السّــلام عليــكم.

ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނުން އިންތިޒާމު ކުރައްވައިގެން މިހާރު އެހިންގަވާ ނޫސްވެރިކަމުގެ ތަމްރީނު ދެއްވުމުގެ ކޯހަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ބޭނުންތެރި ކޯހެއް. އަޅުގަނޑުމެންގެ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ފަރާތްތަކެއް މިހާރު އެބަ ތިއްބެވި. އޭގެ ތެރޭގައި، ކަމަށް ވަރަށް އެކަށީގެންވާ ބޭފުޅުންވެސް އެބަ ތިއްބެވި. ކަމުގެ މަޢުލޫމާތާއި ތަޖުރިބާ ހޯއްދަވާފައި ތިއްބަވާ ބޭފުޅުންވެސް އެބަ ތިއްބެވި. އޭގެ އިތުރުން، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ވަރަށް ގިނަބަޔަކު މިހާރު ނޫސްވެރިކަމުގެ މަސައްކަތަށް ޝައުޤުވެރިކަން ބަހައްޓާ. އަދި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އެބަ ގެންދޭ.

އެހެންވީމާ، ނޫސްވެރިކަމަކީ އެހެން ފަންނުތަކެކޭ އެއްފަދައިން، އޭގެ އުޞޫލުތައް ދަސްކޮށްގެން، އެކަމާބެހޭ ފުރިހަމަ މަޢުލޫމާތާއި ތަޖުރިބާ ހޯދައިގެން އެކަމުގައި ކުރިއަށް ދެވޭނެ ކަމަކަށްވާތީ، އަޅުގަނޑު ދެކެނީ މިފަދަ ކޯސްތައް ބޭއްވުން މިއީ، ވަރަށް މުހިންމު ކަމެއް ކަމުގައި. މީގެ ސަބަބުން މި ކޯހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް އާދެ، ތިޔަބޭފުޅުންނަށް، އަޅުގަނޑު އުންމީދު ކުރަނީ އެކަށީގެންވާ ފައިދާތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް. އަދި އެ ލިބިވަޑައިގަންނަވާ ފައިދާތަކުގެ ސަބަބުން ތިޔަބޭފުޅުން މިހާރުވެސް ތިޔަ ކުރައްވަމުން ގެންދަވާ ނޫސްވެރިކަމުގެ މަސައްކަތަށް އިތުރު ކުރިއެރުމާއި ތަރައްޤީވެސް ލިބެމުންދާނެ ކަމަށް.

އާދެ، މި ކޯހުގައި ދެކަމަކާ ދޭތެރޭގައި ވާހަކަ ދެއްކުމަށް، އަޅުގަނޑާ ވަނީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ޙަވާލުކުރައްވާފައި. އެއްކަމަކީ، ދުނިޔޭގެ ނޫސްވެރިކަމުގެ ދާއިރާތަކުގައި ގެންގުޅޭ އުޞޫލު. އަނެއްކަމަކީ، ދިވެހި ސަރުކާރުން ނޫސްވެރިކަމާ ބެހޭގޮތުން ގެންގުޅޭ ސިޔާސަތު. އާދެ، މި ދެ މައުޟޫޢާ ބެހޭގޮތުން ޑިޕާޓްމަންޓުން ހަމަޖައްސަވާފައިވާ ޕްރޮގްރާމްގައި ވިދާޅުވެފައިވަނީ، މި ދެ މައުޟޫޢާ ބެހޭގޮތުން އަޅުގަނޑު ކުރަންވީ ކަމަކީ ތިޔަބޭފުޅުންނަށް އިރުޝާދު ދިނުން ކަމުގައި. "އިރުޝާދު" އެ ލަފްޡު އެއީ، މިތާނގައި އަޅުގަނޑު މާބޮޑަށް ބޭނުންކުރާހިތްވާ ލަފްޡެއް ނޫން. އެއީ، އަޅުގަނޑު މިހުރި މަޤާމުގެ ގޮތުން، އިރުޝާދު ދިނުމޭ ބުނީމާ އެހެންކަހަލަ މާނައެއް އެއިން ދޭހަވެދާނެތީ. އެއީ ވަކިގޮތަކަށް ކަންތައް ކުރައްވަން ދަންނަވަނީ ކަމަށް ހީކުރެވޭ ގޮތެއް ވެދާނެ، އެއެއް ނޫން އަޅުގަނޑުގެ މަޤްޞަދަކީ. އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑު ވާހަކަ ދައްކަން ޤަޞްދުކުރާ ދެ މައުޟޫޢާ ދޭތެރޭގައި، އަޅުގަނޑަށް ލިބިފައި ހުރި ކޮންމެވެސް މަޢުލޫމާތުކޮޅެއް ތިޔަބޭފުޅުންނަށް އެރުވުން.

އާދެ، އެންމެ ފުރަތަމަ، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ ދާއިރާގައި ނުވަތަ ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ދާއިރާގައި ގެންގުޅޭ އުޞޫލު. އެކަމާ ދޭތެރޭގައި ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ އަޅުގަނޑުމެން ބަލައިލަން އެބަޖެހޭ ނޫސްވެރިކަމަކީ، ކޮންކަމެއްތޯ. އާދެ، އަޅުގަނޑު މިއަދު ވާހަކަދައްކާއިރުވެސް، އަދި އިރާދަކުރެއްވިއްޔާ، އަދި އެއްދުވަހު އަންނަން އޮތުމާއެކު، އެދުވަހު ވާހަކަދައްކާއިރުވެސް، ތިޔަބޭފުޅުންނަށް މިހާރުވެސް ހިސާބަކަށް އެނގިވަޑައިގަންނަވާ ބައެއް ވާހަކަތައް ދެންނެވޭގޮތް ވެދާނެ. ތިޔަބޭފުޅުންނަށް މިހާރުވެސް ލިބިވަޑައިގެންފައިވާ ބައެއް މަޢުލޫމާތު އަޅުގަނޑަށް އަނެއްކާވެސް ދެންނެވޭގޮތް ވެދާނެ. އެކަމަށް ވަރަށްބޮޑަށް މަޢާފު އެދެން. އެހެންނަމަވެސް، އަޅުގަނޑު ދައްކާ ވާހަކަވެސް އަޅުގަނޑު ބޭނުންވަނީ އެވާހަކަތަކާ ގުޅިގެން ގެންދަން. އެހެންވީމާ، އެކަހަލަ ގޮތެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް.

އާދެ، ނޫސްވެރިކަމަކީ ކޮން މަސައްކަތެއްތޯ ބަލައިލާއިރު، އެއީ ވަރަށް ބޮޑަށް ތަރައްޤީވަމުން އައިސްފައިވާ މަސައްކަތެއް ކަމަށް ދަންނަވަންޖެހޭ. ނޫސްވެރިކަން ދުނިޔޭގައި ފެށިގެން އައިގޮތާއި މިހާރާ ވަރަށްބޮޑަށް ތަފާތު. އަޞްލުގައި އެ މަސައްކަތަކީ، ޚަބަރު އެއްކުރުމާއި، މަޢުލޫމާތު އެއްކުރުމާއި، އެ ޚަބަރާއި މަޢުލޫމާތު ލިޔުމާއި، އެ ޚަބަރާއި މަޢުލޫމާތު ލިޔެފައި އޮންނަ ލިޔުން އެޑިޓް ކުރުމާ، މިކަންތައްތައް. މި މުހިންމު ތިން މަސައްކަތަށް އެހެން މިކިޔަނީ. އެންމެ ފުރަތަމަ ޚަބަރު އެއްކުރުން. ނުވަތަ ކަމަކާބެހޭ މަޢުލޫމާތު އެއްކުރުން. "ފެކްޓް ފައިންޑިންގ" ކަމާބެހޭ ޙަޤީޤަތްތައް، ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުން. ދެވަނަ ކަމަކަށް، އެ ލިޔުން، ރިޕޯޓެއްގެ ސިފައިގައި، ބަޔާނެއްގެ ސިފައިގައި، ނިއުސް ސްޓޯރީއެއްގެ ސިފައިގައި ލިޔުން. ތިންވަނަ ކަމަކަށް މި އޮންނަނީ އެ އެޑިޓް ކުރުން. އެއީ ފުރަތަމަ ލިޔާގޮތާއި، ފަހުން ޝާއިޢުވެގެން ނުކުންނަގޮތާ ތަފާތުވެދާނެ. ބައެއްފަހަރަށް ތަފާތުވާންވެސްޖެހޭ. އެހެންވީމާ، އެ ޚަބަރު ފުރަތަމަ ލިޔާގޮތާއި، ޝާއިޢުވެގެން އަންނަގޮތާއި، އެ ބަދަލުވެގެން އަންނަގޮތް، އެބަދަލުކުރަންޖެހޭ ޖެހުން، އެއީ އެޑިޓް ކުރުމަކީ.

ދެން އެންމެ ކުރިން ނޫސްވެރިކަން ފެށިގެން އައި ދައުރުގައި، މިދެންނެވީ މިދިޔަ ޤަރުނުގައި، 19 ވަނަ ޤަރުނުގެ ތެރޭގައި، އޭރު އަދި ރޭޑިޔޯ ބްރޯޑްކާސްޓް ކުރާކަށް ނުފެށޭ. ޓެލެވިޜަނެއްވެސް ނުފެށޭ. އެހެންވީމާ، ނޫސްވެރިކަން އޭރު އޮތީ ހަމައެކަނި ނޫސް މަޖައްލާތައް ޝާއިޢު ކުރުމާއި، ނޫސް މަޖައްލާތަކުގައި މިދެންނެވިފަދަ ޚަބަރުތައް ޖެހުމާއި، އެކިއެކި މަޢުލޫމާތު ހިމެނޭ ބަޔާންތައް ޖެހުމާ، މި ކަންތައްތައް ކުރުން. އެއީ ނޫސްވެރިކަމުގެ ދާއިރާގައި ހިމެނޭ ކަމަކަށް އޭރު އޮތީ. އޭގެފަހުން ރޭޑިޔޯ ބްރޯޑްކާސްޓަށް، ރޭޑިޔޯގެ ޒަރީޢާއިން ފޮނުވާ ޚަބަރާއި، ފޮނުވާ މަޢުލޫމާތާއި އަދި ފޮނުވާ ޚިޔާލުތައް ނޫސްވެރިކަމުގެ ދާއިރާއަށް ވަދެއްޖެ. އަދި އޭގެވެސް ފަހުން، މި ޤަރުނުގެ ތެރޭގައި ވަރަށް ފަހުން ޓެލެވިޜަންގެ އެފަދަ ޚިދުމަތްތައްވެސް ނޫސްވެރިކަމުގެ ދާއިރާއަށް ވަދެއްޖެ. ޓެލެވިޜަންގެ ޚަބަރު ފޮނުވުން. ޓެލެވިޜަނުން ފޮނުވާ ޕްރޮގްރާމްތައް، އެކިއެކި މަޢުލޫމާތު ދޭ ޕްރޮގްރާމްތައް، އެކިއެކި މައްސަލަތަކާ ދޭތެރޭގައި ވާހަކަދައްކާ، އެ ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޚިޔާލުތައް ހާމަކޮށްދޭ ޕްރޮގްރާމްތައް، އެވެސް ވެއްޖެ ނޫސްވެރިކަމުގެ ދާއިރާގެ ކަމަކަށް. އެހެންވީމާ، ނޫސްވެރިކަމުގެ ދާއިރާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފައި.

ދެން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ނޫސްވެރިކަމަކީ ވަރަށް މުހިންމު މަސައްކަތެއް. ނޫސްވެރިކަމަކީ، މިދެންނެވި މާނައިގައި، އެއީ ޚަބަރުފަތުރާ ހުރިހާ ވަސީލަތްތަކެއް ހިމެނޭގޮތަށް މާނަކުރާނަމަ، ނޫސް މަޖައްލާތަކާއި ރޭޑިޔޯ ޓީ.ވީ.އާ، މި ހުރިހާ އެއްޗެއްގެ ޚިދުމަތް. "މާސް މީޑިއާ" ޚަބަރުފަތުރާ ބޮޑެތި ވަސީލަތްތަކުގެ ޚިދުމަތް އެކުލެވޭގޮތަށް ބުނާކަމަށްވަންޏާ، އެއީ ތަނެއްގެ ޢާންމު ޚިޔާލު "ޕަބްލިކް އޮޕީނިއަން" ބަދަލުކޮށްލުމަށް ބޭނުންކުރެވޭ ހަތިޔާރަކަށްވެސް އޮތީ ވެފައި. ޕަބްލިކް އޮޕީނިއަން އަށް ނުވަތަ ޢާންމު ރައްޔިތުންގެ ޚިޔާލަށް ވަރަށް ބޮޑަށް އަސަރުކުރުވާ ވަސީލަތަކަށް ނޫސްވެރިކަން މިހާރު އޮތީ ވެފައި. މިހާރު އެކަންޏެއް ނޫން. މިދިޔަ ޤަރުނުގެ ތެރޭގައިވެސް އެކަން އޮތީ އެހެން. އަދި ދުނިޔޭގެ ޢާންމު ރައުޔު "ވާރލްޑް ޕަބްލިކް އޮޕީނިއަން" ދުނިޔޭގެ ޢާންމު ރައުޔު ނުވަތަ ދުނިޔޭގެ ޢާންމު ޚިޔާލު، އެއަށް އެކިއެކި ބަދަލު ގެނައުމާއި، ދުނިޔޭގެ މީހުން އެކިއެކި ކަންކަމާ ދޭތެރޭގައި ޚިޔާލުކުރާގޮތް، ވަކިގޮތަކަށް ގެންދިޔުމަށްވެސް ނޫސްވެރިކަން ވަރަށްބޮޑު ބައެއް ކުޅޭ.

އާދެ، އަޅުގަނޑު ދެތިން މިސާލެއް ދަންނަވާލާނަން. މިދަންނަވާ މިސާލުތަކަކީ އޭގެ ވަރަށް މައްޗަށް ގޮސްފައިވާ މިސާލުތަކެއް. އެކްސްޓްރީމް މިސާލުތަކެއް. އެހެންނަމަވެސް، އެއިން ނޫސްވެރިކަމުގެ އަސަރު ވަރަށް ރަނގަޅަށް ތިޔަބޭފުޅުންނަށް ފިލާވަޑައިގަންނަވާނެ. އެއިން، މިދެންނެވި މިސާލުތަކުގެ ތެރެއިން އެއް މިސާލަކީ "ސްޕެނިޝް އެމެރިކަން ވޯރ" ސްޕެއިނާއި އެމެރިކާއާ ދޭތެރޭގައި ކުރެވުނު ހަނގުރާމަ. އެއީ 1898 ވަނަ އަހަރު ކުރެވުނު ހަނގުރާމައެއް. އެ ހަނގުރާމަ ކުރެވުނީ ކިޔުބާގައި. ކިޔުބާއަކީ މަޝްހޫރު ތަނެއް، ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ. މިހާރު ޕްރެޒިޑެންޓް ފިޑެލް ކާސްޓްރޯ އެތާނގެ ރައީސަކަށް ހުންނަވަނީ. އޭރު ކިޔުބާ އޮތީ ސްޕެއިން މީހުންގެ އަތްދަށުގައި އޮތް ކްލޮނީއެއްގެ ގޮތުގައި. އެމީހުން އިސްތިޢުމާރުކޮށްފައި އޮތް ތަނެއް ގޮތުގައި.

ދެން ވީގޮތަކީ، އެތާނގައި އަށާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި، މިހާރުވެސް ދުނިޔޭގެ އެތަން މިތާނގައި މިނިވަންކަން ހޯދުމަށް މަސައްކަތް ކުރާ މީހުން އެކުރާފަދަ މަސައްކަތްތަކެއް ބަޔަކު ފެށި. ފިލާތިބެގެން ހަނގުރާމަ ކުރަން ފެށީ ސްޕެއިން ސިފައިންނާ. އެކަހަލަ ޙަރަކާތްތަކެއް ފެށީމާ، ސްޕެއިން ސިފައިންނަށް ޖެހުނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ މީހުންނަށް އަނިޔާލިބި، ވަރަށް ގިނަ މީހުން ބަންދުކޮށް، ޖަލަށްލައި، އެކަހަލަ ވަރަށް ގިނަ ކަންތައްތައް ސްޕެއިން ސިފައިން ހިންގި. މި ޚަބަރުތައް އެމެރިކާއަށް ލިބުނީމާ، ނިއުޔޯކުގެ މަޝްހޫރު ދެ ނޫހެއް އެދުވަސްވަރު، އެއް ނޫހަކަށް ކިޔަނީ "ޖާރނަލް" އަނެއް ނޫހަކަށް ކިޔަނީ "ވާރލްޑް"، އެހެންކިޔާ ދެ ނޫހަކުން ވަރަށް ޚާއްޞަ ގޮތެއްގައި މި ސްޕެއިން މީހުންގެ އަނިޔާތަކުގެ ވާހަކަތައް ނޫހުގައި ޖަހަންފެށި. އެމީހުން ޖެހީކީ ހަމައެކަނި އެކަންތައްތައް ހިނގާގޮތަކަށް ނޫން، މާ ބޮޑުކޮށްގެން، އެތައް ގުނައަކަށް އިތުރުކޮށްގެން. އޭގެ ނަތީޖާއަކަށްވީ އެމެރިކާގެ ޢާންމު ރައްޔިތުންގެ ޚިޔާލު ވަރަށްބޮޑަށް ހޫނުވެގެން އައުން. ސްޕެއިން މީހުން އެކުރާ ކަންތައްތައް ހުއްޓުވަންޖެހޭނެ ކަމުގެ ޚިޔާލު، އެމެރިކާ ކޮންމެ ގޮތަކުން ނަމަވެސް، މިކަމުގެ ތެރެއަށް ވަދެގެން ސްޕެއިން ސިފައިން އެކުރާ އަނިޔާތައް ހުއްޓުވައި، ކިޔުބާ މިނިވަން ކުރަންޖެހޭނެ ކަމުގެ ޚިޔާލު ވަރަށް ބޮޑަށް ރައްޔިތުންގެ ތެރޭގައި އުފެދިގެން އައީ. އެންމެ ފަހުން 1898 ވަނަ އަހަރު އެމެރިކާއަށް ޖެހުނީ ހަނގުރާމަ ކުރަން. މި މަސައްކަތް އެންމެ ބޮޑަށް ކުރި ފަރާތަކީ، "ވިލިއަމް ރެންޑޯޒް ހާސްޓް" ކިޔާ މީހެއް. ވިލިއަމް ރެންޑޯޒް ހާސްޓް، އޭނާ އެއީ، މިދެންނެވި ދެ ނޫހުންކުރެ "ޖަރނަލް" ކިޔާ ނޫހުގެ އެޑިޓަރ. އޭނާ ހަމަ ގަސްތުގައި ވަރަށް ގިނަ ކަންތައްތައް، ނުހިނގާ ކަންތައްތައް ހިނގިކަމަށް ލިޔެ، އަދި ހިނގާފައި ހުންނަ ކަންތައް އެއަށްވުރެ ބޮޑުކޮށްގެން ލިޔެ، މީހުންގެ ޚިޔާލުތައް މުޅިން ސްޕެއިނާ ދެކޮޅަށް އުފައްދައި އަދި އެމެރިކާ ސަރުކާރުން ހަނގުރާމައަށް ވަނުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ނޫހުގައި ޖަހަމުން ގެންދިޔައީ. އަދި އެހަނގުރާމަ ފެށުމުން އޭނާ ނޫހުގައި ޖެހިކަމަށްވޭ "ޖަރނަލް" މިފެށި ހަނގުރާމައާ ދޭތެރޭގައި ތިޔަބޭފުޅުންގެ ޚިޔާލުފުޅަކީ ކޮބައިތޯއޭ، ބޮޑު ސުރުޚީގައި، ފަލަ ސުރުޚީން އެއްފަހަރަކު އެހެން ޖަހާލާފައި އޮތްކަމަށްވެސްވޭ. އަދި އޭނާގެ ރިޕޯޓަރު، ކިޔުބާގައި ހުންނަ ރިޕޯޓަރު ފޮނުވި މެސެޖެއްގައި ބުނަނީ، ރިޕޯޓަރު އެތަނަށް ގޮސް ބެލިއިރު ނޫހުގައި ޖަހާވަރަކަށް އެކަންތައްތަކެއް ނުހިނގައޭ.

އެހެންވީމާ، ރިޕޯޓަރު މި ފޮނުވަނީ، ތިމަންނާ ފޮނުވާނެ މާގިނަ ޚަބަރުތަކެއް ނެތޭ. މިހެން އެންގީމާ މިދެންނެވި ހާސްޓް (އޭނާ އެއީ އެ ނޫހުގެ އެޑިޓަރ)، އޭނާއަށް މެސެޖެއް ފޮނުވަނީ. "ޕްލީޒް ރިމެއިން". ތިތާނގައި ހުންނާށޭ. "ޔޫ ސަޕްލައި ދަ ޕިކްޗަރސް އެންޑް އައި ވިލް ސަޕްލައި ދަ ވޯރ" އެހެން ޖަވާބުދެނީ. ކަލޭ ތިޔަ ތާނގައި ހުންނާށޭ، ހުރެފައި ކަލެއަށް އަތުޖެހުނު ފޮޓޯތަކެއް ތިމަންނާއަށް ފޮނުވާލަދޭށޭ. އޭރުން ތިމަންނާ މިއިން ހަނގުރާމައެއް އުފައްދާނަމޭ. އެހިސާބުން އެކަންތައް ދިޔައީ. ދެން ހަނގުރާމަ ކުރެވުނީ އިނގޭތޯ. ތިންހަތަރު މަސްދުވަހުގެ ހަނގުރާމައެއް. އޭގެފަހުން ސްޕެނިޝް ސިފައިން ދެރަވެ، އޭރުގައި ބުނާގޮތުންވިއްޔާ، ދެން ކިޔުބާ މިނިވަންވެ، މިނިވަން ޤައުމަކަށްވީ. އެހެންނަމަވެސް، އޭގެ ބަދަލުގައި އެމެރިކާ ސިފައިން ކިޔުބާގައި ތިބީ. އެއީ އެއް މިސާލު.

އަނެއް މިސާލަކަށް ދަންނަވާލަން އޮތީ، ދެވަނަ ބޮޑުހަނގުރާމައިގެ މިސާލު. އެއީ، ނާޒީ- ޖަރމަނީ ފެށި ހަނގުރާމަ، ހިޓްލަރު ފެށި ހަނގުރާމަ. އެ ހަނގުރާމައަށް ތައްޔާރުވަމުން އައިއިރު، ހިޓްލަރުގެ ރޭވުމުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އޮފް ޕްރޮޕެގެންޑާ ކިޔާ މިނިސްޓްރީއެއް ހުރުން. އަދި މިނިސްޓަރ އޮފް ޕްރޮޕެގެންޑާއެއް އޭނާ ޢައްޔަނުކޮށްފައި ހުރި. އެއީ މަޝްހޫރު ޖޯޒެފް ބޮއިބެލްސް. ޖޯޒެފް ބޮއިބެލްސް ހުރީ މިނިސްޓަރ އޮފް ޕްރޮޕެގެންޑާގެ މަޤާމުގައި. އެ މިނިސްޓްރީގެ މަސައްކަތަކީ ޖަރުމަނުގެ ޢާންމު ރައްޔިތުންގެ ޚިޔާލު ނާޒީގެ އުޞޫލަށް ލެންބުން. ވަރަށް ހުނަރުވެރި، ލިޔާޤަތްތެރި މީހެއް ބޮއިބެލްސަކީ. ވަރަށް މޮޅަށް އެކަންކުރި ކަމަށް ހުރިހާ ފޮތްތަކަކުންވެސް ފެންނަން ހުރީ. ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްގެން ޖަރުމަނުގެ ރައްޔިތުން، ހުރިހާ އެންމެންހެން ނާޒީ އުޞޫލަށް ތަބަޢަކުރުވައި، ހިޓްލަރަށް ތާއީދުކުރާ މީހުން ކަމުގައި ހައްދައި އަދި އެ ހަނގުރާމައިގެ ތެރޭގައިވެސް އެހާ ބޮޑުބައެއް ކުޅުނު. ހަމަ އެއާ އެއްގޮތަށް، މިދެންނެވީ ބޮއިބެލްސް އެކުރި ހުރިހާ ކަމެއް ރައްޔިތުންނާ ހަމައަށްދިޔައީ ނޫސްވެރިކަމުގެ ޒަރީޢާއިން. ނޫސްތަކުގައި އޭނާގެ ސްޕީޗްތައް ޖަހައި، ރޭޑިޔޯއިންވެސް އެވާހަކަތައް ފޮނުވައި، އޭނާގެ ސްޕީޗްތައް ފޮނުވައި، އެހެން ހެދީމާ ޢާންމު ރައްޔިތުންގެ ޚިޔާލު މުޅީން އެގޮތަށް ބަދަލުވެގެންދިޔައީ. އެއީ ދެވަނަ މިސާލު.

ތިންވަނަ މިސާލަކަށް އަޅުގަނޑު ދަންނަވާލަން ޤަޞްދުކޮށްފައި އޮތީ، ތަންކޮޅެއް ފަހުގެ މިސާލެއް. އެއީ 1950ގެ އަހަރުތަކުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއް. އެނގިވަޑައިގަންނަވާނެ ފަދައިން، 1952 ވަނަ އަހަރު، މިޞްރުގައި ވަރަށްބޮޑު އާރމީ އިންޤިލާބެއް އައި. އެ އިންޤިލާބުގެ ވެރިޔަކަށް ހުންނެވީ ޖަމާލް ޢަބްދުއްނާޞިރު. ފުރަތަމަ މިޞްރު އޮތީ ރަސްކަމެއްގެ ސިފައިގައި. އޭނާ ވަޑައިގެން، މިޞްރު، ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކޮށްލެއްވި. އަދި ވަރަށް ދިގު މުއްދަތެއްގައި އިނގިރޭސި ސަރުކާރާ ވާހަކަދައްކަވައި ހައްދަވައިގެން، މިޞްރުގައި ތިބި އިނގިރޭސި ސިފައިން މިޞްރުން ބޭލުވީ. ދެން ޖަމާލް ޢަބްދުއްނާޞިރުގެ އެންމެބޮޑު އެއް އުންމީދަކީ ހުރިހާ ޢަރަބި ޤައުމުތަކެއް އެއް ޤައުމަކަށްވުން. އޭނާ ޤަބޫލުކުރައްވާ ގޮތުގައި ޢަރަބިންނަކީ، އެއް އުންމަތެއްގެ އަހުލުވެރިން. އެހެންވީމާ، ޢަރަބި ޤައުމުތައް އޮންނަންވާނީ، ވަކިވަކި ޤައުމުތަކުގެ ސިފައެއްގައެއް ނޫން. ހުރިހާ ޤައުމުތައް އޮންނަންވާނީ އެއް ޤައުމެއްގެ ގޮތުގައި. އެހެންވީމާ، ޢެރެބް ޔުނިޓީއަށް އޭނާ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އެންމެ ބޮޑު ބައެއް އަދާކުރި އެއްޗަކީ އޭރު އޭނާ އުފެއްދެވި ރޭޑިޔޯ ސްޓޭޝަނެއް، ޤާހިރާގައި. އެތަނަށް ކިޔަނީ "ސައުތުލް ޢަރަބް" ޢަރަބީންގެ އަޑު. "ޢަރަބީންގެ އަޑު" އެހެން ކިޔައި ރޭޑިޔޯ ސްޓޭޝަނެއް އުފައްދަވައި، އެ ރޭޑިޔޯގެ ޒަރީޢާއިން ފޮނުވަން ފެށި ޕްރޮގްރާމްތަކެއްގެ ސަބަބުން މުޅި ޢަރަބި ދުނިޔޭގެ އެންމެން މިދެންނެވި ޚިޔާލަށް ތާއީދުކުރަން ފެށި. އޭރު އެމީހުން ބުނާގޮތުން، އެޓްލާންޓިކް ކަނޑުން ފެށިގެން ޕާރޝަން ގަލްފް، ފާރިސީ ކަނޑާ ދޭތެރޭގައި އެއޮތީ ޢަރަބި ދުނިޔެ.

އެހެންވީމާ، އެހާބޮޑު ސަރަޙައްދެއްގައި ތިބި އެންމެން ކޮންމެ ދުވަހަކު ވަކި ގަޑިއެއްގައި މިދެންނެވި ޢަރަބީންގެ އަޑު، ރޭޑިޔޯ ސްޓޭޝަނަށް ޓިއުންކޮށްގެން އަޑުއަހަން ތިބެނީ. އެ ރޭޑިޔޯއިން އެދައްކާ ވާހަކަތައް އެމީހުންނަށް ޤަބޫލުކުރެވިގެން ވަރަށް ބޮޑެތި ޙަރަކާތްތަކެއް ޢަރަބި ޤައުމުތަކުގައި ހިނގަން ފެށި. ކިތަންމެ ތަނެއްގެ ސަރުކާރު ބަދަލުވެގެންދިޔަ. ވަރަށް ގިނަ ޤައުމުތަކުގެ މީހުން އެއް ޤައުމަކަށްވާން އެދި އެ މަސައްކަތް ވަރަށްބޮޑަށް ކުރި. އޭގެ ނަތީޖާއެއްގެ ގޮތުން، މިޞްރާއި ސޫރިޔާއާ އެއް ޤައުމަކަށްވީ 1958 ވަނަ އަހަރުގެ ތެރޭގައި. އޭގެ ތިން އަހަރު ފަހުން އަދި ވަކިވެގެންދިޔަ ކަމުގައިވިޔަސް. އަދި މިނޫންވެސް ޤައުމުތައް، މިޞްރާއި، ޢިރާޤާއި، ސޫރިޔާއާވެސް އެއްފަހަރު އެއް ޤައުމަކަށް ހެދުމުގެ ޚިޔާލު އިޢުލާނުކޮށް ވަރަށްބޮޑަށް އެ މަސައްކަތް ކުރިއަށްދިޔަ. ކޮންމެއަކަސް އެއީ މިދެންނެވި މީޑިއާގެ ބޭނުންކޮށްގެން، ޞައުތުލް ޢަރަބް ރޭޑިޔޯ ސްޓޭޝަންގެ ސަބަބުން އުފެދުނު ޚިޔާލުތަކެއްގެ ސަބަބުން ހިނގައިދިޔަ ކަންތައްތަކެއް.

އެހެންވީމާ، މިދެންނެވި މިސާލުތަކުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ނޫސްވެރިކަމާއި އަދި ނޫސްވެރިކަމުގެ ދާއިރާގައި ހިމެނޭ މަސައްކަތްތަކުގެ މުހިންމުކަން، ތަނުގެ ރައްޔިތުންގެ ޚިޔާލަށް އަސަރުފޯރުވުމުގައި. މީހުންގެ ޚިޔާލު ބަދަލުވެގެން ހިނގައިދާނެ، ނޫސްތަކުގައި ވާހަކައެއް ޖަހާގޮތަކުން. ނޫނީ ތަކުރާރުކޮށް އެއްވާހަކައެއް، އެއްސިފައެއްގައި ގިނަ ދުވަސްވަންދެން ޖަހަމުން ގެންދާ ކަމުގައިވަންޏާ، ޝައްކެއްނެތް، އޭގެ ސަބަބުން މީހުންގެ ޚިޔާލަށް އަސަރު ކުރާނެ. އެގޮތަށް ޚިޔާލުކުރެވެން ފަށާނެ. އެ ހަތިޔާރު މިހާރު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ގެންދަނީ ބޭނުންކުރަމުން.

ނޫސްވެރިކަމަކީ، މިހާރު މިހާ ވަރުގަދަ ހަތިޔާރަކަށް ވެއްޖެ އެއްޗެއް ކަމުގައިވިޔަސް، އޭގެ އެންމެ ފުރަތަމަ ފެށުން އައީ، ކުޑަކުޑަ ގޮތަކަށް، ކޮންމެ ކަމެއްވެސް ވާގޮތް އެއީ. އިނގިރޭސި ބަހުން ނޫސްވެރިކަމަށް މިކިޔާ ލަފްޡަކީ "ޖާރނަލިޒަމް". އެނގިވަޑައިގަންނަވާނެ، އެ ލަފްޡު ނެގިފައި މިވަނީ "ޖާރނަލް" މި ބަހުން. ޖާރނަލަކީ ޤަވާޢިދުން ނުކުންނަ ނޫހެއް ނުވަތަ މަޖައްލާއެއް. އެބަސް ނެގިފައި އޮތް ކަމަށް، ބަހުގެ މީހުން ބުނަނީ ލެޓިން ބަހަކުން. އެއީ "ޑިއުރު ނާލިސް". އެހެން ކިޔާ ބަހަކުންނޭ "ޖާރަނަލް" ނެގިފައި އޮތީ. ޑިއުރު ނާލީސްގެ މާނައަކީ ދުވަހާބެހޭ ބަޔާނެއް. ޑެއިލީ ރެކޯޑެއް. ކޮންމެ ކަމެއްވެސް އެދުވަހަކު ހިނގިގޮތުގެ ކުރު ބަޔާނަކަށް އެހެން މިކިޔަނީ. އެހެންވީމާ، ފުރަތަމަ އެއީ، ދުވަހު ނޫސްކަމަށް އިޝާރާތްކުރާ ބަހެއް. އެހެންނަމަވެސް، އޭގެފަހުން މިދެންނެވި ޑިއުރު ނާލިސް، އެއިން ނެގިފައި އޮތް "ޖާރނަލް" މިހާރު އަހަރަކު އެއްފަހަރު ނުކުންނަ ނޫހަކަށްވެސް ބޭނުންކުރެވެމުންދޭ. މަހަކު އެއްފަހަރު ނުކުންނަ ނޫހަކަށްވެސް "ޖާރނަލް" އޭ ކިޔާފާނެ.

ދެން، އޮނަވިހި ވަނަ ޤަރުނުގައި ނޫސްވެރިކަން ފެށިގެން ކުރިއަށްދިޔައިރު، ދުނިޔޭގެ ވަރަށް މަޝްހޫރު މީހުން ނޫސްވެރިންގެ ތެރޭގައި ތިބި. އޭގެތެރެއިން އަޅުގަނޑުމެން އެބައެއްގެ ނަން ދަންނަ ކިތަންމެ ބަޔަކުވެސް އެބައުޅޭ. މިސާލަކަށް ޗާލްސް ޑިކަންސް. އެއީ އިނގިރޭސީންގެ މަޝްހޫރު އަދީބެއް. އެނގިވަޑައިގަންނަވާނެ، ޑެނިއަލް ޑެފޯ. އަދި މިޤަރުނުގައި ވިއްޔާ ވިންސްޓްން ޗަރޗިލް އެއީ އިނގިރޭސިވިލާތުގެ ވަރަށްބޮޑު ސިޔާސީ ޒަޢީމެއް. ދެވަނަ ބޮޑުހަނގުރާމައިގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވީ ޗަރޗިލް. އެފަދަ ބޭފުޅުން. އެކިއެކި ސިޔާސީ ލީޑަރުންނާއި އަދީބުންނާއި އަދި އެހެން ގޮތްގޮތުންވެސް މަޝްހޫރު މީހުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައިވޭ. އެމެރިކާގައިވެސް ހަމައެހެން. ބެންޖަމިން ފްރެންކްލިން އެއީ އެމެރިކާގެ ލިޔުންތެރިއެއް އަދި ޑިޕްލޮމޭޓެއް. އޭނާ 18 ވަނަ ޤަރުނުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވި. މާކްޓް ވެއިން، އެއީ އެމެރިކާގެ ވާހަކަލިޔާ މީހެއް. ޚާއްޞަކޮށް، ހެއްވާ ވާހަކަ ވަރަށް ގިނައިން ލިޔެގެން ވަރަށް މަޝްހޫރުވެފައިވާ މީހެއް. 19 ވަނަ ޤަރުނުގައި އޭނާ އެއީވެސް، ހަމަ ނޫސްވެރިކަން ހިންގި މީހެއް. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައި ހުރި މީހެއް. އަދި އެމެރިކާގެ ރައީސެއް. ތިއޯޑޯ ރޫޒްވެލްޓް، އޭނާ އެއީވެސް ނޫސްވެރިކަމުގެ ދާއިރާގައި އުޅުއްވި ބޭފުޅެއް. ތިއޯޑޯ ރޫޒްވެލްޓް، އެއީ އަދި ފްރޭންކްލިން ޑީ. ރޫޒްވެލްޓެއް ނޫން. ފްރޭންކްލިން ޑިލާނޯ ރޫޒްވެލްޓް އެއީ މާފަހުން ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ރައީސަކަށް ހުންނެވި ބޭފުޅެއް. އޭގެކުރިން މިދެންނެވީ، ތިއޯޑޯ ރޫޒްވެލްޓްވެސް އެއީ، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކޭ.

ދެން 19 ވަނަ ޤަރުނުގެ ކުރީކޮޅުގައި ނޫސްވެރިކަން އޮތީ ހަމަ ކޮންމެ މީހަކުވެސް ކުރާގޮތަށް. އެކަމަށް ބޭނުންވާ ކޮންމެ މީހަކުވެސް ހަމަ ނޫހަށް ޚަބަރުވެސް ލިޔަންވީ. މަޒުމޫނުވެސް ލިޔަންވީ. ބަޔާންވެސް ލިޔަންވީ. ދެން އެކަން ދަސްކުރުން އޮތްގޮތަކީ، އޭރު އެކަމުގެ ތެރޭގައި އުޅެގެން ދަސްކުރާގޮތަށް. ފުރަތަމަ ހަމަ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި. ހަމަ ޗާޕުޚާނާގެ ތެރޭގައި އެކިއެކި މަސައްކަތްކުރާ މީހެއްގެ ގޮތުގައި. ނުވަތަ އެކިއެކި ލިޔުންތެރިން ލިޔާ ލިޔުންތައް، ނޫހުގެ އެއް ޔުނިޓަކުން އަނެއް ޔުނިޓަކަށް ގެންގޮސްދިނުން ނުވަތަ ޓައިޕްކުރުން ނުވަތަ އެކަހަލަ ކުދިކުދި މަސައްކަތްތަކުގައި އުޅެގެން އެމީހުން ނޫސްވެރިކަން ދަސްކޮށްފައި އޮތީ. އެކަން އެހެން ހިނގަމުންދަނިކޮށް ނޫސްވެރިކަމަށްވެސް ތަރައްޤީއެއް އައިސް، އެ މަސައްކަތް އެއީ ހަމައެކަނި ކޮންމެ މީހަކަށް ކުރެވޭނެ މަސައްކަތަކަށްވުރެ ބޮޑަށް އެކަން ދަސްކޮށްގެން ތިބޭ ޚާއްޞަ ބަޔަކު ކުރާ މަސައްކަތަކަށް ވާންޖެހޭކަމުގެ ޝުޢޫރުތައް، ޚިޔާލުތައް ފެތުރިގެންދިޔައީ.

އެންމެ ފުރަތަމަ ނޫސްވެރިކަމާބެހޭ ކޯހެއް ޔުނިވަރސިޓީއެއްގައި ހިންގިކަމަށްވަނީ އެމެރިކާގެ ޔުނިވަރސިޓީ އޮފް މިސޫރީ ކިޔާ ޔުނިވަރސިޓީއެއްގައި. އެއީ 1879 އިން 1884 އަށް ހިންގި ނޫސްވެރިކަމާބެހޭ ކޯހެއް. ދެން އެޒަމާނުގައި ނޫސްވެރިކަމުގެ ކޯސް ފުރިހަމަކުރާ މީހުންނާ ދޭތެރޭގައި ނޫސްތައް ހިންގާ ފަރާތްތަކުން ހިސާބަކަށް މަލާމާތްކޮށް ހަދަމުން ގެންދިޔަ. އެއީ އެމީހުންނަށް ފެނުނުގޮތުގައި، ދަސްކޮށްގެން ނުކުންނަ ޒުވާނުންނަކީ ނޫސްވެރިކަމުގެ އެއްވެސް ތަޖުރިބާއެއް ހުރި ބައެއް ނޫން. އެހެންވީމާ، އެމީހުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ނޫސް ހިންގާ ފަރާތްތަކުން ދުށީ. އެހެންނަމަވެސް، ފަހުން ވީގޮތަކީ، ނޫސްވެރިކަމަކީވެސް ވަރަށް ބުރަ މަސައްކަތަކަށް ވެފައި، އަދި ބައެއްކަހަލަ ކަންތައްތަކަކީ، އެކަމުގެ މަޢުލޫމާތު ފުދޭވަރަށް ލިބިގެން ނޫނީ އެކަމާ ދޭތެރޭގައި އެއްޗެއް ނުލިޔެވޭކަހަލަ ކަންތައްތަކެއް ކަމަށްވާތީ، މިދެންނެވީ މިސާލަކަށް، ސިޔާސީ ކަންތައްތައް، ވިޔަފާރިއާއި އިޤްތިޞާދާބެހޭ ކަންތައްތައް، ސައިންޓިފިކް ކުރިއެރުމާބެހޭ ކަންތައްތައް، މިކަހަލަ ކަންތައްތައް މިއީ މިދެންނެވި ކަންތައްތަކުގެ މަޢުލޫމާތުވެސް ލިބިގެން ތިބި ބަޔަކަށް ނޫނީ އެކަށީގެންވާ ގޮތެއްގައި ނުލިޔެވޭނެކަހަލަ އެއްޗަކަށްވާތީ، އެންމެންނަށްވެސް އެގޮތް ޤަބޫލުކުރެވުނީ. ނޫސްވެރިކަންވެސް ވާނީ ދަސްކުރާށޭ.

އެހެންވީމާ، އެކަމަށް ކޯސްތަކެއް އެކިއެކި ކޮލެޖްތަކުގައި ހަމަޖެހި، އެކޯސްތަކަށް އެކަމަށް އެދޭ މީހުންގޮސް، އެކޯސްތަކުން ނޫސްވެރިކަން ދަސްކޮށްގެން ނުކުމެ، ނޫސްވެރިކަން ކުރާގޮތަށް ފަހުން ބަދަލުވެގެންދިޔައީ. މިބަދަލު އައީ މިޤަރުނުގެ ކުރީކޮޅުގައި. އާދެ، މިޤަރުނުގައި ފުރަތަމަ ބޮޑުހަނގުރާމަ ނިމިގެން ދެވަނަ ބޮޑުހަނގުރާމައާ ދޭތެރޭގައި އޮތް ދުވަސްކޮޅުގެ ތެރޭގައި. 1950 ވަނަ އަހަރާ ހަމައިން، ދުނިޔޭގެ ވަރަށްގިނަ ކޮލެޖްތަކުގައި އަދި ޔުނިވަރސިޓީތަކުގައި ނޫސްވެރިކަމާބެހޭ ކޯސްތައް ހިންގަން ފެށުނު. އަދި މިހާރުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އެކަހަލަ ކޯސްތައް އިތުރުވަމުން. އަދި އެ ކޯސްތަކަށް ކުރިމަތިލާ މީހުންގެ ޢަދަދުވެސް ގިނަވަމުން.

އާދެ، އަޅުގަނޑު ކުރިން ދެންނެވި ފަދައިން، ނޫސްވެރިކަން ފެށިގެން އައިއިރު، މީހުން ކިޔާހިތްވާކަހަލަ ޚަބަރު ޖެހުމަށް ބައެއް ނޫސްތަކުން މަސައްކަތް ކުރަމުން ގެންދިޔަ. ކުރިން ދެންނެވި މިސާލުގައި ދެންނެވިފަދައިން، ނިއުޔޯރކްގެ "ޖާރނަލް" ކިޔާ ނޫހާއި، "ވާރލްޑް" ކިޔާ ނޫހުން އެ ހިންގި ކަންތައްތައް. އެއީ ސްޕެއިން މީހުންގެ އަނިޔާތަކާ ބެހޭގޮތުން އެގޮތަށް "ސެންސޭޝަނިލިޒަމް" މިކިޔާ އުޞޫލުން ކަންތައް ކުރުން. އެއީ މީހުންގެ ޚިޔާލުތައް ހޫނުކޮށްލައި، އެކަމާ ދޭތެރޭގައި މީހުންގެ ޝައުޤުވެރިކަން އުފައްދައި، މީހުން ކިޔާހިތްވާކަހަލަ ޚަބަރުތައް ގެނެސްދޭން ވަރަށް މަސައްކަތް ކުރުން. އެހެންވީމާ، އެދުވަސްވަރުގެ ނޫސްތަކަށް "ޔެލޯ ޖާރނަލިޒަމް" އެ ނަމުންވެސް ނަން ދެވިފައި އޮތް. "ޔެލޯ ޖާރނަލިޒަމް". ރީނދޫ ކުލައިގެ ޖާރނަލިޒަމް ނޫސްވެރިކަން. އެއީ އެމީހުން ބަލަނީކީ ޙަޤީޤަތަކަށް ނޫން. މީހުން ކިޔާހިތްވާކަހަލަ ޚަބަރުޖަހަން. މިއަދާ ހަމައަށްވެސް މިކަން އޮވޭ އިނގޭތޯ؟

އެހެންވީމާ، ވަރަށްގިނަ ނޫސްތަކުގައި، ބޭރު ތަންތާނގައި ހަމަ މިކަން އޮވޭ. ބައެއް ނޫސްތަކަކީ ހަމައެކަނި މީހުންކުރާ ކުށްލިޔާ ނޫސްތަކަކަށް މިހާރު އޮންނަނީ ބަދަލުވެފައި. ޙަޤީޤަތުގައި، ބައެއް ނޫސްތަކުން ދެކޭގޮތުގައި ނިޔުސްވަރތީ ކަމަކަށް އާދެ، އެއީ ޚަބަރަކަށްވާކަހަލަ ކަމަކަށްވަނީ ކޮންމެވެސް މީހަކު ގޯހެއް ހެދި ވާހަކަ ޖެހުން. ބޮޑު ވައްކަމެއް، ނޫނީ ޚިޔާނާތެއް، ނޫނީ ކިޑްނެޕް ކުރުން، މީހުން އަތުލައިގަނެގެން ގެންދިޔުން. ނޫނީ ހައިޖެކް ކުރުން. ނޫނީ ތަނެއްގައި ބޮމެއް ގޮއްވާލުން. ނޫނީ ކޮންމެވެސް މީހަކު މަރާލުން، ސިޔާސީ ލީޑަރަކު މަރާލުން. މިކަހަލަ ކަންތައްތައް މިއީ ފަހަކަށްއައިސް ނިއުސްވާރތީ ކަންތައްތަކެއް ކަމަށް އޮތީ ވެފައި.

ދެން ނޫސްތަކުގެ ވިކޭ ޢަދަދު ގިނަކުރުމަށްޓަކައި، ސަރކިއުލޭޝަން އިތުރުކުރުމަށްޓަކައިވެސް ބައެއް ނޫސްތަކުން މި އުޞޫލު ގެންގުޅެން ފެށި. މީހުން ކިޔާހިތްވާކަހަލަ ޚަބަރުތަކާއި، ދެން އެކިއެކި ގޯސް ކަންތައްތަކުގެ ވާހަކަ. ދެން އިންސާނީ ޠަބީޢަތު ހުންނަގޮތްކަންނޭނގެ، ރަނގަޅު ވާހަކައެއް މީހަކު އަހާހިތެއްވެސް ނުވާނެ. ކިޔާހިތެއްވެސް ނުވާނެ. ގޯސް ވާހަކައެއްވިއްޔާ އެންމެން އަވަހަށް، ހަމަ ވަރަށް އަވަހަށް ކިޔާލާފައި، ކިހިނެއްތޯވީ ބަލާހިތްވާނެ. މީހުންގެ ފަޟީޙަތްތަކާއި، ސިއްރުތައް ކިޔާހިތްވާނެ. އެކަހަލަ ގޮތަކަށް އެކަންތައް އޮތީ. އެހެންވީމާ، އެ ޓްރެންޑް ނުވަތަ އެ އުޞޫލު އޮތީ މިވޭތުވެދިޔަ ޤަރުނުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާއަށް ވަރަށްބޮޑަށް ފެތުރިފައި. ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ނޫސްވެރިކަމުގެ ދާއިރާ އޮންނަގޮތާއި، އޭގެ އުޞޫލުތައް ވަރަށް ބޮޑަށް ބިނާވެފައޭ އޮންނާނީ، ދައުލަތުގެ ނިޡާމުގެ މައްޗަށް. އެދައުލަތެއް ހިނގަމުންދާ ގޮތެއްގެ މައްޗަށް ވަރަށް ބޮޑަށް ބިނާވެފައި އެއާ ގުޅިފައި އޮންނަ ކަމެއް، ނޫސްވެރިންގެ ކަންތައްތައް ހިނގަމުންދާ ގޮތް އެއީ.

ދައުލަތަކީ ކޮބައިތޯ؟ ދައުލަތަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ކަނޑައެޅިފައިވާ ސަރަޙައްދެއްގައި ދާއިމީ ގޮތެއްގައި މިނިވަންބަޔަކު ދިރިއުޅެމުންދާ ތަނަކަށް ކިޔާ ނަމެއް. އަދި އެތަނެއްގައި ވެރިކަމެއްވެސް އޮންނަން ޖެހޭނެ. އެތަނެއްގެ ރައްޔިތުން ޤަބޫލުކުރާ ވެރިކަމެއް އޮވެގެން، ކަނޑައެޅިފައިވާ ސަރަޙައްދެއްގައި، ދާއިމީގޮތެއްގައި މިނިވަން ބަޔަކު ދިރިއުޅެމުންދަންޏާ، އެ ތަނަކަށް މި ކިޔަނީ ދައުލަތެކޭ. އެހެންވީމާ، ދައުލަތެއްގެ ޝަރުޠުތަކެއް އެބަހުރޭ. އެންމެ ފުރަތަމަ، ކަނޑައެޅިފައި އޮންނަ ސަރަޙައްދެއް. ބިމުގެ ސަރަޙައްދެއް އޮތުން. ބިމުގެ ސަރަޙައްދެއް ނެތިއްޔާ ދައުލަތަކަށް ނުވޭ. އޭގެ މިސާލަކީ، މިހާރު ފަލަސްޠީނު މީހުން. ފަލަސްޠީނުގެ ރައްޔިތުން އެބަތިބި. އެހެންނަމަވެސް، ފަލަސްޠީނަކީ އަދި ކޮންސްޓިޓިއުޝަން ލޯ ނުވަތަ ޤާނޫނުއަސާސީގެ ޢިލްމު ބުނާގޮތުން ދައުލަތަކަށް ނުވޭ. އެއީ އެމީހުންގެ ވެރިކަން ހިނގާ ވަކި ބިމެއް އަދި ނެތް. ދެން ވެރިކަމެއް އޮންނަންޖެހޭ. ވެރިކަމެއްނެތި، ބަޔަކުމީހުން ދިރިއުޅޭ ދިރިއުޅުމަކަށް ދައުލަތެކޭ ނުކިޔޭނެ. އެއީ މީހުން ޤަބޫލުކުރާ ވެރިކަމެއް އޮވެގެން، ވަކި ނިޡާމަކަށް ތަން ހިންގަމުން ދާންޖެހޭނީ. އަދި އެއީ ކޮންމެ ކަހަލަ ވެރިކަމަކަށްވިޔަސް، މިދެންނެވީ ޑިމޮކްރެސީއެއް އޮވެގެން، އިންތިޚާބުކޮށްގެން ރައީސަކު ނުވަތަ ވެރިން ތިބެގެން ހިނގާ ތަނަކަށްވިޔަސް، ޑިކްޓޭޓަރޝިޕެއް އޮންނަ ތަނަކަށްވިޔަސް، ރަސްކަމެއްވިޔަސް ނުވަތަ ޖުމްހޫރީ ވެރިކަމެއް ހިނގާ ތަނެއްވިޔަސް، ކޮންމެވެސް ވައްތަރެއްގެ ވެރިކަމެއް ޤާއިމުވެފައި އޮންނަންޖެހޭ. އަދި އެ ވެރިކަން އެއީ އެތަނެއްގެ ރައްޔިތުން ޤަބޫލުކުރާ ވެރިކަމަކަށްވެސް ވާންޖެހޭ. އެޝަރުޠު އެއީވެސް ދައުލަތުގެ ޝަރުޠެއް. ރައްޔިތުންވެސް ތިބެންޖެހޭ. ރައްޔިތަކު ނެތި ހުސްބިމެއް އޮތަކަސް ދައުލަތަކަށް ނުވާނެ.

ދެން މިދެންނެވި ދައުލަތުގެ ތަޢާރުފަށް ވިސްނާއިރު، އެއިން އެބަ އެނގޭ، ދައުލަތުގެ ވާޖިބުތައް. އޭގެ މުހިންމު ތިން ވާޖިބެއް އެބައޮތް، އެންމެންވެސް ޤަބޫލުކުރާ. އެތިން ވާޖިބަކީ، އެންމެ ފުރަތަމަ އެދައުލަތެއްގެ މިނިވަންކަން ދެމެހެއްޓުން، ޙިމާޔަތްކުރުން. އެހެންވީމާ، ކޮންމެ ތަނެއްގައިވެސް ސިފައިން ތިބެންޖެހޭ. "އަރމްޑް ފޯރސެސް" ހަތިޔާރުއެޅި ސިފައިން ތިބެންޖެހޭ. އެމީހުންގެ ބޭނުމަކީ ބޭރުން އަންނަ ކޮންމެ ނުރައްކަލެއް ދިފާޢުކޮށް، ތަނުގެ މިނިވަންކަން ދެމެހެއްޓުން. މިނިވަންކަން އެއީ ދައުލަތަކަށްވުމުގެ އެންމެ މުހިންމު އެއް ޝަރުޠު ކަމަށްވާތީ. އެ ޝަރުޠު ގެއްލިއްޖިއްޔާ، ދައުލަތަކަށް ނުވޭ.

އެހެންވީމާ، އެންމެ ފުރަތަމަ ވާޖިބަކަށް މިވަނީ، މިދެންނެވިހެން އާރމްޑް ފޯސެސް ނުވަތަ ހަތިޔާރުއެޅި ސިފައިން ގެންގުޅެގެން ބޭރުން އަންނަ ނުރައްކާތަކުން ތަން ދިފާޢުކުރުން. ދެވަނަ ކަމަކަށް މިއޮންނަނީ ތަނުގެ ތެރޭގައި އުފެދޭ ހަމަނުޖެހުންތައް ހުއްޓުވައި، އެތަނުގައި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމުކުރުން. އެއީ އެތަނެއްގެ ފުލުހުން ކުރާ ކަމެއް. ޤާނޫނާ ޚިލާފަށް ޢަމަލުކުރާ މީހުން ހިފައި ހައްޔަރުކުރުމާއި، ތަނުގެ އަމަންއަމާންކަމަށް ގެއްލުންދޭ މީހުން ހިފައި ހައްޔަރުކޮށް، އެތަނުގެ މަޞްލަޙަތު، ޞުލްޙަމަސަލަސްކަން ދެމެހެއްޓުން. އެއީ ދައުލަތުގެ ދެވަނަ ވާޖިބު. ތިންވަނަ ވާޖިބަކީ، އަފްރާދުންގެ މެދުގައި ހިނގާ މައްސަލަތައް ޞުލްޙަވެރި ގޮތެއްގައި ޙައްލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. އެއީ ފަނޑިޔާރުގެތަކުން ނުވަތަ ކޯޓުތަކުން ކުރާ މަސައްކަތް. ދޭދޭ އަފްރާދުންގެ މެދުގައި ނުކުންނަ މައްސަލަތައް، މުދަލާބެހޭ މައްސަލަ ނުވަތަ އެނޫންވެސް މައްސަލަތައް. އެމީހުން ޞުލްޙަވެރި ގޮތެއްގައި މައްސަލަތަކަށް ޙައްލެއް ހޯދާނީ ކޯޓަކަށް ހުށަހަޅައިގެން. ޝަރީޢަތަށް ގޮސްގެން. އެހެންވީމާ، މިތިން އަސާސީ ވާޖިބަކީ ކޮންމެ ދައުލަތެއްވެސް، އެވާޖިބުތައް އަދާކުރަންޖެހޭނެ ކަމަށް އެންމެންވެސް ޤަބޫލުކުރާ ވާޖިބުތަކެއް.

ދެން އޭގެ އިތުރުން އެބަހުރޭ ބައެއް ވާޖިބު. އެއާ ދޭތެރޭގައި ޚިޔާލު ވަރަށް ބޮޑަށް ތަފާތުވެގެން ގޮސްފައިވޭ. އޭގެތެރޭގައި މިއުޅެނީ މުހިންމު ތިން ޚިޔާލެއް. އެއް ޚިޔާލަކީ ކެޕިޓަލިސްޓް އުޞޫލު. ކެޕިޓަލިސްޓް އުޞޫލު ބުނާގޮތުންވިއްޔާ، ކުރިން މިދެންނެވި ތިން ވާޖިބުގެ އިތުރަށް، ދައުލަތުން ނުވަތަ ސަރުކާރުން ރައްޔިތުންގެ އެއްވެސް ކަމަކާ ބެހިގެނެއް ނުވާނެ. އޭގެ މާނައަކީ، ތަނެއްގެ ތަޢުލީމު ހިނގާގޮތާ ދޭތެރޭގައި ސަރުކާރުން އެއްޗެއް ބުނެގެން ނުވާނެ. އެވެސް ހަމަ އަމިއްލަ މީހުން ކުރަންވީ ކަމެއް. ވިޔަފާރި ހިނގާގޮތާ ދޭތެރޭގައިވެސް އެއްޗެއް ބުނެ، ޤަވާޢިދެއް ހަދައި، ޤާނޫނެއް ހަދައި، ވަކިގޮތަކަށް މީހުން ކަންތައް ކުރަން އަންގާ، މިހެން ހަދައިގެން ނުވާނެ. އެ ބަޔަކު ހިންގާ ގޮތަކަށް ހިންގަފާނެ. ޞިއްޙަތާބެހޭ ކަންތައްތައްވެސް އަދި އެނޫން އެހެން ހުރިހާ ޚިދުމަތްތަކެއްވެސް ކެޕިޓަލިސްޓް އުޞޫލު. އޭގެ އަޞްލުގޮތުގައި ބުނާގޮތުގައިވިއްޔާ، ސަރުކާރުން ބެހިގެންނުވާނެ. ސަރުކާރުން ކުރިން ދެންނެވި ތިން ކަންތައް ކޮށްދިނީމާ އެނިމުނީ.

ދެން އޮތީ އޭގެ އަނެއްކޮޅު ޚިޔާލު. އެއީ ސޯޝަލިސްޓް އުޞޫލު. އޭގެތެރެއިން ބައެއް، ކޮމިއުނިޒަމް އެއީވެސް. އެމީހުން ދެކޭގޮތުގައި އެކަން އޮންނަންވާނީ އޭގެ ދިމާއިދިކޮޅަށް. ހުރިހާ ކަމެއް އިންތިޒާމުކޮށް ރާވައި ހިންގަންޖެހޭނީ ސަރުކާރުން ނުވަތަ ދައުލަތުން. އަމިއްލަ ރައްޔިތުންގެ އެއްވެސް މިނިވަންކަމެއް ނެތް. އެމީހުން، އެއްޗެއް މިލްކު ކުރުމުގެ މިނިވަންކަމެއްވެސް އޮވެގެނެއްނުވާނެ. އެއްވެސް އެއްޗެއް އުފެއްދުމުގެ މިނިވަންކަންވެސް އޮވެގެނެއް ނުވާނެ. އަމިއްލައަށް ބޭނުންގޮތަކަށް އެއްވެސް ކަމެއް ކުރެވުނަދީގެނެއް ނުވާނެ، އަމިއްލަ މީހަކަށް. ދައުލަތުން ހުރިހާ ކަމެއްވެސް ރާވައި ހިންގަންޖެހޭނީ. ހުރިހާ މިލްކަކީވެސް ދައުލަތުގެ މިލްކު. ދައުލަތުގެ މިލްކޭ، އޭގެ މާނައަކީ ދެން ރައްޔިތުންގެ މިލްކު. އެއީ ދައުލަތުން އެކަން ބަލަހައްޓައިދެނީ. އެހެންވީމާ، މި މީހުން ބުނާގޮތުން ސަރުކާރުން ނުބެހޭނެ އެއްވެސް ކަމެއް ނޯންނާނެ. މިއީ ވަރަށް އެކްސްޓްރީމް، މުޅިން ދެކޮޅުގައި އޮތް ދެ ޚިޔާލު، ދެ އުޞޫލު. އޭގެތެރެއިން މެދުގޮތް އެއީ ދުނިޔޭގެ ގިނަ ޤައުމުތަކުން ޤަބޫލު ކުރާގޮތް. އޭގައި މިބުނަނީ، ކުރިން ދެންނެވި ދައުލަތެއްގެ އަސާސީ ތިން ވާޖިބުގެ އިތުރަށް، ދައުލަތުން ކޮށްދޭންޖެހޭނެ ކަންތައްތަކެއް ހުންނާނެއޭ. އެއީ ތަނުގެ ތިޔާގިކަން، އަދި މަޞްލަޙަތު، ރައްޔިތުންގެ ފައިދާ، މިކަންތައްތައް ހަމަޖެއްސުމަށްޓަކައި ގެންގުޅެންޖެހޭ ކަންތައްތަކެކޭ. އެހެންވީމާ، ދައުލަތުގެ ތަޢުލީމާބެހޭ ސިޔާސަތެއްވެސް އޮންނަން ޖެހޭނެއޭ. އިޤްތިޞާދާބެހޭ ސިޔާސަތެއްވެސް އޮންނަންޖެހޭނެއޭ. ވިޔަފާރިޔާބެހޭ ސިޔާސަތެއްވެސް އޮންނަން ޖެހޭނެއޭ. ޞިއްޙަތާބެހޭ ސިޔާސަތެއްވެސް އޮންނަންޖެހޭނެއޭ. އަދި ދައުލަތުން އެކަންތައްތައް ކުރަމުން ގެންދަންވާނެއޭ. އެހެންނަމަވެސް އެއީ އެމީހުން ބުނާގޮތުގައިވެސް އެއްކަލަ އަމިއްލަ މިނިވަންކަންވެސް ރައްކާތެރިކޮށްދިނުމާއެކު ކުރަންވީ ކަމެއް. އެމީހަކު، ޤާނޫނު ތަންދޭ ކޮންމެ ކަމެއް ކުރުމުގެ އިޚްތިޔާރު ނުވަތަ މިނިވަންކަން ރައްޔިތުންނަށް އޮވެފައި، އޭގެ އިތުރުން ސަރުކާރުން ރާވައި ކަންތައްތަކެއް އެގޮތަށް ހިނގަންވެސް ޖެހޭނެއޭ. އެއީ މުޅި ތަނުގެ މަޞްލަޙަތަށްޓަކައި، މުޅި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، ކުރަންޖެހޭ ކަމެއް. އެގޮތަށް ދުނިޔޭގެ ގިނަ ޤައުމުތައް މިހާރު ތިބީ.

ދެން މި އާ ނޫސްވެރިކަމާ އޮތް ގުޅުމަކީ މިދަންނަވަނީ، މިއުޞޫލު އޮންނަ ގޮތަކުން ނޫސްވެރިކަމަށް އިތުރު މިނިވަންކަން ލިބި ނުވަތަ ނޫސްވެރިކަން ވަކި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓި، މިގޮތްގޮތް ދިމާވެދާނެ. މިހާރު، ކެޕިޓަލިސްޓް ތަންތާނގައި، އެއީ ކުރިން ދެންނެވި އުޞޫލުން ހުރިހާ ކަމެއްވެސް މީހުންނަށް ދޫކޮށްލާފައި އޮންނަ އުޞޫލު. ސަރުކާރުން އެއްވެސް ކަމަކާ ނުބެހޭ އުޞޫލު. އެކަންތައް، ނޫސްވެރިކަމުގެ ކަންތައް އޮންނަނީ ހަމަ ވަރަށް ބޮޑަށް ދޫކޮށްލެވިފައި. ހުޅަނގުގެ ޤައުމުތައް އޭގެ މިސާލަކީ. އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަން، އެމެރިކާ، ހުޅަނގު ޔޫރަޕް، މިތަންތާނގައި ނޫސްވެރިކަން އޮންނަނީ މުޅިން ދޫކޮށްލެވިފައި. މުޅިން މިނިވަންކޮށް އޮންނަނީ. އެމީހުން ބޭނުން އެއްޗެއް ނޫސްތަކުގައި ޖަހަންވީ. ޖަހާނެ އެއްޗެއް ޖަހާނެ. ދެން މީހެއްގެ އަބުރާ ބެހޭގޮތުންވެސް އެމީހުން ބޭނުންހާ އެއްޗެއް ޖެހިދާނެ އިނގޭތޯ. އެގޮތަށް ނޫހުގައި ޖެހުން މަނައެއްނުކުރެވޭނެ، ސަރުކާރަކުން. އެކަމަކު މީހެއްގެ އަބުރާ ބެހޭގޮތުން އެއްޗެއް ޖަހައިފިއްޔާ، ދަޢުވާ ކުރުމުގެ ޙައްޤު އެމީހަކަށް އޮވޭ. އެމީހަކު އެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން، ދެން އެތައް ޒަމާނެއް ވަންދެން ކޯޓަށް ގޮސްގެން އެކަން ކުރަންވީ. އެހެންނަމަވެސް، މީހުންގެ އަބުރު ރައްކާތެރިކޮށްދޭކަށް އެއްވެސް އުޞޫލެއް، ކުރިން ސަރުކާރުން ކަނޑައެޅިފައެއް ނޯވޭ. އެހެންވީމާ، ވަރަށް މިނިވަންކޮށް އެތަންތާނގައި ނޫސް އޮންނަނީ.

އޭގެ އަނެއްކޮޅު، ސޯޝަލިޒަމްގެ އުޞޫލު ޤަބޫލުކުރާ ޤައުމުތަކުގައި އޮންނަނީ. އެއްގޮތަކަށްވެސް ނޫސްވެރިކަމުގެ އެއްވެސް މިނިވަންކަމެއް ނޯވޭ. ސަރުކާރުން އަންގާ އެއްޗެއް، އަންގާ ގޮތަކަށް، ސަރުކާރުގެ ޕޮލިސީ ޖެހެނީ، ނޫސްތަކުގައި. އޭގެ މިސާލު އެނގިވަޑައިގަންނަވާނެ. މިހާރު ރޫސީވިލާތުގައި ގާތްގަނޑަކަށް އެކަހަލަ ގޮތަކަށް އޮންނަނީ. އެތާނގެ ނޫސްތަކުގައި، އަދި އެނޫންވެސް އެތާނގެ އިޖުތިމާޢީ އަދި ސިޔާސީ ނިޡާމް ހަމަޖެހިފައި އޮންނަ ތަންތާނގެ ނޫސްވެރިކަމަށް ވަރަށްބޮޑު ހުރަހެއް އެޅޭ ކުރިއަށްދިޔުމަށް، މިނިވަންކަން ނޯންނާތީ. ދެން އަޅުގަނޑު ތިންވަނައަށް ދެންނެވި އުޞޫލު. އެއީ ދޭތެރޭ މެދުގޮތް. އެގޮތުގައި ނޫސްވެރިކަމަށް ވަރަށްބޮޑު މިނިވަންކަމެއްވެސް އޮވޭ. އެހެންނަމަވެސް، އޭގެ އަނެއްކޮޅުން ނޫސްވެރިން ބަލަންޖެހޭ އުޞޫލުތަކެއްވެސް، ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކެއްވެސް އޮވޭ. އެއީ އެމީހުން ލިޔަންޖެހޭނީ ތެދު ޚަބަރު ކަމަށްވާންޖެހޭ. އެމީހުން ނުޙައްޤު ގޮތުގައި މީހަކާ ބެހޭގޮތުން އެއްޗެއް ޖަހައިގެން ނުވާނެ. މީހެއްގެ އަބުރާ ބެހޭގޮތުން، އެމީހެއްގެ ޤަދަރު ވެއްޓޭގޮތަށް އެއްޗެއް ޖަހައިގެންނުވާނެ. އަނެއްކާ ނޫސްވެރިކަމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭ. އެމީހުން ބުނާގޮތުންވިއްޔާ، ނޫހުގެ ސޯޝަލް ރެސްޕޮންސިބިލިޓީ، އިޖުތިމާޢީ މަސްއޫލިއްޔަތު އެއީ، ނޫސްވެރިކަމުގެ އަޞްލު ބޭނުމަކީ. އެއީ މީހުންނަށް ޙަޤީޤަތް އޮޅުންފިލުވައިދިނުން ކަމުގައިވާތީ. ކަންތައްތައް ހިނގަމުންދާގޮތް މީހުންނަށް އޮޅުންފިލުވައިދިނުން، އެއީ ނޫސްވެރިކަމުގެ އަޞްލު ބޭނުމަކީ. އެހެންވީމާ، އޮޅުންފިލުވައިދޭން ޖެހޭނީ ޙަޤީޤަތް. ޙަޤީޤަތް އޮޅުންފިލުވައިދޭއިރު، އެއްގޮތަކަށްވެސް އެއަށް އުނި އިތުރެއް އައިސްގެނެއް ނުވާނެ. ދޮގު ޚަބަރެއް ހުރެގެނެއް ނުވާނެ. ނުވަތަ ނަޙައްޤުގޮތުގައި މީހަކާ ބެހޭގޮތުން އެއްޗެއް ޖެހިގެނެއްވެސް ނުވާނެ. އެއީ އެ އިޖުތިމާޢީ މަސްއޫލިއްޔަތަކީ. އިޖުތިމާޢީ މަސްއޫލިއްޔަތު އުފުލޭގޮތަކަށް ނޫސްވެރިކަން އޮތުން އެއީ މިދަންނަވާ ތިންވަނަ އުޞޫލު ޤަބޫލުކުރާ ޤައުމުތަކުގައި އެކަން ހިނގާ ގޮތަކީ. ދުނިޔޭގެ ގިނަ ޤައުމުތައް ހިމެނެނީ މި ދާއިރާގެ ތެރޭގައި.

ނޫސްވެރިކަމުގެ މިނިވަންކަން މާބޮޑަށް ދޫކޮށްލެވިފައި އޮތުމުން ވާގޮތަކީ، ނޫސްވެރިކަމަކީ ނެގެޓިވް އުޞޫލެއް ގެންގުޅޭ ކަމަކަށްވަނީ. މިދެންނެވީ އެއްކަލަ، ނުބައި ކަންތައްތައް ސިފަކޮށްދޭ، ރަނގަޅު ކަންތައްތައް މުޅިން ދޫކޮށްލާފައި، މީހުން ކުރާ ކުށް، މީހުންގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ނޫހުގައި ޖަހަނީ. އޭރުން ގިނަމީހުން ނޫސް ގަނެ ކިޔައި އެހެންވަނީ އެކިއެކި، މިދެންނެވި އެއްކަލަ މީހުން ހިންގާ ނޭދެވޭ ޙަރަކާތްތަކުގެ ވާހަކަ ބޮޑުއަކުރުން ޖަހައި އެހެން ހެދުމުން.

އެހެންވީމާ، ނެގެޓިވް ގޮތަކަށް ޖާރނަލިޒަމް ނުވަތަ ނޫސްވެރިކަމަކީ ބަދަލުވެގެންދާ ކަމެއް. އެއްވެސް ކަހަލަ ޤާނޫނެއް، ޤަވާޢިދެއް ހެދިފައި ނެތި، ނޫސްވެރިކަން ދޫކޮށްލެވުން. އެހެންވީމާ، އެކަމުން މުޖުތަމަޢަށް ލިބޭ ވަރަށް ބޮޑެތި ގެއްލުންތަކެއްވެސް ހުންނާނެ. މަޝްރޫޢެއްގެ ވާހަކަލިޔުނަސް، ތަނެއްގައި ހިނގާ ބޮޑު މަސައްކަތެއްގެ ވާހަކަ ލިޔުނަސް، ގިނަފަހަރަށް ލިޔެވޭނީ އެކަމެއް ހިނގުމުގެ ތެރޭގައި ނޭދެވޭގޮތަކަށް ކަމެއް ހިނގާފައިވަންޏާ، އެކަމެއްގެ ވާހަކަ. "އެ މަޝްރޫޢަށް ކަނޑައެޅިފައިވާ ފައިސާތަކުގެ ތެރެއިން ކޮންމެވެސް ފައިސާތަކެއް ނުޤަވާޢިދުން މީހަކު ބޭނުންކުރީ." އެކަހަލަ ވާހަކައެއް، މަޝްރޫޢެއްގެ ވާހަކަ ލިޔާއިރުވެސް ޚަބަރަކަށްވެގެން ލިޔެވިފައި އޮންނާނީ. ރަނގަޅަށް ހިނގާ މަޝްރޫޢެއްގެ ވާހަކަ، އެއިން ލިބޭ ފައިދާތަކުގެ ވާހަކަ، އެއިން މުޖުތަމަޢަށް ލިބުނު ކުރިއެރުމުގެ ވާހަކަ، މިކަހަލަ ވާހަކަތައް ނެގެޓިވް ޖާރނަލިޒަމަކަށް ބަދަލުވީމާ ނޫސްތަކުގައި ނުހުންނާނެ. ދުނިޔޭގެ ގިނަ ނޫސްތައް ބައްލަވައިލައްވައިފިއްޔާ، ހަމަ އެހެން ފެންނާނީ އިނގޭތޯ. ހަމަ ހުންނާނެ ބޮޑެތި މައްސަލަތަކުގެ ވާހަކަ. ރަނގަޅު ވާހަކަތައް އެއީ ޙަޤީޤަތުގައި ނޫސްވެރިކަމުގެ މަސްއޫލިއްޔަތަކީ. ޙަޤީޤަތް މީހުންނަށް އޮޅުންފިލުވައިދިނުން ކަމަށްވަންޏާ، ޙަޤީޤަތް އެއީ ރަނގަޅު އެއްޗަކަށްވިޔަސް، ނުބައި އެއްޗަކަށްވިޔަސް އޮޅުންފިލުވައިދޭން ޖެހޭނެ ނޫންތޯ! ހަމައެކަނި ނުބައި އެއްޗަކަށްވިއްޔާ އެކަންޏެއް ނޫނެއްނޫންތޯ އޮޅުންފިލުވައިދޭން ޖެހޭނީ. އެކަމަކު އެކަހަލަ ގޮތަކަށް މި އޮންނަނީ. އެއްވެސްކަހަލަ ހިފެހެއްޓުމެއް ނެތިއްޔާ، މާނައަކީ ޤާނޫނީގޮތުން ނުވަތަ އިޖުތިމާޢީ އުޞޫލުތަކެއް ނިޔާކުރާގޮތެއްގެ މަތިން ނުވަތަ ތަނުގެ އާދަކާދަ ނިޔާކުރާގޮތެއްގެ މަތިން، ވަކިކަހަލަ އުޞޫލުތަކެއް ނޫސްވެރިކަމުގެ ދާއިރާގައިވެސް ހަމަޖެހިފައި ނެތިއްޔާ، ނޫސްވެރިކަން ދާންއުޅޭނެ މިޞްރާބު މި ދެންނެވީ. ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި ވެފައި އޮތީ އެހެން. ޚާއްޞަކޮށް، ހުޅަނގުގެ ޤައުމުތަކުގައި، މީހުންގެ އަބުރަކީ އެއްގޮތަކަށްވެސް ޙުރްމަތްތެރިކަން ލިބިގެންވާ އެއްޗެއް ނޫން. ކިތަންމެ އާދައިގެ މީހެއް ކަމުގައިވިޔަސް، އަދި ކިތަންމެ މޮޅު މަޝްހޫރު މީހެއް ކަމުގައިވިޔަސް، އެކަމުގައި ތަފާތެއް ނެތް. އޭގެ މިސާލުތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޚާއްޞަކޮށް، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، އޭގެ މިސާލުތައް ވަރަށް ގިނައިން ފެންނަމުންދޭ.

އެޑްވަރޑް ކެނެޑީ، އެއީ އެމެރިކާގެ ރިޔާސަތަށް ތަންކޮޅެއް ކުރިން ކުރިމަތިލައްވަން ޤަޞްދުކުރައްވައިގެން ހުންނެވި ބޭފުޅެއް. އޭނާއަށް ތާއީދުކުރާ މީހުންވެސް ވަރަށް ގިނަ، އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި. ހަމަ އެޕާޓީން ހޮވިއްޖިއްޔާ ކާމިޔާބު ކުރެއްވުމުގެ އުންމީދުވެސް މީގެ ހަތަރު އަހަރު ކުރިން ނުވަތަ އަށް އަހަރު ކުރިން ވަރަށް ބޮޑަށް އޮތް. އެކަމަކު ދިމާވިގޮތަކީ، އޭނާގެ އަމިއްލަފުޅު ޙަޔާތުގައިވެސް ހިނގި ކަމެއްގެ ސަބަބުން މުޅިން އެކަމުން ދުރުހެލިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ. އެއީ މި ދެންނެވި ވާހަކަ ނޫސްވެރިންގެ ބަޔަކަށް އެނގިގެން، ނޫސްތަކުގައި ޖަހައިގެން. ދެން އެޑްވަރޑް ކެނެޑީއަކީ މީހުން ޤަބޫލުކުރާ ގޮތުގައި، އެމެރިކާގެ ރައީސަކަށް ވެވޭނެކަހަލަ މީހަކަށްނުވި، އެކަމެއްގެ ސަބަބުން. އޭނާގެ މިދެންނެވި ސިޔާސީ އުންމީދުތައް ނުވަތަ ސިޔާސީ މުސްތަޤްބަލް މުޅިން ހަލާކުވެގެން ދިޔައީ. އޭގެފަހުން ގެރީ ހާރޓް، އެއީވެސް އެމެރިކާގެ ހަމަ ޑިމޮކްރެޓިކް ޕާޓީން ހަމަ ކުރިމަތިލައްވަން ޤަޞްދު ކުރެއްވި ބޭފުޅެއް، ސެނެޓަރެއް. އޭނާއަށްވެސް ހަމަ ދިމާވީ އެގޮތް. އޭނާގެ އަމިއްލަފުޅު ޙަޔާތުގައި ކަމެއް ކުރެވުނު ގޮތަކުން އެކަމުގެ ވާހަކަ ނޫސްވެރިންނަށް ލިބިގެން ފޮޓޯޖަހައި، އެހެން ހެދުމުގެ ސަބަބުން އޭނާގެ ޤަދަރުވެއްޓި، މީހުންގެ ކުރިމަތީގައި، އެމެރިކާގެ ރައީސަކަށްވާން މީހުން އެދޭ މީހެއް ކަމުގައި ނުވެގެންދިޔައީ. އެހެންވުމުގެ ސަބަބުން އޭނާއަށްވެސް ޖެހިވަޑައިގަތީ، އިންތިޚާބުން ވަކިވެވަޑައިގަންނަވަން. މިކަހަލަ ގޮތްތަކެއް މެދުވެރިވަނީ.

ނޫސްވެރިކަމުގެ ދާއިރާގައި އެމީހުން ބަލާ އުޞޫލަކީ މީހުން ކިޔާހިތްވާ ސެންސޭޝަނަލް ޚަބަރުޖެހުން. ހުޅަނގުގެ ޤައުމުތަކަކީ، ވަކިކަހަލަ ސިޔާސީ ނިޡާމެއް ޤާއިމުވެފައިވާ ޤައުމުތަކެއްކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެތާނގައި ގިނައިން މިހުންނަނީ ޕާޓީ ސިސްޓަމަށް ހުންނަ ސަރުކާރުތައް. އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އޮވޭ. އިނގިރޭސިވިލާތުގައިވެސް މަޝްހޫރު ތިން ޕާޓީއެއް އޮވޭ. އެމެރިކާގައި މަޝްހޫރު ދެ ޕާޓީއެއް. އެއަށްވުރެ ގިނަ ޕާޓީތައްވެސް ހުރޭ. އެހެންވީމާ، ވާގޮތަކީ ނޫސްތައް އޮންނަނީވެސް އެޕާޓީތަކުގެ ނުފޫޒުގެތެރެއަށް ވަދެވިފައި. ކޮންމެ ނޫހަކީވެސް ކޮންމެވެސް ޕާޓީއަކަށް ތާއީދުކުރާ ނޫހަކަށް އޮންނަނީ ވެފައި، ވަރަށް މަދު ނޫހެއް ނޫނީ. ވަރަށް މަދު ނޫހަކުން ވަރަށް ބޮޑަށް މިދެންނެވީ މިނިވަން އުޞޫލެއް ގެންގުޅެވޭތޯ މަސައްކަތް ކޮށްފައި އޮވެދާނެ. އެހެންނަމަވެސް، ގިނަ ނޫސްތައް ހުންނަނީ ކޮންމެވެސް ޕާޓީއަކާ ގުޅިފައި. އެހެންވީމާ، އެމީހުން ބޭނުންވަނީ އެމީހުން އެ ތާއީދުކުރާ ޕާޓީ އެއީ، ސަރުކާރު ހިންގާ ޕާޓީ ކަމަށްވަންޏާ، ސަރުކާރުން ކުރާ ރަނގަޅު ކަންތައްތަކުގެ ވާހަކަ އަބަދުވެސް ނޫހުގައި ޖަހަން. ސަރުކާރަށް އިތުރު ތާއީދު ހޯދައިދިނުން، އެ ނޫސްތަކުގެ މަސައްކަތަކަށްވަނީ. އެމީހުން ތާއީދުކުރާ ޕާޓީ އެއީ އެވަގުތު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕާޓީއެއް ކަމަށްވަންޏާ، އެއާ މުޅިން އަނެއްކޮޅަށް، ނޫހުގެ ޚަބަރުތަކާއި، ބަޔާންތަކާއި، މަޒުމޫނުތައް ހުންނާނީ. އޭރު އޮތް ސަރުކާރު ގޯސް ސަރުކާރަކަށްވެފައި އޮންނާނީ. ކުރާ ހުރިހާ ކަމެއް ގޯސްވާނެ. އެހެންވީމާ، އެމީހުން އޭރު ޤާއިމުވެފައި އޮތް ސަރުކާރަށް މީހުންގެ ނުރުހުން ހޯދުމަށްޓަކައި އެނޫސްތަކުން މަސައްކަތް ކުރަނީ، އެޕާޓީ، އެ ނޫސް އެތާއީދުކުރާ ޕާޓީގެ މަޞްލަޙަތު އޮތްގޮތަކަށް. އެހެން އޮންނަނީ ވަރަށް ގިނައިން ވެފައި، ހުޅަނގުގެ ޤައުމުތަކުގައި.

އޭގެ އިތުރުން، ބޮޑެތި ވިޔަފާރި ހިންގާ ދާއިރާތަކުގެ ނުފޫޒުގެ ތެރެއަށްވެސް އޮންނަނީ ވަދެވިފައި. ޚާއްޞަކޮށް، އެމެރިކާގައި އަދި އިނގިރޭސިވިލާތުގައިވެސް. އެނގިވަޑައިގަންނަވާނެ، ކެޕިޓަލިސްޓް އުޞޫލު ގެންގުޅޭ ތަންތާނގައި، މުއްސަނދިން ވަރަށް މުއްސަނދިވާނެ. މުއްސަނދިންނޭ ދެންނެވިޔަސް، ބޮޑެތި މިލިއަނަރުން އެތިބެނީ. ދެން އެމީހުންގެވެސް އެތައްބަޔަކު އެއްވެގެން ބޮޑެތި ކުންފުނިތައް ހަދައި، ބޮޑެތި ކުންފުނިތައް އެއްވެގެން ކޮންސޯޓިއަމްތައް ހަދައި، މިގޮތުން ވަރަށް ބޮޑެތި އިޤްތިޞާދީ ވިޔަފާރީގެ މަސައްކަތްތައް ހިންގާ، ވަރަށް މުއްސަނދި، ވަރަށް ފައިސާވެރި ފަރާތްތަކެއް އެބަހުރި އެތަންތާނގައި. އެހެންވީމާ، އެމީހުން ބޭނުންވާގޮތަށް ސަރުކާރުގެ ކަންތައްތައް ގެންދުވޭތޯ އެމީހުން މަސައްކަތް ކުރާނެ، އެމީހުންގެ މަޞްލަޙަތު އޮތްގޮތަށް. ތެދުތެދަށް ދަންނަވަންޏާ، މި ހަނގުރާމަތަކުގެ ކަންތަކުގައިވެސް، ދުނިޔޭގެ އެތަން މިތާނގައި މިދަންނަވާ މައްސަލަ އޭގެތެރެއަށް އޮންނަނީ ވަރަށް ބޮޑަށް ވަދެފައި.

އެއީ އެމެރިކާގައި ހަތިޔާރު އުފައްދަނީކީ، ސަރުކާރަކުންނެއް ނޫން. އެއީ ކެޕިޓަލިސްޓް ޤައުމަކަށްވާތީ، އެވެސް އުފައްދަނީ އަމިއްލަ ފަރާތްތަކުން. އެ ހަތިޔާރު އުފައްދައިގެން އެމެރިކާ ސަރުކާރަށް ހަތިޔާރު ވިއްކައިގެން މުއްސަނދިވާ ހަތިޔާރުހަދާ ގިނަ ކުންފުނިތައް އެބަހުރި. އެހެންވީމާ، އެމީހުން ބޭނުމެއްނުވޭ، މިސާލަކަށް އެހަތިޔާރު އުފެއްދުން މަދުކުރާކަށް. އެއީ އެމީހުންނަށް ލިބޭ ފައިދާ މަދުވާތީ. އެހެންވީމާ، އެމެރިކާއަށް ޖެހޭ، އެމެރިކާ ސަރުކާރު އެއީ، ކެޕިޓަލިސްޓް ސަރުކާރަކަށްވާތީ، އެމީހުންވެސް ބޭނުންވޭ މި މީހުންނަށް ފައިދާ ހޯދައިދޭން. އެހެންވީމާ، ތިޔަބޭފުޅުން އައްސަވާ ވާހަކަޔާއި، ޙަޤީޤަތުގައި ކަންހިނގަމުންދާ ގޮތާ ވަރަށް ބޮޑަށް ތަފާތުވެފައި އޮވޭ ވަރަށްގިނަފަހަރު. ކޮންމެ ޤައުމަކުންވެސް ބުނަނީ، ތިމަންނާމެން މަސައްކަތް ކުރަނީ ދުނިޔޭގެ ޞުލްޙަވެރިކަން ޤާއިމުކުރާށޭ. އެތަން މިތާނގައި އުފެދޭ ހަނގުރާމަތައް ވީއެންމެ އަވަހަކަށް ހުއްޓުވާށޭ މަސައްކަތް މިކުރަނީ. އެކަމަކު ޙަޤީޤަތުގައި އެތަންތަނަށް ހަތިޔާރު ފޮނުވާ ފަރާތްތަކަކީވެސް، މިދެންނެވީ އެއްކަލަ އަމިއްލަ ހަތިޔާރު އުފައްދާ ކުންފުނިތަކުން އުފައްދާ ހަތިޔާރުތައް އެތަންތާނގެ ސަރުކާރުން ގަނެގެން ސަރުކާރުން އެސަޕްލައި ކުރަނީ، އެފޮނުވައިދެނީ.

އެހެންވީމާ، އެހާ ބޮޑަށް ވިޔަފާރިއާ ގުޅިފައި، އެމީހުންގެ އަމިއްލަ ފައިދާއާ ގުޅިފައި އޮތް ކަމެއްވީމާ، އެއްވެސް ހަނގުރާމައެއް ފެށިއްޖައީވިއްޔާ މާފަސޭހައިން ހުއްޓުމަކަށް ނާންނާނެކަން ވިސްނިވަޑައިގަންނަވާނެ. އޭގެ ދެކޮޅު އެބައޮތް، އެންމެ ފަރާތަކުން ނޫން މިދެންނެވީ. ހަމައެކަނި ވަކި ޤައުމުތަކަކުން ހަތިޔާރު އުފައްދައިގެން، އެހަތިޔާރު ވިއްކަން މަސައްކަތް ކުރާ ވާހަކައެއް ނޫން. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން އެވިޔަފާރި ކުރޭ. އެވިޔަފާރި އެހެން ހިނގަމުންދިޔަހާ ދުވަހަކު، އެބުނާހެން މުޅި ދުނިޔެއަށް، ޞުލްޙަވެރިކަން ޤާއިމުވެ، މުޅި ދުނިޔެއަށް ފެތުރި، ހަތިޔާރު އުފެއްދުން މަދުކޮށް، މިކަންތައްތައް މާފަސޭހައަކުން ވާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނޭ.

ދެން ކޮންމެއަކަސް މިދަންނަވާ ބޮޑެތި އިޤްތިޞާދީ ކަންތައްތައް ހިންގާ ފަރާތްތަކުގެ ނުފޫޒު އޮންނަނީ ނޫސްތަކަށްވެސް ފޯރާފައި. ތެދުތެދަށް ދަންނަވަންޏާ، ބައެއް ނޫސްތައް އެމީހުން ހުންނަނީ ގަނެފައި. އެހެންވީމާ، އެމީހުން ބޭނުންވާގޮތަށް ޤާނޫނެއް ފާސްކުރުމަށް އެތާނގެ ރައްޔިތުންގެ މަޖިލީހަށް، މިދެންނެވީ ކޮންގްރެސް އަށް ނުވަތަ ސެނެޓަށް ނުވަތަ އިނގިރޭސިވިލާތުގައި ވިއްޔާ، ހައުސް އޮފް ކޮމަންސަށް ހުށަހެޅޭ ކަމަށްވަންޏާ، ބައެއް ނޫސްތަކުން ހަމަ އެއާ އިދިކޮޅަށް ޚަބަރު ޖަހަން ފަށާނެ. ބަޔާންތައް ޖަހަން ފަށާނެ. މަޒުމޫނުތައް ޖަހަން ފަށާނެ. އެޑިޓޯރިއަލްތައް ލިޔަން ފަށާނެ. އެއީ އެއްކަލަ، އެ ހަދާ ޤާނޫނަކުން ގެއްލުންވާނެ ފަރާތަކަށް ތާއީދުކުރާ ނޫހެއް ވެއްޖިއްޔާ، އެމީހުން އެކަން އެހެން ކުރަންޖެހޭ.

ހަމައެއާއެކުގައި، މި ލޮބީކުރާ ޖަމާޢަތްތައް އޮންނަނީ މިދެންނެވި ޤައުމުތަކުގައި އުފެދިފައި. އެއީ ކަންތައްތައް ވަކިގޮތަކަށް ގެންދަން މަސައްކަތް ކުރާ ބައެއް. އެކިއެކި ގްރޫޕްތައް، މިހާރު އެމެރިކާގައި ވިއްޔާ، އެންމެ ބޮޑު ލޮބީއަކީ، ޔަހޫދީ ލޮބީ. ޖުއިސް ލޮބީ. އެއީ ޔަހޫދީންގެ މަސްލަޙަތު ރައްކާތެރިކޮށްދޭން ހުރިހާ ކަމެއްގައިވެސް މަސައްކަތް ކުރާ ބޮޑުސިންގާ ޖަމާޢަތްތަކެއް. އެމީހުން ދާނެ އެކިއެކި ސެނެޓަރުން އަރިހަށް. ގޮސްގެން ވާހަކަދައްކާނެ، މިވެނި ޤާނޫނެއް، މިހެން ފާސްވިޔަދީގެން ނުވާނެއޭ. މިވެނި ޤާނޫނެއް ފާސްވާންޖެހޭނީ މިހެންނޭ. މިހާ ފައިސާ އެމެރިކާގެ ބަޖެޓުގައި ކަނޑައެޅެންވާނެއޭ، އިޒްރޭލަށް ހަތިޔާރު ހޯދައިދޭން. އެހެން ފަރާތަކުން އަންނަ ހަތިޔާރު، މިސާލަކަށް، އެމެރިކާ ސަރުކާރުން ގަޞްދުކުރަނީ، ސުޢޫދީ ޢަރަބިއްޔާއަށް ހަތިޔާރު ވިއްކަން. ނުވަތަ ޢަރަބި އެހެން ޤައުމަކަށް ހަތިޔާރު ވިއްކަން. އެހެންވެއްޖިއްޔާ، ސެނެޓުން އެކަން ހުއްޓުވާނެ އިނގޭތޯ. އެއީ މިދެންނެވި ލޮބީ. ޔަހޫދީންގެ ލޮބީ. އެމީހުން ދާނެ އެކިއެކި ސެނެޓަރުންގެ ކައިރިއަށް. ކޮންގްރެސްމަނުންގެ ކައިރިއަށް ގޮސްގެން ވާހަކަދައްކައިގެން އެގޮތް މިގޮތުން އެ އަތަށް އެމީހުންގެ ޚިޔާލު ބަދަލުކުރުވާނެ. އެހެންވީމާ، އެމެރިކާގެ ކޮންގްރެސްއިން ޙަޤީޤަތުގައި ނުވަތަ ސެނެޓުން ފާސްވަނީ. އަޅުގަނޑު މިހެން ދަންނަވަން ޖެހިލުންވެސްވޭ. އެހެންނަމަވެސް، ޙަޤީޤަތަށް ދަންނަވަންޏާ، ޙަޤީޤަތުގައި ފާސްވަނީ ރައްޔިތުންގެ ފައިދާއަށް ފާސްވާ ޤާނޫނުތަކެކޭ ދެންނެވޭކަށް ނެތް، ކަން މިހެން އޮންނާތީ. އެ ލޮބީތަކުގެ ޕްރެޝަރ ހުރިވަރަކުން ދާނީ އެ ދާ ކޮޅަކަށް. އެއީ އެމީހުންގެ އަތުގައި ފައިސާއާއި މުދަލާއި ބާރުހުރި ބަޔަކަށްވަންޏާ، އެބަޔަކު ބޭނުންވާ ކޮޅަކަށް އެ މައްސަލަ ޖެހޭނެ. ބައެއްފަހަރަށް އެމެރިކާގެ ރައީސް، ކަމަކާ ދޭތެރޭގައި ނިންމަވާ ގޮތެއްވެސް ފަހުން ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާ. ސެނެޓުން އެހެން ގޮތަކަށް ވޯޓުދީފާނެ. މިދޭތެރެއިން އެހެން ދިމާވެސްވި. ޢަރަބި ޤައުމަކަށް ހަތިޔާރު ވިއްކަން އެމެރިކާ ސަރުކާރުން ކަނޑައެޅީ. އަނެއްކޮޅުން ސެނެޓުން އޭގެ އަނެއްކޮޅަށް ވޯޓުދިނީމާ ރައީސަށް މަޖުބޫރުވަނީ އެކަން ހުއްޓުވާލައްވަން. އެއީ، މިދެންނެވި ލޮބީ އެހެން އޮންނާތީ. އެހެންވީމާ، މިދެންނެވި ލޮބީތައް ވަރަށް ބޮޑަށް މަސައްކަތްކުރޭ، ނޫސްވެރިކަމުގެ ދާއިރާގައިވެސް ނުފޫޒު ފަތުރަން.

އާދެ، މި މައުޟޫޢުގައި އަދި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ބައެއް ނުކުތާ އެބަހުރި. މިދެންނެވި މި ލޮބީ ކުރުމާއި، މި ޕްރެޝަރ ގްރޫޕްސް، މި އެކި ނުފޫޒު ފަތުރާ ދާއިރާތަކުން ނޫސްވެރިކަމުގެ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ނޫސްވެރިކަމުގެ ދާއިރާއާއި އަދި ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުގެ ދާއިރާއަށް އެމީހުން ފޯރުވާ ނުފޫޒާ ބެހޭގޮތުން ބައެއް ވާހަކަ، ދެން އަންނަ ދުވަހަކުން އަޅުގަނޑު ދަންނަވާލަން ޤަޞްދުކުރަނީ.

މިއަދު މިހާރު ދެން ބާކީއޮތީ ކުޑަ ވަގުތުކޮޅަކަށްވާތީ، ތިޔަބޭފުޅުން ފަހަރެއްގައި ސުވާލެއް ކުރައްވަން ބޭނުންފުޅުވެދާނެތީ، އަޅުގަނޑު މިހިސާބުން ހުއްޓާލަން ޤަޞްދުކުރަނީ. ސުވާލެއް ކުރައްވަން ބޭނުންފުޅު ބޭފުޅަކުނަމަ، އެބޭފުޅެއްގެ ނަންފުޅު ވިދާޅުވެފައި، ތެދުވެވަޑައިގެން ސުވާލުކުރެއްވުން އަޅުގަނޑު އެދެން. އެއީ އަޅުގަނޑު ނުދަންނަ ބޭފުޅުންވެސް ތިއްބެވުމާއެކުގައި، މިހެން ދަންނަވަން ޖެހެނީ.