ގެމްބިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސަލަންސީ މުސްތަފާ ޖަވާރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ގެމްބިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާ ގެމްބިޔާގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށާއި، ދެޤައުމުން ހިއްސާކުރާ، އިސްލާމީ އަދި ތާރީޚީ ގުޅުންތަކާއި، ދިމިޤުރާތީ އަސާސްތަކުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ޤައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން ދެބޭފުޅުން ވަނީ، ދެޤައުމަށް ފައިދާހުރި، ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ފުރުޞަތުތައް އިތުރު ކުރުމާއި ގުޅޭ ގޮތުން މުހިއްމު މައުޟޫއުތަކަށް ވާހަކަފުޅުދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރޮހިންޔާ ދަރިކޮޅުގެ މީހުންގެ ހައްޤުތައް ހޯދައިދިނުމަށްޓަކައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ގެމްބިޔާއިން ހުށައަޅާފައިވާ މައްސަލައަށް، ރާއްޖެއިން ތަދައްޚުލްވެފައިވުމަކީ، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއާ ގެމްބިޔާއިން ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމުގައި ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި، ގެމްބިޔާ ސަފީރު މުސްތަފާ ޖަވާރާ ވަނީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން، ދެޤައުމުގެ މެދުގައި މަޢުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް، ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުޤުވެރިިކަންވެސް ފާޅުކުރައްވާފައެވެ. ގެމްބިޔާގެ ސަފީރާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށައެޅުވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގެމްބިޔާއާ އެކު ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އޮޅުންފިލުއްވައި ދެޤައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި ކުރިޔަށް ދިޔުމަށް މަރުޙަބާ ދަންނަވާކަމުގައި ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާ އާއި ގެމްބިޔާގެ އާ ސަފީރު ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ދިވެހިރާއްޖެއިން ގެމްބިޔާ އާއި އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 3 ޖުލައި 1989ގައެވެ.