މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އޭދަފުށީގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު ހައްލުކުރަން ބޭނުންވާ މައްސަލަތައް ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ ދަތިކަމާއި، ރަށް ހިމާޔަތްކުރުމަށް ލާފައިވާ ރިވެޓްމަންޓް މަރާމާތުކުރަން ބޭނުންވެފައިވާކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ބޭނުންވާކަމާއި ކައުންސިލް އިދާރާގެ އިމާރާތް ދުވަސްވެ ބާވެފައި ހުރުމުން ކުރިމަތިވާ ދަތިތަކާއި އަދި ބ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް އުމުރާނީ ގޮތުން ހޮސްޕިޓަލަށް ބޭނުންވާކަންކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ މަގުހެދުމުގެ މަސައްކަތުގައި ފުރިހަމަނުވެ ހުރި މަސައްކަތްތައް އަވަހަށް ނިންމުމާއި މިހާރު ނުހަދާހުރި މަގުތައް ތަރައްޤީކުރަން ބޭނުންވާކަމާއި އަދި ފުޓްސަލް ދަނޑުފަދަ ޒުވާނުންނާއި ރަށުގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާކަންކަން ކައުންސިލު މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އޭދަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ އެރަށަށް ހޭންޑްބޯލް ކޯޓެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އޭދަފުށީ ކައުންސިލާއެކު މީގެ ކުރިން އެމަނިކުފާނު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގިނަ ކަންކަން ސަރުކާރުން މިހާރު ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އޭދަފުށީ ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.