بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މީގެ ބަރާބަރު އެއް އަހަރު ދުވަސް ކުރިން، 1986 ވަނަ އަހަރުގެ މެއި މަހުގެ5 ވަނަ ދުވަހުގެ ހެނދުނު މި ޢިމާރާތުގެ ބިންގާ އަޅައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. މިރޭ މި ޢިމާރާތް އާދެ، "ޕޯސްޓެލް" ޢިމާރާތް ހުޅުވައިދިނުމަކީ، އަޅުގަނޑަށް ލިބުނު އަދި އެއަށްވުރެވެސް ބޮޑު އުފަލެއް. އާދެ، ކަމެއް ފެށުމާއި ނިމުމާ ދޭތެރޭގައި ވަރަށްބޮޑު ތަފާތެއްވޭ. ކަމެއް ފަށާއިރު ފަށަނީ ވަރަށް ވަރުގަދަ އުންމީދަކާ އެކުގައި. އެކަމެއް ނިމުމުން ލިބޭ ހިތްހަމަޖެހުމަކީ، އެ އުންމީދެއް ޙާޞިލުވުމުގެ ހިތްހަމަޖެހުމާއި އުފާ. އެހެންކަމާއެކު، މިރޭ އަޅުގަނޑަށް އިޙްސާސް ކުރެވޭ އުފަލަކީ، މީގެ އެއް އަހަރު ދުވަސް ކުރިން، މި ޢިމާރާތުގެ ބިންގާ އަޅައިދިނުމުން އަޅުގަނޑަށް ލިބުނު އުފަލަށްވުރެ މާބޮޑު އުފަލެއް.

އާދެ، މިރޭ އަޅުގަނޑު ދައްކަން ޤަޞްދުކުރާ ވާހަކަ، ކުރިއަށް ގެންދިޔުމުގެ ކުރިން، މިތަނަށް ވަޑައިގެން ތިއްބެވި ބޭރުގެ ޢިއްޒަތްތެރި ދެ މެހްމާނަކަށް މަރުޙަބާ ދެންނެވުމަކީވެސް އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. އާދެ، އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ މުވާޞަލާތާބެހޭ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ރިޗަޑް ބަޓްލަރ، އޭނާ މިރޭ މިތަނަށް މިވަޑައިގަތީ، ދިވެހި ސަރުކާރުން އޭނާއަށް އެރުވި ދަޢުވަތެއް ޤަބޫލު ކުރައްވައިގެން. އާދެ، އޭނާ މަސައްކަތްޕުޅު ކުރައްވާ މަރުކަޒު ކަމުގައިވާ ޖެނީވާއިން ފުރައިގެން ދިގު ދަތުރުކުރައްވާފައި އެ ވަޑައިގަތީ، އަޅުގަނޑުމެންގެ މި މުހިންމު ޖަލްސާގައި ނުވަތަ އިޙްތިފާލުގައި ބައިވެރިވެވަޑައިގެންދެއްވުމަށްޓަކައި. އެހެންވުމާއެކު، އޭނާއަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

ދެވަނައަށް އަޅުގަނޑު މަރުޙަބާ ދަންނަވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް. އާދެ، އެމްބެސެޑަރ މިސްޓަރ ހަމަމޯތޯ. އޭނާ ދެންމެ ވިދާޅުވިފަދައިން، ދިވެހި ސަރުކާރަށް އޭނާގެ އެމްބެސެޑަރ ކަމުގެ ފަތްކޮޅު ޙަވާލުކުރެއްވީ އިއްޔެ. މިރޭ އަޅުގަނޑުމެންނާ އެކުގައި މި އުފާވެރި ޖަލްސާގައި އެ ބައިވެރިވެވަޑައިގަންނަވަނީ، އޭނާގެ ސަރުކާރުގެ މަންދޫބެއްގެ ޙައިޘިއްޔަތުން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި ޢިމާރާތް ހެދިފައި މިވަނީ ޖަޕާނު ސަރުކާރުގެ ސަތޭކައިންސަތޭކަ އެހީގައި. މި ޢިމާރާތަކީ، ޖަޕާނުގެ ރައްޔިތުން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮށްފައިވާ ވަރަށް އިޚްލާޞްތެރި ހަދިޔާއެއް. އެހެންވީމާ، އެފަދަ ހަދިޔާއެއް ދިވެހިރާއްޖެއަށް ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރުގެ ފަރާތުން ލިބުނު ކަމަށްޓަކައި އެމްބެސެޑަރ ހަމަމޯތޯ މެދުވެރިކޮށް، ޖަޕާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ބައިނަލްއަޤްވާމީ މުވާޞަލާތާބެހޭ ޖަމުޢިއްޔާގެ ފަރާތުން ދިވެހިރާއްޖެއަށް ތަފާތު އެހީތައް ލިބެމުންދޭ. އެންމެ ބޮޑަށް އެހީ ލިބޭ ރޮނގަކީ ފަންނީ ރޮނގު. އަޅުގަނޑުމެންގެ މުވާޞަލާތާބެހޭ ޢާންމު މަޝްރޫޢު، އާދެ، މާސްޓަރ ޕްލޭން ތައްޔާރުކުރުމުގައި އެފަރާތުން ލިބުނު އެހީ ވަރަށްވެސް ބޮޑު. އެ މަޝްރޫޢު ތައްޔާރުވެފައިވަނީ އެފަރާތުން ފޮނުއްވި މާހިރުންނާއި، ކަމާބެހޭ މީހުންގެ އެހީގައި. އަދި އެމީހުންގެ މަސައްކަތުން. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި ހިމެނިފައިވާ ކޯސްޓަލް ރޭޑިޔޯ ސްޓޭޝަން، އެތަން ހެދުނީވެސް އައި.ޓީ.ޔޫ.ގެ ފަންނީ އެހީގައި. އެކަންތައްތަކުގައި، އައި.ޓީ.ޔޫ.އާ ގުޅިގެން އަޅުގަނޑުމެންނަށް އެހީ ދެއްވި ފަރާތަކީ ޔޫ.އެން.ޑީ.ޕީ. އެހެންވީމާ، ޔޫ.އެން.ޑީ.ޕީ.އަށާއި، އައި.ޓީ.ޔޫ.އަށް މި ފުރުޞަތުގައި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، ދެން މި މަޝްރޫޢު މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، އެއް އަހަރު ދުވަސްވެސް ނުވަނީސް، ވަރަށް ފުރިހަމައަށް ކޮށް ނިންމައިދިން ފަރާތަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބަކަށްވާނެކަން ކަށަވަރު. އެފަރާތަކީ ޖަޕާނުގެ ތައިސޭ ކޯޕަރޭޝަން. އެފަރާތުން މަސައްކަތް ކުރަމުން ގެންދިޔައީ ވަރަށް ހަލުވިކޮށް، ވަރަށް އޮމާންކޮށް، އެއްވެސްކަހަލަ މައްސަލައެއް ނުޖެހި. އެހެންވީމާ، އެފަރާތަށާއި، އަދި މި ޢިމާރާތް ކުރަހައި، އެއަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ ތައްޔާރުތައްކޮށްދިން، ޖަޕާނުގެ އާކިޓެކްޓުންގެ ކުންފުންޏަށްވެސް އަޅުގަނޑު މިރޭ ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ފަރާތުން މި މަޝްރޫޢަށް ދެއްވި އަހަންމިއްޔަތާއި، މަޝްރޫޢުގެ އިސްވެރިން މިކަމުގައި ޙިއްޞާ ކުރެއްވި މިންވަރު އޮތީ ޚުދު އަޅުގަނޑަށް އެނގިފައި. އެހެންވީމާ، އެކަމަށްޓަކައި އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލް ރިޟްވާން ޝަރީފަށް އަދި އެ ޑިޕާޓްމަންޓްގެ އެހެނިހެން ވެރިންނަށާއި މުވައްޒަފުންނަށާއި، އިންޖިނޭރުންނަށާއި ޓެކްނީޝަނުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި އައި.ޓީ.ޔޫ.ގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ބަޓްލަރ، މުވާޞަލާތުގެ މުހިންމުކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވައިފި. އެއީ ކޮންމެ ޤައުމެއްގެވެސް އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ވަރަށް މުހިންމު ބައެއް އަދާކުރާ އެއްޗެއްކަން އޭނާ ހާމަކޮށްދެއްވައިފި. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، އާދެ، ޞިނާޢީ ޤައުމުތަކަށް މުވާޞަލާތުގެ ބޭނުންތެރިކަން އޮންނަނީ ވަރަށް ބޮޑަށް އިޙްސާސް ކުރެވިފައި. އެތަންތަނުން އެކަން ޤަބޫލުކުރޭ. އެހެންނަމަވެސް، ކުރިއަރަމުން އަންނަ ޤައުމުތަކުގައި އަދި އެ ފެންވަރަކަށް އެކަން ގޮސްފައެއް ނެތް. މިކަން ފާހަގަކޮށް، އައި.ޓީ.ޔޫ.ގެ ފަރާތުން އުފެއްދި މިނިވަން ކޮމިޓީއެއްގެ ރިޕޯޓުގައި ވަރަށް ރަނގަޅަށް ލިޔެފައި އެބައޮތް. މި ކޮމިޓީއަކީ ދުނިޔޭގެ އެތަންމިތާނގެ ކަމާބެހޭ މާހިރުންގެ މައްޗަށް އެކުލެވިގެން މަސައްކަތް ހިންގަމުން ގެންދިޔަ ކޮމިޓީއެއް. 17 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް. އެ ކޮމިޓީގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އެންމެ ބޮޑަށް އިސްކަންދެވެނީ ދަނޑުވެރިކަމަށާއި، ރައްޔިތުންނަށް ސާފު ބޯފެން ލިބިދިނުމަށާއި، މަގުހެދުމާ، މިބާވަތުގެ ކަންތައްތަކަށް. މުވާޞަލާތުގެ ދާއިރާއަށް އެތަންތާނގައި އެހާބޮޑު އަހަންމިއްޔަތެއް ދެވިފައެއް ނޯވޭ. އެހެންނަމަވެސް، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއީ އެއްގޮތަކަށްވެސް އެކަން ވާންވީ ގޮތެއް ނޫން. މުވާޞަލާތަކީ ކޮންމެ ތަނެއްގެވެސް އިޤްތިޞާދީ ކުރިއެރުމުގައި، ވިޔަފާރީގެ ކުރިއެރުމުގައި، އިޖުތިމާޢީ ކުރިއެރުމުގައި އަދި ޘަޤާފީ ޙަރަކާތްތަކުގައި ވަރަށް މުހިންމު ބައެއް އަދާކުރާ އެއްޗެއް. އެހެންކަމާއެކު، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް ތައްޔާރުކުރެވޭ ކޮންމެ މަޝްރޫޢެއްގައި، ތައްޔާރުކުރެވޭ ކޮންމެ ޤައުމީ ތަރައްޤީގެ މަޝްރޫޢެއްގައި، މުވާޞަލާތަށް އެކަށީގެންވާ އިސްކަންދޭންޖެހޭނެކަން ވަނީ އެ ރިޕޯޓުގައި ފާހަގަކުރައްވާފައި.

އާދެ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވިސްނައިލިޔަސް، މިއީ ތެދެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ. ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ ތަރައްޤީގައި އެންމެ މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ދާއިރާތަކަށް ވިސްނާލަމާ ހިންގަވާ. މިސާލަކަށް، މަސްވެރިކަން. މަސްވެރިކަމުގެ ދާއިރާއަށްވެސް މުވާޞަލާތުގެ ބޭނުންތެރިކަން އޮތްވަރު ބޮޑުކަން. އެއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ނޭނގޭނެ ކަމެއް ނޫން. ރާއްޖޭގެ ޓޫރިޒަމަށް މުވާޞަލާތުގެ މުހިންމުކަން އޮތްވަރު އެއީވެސް އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރާ ކަމެއް. ރާއްޖޭގެ ވިޔަފާރިއަށް މުވާޞަލާތުގެ މުހިންމުކަން އޮތްކަން، އެކަކުވެސް އެއާ ދޭތެރޭގައި ޚިލާފެއްނުވާނެ. ރާއްޖޭގެ ދަނޑުވެރިކަމަށް، ރާއްޖޭގެ ޞިއްޙަތަށް، ރާއްޖޭގެ ތަޢުލީމަށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރަށް، މިހެންގޮސް އަޅުގަނޑުމެންގެ ތަރައްޤީއާ ގުޅިފައިވާ ކޮންމެ ދާއިރާއަކަށް މުވާޞަލާތުގެ މުހިންމުކަން އޮތް މިންވަރު މިއަދު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަޒަންކުރެވެންވާނެ. އެހެންކަމާއެކު، މިފަދަ ޢިމާރާތެއް ހަދައި، އަޅުގަނޑުމެންގެ މި މުހިންމު މަޝްރޫޢުގެ މިބައި ނިމުން އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން ވަރަށްބޮޑު ހިތްހަމަޖެހުމަކާއެކު ފާހަގަކޮށްލަންޖެހޭނެ ކަމެއް.

އާދެ، އައި.ޓީ.ޔޫ.ގެ މިނިވަން ކޮމިޓީގެ މި ދެންނެވި ރިޕޯޓުގައި، އެންމެ ބޮޑަށް ބާރުއަޅާފައިވަނީ، ދުނިޔޭގައި ހުރި ޓެލެފޯނުގެ ގުޅުންތައް ރަނގަޅުކުރުމުގެ މައްޗަށް. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިހާރު ދުނިޔޭގައި ހުރީ 600 މިލިއަން ޓެލެފޯން. 600 މިލިއަން ޓެލެފޯނުގެ ތެރެއިން، އޭގެ ހަތަރުބައިކުޅަ ތިންބައި ހުރީ ހަމައެކަނި 9 ޤައުމުގައި. ދެން ބާކީހުރި ހަތަރުބައިކުޅަ އެއްބައި ޓެލެފޯނު، އާދެ، އެންމެ 150 މިލިއަން ޓެލެފޯނު މިހުރީ ދުނިޔޭގައި އޮތް އެހެން ހުރިހާ ޤައުމުތަކަކަށް ބެހިފައި. އެހެންވީމާ، މިއިންވެސް އެބަ އެނގޭ، ޞިނާޢީ ޤައުމުތަކާއި، ތަރައްޤީވެފައިވާ ޤައުމުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކާ ދޭތެރޭގައި، މި މުވާޞަލާތުގެ ކަންތަކުގައިވެސް، އަދި ޚާއްޞަކޮށް، ޓެލެފޯނުގެ ދާއިރާގައި ހުރި ތަފާތު ބޮޑުކަން.

އާދެ، އަދިވެސް އެ ރިޕޯޓުގައި ބުނެފައިވޭ. ދުނިޔޭގައި ދިރިއުޅޭ އެންމެންގެ ދެބައިކުޅަ އެއްބައި ދިރިއުޅޭ ޤައުމުތަކުގައި ހުރި ޓެލެފޯނުގެ ޢަދަދުތަކަށް ވިސްނާއިރު، ކޮންމެ 100 މީހަކަށް ޖެހެނީ 1 ޓެލެފޯން ކަމަށް. އާދެ، އެ ރިޕޯޓުގައި އެހެން އޮތީމާ، ދެން އަޅުގަނޑު ކުޑަކޮށް ވިސްނާލީ، އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި. ވިސްނާލިއިރު، އަޅުގަނޑަށް ފެނުނީ، މާލޭގައި މިހާރުހުރި އެކްސްޗޭންޖްގައި، ގާތްގަނޑަކަށް 2800 ޓެލެފޯން އެބަހުރި ކަމަށް. މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޢަދަދަކީ 45000 މީހުން ކަމުގައި ބެލީމާ އެބަޖެހޭ، ކޮންމެ 16 މީހަކަށް 1 ޓެލެފޯން. ދެން މުޅި ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި ތިބީ އެއްލައްކަ އަށްޑިހަ އެއްހާސް މީހުން ކަމަށް ބަލާފައި، ރާއްޖެތެރޭގައިވެސް ހިސާބަކަށް ޓެލެފޯނުގެ ޚިދުމަތް ދެވެމުންގެންދާތީ، އެބައި އިތުރުކޮށްލައިގެން، އަޅުގަނޑު ކުރިން ދެންނެވި 2800 ޓެލެފޯނުގެ އެވްރެޖް ބެލީމާ، މުޅި ރާއްޖޭގެ ކޮންމެ 62 މީހަކަށް 1 ޓެލެފޯން ޖެހޭ.

އެހެންވީމާ، މިހާރުވެސް މިގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައް، ދުނިޔޭގެ ދެބައިކުޅައެއްބައި ޤައުމުތަކަށްވުރެ ރަނގަޅޭ ދެންނެވެން އަންނަނީ. ދެން މި މަޝްރޫޢު ނިމޭއިރަށް ވިސްނާއިރު، އާދެ، މި މަޝްރޫޢުގައި އެންމެ ފުރަތަމަ މަރުޙަލާގައި މިއޮތީ 7000 ޓެލެފޯނު އިތުރުކުރާގޮތަށް. އެހެންނަމަވެސް، އަދި އިތުރު 3000 ޓެލެފޯން އިތުރުކުރެވޭގޮތަށް ރޭވިގެންދަނީ. އެހެންވީމާ، ކުރިއަށް އޮތް ތާނގައި ދިހަހާސް ޓެލެފޯން މިތާނގައި ހުންނާނެ ކަމަށް، މި ދެންނެވީ މާލެއާއި ރާއްޖެތެރެއަށް އޭގެ ޚިދުމަތް ލިބޭނެކަމަށް ބެލީމާ، މާލޭގެ ކޮންމެ 8 މީހަކަށް ޓެލެފޯނެއް ޖެހޭ. އަދި ރާއްޖޭގެ ކޮންމެ 20 މީހަކަށް ޓެލެފޯނެއް ޖެހޭ. އެހެންވީމާ، އެގޮތުން ބަލާއިރުވެސް، އަޅުގަނޑު ހިތުން މި މަޝްރޫޢު ނިމުމުން، އަޅުގަނޑުމެންނަށް މުވާޞާތުގެ މަގުގައި ވަރަށްބޮޑު މަރުޙަލާއެއް ކަޑައްތު ކުރެވޭނެ.

އާދެ، މުވާޞަލާތުގެ މުހިންމުކަން، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، އޮތީ ހަމައެކަނި ވަކި ދާއިރާއަކަށް އެކަންޏެއް ނޫން. އެކަން އޮތީ ހަމައެކަނި ޓުއަރިޒަމަކަށް ނޫން. ނުވަތަ ވިޔަފާރިއަކަށް ނޫން. ނުވަތަ ސިވިލްއޭވިއޭޝަނަކަށް ނޫން. ޤައުމުގެ ހުރިހާ ދާއިރާއެއްގައިވެސް މުވާޞަލާތުގެ ކަންތައްތައް ކުޅެނީ ވަރަށް މުހިންމު ބައެއް. ޚާއްޞަކޮށް، ތަޢުލީމާއި ޞިއްޙަތުގެ ދާއިރާގައި.

އާދެ، މިރޭ އިނގޭތޯ، މި ދަނޑިވަޅުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނާ މިހާރު ދިމާވެގެން މިއުޅޭ ރޯގާގެ މައްސަލައިގައިވެސް މުވާޞަލާތުގެ މުހިންމުކަން ބޮޑުކަން މިހާރު އޮތީ އަޅުގަނޑުމެންނަށް ވަރަށްބޮޑަށް އިޙްސާސް ކުރަން ޖެހިފައި. އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދަމު، މާލޭގައި ފެތުރިގެންމިދާ ރޯގާ ކޮންޓްރޯލް ކުރެވޭތޯ. އެ ރޯގާގެ އަސަރު ރާއްޖެތެރެއަށް ނުގޮސް، އޭގެ އަސަރު ރާއްޖެތެރެއަށް ނުދާނެގޮތެއްގެ މަތިން ނުވަތަ ދިޔަނުދިނުމަށްޓަކައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމުގެ މައްޗަށް.

މި މަސައްކަތް ކުރަމުން ގެންދާއިރު، މުވާޞަލާތުގެ މުހިންމުކަން އަޅުގަނޑުމެންނަށް ހަމަ ކޮންމެ ދުވަހަކުވެސް އިޙްސާސް ކުރެވޭ. ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް. އެއްވެސް އަތޮޅެއްގައި ރޯގާގެ އަސަރު ހުރިތޯ ބަލަން އެބަޖެހޭ. ދުވާލު ތިންފަހަރު ނުވަތަ ހަތަރުފަހަރު، ކޮންމެ އަތޮޅަކާ ސަރުކާރުން ގުޅަމުންގެންދޭ. އާދެ، ރޯގާ ކޮންޓްރޯލް ކުރުމާބެހޭ މަރުކަޒުން ރެޔަކާއި ދުވާލު ހަތަރުފަހަރު ކޮންމެ އަތޮޅުއޮފީހަކާ ގުޅައިގެން އަތޮޅުއޮފީސްތަކުން މަޢުލޫމާތު އެބަ ހޯދާ. ރާއްޖެތެރޭގެ އަތޮޅުތަކުގެ އެއްވެސް ރަށެއްގައި ރޯގާގެ އަސަރެއް ހުރިތޯ ބަލަމުން ގެންދަނީ. އަދި އެތަންތަނުން އަންނަ މަޢުލޫމާތު، ރޯގާ ކޮންޓްރޯލް ކުރުމާބެހޭ މަރުކަޒުގައި، އެތާނގައި ހުންނަ ބޯޑެއްގައި އެޅުވެމުންދޭ. އެހެންވީމާ، އެގޮތުން ރާއްޖެތެރެއިން ލިބޭ މަޢުލޫމާތަކީ މި ދަނޑިވަޅުގައި، އޭގެ ބޭނުންތެރިކަން ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ގޮސްފައިވާ މުހިންމު މަޢުލޫމާތެއް. އަދި މިނޫން ކުއްލި ކޮންމެ ކަމެއްގައިވެސް، މުވާޞާތުގެ މުހިންމުކަން އެއީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވިސްނައިލެވޭނެ ކަމެއް.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ މި ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް. މި އެހީއަކީ އެފަރާތުން އަޅުގަނޑުމެންނަށް ދެއްވާ ދަރަންޏެއް ނޫން. މީގެ އަގު އަޅުގަނޑުމެން އެފަރާތަށް އަދާކުރާކަށެއް ނުޖެހޭ. މީގެކުރިންވެސް ދެންނެވި ފަދައިން، ޖަޕާނުގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ދެއްވާ ހަދިޔާއެއް. އާދެ، ޖަޕާނަކީ ރާއްޖެއަށް ވަރަށްގިނަ ގޮތްގޮތުން އެހީވެދެމުން ގެންދާ ޤައުމެއް. މީގެކުރިން މަސްވެރިކަމުގެ ދާއިރާގައިވެސް ވަރަށް ދީލަތި އެހީތަކެއް ޖަޕާނު ސަރުކާރުން ވަނީ ވެދީފައި. ތަޢުލީމުގެ ދާއިރާގައިވެސް، ރާއްޖެތެރޭގައި އުފެދިގެންދިޔަ ވަރަށްގިނަ ޢަދަދެއްގެ މަދަރުސާތައް ހެދިފައި އެވަނީ ޖަޕާނު ސަރުކާރުގެ އެހީގައި.

މިރޭ މި ހުޅުވޭ މަރުކަޒު، އާދެ، ރާއްޖޭގެ މުވާޞަލާތާބެހޭ އާ މަރުކަޒު މިއީ މުޅިންވެސް ޖަޕާނުގެ އެހީގައި ހެދިފައިވާ ތަނެއް. އަދި ކުރިއަށް އޮތް ތާނގައި މިތަނަށް ބޭނުންވާ ތަފާތު ފަސޭހަތައް އިތުރުކުރެވޭނީވެސް ޖަޕާނު ސަރުކާރުގެ އެހީގައި. އެހެންވީމާ، އެ ހުރިހާ އެހީއެއް އިޚްލާޞްތެރިކަމާއި ރަޙްމަތްތެރިކަމާއެކު، އެއްވެސްކަހަލަ ޝަރުޠެއްނުކޮށް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެފަރާތުން ވެދެއްވާ އެހީއެއްގެ ގޮތުގައި، އެފަރާތުން ވެދެއްވާ ހަދިޔާއެއްގެ ގޮތުގައި ދެއްވާތީ، އެމްބެސެޑަރ ހަމަމޯތޯ މެދުވެރިކޮށް، އަދިވެސް އެއްފަހަރު ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ މުވާޞަލާތު ތަރައްޤީ ކުރުމުގައި، މި މަޝްރޫޢުގެ އިތުރަށް އެހެނިހެން ކަންތައްތައްވެސް ކުރަން އެބަހުރި، އަޅުގަނޑުމެންގެ މާސްޓަރ ޕްލޭންގައި. މާސްޓަރ ޕްލޭންގައިވާ ގޮތުގެ މަތިން، އެކަންތައްތައް ކުރިއަށް ގެންދިޔުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް. ވަރަށް އިސްކަންދޭ ކަމެއް.

އެހެންވީމާ، އެކަންތައްތައް ކުރިއަށް ގެންދިޔުމުގެ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވުން އެދެން. އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރާއި ރައްޔިތުން ކުރަމުންގެންދާ ހުރިހާ މަސައްކަތެއްގައި ބަރަކާތް ލެއްވުން އެދި ދުޢާކުރަމުން މިރޭގެ އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.