީ ކޮން ފިޔަވަޅުތަކެއްތޯ ބެލުން. އެއީވެސް އަޅުގަނޑުމެންގެ ނިސްބަތުގައި، އަޅުގަނޑުމެން އަމިއްލައަށް ކުރެވޭވަރަށްވުރެ މާބޮޑު ކަމެއް. ސައިންސްގެ ގޮތުންވެސް، ޓެކްނޮލޮޖީގެ ގޮތުންވެސް އަޅުގަނޑުމެންގެ ރާއްޖެއަކީ އަދި ވަރަށް ފަހަތުގައި އޮތް ޤައުމެއް. އެހެންވީމާ، މިހުރިހާ ކަމެއްގައި އަޅުގަނޑުމެންޖެހޭ ބޭރުޤައުމުތަކުގެ އެހީއަށް އެދެން. ހަމައެކަނި ޤައުމުތަކުގެ އެހީއަކަށް ނޫން މިދެންނެވީ. ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އެހީއަށްވެސް އެދެންޖެހޭ. އެމީހުންގެ އެހީއާ އެކުގައި އަޅުގަނޑުމެންނަށް އެކިއެކި ހޯދުންތައް ހޯދެން އަންނަނީ. އަދި ކުރިއަށް އޮތް ތާނގައި އަޅަންޖެހޭނީ ކޮންކޮން ފިޔަވަޅުތަކެއްކަން އެނގޭނީވެސް، ކަމާބެހޭ މާހިރުންގެ ލަފަޔާއި އިރުޝާދާ އެކީގައި.

ދެން މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މިކަމާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެވޭތޯ. އެހެންވީމާ، އަޅުގަނޑު ހިތުން އެއީވެސް، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. އަދި މުސްތަޤްބަލުގައިވެސް ވަރަށްބޮޑަށް ކުރަންޖެހޭނެ ކަމެއް.

ޢަލީ ރަފީޤް - ދުވަހުނޫސް "ހަވީރު":

ތިމާވެށްޓާއި އިޤްތިޞާދީ ކުރިއެރުމަށް ކުރެވޭ ކަންތައްތަކާ އަރާރުންވާގޮތް ދިމާވޭ. މިފަދަ ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތެދުފުޅެއް ތިޔަ ވިދާޅުވީ. ތިމާވެށި ރައްކާތެރިކުރުމާއި، އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކާ ފުށުއަރާގޮތް ދިމާވޭ. ކުރިން އަޅުގަނޑު ދެއްކި ވާހަކައިގައިވެސް، ކޮންމެވެސްވަރަކަށް އެކަމަށް އިޝާރާތް ކުރެވުނު. އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައިވެސް ހަމަ އެކަން އޮތީ އެހެން. އަޅުގަނޑުމެން މިހާރު މޫދުން ބިން ހިއްކާ މި ހަދަނީ. އެއީވެސް ތިމާވެށްޓަށް، އޭގެ ސަބަބުން އަސަރުތަކެއް ފޯރާނެ ކަމެއް. ބިން ހިއްކުން. އެހެންނަމަވެސް، އެއީ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަން ޖެހިފައި އޮތް ކަމެއް. މަސްވެރިކަން ކުރުމުގެ ބައެއް ބާވަތްތަކުންވެސް، ތިމާވެށްޓަށް ބަދަލު އަންނަ ކަމަށް ސައިންޓިސްޓުން ބުނޭ. އެން ދެމުން އެއީވެސް ފަރުފަރަށް އޭގެ ސަބަބުން ބަދަލު އަންނާނެ ކަމެއް ކަމަށް ބުނޭ.

އެހެންވީމާ، ދިރިއުޅުން ތަރައްޤީ ކުރަން ނުވަތަ އިޤްތިޞާދީ ގޮތުން ކުރިއަށްދާން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ތިމާވެށްޓަށް ބަދަލު އަންނަމުންދާ ކަމަށް ސައިންޓިސްޓުން ފާހަގަކުރޭ. އެއީ ޙަޤީޤަތަކަށް ވެދާނެ. އެހެންނަމަވެސް، އެހެންނޭ ކިޔާފައި އަޅުގަނޑުމެންނަށް ތަރައްޤީއަށްޓަކައި މަސައްކަތްނުކޮށް ތިބެވޭކަށްވެސް ނެތް. މި މައްސަލައިގައި މިދޭތެރެއިން، މިދިޔަ އަހަރު މިދެންނެވީ، އ.ދ. މަޖިލީހުގައި ބޭއްވުނު ޢާންމު ޖަލްސާގައި، ބައެއް ޤައުމުތަކުގެ ޒަޢީމުން ވަރަށް ތަފްޞީލުކޮށް ވާހަކަފުޅު ދައްކަވައި ހެއްދެވި. ބައެއް ބޭފުޅުން ވިދާޅުވި، މިސާލަކަށް، ބޮޑެތި ޖަންގަލިތަކުގައި ހުންނަ ގަސް ކަނޑައި ހެދުމުން، ތިމާވެށްޓަށް ގެއްލުން ލިބޭނެކަމަށް ސައިންޓިސްޓުން ބުނެއޭ. އެހެންނަމަވެސް، ގަސްތައް ކަނޑާފައި އެތާނގައި ދަނޑުގޮވާން ކުރަން ބޭނުންވާހިނދު، އެކަން ނުކޮށެއް ތިމަންމެންނަކަށް ނުތިބެވޭނެއޭ. މިއަދު އެތަންތާނގެ ރައްޔިތުންނަކަށް ބަނޑުހައިހޫނުކަންމަތީގައެއް ނުތިބެވޭނެއޭ، މުސްތަޤްބަލުގައި ތިމާވެށި ރައްކާތެރިވާނީ އެހެން ތިބެގެން ކަމަށްވާތީއޭ ކިޔާފައި.

އެހެންވީމާ، އިޤްތިޞާދީ ގޮތުން ކުރަންޖެހޭ ކަމެއް އެއީ ކިހާވަރެއްގެ ބޭނުންތެރި ކަމެއްތޯ ބަލަންޖެހޭނެ. އެއީ ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއްތޯ ނުވަތަ ނޫންތޯ. އެއީ ތިމާވެށްޓަށް އެކަމުގެ ސަބަބުން ކޮންމެވެސް ބަދަލެއް އައިކަމުގައިވިޔަސް، އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށްވަންޏާ، އަޅުގަނޑު ހިތުން އެއްވެސް ޤައުމަކަށް އެކަން ނުކޮށެއް ނުތިބެވޭނެ. ރާއްޖޭގައިވެސް އެ އުޞޫލު ބަލަންޖެހޭނީ. އެކަމަކީ ކިހާވަރެއްގެ ކަމެއްތޯ އަދި އެކަމެއްގެ ސަބަބުން ތިމާވެށްޓަށް އަންނާނީ ކިހާވަރެއްގެ ބަދަލެއްތޯ ބަލާފައި، ދެފަރާތް އަޅައިކިޔާފައި، ބޮޑަށް ފައިދާހުރިގޮތަކަށް ސަރުކާރުން ޢަމަލުކުރަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ.

ކުޑަނެވި ޢައްބާސް - ދުވަހުނޫސް ސްޕެކްޓްރަމް:

އޯޒޯން ފަށަލައަށް ނުރައްކާވަނީ ސީ.އެފް.ސީ.ގެ ސަބަބުން ކަމަށް ސައިންސްވެރިން ހާމަކުރޭ. އެހެންވީމާ، ރާއްޖެއަށް ގެނެވޭ ސްޕްރޭ ފަދަ ސީ.އެފް.ސީ ހިމެނޭ ތަކެތި އެތެރެކުރެވޭ ޢަދަދު މަދުކުރެއްވުމާމެދު ސަރުކާރުން ވިސްނަވާތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަށް ހީވަނީ ރާއްޖެއަށް ގެނެވޭ ސްޕްރޭ ކަހަލަ އެއްޗެތި މަދުކުރުމަކުން، އެކަމަކަށް އެއްވެސް ބަދަލެއް ނާންނާނެހެން. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ތަނެއް. އެއީ ރާއްޖެއަށް އެތެރެކުރެވޭ، ތިޔަ ވިދާޅުވާކަހަލަ އެއްޗަކީ، ދުނިޔޭގެ ނިސްބަތުގައި އެއްވެސް އެއްޗަކަށްނުވާނެ. ޙަޤީޤަތުގައި އެ އެއްޗެތި ބޭނުންކުރުމަށްވުރެ ބޮޑަށް އެ އެއްޗެތި އުފެއްދުމާއި، އެކިއެކި ބޮޑެތި ކާރުޚާނާތަކުން އެ އުފައްދާ އެއްޗެތި އުފެއްދީމާ، އެ ނުކުންނަ ނަތީޖާ މާބޮޑު. އެހެންވީމާ، އަޅުގަނޑުމެން ރާއްޖެއަށް އެތެރެކުރާ ސްޕްރޭކަހަލަ އެއްޗެތި އަދި މަދުކުރިޔަސް، އޯޒޯން ފަށަލައަށް މިހާރު އެވަމުންދާ ގެއްލުން އަޅުގަނޑަކަށް ހިއެއްނުވޭ އެއްގޮތަކަށްވެސް ކުޑަކުރެވޭނެހެންނެއް.

މުއުމިނާ - ދިވެހިރާއްޖޭގެ އަޑު:

މަނިކުފާނު ވިދާޅުވިފަދައިން ބޭރުޤައުމުތަކުގެ އެހީއާވެސް އެކުގައި، މި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ތިޔަ ވިދާޅުވީ. އެހެންވީމާ، މި ސަރުކާރުން ތިމާވެށީގެ ދާއިރާ ރަމްޒުކޮށްދޭ އޮފީހެއް ނަމަވެސް އުފެއްދެވުމަށް ޤަޞްދުކުރައްވަމުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މިހާރުވެސް ސަރުކާރުގެ ދާއިރާގައި ތިމާވެށްޓާބެހޭ ކަންތައްތައް ހިންގަވާ ފަރާތެއް ހަމަޖެހިފައިވޭ. އެއީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް. އެތާނގައި ޚާއްޞަ ޔުނިޓެއް މިހާރު އެބަހުރި، ތިމާވެށްޓާބެހޭ މައްސަލަތައް ބަލައި، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން. އަދި އޭގެ އިތުރަށް، ތިމާވެށި ރައްކާތެރި ކުރުމާބެހޭ މަޖިލީހެއްވެސް ސަރުކާރުންވަނީ އުފައްދަވާފައި. އެ މަޖިލީހުގެ މަސައްކަތްވެސް ހަމަ ކުރިއަށް އެބަދޭ.

އެހެންވީމާ، އަޅުގަނޑަށް ހީވާގޮތުގައި މިވަގުތަށް އަދި ފުދޭވަރަށް ސަރުކާރުގެ އެފަދަ ކަންތައްތައް ހަމަޖެހިފައި އެބަހުރި. މުސްތަޤްބަލުގައި އަޅުގަނޑުމެން ތިމާވެށްޓަށްދޭ ސަމާލުކަން އިތުރުވެ އަދި ކުރަންޖެހޭ މަސައްކަތްތައް އިތުރުވެގެންދިޔައިމާ، ފަހަރެއްގައި މިހާރުހުރި ފެންވަރަށްވުރެ ރަނގަޅަށް އެކަންތައްތައް ހަމަޖައްސަން ޖެހިދާނެ. އިތުރު އޮފީހެއްވެސް އުފައްދަންޖެހިދާނެ. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މިވަގުތަށް ފުދޭވަރަށް އަޅުގަނޑުމެންނަށް ސަރުކާރުގެ ދާއިރާގައި އެކަންތައް ހަމަޖެއްސިފައި އެބައޮތްހެން.

މިންނާ - ދިވެހިރާއްޖޭގެ އަޑު:

ދެންމެ ދެއްކެވި ވާހަކަފުޅުން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ، ސަރުކާރުން މިކަމާ ދޭތެރޭގައި ވަރަށް ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާކަންވެސް. ދިވެހިރާއްޖޭގެ މާޙައުލަށް މިވަގުތު މިކުރިމަތިވެފައިވާ ކަންތައްތަކުގައި، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ދެން ކުރިމަތިވެދާނެ ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކިތަންމެ ކަމެއް އެބަހުރި. އޭގެތެރޭގައި މިހާރު އަޅުގަނޑުމެންގެ މާޙައުލަކީ، މާޙައުލުގެ ބޮޑުބަޔަކީ ކަނޑު. ކަނޑަށް އަންނަ ބަދަލުތައް. އެއީ ކުރިންވެސް ދެންނެވިފަދައިން، ފަރުފަރަށް އަންނަ ބަދަލުތަކާއި، އަޅުގަނޑުމެންގެ ފަރުފަރުގައި ހުންނަ މުރަކަ އެއްޗެތި ހެދުމަށް އަންނަ ބަދަލާއި އަދި ކަނޑުތައް ނުސާފުވުމުގެ ސަބަބުން ދިމާވާ މައްސަލަތައް. ކަނޑުތައް ނުސާފުވާން ދިމާވާ އެއް ސަބަބަކީ، ކުރިންވެސް ދެންނެވިފަދައިން، އެކިއެކި ކުނިބުނި ކަނޑަށް އުކާލެވޭގޮތް ދިމާވުން. ޕްލާސްޓިކް ކޮތަޅު އަދި އެނޫންވެސް ތަކެތި. އަދި އޭގެ އިތުރުން، އަޅުގަނޑަށް ހީވޭ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އިންޖީނުލީ އުޅަނދުތައް އެހާގިނައިން ބޭނުންކުރެވޭތީ، އޭގެ ސަބަބުންވެސް އަޅުގަނޑުމެންގެ ކަނޑަށް އޭގެ އަސަރު ފޯރާނެހެން. އަޅުގަނޑަށް ހީވަނީ އެ އިންޖީނުތަކުން އެނުކުންނަ ކާބަން މޮނޮކްސައިޑް، އެއީ އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑުތަކަށް ހަމަ ހުއްޓުމެއްނެތި އެޅެމުންދާ އެއްޗެއް. އެހެންވީމާ، އޭގެ ސަބަބުންވެސް، ކޮންމެވެސް ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވޭ. އެހެންނަމަވެސް، އެ ބަދަލުތައް އެއީ ކިހާވަރެއްގެ ބަދަލުތަކެއްކަން، އަދި އެއިން އެކަނޑުތަކަށް ފޯރާ އަސަރަކީ ކިހާވަރެއްގެ އަސަރެއްކަން އެނގޭނީ، ސައިންޓިފިކް ގޮތުން ރަނގަޅަށް ތަޙްލީލު ކުރެވިގެން. އަދި އެމަސައްކަތްވެސް ސަރުކާރުން ކުރަންޖެހޭނެ.

ދެން އެންމެބޮޑު ނުރައްކަލެއް ކަމަށް ދެންނެވެން އަންނަނީ، ހަމަ ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލަ. މިހާރު ސައިންޓިސްޓުން ބުނާގޮތުގައި، ކުރިއަށް އޮތް ސާޅީހަކަށް އަހަރުގެ ތެރޭގައި ނުވަތަ ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑު ފޫޓެއްވަރު އުސްވުމަކީ އެކަށީގެންވާ ކަމެއް. ގާތްގަނޑަކަށް 30 ސެންޓިމީޓަރު. އެހެންވެއްޖިއްޔާ، އަޅުގަނޑުމެންގެ ރާއްޖޭގައި އެއީ ވަރަށް ނުރައްކާތެރި ކަމަކަށް ވެގެންދާނެ. އަޅުގަނޑު މިދެންނެވީ، ކުރިންވެސް ދެންނެވިފަދައިން، ސައިންޓިސްޓުން އެއްބަހެއްނުވޭ، ކިހާވަރެއްކަމެއް، ސްޕީޑް ހުރިވަރެއް. މި ދެންނެވީ ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ހަލުވިކަން، އެއީ ކިހާވަރެއްގެ ހަލުވިކަމެއްކަން، އަދި ހުރިހާ އެންމެންނަކަށް އެއްބަހެއްނުވެވޭ. އެކި ސައިންޓިސްޓުން ބުނަނީ، ކަނޑުގެ ލޮނުގަނޑު އުސްވެގެންދާނީ ނުވަތަ ބޮޑުވެގެންދާނީ އެކިވަރަށް ކަމަށް. އެންމެބޮޑަށް، އެންމެ އަވަހަށް އެކަން ވެގެންދާނެ ކަމަށް ބުނާ މީހުން ބުނާގޮތުގައި، ކުރިއަށް އޮތް ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި އެއްފޫޓުގެ ބަދަލުގައި، ގާތްގަނޑަކަށް ދެ ފޫޓަށްވެސް އުސްވެގެން ހިނގައިދާނެ. އެފަދަ ގޮތެއް ދިމާވެއްޖިއްޔާ، ރާއްޖޭގެ ނިސްބަތުގައި އެ ވާނީ ވަރަށްބޮޑު ނުރައްކަލަކަށް. އެއީ އަޅުގަނޑުމެންގެ ރަށްތަކަކީ، ޖަޒީރާތަކަކީ ވަރަށް ތިރިތިރިކޮށް ހެދިފައި ހުންނަ ޖަޒީރާތަކެއް. އެއްވެސް އުސް ބިމެއް ނެތް ވަރަށް ކުދިކުދި ޖަޒީރާތަކެއް. އަދި ކަނޑުގެ ލޮނުގަނޑަށްވުރެ އެވްރެޖް ގޮތެއްގައި ގާތްގަނޑަކަށް ތިންފޫޓް، ހަތަރުފޫޓް، އަޅުގަނޑުމެންގެ ރަށްތަކުގެ އުސްމިން، ފަސްގަނޑުގެ އުސްމިން ހުންނަ ކަމަށްވަނީ. އެހެންވީމާ، އެހާ ފަސްގަނޑު ތިރިކޮށް ހުރި ޖަޒީރާތަކެއްގެ ވަށައިގެން އޮންނަ ކަނޑު، އެއްފޫޓަށް ނުވަތަ ދެ ފޫޓަށް އުސްވެއްޖިއްޔާ އެއީ ވަރަށްބޮޑު ނުރައްކަލަކަށްވާނެ. ޚާއްޞަކޮށް، ވިއްސާރަ ދުވަސްވަރު، ނުވަތަ މިދިޔަ އަހަރު އަޅުގަނޑުމެންނަށް ދިމާވިކަހަލަ ރާޅުއެރުމުގެ ކަމެއް ދިމާވެއްޖިއްޔާ. މިދިޔަ އަހަރު މިދިމާވީ ރާޅުއެރުން. އެއީ އަދި ކަނޑުގެ ލޮނުގަނޑު ބޮޑުވަމުންދާތީ ދިމާވި ދިމާވުމެއް ނޫންކަމަށް ސައިންޓިސްޓުން ބުނަނީ. އަޅުގަނޑުމެންނަށް އަދި ލިބުނު މަޢުލޫމާތުތަކުން އެނގެނީ. އެއީ ރާއްޖޭގެ ދެކުނުން ކޮންމެވެސް ހިސާބެއްގައި އުފެދިގެން އައި ޠޫފާނުތަކެއްގެ ސަބަބުން އުފެދުނު ބޮޑެތި އުސް ރާޅުތަކެއް ރާއްޖެއާ ހަމައަށް އައީ ކަމަށް އެމީހުން ބުނަނީ. އެފަދަ ގޮތެއް މުސްތަޤްބަލުގައިވެސް ދިމާވެދާނެ. އެއީ ޠޫފާނުތަކަކީ އަބަދުވެސް ދުނިޔޭގެ އެތަން މިތާނގައި އުފެދެމުންދާ އެއްޗެއް.

އެހެންވީމާ، އޭގެ ސަބަބުން އެފަދަ އުސް ރާޅުތަކެއް ރާއްޖެއަށް އަންނަ ވަގުތު ކަނޑުގެ، ޢާންމުކޮށް ބަލާއިރު ލޮނުގަނޑުވަނީ މިހާރަށްވުރެ 1 ފޫޓް ނުވަތަ 2 ފޫޓް އުސްވެފައި ކަމަށްވަންޏާ، އެފަދަ ޠޫފާނެއް އައުމުން، އޭގެ ރާޅުތަކުގެ ސަބަބުން ވަރަށްބޮޑެތި ގެއްލުން ރާއްޖޭގެ ރަށްތަކަށް ނުލިބިއެއްނުދާނެ. ޙަޤީޤަތުގައި އަޅުގަނޑަށް ހީވަނީ ދުނިޔޭގެ އެހެން ތަންތާނގައި ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލައަކީ، އެމީހުންނަށް އިޤްތިޞާދީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ދިމާވާ ދަތިތަކުގެ ތެރެއިން ދައްޗެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި އެއީ އެއަށްވުރެ މާބޮޑު ކަމެއް. އެއީ އަޅުގަނޑުމެން ސަލާމަތުން ތިބުމަށް ދިމާވާ ނުރައްކަލަކަށްވެސް ވެދާނެތީ. ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަށް، ރާއްޖޭގެ ރަށްތައް ސަލާމަތުން އޮތުމަށް ދިމާވާ ވަރަށްބޮޑު ނުރައްކަލަކަށްވެސް ވެދާނެ. އެވާހަކަ ހަމަ ޞަރީޙަކޮށް އަޅުގަނޑުގެ ލިޔުމުގައިވެސް، އ.ދ.މަޖިލީހުގައި ދެއްކި ވާހަކައިގައިވެސް ބުނެފައި އޮންނާނެ. އެއީ ދުނިޔޭގެ އެހެން ތަންތާނގެ ނިސްބަތުގައިވާ ގޮތެއް ނޫނޭ، ރާއްޖެއަކަށް އެކަމުން ދިމާވާނީ. އެހެން ތަންތާނގައި އުސް ބިންތައް ހުރެއޭ. މި ދެންނެވީ ބޮޑެތި ޤައުމުތަކުގައި ހުންނަ ވާހަކަ.

އެހެންވީމާ، އަދި ފަސްގަނޑު ތިރިކޮށް އޮންނަ ހިސާބުތަކަށް ރާޅުއަރައި، އެބައި ގިރިގެންދިޔަ ކަމުގައިވިޔަސް، އެތަންތާނގައި ދިރިއުޅޭ މީހުން ދިރިއުޅެން ޖާގަ، އެޤައުމުތަކުގައި އޮވޭ. އެހެން ތަންތަނަށް އެމީހުންނަށް ބަދަލުވެވިދާނެ. އަދި އެތަންތާނގައި މުއްސަނދިކަން ހުންނަވަރުން، އެމީހުންނަށް އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެޅިދާނެ. އެކަމަކު ރާއްޖޭގައި އަޅުގަނޑުމެން އެއްރަށުން ސަލާމަތްވެގެންދާނީ ކޮންތާކަށްތޯ؟ ހުރިހާ ރަށްތައްވެސް އެހާ ފަސްގަނޑު ތިރިކޮށް މިހުންނަނީ. ރާއްޖެއަށް އެކަހަލަ ކަމެއް ކުރިމަތިވެއްޖިއްޔާ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ދެން ރައްކާތެރިކަން ހޯދަންދާނެ އެހެން ދިމާއެއްނެތް. އެހެންވީމާ، އެއީ އަޅުގަނޑުމެންނަށް މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަމަށް ފެންނަ އެންމެބޮޑު ނުރައްކަލަކީ.

ޢަބްދުއްޝަކޫރު - އާފަތިސް:

ދުނިޔޭގެ ހޫނުކަން މަޑުމަޑުން އިތުރުވަމުންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލެމުންދިޔުމާމެދު ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ކޮންމެ ބައެއްގެވެސް ސަލާމަތް ހޯދަންޖެހޭނީ އެބަޔަކު. އެހެންވީމާ، އަޅުގަނޑުމެން އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް އެޅެންއޮތް ފިޔަވަޅުތައް ޖެހޭނެ އަޅަން. އެއީ ކުރިންވެސް ދެންނެވިފަދައިން، އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އިތުރު މަޢުލޫމާތު ހޯދުން. މިހާރު އެމަސައްކަތްވަނީ ސަރުކާރުން ފަށާފައި. ރާއްޖޭގެ ބައެއް ތަންތާނގައި، މާލެ ކައިރީގައިވެސް އަދި އެހެން ތަންތާނގައިވެސް މިހާރުވަނީ ކަނޑުގެ ލޮނުގަނޑާއި، ރާޅާއި، ދިޔަވަރާއި، އޮއިވަރާއި މިއެއްޗެތި ބަލައި، އަދި އެއަށް އަންނަ ބަދަލުތައް ބެލުމަށްޓަކައި، ބައެއްކަހަލަ ގޭޖް އެއްޗެހި ބެހެއްޓިފައި. މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރުންވެސް އެބަހުރި ބެހެއްޓިފައި. ހުޅުލޭ ކައިރީގައިވެސް އެބަހުރި. ވިލިގިނލީގެ ބޭރުގައިވެސް އެބަހުރި. އަދި ރާއްޖޭގެ އެހެން ބައެއް ތަންތާނގައިވެސް އެބަހުރި. އެކަހަލަ ބައެއް ސައިންޓިފިކް ސާމާނު، އިކްވިޕްމެންޓް ބެހެއްޓިފައި. އެއިން ލިބޭ މަޢުލޫމާތު އަޅުގަނޑުމެން މިހާރު މިގެންދަނީ އެއްކުރަމުން. އަދި އެނޫން ގޮތްގޮތުންވެސް އަޅުގަނޑުމެންނަށް ޖެހޭ އިތުރު މަޢުލޫމާތު ހޯދަން. އެއީ އެންމެ ފުރަތަމަ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ.

ދެން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން. އަދި ތިމާވެށްޓަށް އަންނަ ބަދަލުތައް ޙައްލުކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަސްކޮށްދީ ތަމްރީނުކޮށްދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އެކަމަށް ތަމްރީނުވާންޖެހޭނެ. މި މީހުންނަށް ޓްރޭނިންގ ހޯދައިދިނުން އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަދި ތަރައްޤީގެ މަޝްރޫޢުތަކުގައި، އެ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަންނާނީ ކޮންކަހަލަ ބަދަލުތަކެއްތޯ ބަލައި، އެބައިވެސް މަޝްރޫޢުތަކުގައި ހިމެނުން. އެއީވެސް ވަރަށް މުހިންމު ކަމެއް. ތިމާވެށި ރައްކާތެރި ކުރުމާބެހޭ އުޞޫލުތަކެއް ސަރުކާރުން ކަނޑައެޅުން. އެއީވެސް ހަމަ އެހާ މުހިންމު ކަމެއް. އަދި ތިމާވެށި ރައްކާތެރި ކުރުމާބެހޭ ޤާނޫނެއް ހެދުން. އެއީވެސް އަޅުގަނޑު ދެކޭގޮތުގައި މުހިންމު ކަމެއް. ހަނދުމަފުޅު ހުންނާނެފަދައިން، މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑު ދެއްކި ވާހަކައިގައި، އެވާހަކައަށް އޮންނާނީ އިޝާރާތްކޮށްފައި. ދުނިޔޭގެ އެހެން ޤައުމުތަކުގައި، މި ދެންނެވިފަދަ ޤާނޫނުތައް ހެދިފައި އެބަހުރި. އެހެންވީމާ، ރާއްޖޭގައިވެސް އަޅުގަނޑު ހިތުން ހަމަ އެކަހަލަ ޤާނޫނެއް ހަދަންޖެހޭނެ. އެއީ އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަންތައްތަކަކީ.

ދެން ހުރި ކަންތައްތަކަކީ، ބޭރުގެ އެހީ ލިބިގެން ނޫނީ، އަޅުގަނޑުމެންނަށް ނުކުރެވޭކަހަލަ ކަންތައްތައް. އެއީ މިސާލަކަށް، އަޅުގަނޑުމެން ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި އުސް ބިމެއް ނެތީމާ، މިކަހަލަ ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑުމެން ރައްކާތެރިކަން ހޯދަންދާނެ އެހެން ތަނެއް ނެތް. އެހެންވީމާ، ޖެހެނީ އަޅުގަނޑުމެންގެ އަމިއްލަ ޖަޒީރާތައް ރައްކާތެރިކުރެވޭތޯ ބަލަން. މިސާލަކަށް، ތޮށިލުން. ކޮންމެ ޖަޒީރާއެއްގެ ވަށައިގެން އެކަށީގެންވާ ކަނޑުތޮށްޓެއްލުން. ނުވަތަ ރާއްޖޭގެ ޖަޒީރާތަކުގެ ފަސްގަނޑު އުސްކުރުން. އެއީވެސް ބައެއް މީހުން ޚިޔާލުދީފައި އޮތް ކަމެއް. އެހެންނަމަވެސް، އެއީ ކިހާބޮޑު މަސައްކަތެއްކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގޭނެ.

އެހެންވީމާ، އެކަހަލަ ކަންތައްތައް ކުރުމަށް ބޭނުންވާ ފައިސާއާއި، ޓެކްނޮލޮޖީ އަދި އަޅުގަނޑުމެންގެ ރާއްޖެއަކު ނެތް. އެހެންވީމާ، ޖެހޭނީ ބޭރުން އެ އެހީ ހޯދަން. އަދި މުސްތަޤްބަލުގައި އަޅުގަނޑުމެން ވިސްނަންޖެހިދާނެ ނުކުތާއެއް އެބައޮތް. އެއީ މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި އެބައޮތް، މީހުން އުޅޭ 200 ރަށް. މި ދެންނެވި ގޮތުގެ މަތިން 200 ރަށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތަކީ ޝައްކެއްނެތްގޮތުގައި، ވަރަށްބޮޑު މަސައްކަތަކަށްވާނެ. އެރަށްތައް އުސްކުރުން، ނޫނީވިއްޔާ ވަށައިގެން ތޮށިލާ ހެދުން. އެހެންނަމަވެސް، ކުދިކުދި ރަށްތައް ދޫކޮށްލާފައި، ބޮޑެތި ރަށްތަކަށް މީހުން ޖަމާވާގޮތް ވެއްޖިއްޔާ، އޭރުން އަޅުގަނޑުމެން ރައްކާތެރިކުރަންޖެހޭ ރަށްތަކުގެ ޢަދަދު މުސްތަޤްބަލުގައި ތަންކޮޅެއް މަދުވެދާނެ. އެއީވެސް އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެއް.

އެހެންވީމާ، އެބަހުރި، މިހާރު އަޅުގަނޑުމެންނަށް އެޅެންހުރި ފިޔަވަޅުތަކާއި އަދި މުސްތަޤްބަލުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް. އެކަންކަން އަދި އަޅުގަނޑުމެންނަށް ރަނގަޅަށް ނުވެސް އެނގޭ، ކަމުގެ ބޮޑުކަމާއި، އެކަން ވަމުންދާގޮތް އަޅުގަނޑުމެންނަށް އަދި އެނގޭލެއް ކުޑަކަމާއެކުގައި. މިހާރަކު ނިންމޭކަށް ނެތް، މުސްތަޤްބަލުގައި އަޅަންޖެހޭނީ ކޮންކޮން ފިޔަވަޅުތަކެއް ކަމެއް. އަދި އެނގޭކަށްވެސް ނެތް. އެހެންނަމަވެސް، މިދެންނެވި ގޮތްގޮތަށް އަޅުގަނޑުމެން ޚިޔާލުކޮށް، އެކަންކަން އެހެން ދިމާވީމާ، އަޅުގަނޑު މި އިޝާރާތް ކުރިކަހަލަ ފިޔަވަޅުތަކެއް މުސްތަޤްބަލުގައި އަޅަންޖެހިދާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ.

އިބްރާހީމް މުޙަންމަދު (ސިމް) - ޓީ.ވީ.މޯލްޑިވްސް:

ޤުދުރަތީ ގޮތުން މާޙައުލަށް މި އަންނަ ބަދަލުތައް، ސައިންސްވެރިން ބުނާގޮތުގައި އެކަންކަމަކީ، ބައެއްފަހަރު ރިވަރސަބްލް، ނޫނީ އެކަން ކުރީގައި އޮތްގޮތަކަށް އިޢާދަވާ ކަންތައްތައް. އެހެންވީމާ، އޯޒޯން ލޭޔަރ ކަންފަތިވުމާއި، ދެން ދުނިޔޭގެ ހޫނު މައްޗަށްދާ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. ހޫނު މައްޗަށްދިޔުން. މި ދެކަމަށް މީގެ އަސަރެއް ފޯރާނެތޯ؟ އެކަހަލަ ގޮތެއް ދިމާވެދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ތިޔަ ސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ، ކުރިންވެސް ދެންނެވިހެން އަޅުގަނޑަކީ ސައިންޓިސްޓެއް ނޫން. އެހެންވީމާ، އަޅުގަނޑަކަށް ކަނޑައެޅިގެން ދަންނަވާކަށެއް ނޭނގެ، މުސްތަޤްބަލުގައި މިހާރު މިކަންތައްތައް ވަމުންދާގޮތަށް ބަދަލެއް އަންނާނެ ކަމަކަށް ނުވަތަ ނާންނާނެ ކަމަކަށް. އަޅުގަނޑަށް އެނގެނީވެސް ބައެއް ލިޔުންތަކުން ފެންނަ އެއްޗެއް. އެ ލިޔުންތަކުގެ މައްޗަށް ބަލާފައި ދަންނަވާ ކަމުގައިވަންޏާ، ބައެއްފަހަރަށް ތިޔަ ވިދާޅުވިހެން ތިމާވެށްޓަށް އަންނަ ބަދަލުތައް ކުރީގެ ގޮތަށް އިޢާދަވިކަމުގައިވިޔަސް، މިހާރު މިއަންނަ ބަދަލުތަކުގެ ބޮޑުކަމުން، ކައިރި މުސްތަޤްބަލެއްގައި، ފެންނަން އޮތް މުސްތަޤްބަލެއްގައި މިކަހަލަ ކަމެއް ވާނެކަމަކަށް ސައިންޓިސްޓުން ބުރައެއްނުވޭ. އެއީ އެނގިވަޑައިގަންނަވާނެ ފަދައިން، މިހާރު އަޅުގަނޑުމެންގެ ވަށައިގެން މިވާ ޖައްވުގެ ހޫނުކަން އިތުރުވަމުން މިދަނީވެސް ސަބަބުތަކެއް ހުރެގެން. އެއީ ސައިންސްވެރިން އެ ކިޔާ ގްރީންހައުސް ގޭސަސް ޖައްވުގެ ތެރެއަށް ގިނަވަނީ. އޭގެތެރެއިން އެންމެބޮޑު އެކައްޗެއް އެއީ ކާރބަންޑައިއޮކްސައިޑް، މީތޭން. އެކަހަލަ ބައެއް ގޭސްތައް. މިހާރު ސައިންޓިސްޓުން ލަފާކުރާގޮތުގައި، ކުރިއަށް އޮތް ފަންސާހަކަށް އަހަރުގެ ތެރޭގައި، ދުނިޔޭގެ ވަށައިގެން މިވާ ޖައްވުގައިވާ ކާބަންޑައިއޮކްސައިޑް، ސަތޭކައަކުން ތިރީސް އިތުރުވެގެންދާނެ.

އެހެންވީމާ، އެކަންތައްތައް އެހެން ހުންނަ ކަމަށްވަންޏާ، މުސްތަޤްބަލުގައި ޖައްވަށް މިލިބެމުންދާ ހޫނުކަން، ހަމަ އިތުރުވަމުންދާނެ ކަމަށް ފެންނަނީ. މިދެންނެވި ކަހަލަ ގޭސްތައް އިތުރުވަމުންދިޔުން ވަރަށް ބޮޑަށް ހުއްޓިގެން ނޫނީވިއްޔާ އެއްވެސްކަހަލަ ބަދަލެއް، ފެންނަން އޮތް މުސްތަޤްބަލުގެ ތެރޭގައި އަންނާނެ ކަމަކަށް ނުފެނޭ. ހަމަ އެގޮތަށް، ކަނޑުގެ ލޮނުގަނޑު ބޮޑުވުމުގެ ކަންތައްވެސް. ސައިންޓިސްޓުން ބުނާގޮތުގައި ދުނިޔެއަށް މިއަންނަ ހޫނުކަން، އެހޫނުކަމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ބޮޑުވަމުން މިދަނީ. ދުނިޔޭގައި ބައިނަލްއަޤްވާމީ ގޮތުން އަޅާ ފިޔަވަޅުތަކެއްގެ ސަބަބުން އަދި ޚާއްޞަކޮށް، އިޤްތިޞާދީ ގޮތުން ތަރައްޤީވެފައިވާ ޞިނާޢީ ޤައުމުތަކުގެ އުފެދުންތެރިކަން މަދުކޮށްގެން ނުވަތަ އެމީހުން އެ ފިޔަވަޅު އަޅާ ގޮތެއްގެ ސަބަބުން އެނުކުންނަ ކާބަންޑައިއޮކްސައިޑާއި، އެ އިންޑަސްޓްރިއަލް ވޭސްޓް، ޖައްވުގެތެރެއަށް މިދާ މިންވަރު މަދުކުރެވުނު ކަމުގައިވިޔަސް އަދި އޭގެ ސަބަބުން ދުނިޔޭގެ މިދެންނެވި ހޫނުކަން އިތުރުނުވެ، ވަކިވަރެއްގައި ހިފެހެއްޓުނު ކަމުގައިވިޔަސް ނުވަތަ މުސްތަޤްބަލުގައި އަދި އެހޫނުކަން ތަންކޮޅެއް ދަށަށްދިޔަކަމުގައިވިޔަސް، އޭގެ އަސަރު އަދި ކަނޑުގެ ލޮނުގަނޑަށް ފޯރާނީ ވަރަށްފަހުން. ސައިންޓިސްޓުން ބުނާގޮތުގައި، މި ދުނިޔޭގެ ޖައްވަށް މިއަންނަ ހޫނުކަން މި ދެންނެވީ ވަށައިގެން މިވާ ޖައްވަށް މަޑުމަޑުން ނަމަވެސް މިއަންނަ ހޫނުކަން، ޤަރުނެއްގެ ތެރޭގައި ގާތްގަނޑަކަށް 1 ޑިގްރީ ސެލްސިއަސް، އެހާކަންހާވަރު ކަމަށްވިޔަސް، އެއަށް ހުއްޓުމެއް އައި ކަމުގައިވިޔަސް، އެމީހުން ބުނަނީ ދެން އޭގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ފޯރާނީ އަދި އޭގެ ސަތޭކަ އަހަރު ފަހުންނޭ. އެއީ މިހާރުވެސް މިވާގޮތަކީ ކަނޑުގެ ލޮނުގަނޑަށް ލިބިފައިހުރި ހޫނުކަން މިވަނީ ކަނޑުގެ އެތެރޭގައި ހިފެހެއްޓިފައި، ހައްޔަރުވެފައި. އެހެންވީމާ، އެ ނުކުމެގެން، މިދެންނެވީ އެ އެނަރޖީ އެހެން ދިމާއަކަށް އަދި ދާނީ ލައްކަ ޒަމާން ފަހުން.

އެހެންވީމާ، ތިޔަ ވިދާޅުވި ސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ، އަޅުގަނޑަކަށް ރަނގަޅަކަށް ނޭނގެ. އެހެންނަމަވެސް، ސައިންޓިސްޓުން ލިޔެފައި ހުރި ލިޔުންތަކުން ދޭހަވާގޮތުގައި އަދި މާއަވަހަކަށް ބަދަލުވެގެންދާނެހެންނެއް ހީއެއްނުވޭ.

ޔޫސުފް ރިޔާޒް ނައިފަރު - މާލޭގައި ނުކުންނަ ހަފްތާ ނޫސް "ޒުވާނުންގެ ޙަރަކާތް":

ފަރުފަރުގެ ދިރުން ކަމުގައިވާ ގަލާއި މުރަކައިގެ ޅަކުރިތައް ކައިއުޅޭ ސްޓާރފިޝް ފަދަ ތަކެތި، އެތަކެއްޗަކީ ނުރައްކާތެރި އެއްޗެއް ކަމަށް ސައިންޓިސްޓުން ހާމަކުރޭ. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، މިހާރު ރާއްޖޭގެ ފަރުފަރުގައި އުޅޭ މިފަދަ ތަކެތި ނައްތައިލެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމާމެދު މަނިކުފާނުގެ ޚިޔާލުފުޅަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އެއީ ނުރައްކާތެރި އެއްޗެއް ކަމަށްވަންޏާ ނައްތާލަންޖެހޭނެކަމާމެދަކު ޝައްކެއްނެތް. ދެން އެމަސައްކަތަށް، ކުރިންވެސް އަޅުގަނޑު ދެންނެވިހެން، ފުރަތަމަ އެކަމާބެހޭ މަޢުލޫމާތު އެއްކުރުން އެންމެބޮޑަށް ބޭނުންވަނީ. އެކަން މިހާރު ކުރެވެމުން އެބަދޭ. އޮސްޓްރޭލިއާގެ ކަމާބެހޭ އިންސްޓިޓިއުޓެއްގެ މީހަކު މާލަހެއްނުވެ މާލެ އަންނާނެ. އޭނާ އައުމުގެ ބޭނުމަކީ، ރާއްޖޭގެ ފަރުފަރުގައި އެހުންނަ "ސްޓާރފިޝް" ނުވަތަ "ފަސް އިނގިލި"، އޭގެ ސަބަބުން ރާއްޖޭގެ މުރަކައަށް ލިބެނީ ކޮންކަހަލަ ގެއްލުންތަކެއްތޯ ބަލައި، ފުރަތަމަ ތަޙްލީލު ކުރުން. އެ މަސައްކަތް ނިމުނީމާ އަޅުގަނޑުމެންނަށް އެނގޭނީ، ކިހާވަރެއްގެ ގެއްލުމެއްކަން އޭގެ ފަރާތުން ލިބެމުންދަނީ. އޭގެފަހުން އަދި އަޅަންޖެހޭ ފިޔަވަޅުތަކެއްވެސް، އެއީ ކޮންކަހަލަ ފިޔަވަޅުތަކެއްކަން އަޅުގަނޑުމެންނަށް އެނގޭނީ. ހަމައެއާއެކުގައި، ރާއްޖޭގައި ފީނާ މީހުންނަށް މިހާރު ފިޝަރީޒް މިނިސްޓްރީގެ މެރިން ރިސަރޗް ސެކްޝަންގެ ފަރާތުން ވަނީ ސުވާލުތަކެއް ފޮނުއްވާފައި. އެބޭފުޅުން ކަނޑައަޅުއްވާ ވަކި އުޞޫލެއްގެ މަތިން، އެސުވާލުތަކަށް އެމީހުން ޤަވާޢިދުން ޖަވާބުދޭންޖެހޭ. އެ ދޭ ޖަވާބުގައިވެސް އަންނާނެ، އެމީހުންނަށް ފެންނަގޮތުގައި، ރާއްޖޭގެ ފަރުފަރަށް އަންނަ ބަދަލުތައް. އެހެންވީމާ، އެ މަޢުލޫމާތު ލިބިގެން، އެވެސް ތަޙްލީލު ކުރެވިގެން އަޅުގަނޑުމެންނަށް އެނގޭނީ، ފަސް އިނގިލީގެ ފަރާތުން ނުވަތަ ސްޓާރފިޝްގެ ފަރާތުން ރާއްޖޭގެ މުރަކަތަކަށް ނުވަތަ ފަރުފަރަށް ލިބޭ ގެއްލުމަކީ ކިހާވަރެއްގެ ގެއްލުމެއްކަން. އެކަންތައްތައް މުޅިން އޮޅުންފިލީމާ، ދެން އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅެއް ސަރުކާރަށް ކަނޑައެޅޭނީ.

މުޙަންމަދު ޒާހިރު - ހަވީރު:

އަޅުގަނޑުގެ ސުވާލަކީ، ތިމާވެށީގެ ހޭލުންތެރިކަމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ، ނޫސްވެރިކަން ކަމުގައި ގިނަބަޔަކު ބުނާއިރު، މީޑިއާގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ރާއްޖޭގެ ފަރާތުން ކުރެވޭނީ ކޮންކަމެއްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، މިހާރުވެސް އަޅުގަނޑަށް ހީވަނީ، ރާއްޖޭގެ ޚަބަރުފަތުރާ އަދި މަޢުލޫމާތު ފަތުރާ ދާއިރާތަކުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާހެން. ރާއްޖޭގެ ނޫސް ނޫހުގައި، ރާއްޖޭގެ ތިމާވެށްޓާ ބެހޭގޮތުން، އެކަށީގެންވާ މަޟުމޫނުތަކެއް ލިޔެވި، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް އެބަ ކުރެވޭ. ހަމައެފަދައިން، ރާއްޖޭގައި ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސްގެ ފަރާތުންވެސް އެމަސައްކަތް ކުރައްވާ. ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ތިމާވެށްޓަކީ މިހާރު އެހާ މުހިންމު މައްސަލައަކަށް ވުމާއެކު، ރާއްޖޭގެ ލިޔުންތެރިންގެ ތެރެއިންވެސް ތިމާވެށްޓާ ބެހޭ ކަންކަމުގައި ޝައުޤުވެރިކަން ހުންނަ ލިޔުންތެރިންގެ ޖަމްޢިއްޔާއެއް އުފެއްދެވުމަށް މިހާރުވަނީ ޤަޞްދުކުރައްވާފައި. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިއަދު އެފަދަ ޖަމްޢިއްޔާއެއް އުފެދޭނެ. އެހެންވީމާ، އެޖަމްޢިއްޔާގައި ހިމެނޭ ލިޔުންތެރިންގެ ފަރާތުންވެސް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ފެނޭ.

ތިޔަ ވިދާޅުވީ ވަރަށްބޮޑު ތެދުފުޅެއް. އެއްވެސް ކަމަކާ ބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ، އެންމެ ތޫނު، އެންމެމޮޅު ހަތިޔާރަކަށްވާނީ ޚަބަރުފަތުރާ، މަޢުލޫމާތު ފަތުރާ ވަސީލަތްތަކުގެ ހަތިޔާރު. އެހެންވީމާ، އެހަތިޔާރު ރަނގަޅުގޮތުގައި ބޭނުންކުރެވިއްޖިއްޔާ، ޢާންމުންގެ ތެރޭގައި ތިމާވެށްޓާބެހޭ ހޭލުންތެރިކަން އެކަށީގެންވާ ފެންވަރެއްގައި އިތުރުކުރެވިދާނެ. އަޅުގަނޑު ދެކޭގޮތުގައި މިހާރުވެސް ރާއްޖޭގެ ލިޔުންތެރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވަމުން އެބަ ގެންދަވާ. އެކަމަށްޓަކައި އެމަސައްކަތް ކުރައްވާ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަށް ހީވާގޮތުގައި އަދިވެސް އިތުރަށް ކުރެއްވޭނެ މަސައްކަތްތައް ހުންނާނެ.

ދެން އަޅުގަނޑުގެ އެދުމަކީ އެކަހަލަ މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ވީހާވެސް ބޮޑަކަށް ޙަޤީޤަތް އޮޅުންފިލުއްވާފައި ލިޔުއްވުން. އެއީ ބައެއްފަހަރަށް ލިޔުއްވޭ ގޮތަކުން، އެފަރާތަކުން އެ ވިދާޅުވާން ބޭނުންފުޅުނުވާކަހަލަ އެއްޗެއް ވިދާޅުވެވިފައިވެސް އޮވެދާނެ. ނުވަތަ ޢާންމުންނަށް ދެއްވަން ޤަޞްދުކުރެއްވި މަޢުލޫމާތު ނޫން އެހެން އެއްޗެއް ޢާންމުންނަށް، އެ މަޒުމޫނެއްކީމާ، ހާމަވާގޮތް ނުވަތަ ދޭހަވާގޮތްވެސް ވެދާނެ. ބައެއްފަހަރަށް އެހެންދިމާވީމާ، މީހުންގެ މެދުގައި ބޭނުމެއްނެތްގޮތުގައި، ބިރުވެރިކަން އުފެދޭގޮތްވެސް އެބަ ދިމާވޭ. އެހެންވީމާ، އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ބޭނުމަކީ ނުވަތަ ޚަބަރުފަތުރާ ވަސީލަތްތަކުގެ ބޭނުމަކަށްވާނީ މީހުން ބިރުގެންނެވުމެއް ނޫން. މީހުންނަށް ކަން އޮތްގޮތް އޮޅުންފިލުއްވައިދެއްވުން. އަދި އޭގެ ނުރައްކާތެރި ކަމެއްވާނަމަ، އެއީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަންވެސް ސާފުކޮށް އޮޅުންފިލުއްވައި ދެއްވުން. އެހެންވީމާ، އެގޮތަށް ވިސްނަވައިގެން މަސައްކަތް ކުރައްވަންޏާ އަޅުގަނޑު ހިތުން ވަރަށް ރަނގަޅަށް އެކަން ކުރެއްވިދާނެ. އަދި ޢާންމުންގެ މެދުގައި ތިމާވެށްޓާބެހޭ ހޭލުންތެރިކަން ފެތުރުއްވިދާނެ.

މުޙަންމަދު ރަމީޒު - ދިވެހިރާއްޖޭގެ އަޑު:

އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގެ ރަށްރަށުން ރުއްގަސް ކެނޑުން މިއީ ތިމާވެށްޓަށް އުނިކަން އަންނާނެ ކަމެއް ކަމަށް ފެންނާތީ، ދިވެހި ސަރުކާރުގެ ފަރާތުން، ނޫނީ ރާއްޖޭގެ ފަރާތުން ރުއްގަސް އިންދުމަށް މިހާރަށްވުރެ ބޮޑަށް، ޢަމަލީގޮތެއް ގެންނަވަން ހަމަޖެހިފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ތި މައްސަލައަކީ ސަރުކާރުން ވަރަށް ކުރިއްސުރެ ސަމާލުކަން ދެމުން އައި ކަމެއް. މިހާރުވެސް ދޭ ކަމެއް. ހަނދުމަފުޅު ހުންނާނެ ފަދައިން، 1980 ވަނަ އަހަރުގެ ޤައުމީދުވަސް، އެއީ މީގެ 8 އަހަރު ކުރިން، އެ ޤައުމީދުވަހު އަޅުގަނޑު މުޅި ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރިން، ރުއް އިންދުމަށް. ރާއްޖޭގެ ކޮންމެ ރައްޔިތަކު ރުކެއް އިންދަން. އެއީ ދެން ރަމްޒީގޮތުން ކުރި އިލްތިމާސެއް. އޭގެ މާނައަކީ ހަމަ އެންމެ ރުކެއް އިންދާފައި ފުއްދާލަންވީއެކޭ ނޫން. އެހެންނަމަވެސް، އެއީވެސް ލައްކަ ބޮޑުވަރެކޭ، ކޮންމެ މީހަކު ރުކެއް އިންދައިފިއްޔާ، އެއީ ޖުމްލަކޮށް މުޅި ރާއްޖެއަށް ގާތްގަނޑަކަށް އެއްލައްކަ ހަތްދިހަހާސް ނުވަތަ އެއްލައްކަ އަށްޑިހަހާސް ރުއް އިތުރުވެގެންދާނެއޭ، އޭރު އަޅުގަނޑު ބުނިން. އޭގެފަހުން، ގަސް އިންދުމާބެހޭ އަހަރެއް 1983 ވަނަ އަހަރު ގެނެވުނު. އެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ރުއްގަސް އިންދުނު. އަދި ތަކުރާރުކޮށް މިހާރުވެސް ސަރުކާރުން އެކަމަށް އިލްތިމާސް ކުރަމުން މިގެންދަނީ. ސަރުކާރުގެ ބައެއް ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެމަސައްކަތް އެބަ ކުރައްވާ.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެސް.ޓީ.އޯ.ގެ ފަރާތުންވެސް ރާއްޖޭގެ ފަޅުރަށްރަށުގައި ވަރަށްގިނަ ޢަދަދަކަށް ރުއްގަސް އިންދަވަމުން އެބަ ގެންދަވާކަން. އެހެންވީމާ، ސަރުކާރުން އެކަމަށް ކުރެވެމުންދާ މަސައްކަތް އެއްގޮތަކަށްވެސް ކުޑައެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. މިކަމަކީވެސް ޢާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމެއް.

އެހެންވީމާ، ސަރުކާރުން މިކުރާ އިލްތިމާސްތަކާ ގުޅިގެން އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ސަބަބުން ޢާންމުންގެ ތެރޭގައިވެސް މިކަމުގެ ހޭލުންތެރިކަން އިތުރުވެގެންދާނެ. އެމީހުން އަމިއްލައަށްވެސް އެމީހުންނަށްވެސް ތަޞައްވުރު ކުރެވިގެން، ރުއްގަސް އިންދުމަކީ ކިހާވަރެއްގެ ބޭނުންތެރިކަމެއްކަން ތަޞައްވުރު ކުރެވިގެން، އެކަން ކުރިއަށްގެންދާ ކަމަށްވަންޏާ، އަޅުގަނޑު ހިތުން ވަރަށް ޢަމަލީގޮތެއްގައި އެކަން ކުރެވިދާނެ.

ޚަޠުމާ - ޓީ.ވީ މޯލްޑިވްސް:

މަނިކުފާނު ކުރީގައި ދެއްކެވި ވާހަކަފުޅުގައިވެސް ވިދާޅުވެފައިވޭ، މި ރާއްޖޭގެ އަދި ޚާއްޞަކޮށް، މާލޭގެ އާބާދީ އިތުރުވަމުންދިޔުމާ ގުޅިގެން، އުކާލަންޖެހޭ ކުނި އިތުރުވަމުންދިޔުން، އަދި ކުނީގެ ސަބަބުން ވަރަށް ގިނަ ގެއްލުންތައް ލިބެމުންދާކަން. ދެން ކުނީގެ މައްސަލަ ޙައްލުކުރުމާ ބެހޭގޮތުން އިތުރު ފިޔަވަޅުތަކެއް އަޅުއްވަން ޤަޞްދުކުރައްވަމުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ވަރަށްގިނަ ފިޔަވަޅުތަކެއް އެޅެމުން އެބަދޭ. ދެން ކުނީގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް. އެއީ މާލޭގެ އާބާދީ އެހާބޮޑުތަން އިތުރުވެފައިވާތީ، އުކާލަންޖެހޭ ކުނި ވަރަށްގިނަ. އެންމެ ޢަމަލީގޮތެއް ކަމުގައި ފެނިގެން މިއުޅެނީ ކުނި އަންދާ މެޝިން. އެކަށީގެންވާވަރުގެ މެޝިންތަކެއް މާލެ ގެނެވިގެން، އެ މެޝިންތައް ބޭނުންކޮށްގެން ކުނި އަންދާލީމާ ކަމަށް ފެންނަނީ، މިކަން ޙައްލަކަށް ގެނެވޭނީ. އެހެންނަމަވެސް، އެއީ ވަރަށް އަގުބޮޑު ތަކެތި. އެކަމާބެހޭ ހޯދުންތައް ސަރުކާރުން ހޯދަމުން ގެންދާތާ ވަރަށްގިނަ ދުވަސްވެއްޖެ. ތަފާތު ފަރާތްތަކުން އެކިއެކި ހުށަހެޅުންތައް ލިބިފައިވެސްވޭ. އެ ހުށަހެޅުންތައް ބަލައި، އެންމެ ރަނގަޅު ހުށަހެޅުމަކީ ކޮބައިތޯ ބަލަމުން ސަރުކާރުން މިހާރު މިގެންދަނީ. ޚަރަދުގެ ގޮތުން ބަލާއިރު، ވަރަށްބޮޑު ޚަރަދެއް އެކަމަށް ހިނގާނެ. އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުގައި، ގާތްގަނޑަކަށް އެއް މިލިއަން ނުވަތަ 1.5 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ. މިކަހަލަ އިންތިޒާމެއް ފުރަތަމަ ހަމަޖައްސަން އެއީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ. އަޅުގަނޑުމެންގެ ސަރުކާރުގެ ބަޖެޓުން އެވަރަށް ޚަރަދުކުރެވޭކަށް ނުވެސް އޮންނާނެ. އެހެންވީމާ، މިކަމުގައިވެސް ކޮންމެވެސްގޮތަކުން ބޭރުގެ އެހީ ހޯދަންވެސްޖެހޭ. އަދި އެހީއެއް ނުލިބުނު ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ވެވުނުވަރަކުން ކުރަންވެސް އެބަޖެހޭ. އެހެންވީމާ، ޚަރަދުގެ ގޮތުން ބަލާއިރުވެސް، ވަރަށްބޮޑު ކަމެއް އެކަމަކީ. އެހެންވީމާ، ލަސްވެގެން މިދަނީ. އެހެންނަމަވެސް، އެކަމަކީ ސަރުކާރުން ކުރަން ނިންމާފައި އޮތް ކަމެއް. އަދި އެކަމާ ބެހޭގޮތުން، މިދެންނެވި ގޮތުގެ މަތިން މިހާރުދަނީ މަސައްކަތްވެސް ކުރެވެމުން.


ނަޝީދު - ޓީ.ވީ މޯލްޑިވްސް:

މަނިކުފާނު ދެންމެ ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގިއްޖެ، ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާކަން، އަދި ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަން، ޢާންމުންގެ މެދުގައި ތިމާވެށްޓާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް. ދެން މީގެ އިތުރުން، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް، ތިމާވެށި ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންވެސް ދެންމެ ވިދާޅުވެއްޖައީމު، ތިމާވެށީގެ ރޮނގުން މީހުން ތަމްރީނުކުރާ ވާހަކަ. އެހެންވީމާ، ވިދާޅުވެދެއްވަފާނަންތޯ ތަންކޮޅެއް ތަފްޞީލުކޮށް، މިކަމަށް ސަރުކާރުން ސަމާލުކަން ދެއްވާ މިންވަރު.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ކުރިން އެހެން ބޭފުޅަކު ކުރެއްވި ސުވާލަކަށް ޖަވާބުދިނުމުގެ ގޮތުން އަޅުގަނޑު ދެންނެވިން، އެބައެއްގެ ސަލާމަތްކަން ހޯދަންޖެހޭނީ އެބައެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސަލާމަތްކަން ހޯދަންޖެހޭނީ އަޅުގަނޑުމެން ކަމަށްވާތީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، ރާއްޖޭގެ ޒުވާނުންގެ ބަޔަކަށް ތަމްރީނު ދޭންޖެހޭނެ. ޝައްކެއްނެތް. އެހެންވީމާ، އެމަސައްކަތް މިހާރު ސަރުކާރުން ގެންދަނީ ކުރަމުން. މިހާރުވެސް ރާއްޖޭގެ ޤައުމީ ތަޢުލީމުގެ މުޤައްރަރުގައި ތިމާވެށްޓާބެހޭ ބައެއްވާނެ. އެއީ އެކަމުގެ ބިންގާ. އެހެންނަމަވެސް، މިހާރު އޮތްވަރަކުން އަދި ނުފެދޭ.

އެހެންވީމާ، އެކަންތައް އެއީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް ދޭ ކަމެއް. މުސްތަޤްބަލްގައި، އިރާދަކުރެއްވިއްޔާ ހަމަ އެކަށީގެންވާ ޢަދަދަކަށް، ރާއްޖޭގެ މީހުންނަށް ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންތައްތަކުގެ ތަމްރީނު ދެވޭނެ. އެމީހުންނަށް ތަމްރީނު ދެވޭގޮތް ސަރުކާރުން އިންތިޒާމުކޮށް ހިންގާނެ. އަދިވެސް އަޅުގަނޑު ދެންނެވިން، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ކަނޑައަޅާ އިޤްތިޞާދީ އަދި އިޖްތިމާއީ އެކިއެކި މަޝްރޫޢުތަކުގައި، ކޮންމެ މަޝްރޫޢެއްގައިވެސް ތިމާވެށްޓާބެހޭ ބައެއް އޮންނަންޖެހޭނެއޭ. އެހެންވީމާ، އެބައި ކުރިއަށް ގެންދާނެ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައި ތިބެންޖެހޭނެ. އެހެންވީމާ، އަޅުގަނޑަށް ދެންނެވެން އަންނަނީ، އެއީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެކޭ. އިރާދަކުރެއްވިއްޔާ، އެކަމާބެހޭ މީހުން ތަމްރީނު ކުރުމަށް މުސްތަޤްބަލުގައި ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދޭނެއޭ.

 
މުޙަންމަދު ސަލީމް - ދުވަހުނޫސް ހަވީރު:

ޢާންމު ރައްޔިތުންނަށް، ތިމާވެށީގެ މުހިންމުކަމާއި، ތިމާވެށި ސަލާމަތްކުރާނެ ގޮތްތައް އަންގައިދޭ މަޢުލޫމާތު ދޭ ޕްރޮގްރާމެއް އުފެއްދުމަށް، ޚާއްޞަކޮށް، ރާއްޖެތެރޭގެ ރައްޔިތުންނަށް ހިންގަވަން ސަރުކާރުން ޚިޔާލު ކުރައްވަމުތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން އެއީ އެންމެ މުހިންމު ކަމަކީ. އެ މަސައްކަތް މިހާރުވެސް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، އެއްވެސް ކަމެއް މިހާރު އަދި އެ ކުރެވެމުންދާ ފެންވަރަށް ކުރީމާ އަދި އެ ހަމަޖެހުނީކީ ނޫން. އެހެންވީމާ، ރާއްޖެތެރޭގެ ރައްޔިތުންނަށް ޚާއްޞަކޮށް، ތިމާވެށްޓާބެހޭ މަޢުލޫމާތުދީ، އެމީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް، ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރަމުންގެންދާނެ. އެކަމުގައި އަޅުގަނޑު ހިތުން ދިވެހިރާއްޖޭގެ އަޑުން ވަރަށްބޮޑު ބައެއް ކުޅުއްވަންޖެހޭނެ. އެއީ ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް އެންމެބޮޑަށް ލިބެނީ މާލޭގެ މީހުންނަށް ނުވަތަ މާލޭގެ ކައިރީގައިވާ ރަށްތަކުގެ މީހުންނަށް ކަމަށްވާތީ. މުޅި ރާއްޖެތެރެއަށް މަޢުލޫމާތާއި އިރުޝާދު ދޭންއޮތް އެންމެ ޢަމަލީ ފަރާތަކީ، ދިވެހިރާއްޖޭގެ އަޑު.

އެހެންވީމާ، އަޑުގެ ފަރާތުން އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭނެ. އަޅުގަނޑު ހިތުން ދެއްވާނެ. ހަމައެއާއެކުގައި، ދުވަހު ނޫސްތައްވެސް. ނޫސްތައް އެހާ ގިނައިން ރާއްޖެތެރެއަށް ނުދިޔަކަމުގައިވިޔަސް، ކޮންމެވެސްވަރަކަށް ދާނެ. އެހެންވީމާ، އެ ވަސީލަތްތަކުން އަޅުގަނޑު ހިތުން ރާއްޖެތެރޭގެ ރައްޔިތުންނަށް ތިމާވެށްޓާބެހޭ މަޢުލޫމާތާއި އަދި ތިމާވެށި ރައްކާތެރިކުރުން އެއީ ކިހާވަރެއްގެ މުހިންމު ކަމެއްކަން ކިޔައިދެވޭނެ. އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކާއި، އެ ބަދަލުތައް އަންނަނީ ކީއްވެގެންކަން ރާއްޖެތެރޭގެ ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އޮޅުންފިލަންވާނެ. އެމަސައްކަތްތައް އަޅުގަނޑު ހިތުން މިދެންނެވި ފަރާތްތަކުން ކުރައްވާނެ.

އާދެ، އަޅުގަނޑު ހިތުން ތިޔަބޭފުޅުން ކުރައްވަންހުރި ސުވާލުތައް ނިމުނީ. އެހެންވީމާ، ކުރިންވެސް ދެންނެވިފަދައިން، މި ފުރުޞަތުގެ ބޭނުންކުރައްވައި މިކަހަލަ ބައްދަލުވުމަކަށް އެދިވަޑައިގަތްކަމަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. މިއަދު ރާއްޖޭގެ ނޫސްތަކުގެ ލިޔުންތެރިންނާއި އަދި ޚަބަރުފަތުރާ އެހެން ވަސީލަތްތަކުގެ މަންދޫބުންނާ ބައްދަލުކޮށްލަން މި ލިބުނު ފުރުޞަތަކީ ވަރަށް އުފާވެރި ފުރުޞަތެއް. އެހެންވީމާ، އެކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

والسّــلام عليــكم.