بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އެސް.ޓީ.އޯ. އުފެދިގެން އައީވެސް ޤައުމީ ވާޖިބެއް އަދާކުރާ ތަނެއްގެ ގޮތުގައި. މިހާރު ހިނގަމުންދަނީވެސް ޤައުމީ ވާޖިބެއް އަދާކުރާ ތަނެއްގެ ގޮތުގައި. އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އެސް.ޓީ.އޯ. ހިނގަމުންދާނީވެސް ޤައުމީ ވާޖިބެއް އަދާކުރާ ތަނެއްގެ ގޮތުގައި. އެހެންކަމާއެކު އެސް.ޓީ.އޯ.ގެ ޢުމުރުން 25 އަހަރު ފުރޭ އަހަރު އަދި އެ މުނާސަބަތުގައި އެސް.ޓީ.އޯ.ގެ ޚިދުމަތް އެންމެ ބޮޑަށް ލިބިގަނެވޭ ފަރާތް ކަމުގައިވާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބަރާކްބާދީ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އެސް.ޓީ.އޯ ކާމިޔާބު އޯގަނައިޒޭޝަނެއްގެ ގޮތުގައި ހިނގުމުގައި އެތާނގެ އިސްވެރިން ޙިއްޞާކުރައްވާ މިންވަރަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވަޒަން ކުރެއްވޭނެ މިންވަރެއް. އެހެންކަމާއެކު، މި އުފާވެރި މުނާސަބަތުގައި، އެސް.ޓީ.އޯ.ގެ ހިންގުންތެރިންނަށް އާދެ، ޚާއްޞަކޮށް، އެތާނގެ މެނެޖިންގ ޑިރެކްޓަރ އަދި މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް އިލްޔާސް އިބްރާހީމަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އޭނާގެ އިތުރުން، އެސް.ޓީ.އޯ. ހިންގުމުގައި މަސްއޫލިއްޔަތުތަކެއް އަދާކުރައްވާ އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނަށްވެސް އަދި އެކިއެކި ޑިޕާޓްމަންޓްތަކުގެ ވެރިންނަށާއި، އެސް.ޓީ.އޯ.ގައި މަސައްކަތް ކުރައްވާ ތަފާތު ފެންވަރުތަކުގެ މުވައްޒަފުންނަށް މިއުފާވެރި މުނާސަބަތުގައި މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގައިވެސް ދެންނެވިފަދައިން، އެސް.ޓީ.އޯ. އުފެދިފައި ވަނީ ޤައުމީ ވާޖިބެއް އަދާކުރާ ތަނެއްގެ ގޮތުގައި. އެކަން ދެންމެ މެނެޖިންގ ޑިރެކްޓަރުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އޮޅުންފިލައިގެންވެސް ހިނގައްޖެ. އެންމެ ފުރަތަމަ ރާއްޖޭގެ މިނިވަންކަމަށް ރާއްޖެ ތައްޔާރުވަމުންދިޔަ ދުވަސްވަރު، މިނިވަންކަމުގެ އެންމެ މުހިންމު އެއް ބިންގަލަކީ، އިޤްތިޞާދީ މިނިވަންކަމުގެ ބިންގާ ކަމަށްވާތީ، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު މިނިވަންކުރެއްވުމުގެ ގޮތުން، ސަރުކާރުން އެސް.ޓީ.އޯ. އުފެއްދެވީ. އެހެންވީމާ، އޭރުއްސުރެ، ރާއްޖޭގެ މިނިވަންކަމާއި އެސް.ޓީ.އޯ އަދާކުރާ ބަޔާ އޮތީ ވަރަށް ބޮޑަށް ގުޅިފައި. އަދި އަޅުގަނޑު ދެކޭގޮތުގައި މިހާރުވެސް އަޅުގަނޑުމެންގެ މިނިވަންކަމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެއީ މިނިވަންކަމުގެ ވަރަށް ބޮޑު ބައެއް. އެބައި އަދާކުރުމުގައިވެސް އެސް.ޓީ.އޯ.އިން ކުރައްވާ ކަންތައްތައް އެއީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެއް.

އެންމެ ފުރަތަމަ އެސް.ޓީ.އޯ. އުފެދިގެން އައީ ވަރަށްކުޑަގޮތެއްގައި. އޭ.ޓީ.އޭ.ގެ ނަމުގައި، އެމް.ޖީ.ބީ.އެސް.ގެ ނަމުގައި، ވަރަށް ކުޑަކުޑަ ވިޔަފާރިއެއް ކުރާ ތަނެއްގެ ގޮތުގައި. އެހެންނަމަވެސް، އެސް.ޓީ.އޯ.ގެ ޢުމުރުން 25 އަހަރު ހަމަވިއިރު، އެސް.ޓީ.އޯ.އަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު އަތުވެއްޖެ. އެ ވާހަކަތަކުގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށެއްނެތިން. އެކަންތައްތައް ތިޔަބޭފުޅުންނަށް، މިރޭގައި ވާހަކަފުޅު ދެއްކެވި އެކި ބޭފުޅުންގެ ވާހަކަފުޅުންވެސް މިހާރުވާނީ އޮޅުންފިލައިވަޑައިގެންފައި. އަދި އޭގެ އިތުރުން، ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުޅުއްވި އަދި އެކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމުގައިވާތީ، އެވާހަކަތައް އިތުރަށް ދެންނެވުމުގެ މާބޮޑު ބޭނުމެއް އޮތް ކަމަކަށްވެސް އަޅުގަނޑު ނުދެކެން. އާދެ، ކުރިން އޮތީ ހަމައެކަނި ވިޔަފާރިކުރާ ތަނެއްގެ ގޮތުގައި. އެސް.ޓީ.އޯ. އޭރު އުފެދިފައި އޮތީ ކުރިންވެސް ދެންނެވި މަޤްޞަދުގައި. އެހެންނަމަވެސް، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އެތަނަށް އައި ބަދަލުތަކުގެތެރޭގައި، އެންމެ ބޮޑު ބަދަލެއް ކަމުގައި އަޅުގަނޑު ދެކެނީ، އެއީ ހަމައެކަނި ވިޔަފާރިކުރާ ތަނެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެތަނަކީ ޤައުމީ ފެންވަރުގައި، ރައްޔިތުންނަށް ބޭނުންވާ ތަފާތު ޚިދުމަތްތައް ދޭތަނަކަށް ބަދަލުވެގެންދިޔަދިޔުން.

އާދެ، އެސް.ޓީ.އޯ.އިން ކުރައްވާ މަސައްކަތްތައް އެއީވެސް އަޅުގަނޑު އޭގެ ތަފްޞީލަށް ދާން ބޭނުންވާ ކަމެއް ނޫން. އެސް.ޓީ.އޯ.އިން ރާއްޖެއަށް އެތެރެކުރައްވާ ކާޑުގެ ބާވަތްތައް، ރާއްޖެއަށް ބޭނުންވާ އެހެނިހެން މުދާ އެތެރެކުރެއްވުން. ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދާ ރާއްޖެއިން ބޭރުން އެތެރެކުރެއްވުން. އެސް.ޓީ.އޯ.އިން ފެލިވަރުގައި ހިންގަވާ މަސްވެރިކަމުގެ މަޝްރޫޢުތައް، އަދި މަސްވެރިން އަތުން މަސް ގަތުން. އެސް.ޓީ.އޯ.އިން ހިންގަވާ ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާތައް. އެސް.ޓީ.އޯ.އިން ރާއްޖެތެރޭގައި ކުރައްވާ އެހެން މަސައްކަތްތައް. އެކިއެކި އެއަރޕޯޓް ހެއްދެވުމުގެ މަސައްކަތް. އެކިއެކި ތަންތާނގައި ޢިމާރާތްކުރުމާއި، ސިނަމާތައް އެޅުމާއި، އެނޫންގޮތްގޮތުންވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަދާކުރެއްވުމުގެ މަސައްކަތްތައް. މި ހުރިހާ ކަންކަމުގެ ތަފްޞީލަކަށް ދާކަށް އަޅުގަނޑު ނެތިން. އެއީ އެކަންކަމަކީ، އެކަންކަމުގެ މުހިންމުކަމާއި، އެކަންކަން ހިނގަމުންދާގޮތް، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް ފެނިވަޑައިގެންފައިވާނެ ކަންތައްތަކެއް ކަމަށްވާތީ.

އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އެސް.ޓީ.އޯ. އިން ވަރަށް މުހިންމު ޤައުމީ ބައެއް މިހާތަނަށް ކުޅެދީފައި އެބައޮތޭ. ބޭރުގެ ދުނިޔެއަށް ބަލައިލާއިރުވެސް އެކަން އަޅުގަނޑުމެންނަށް ފާހަގަވެގެންދޭ. އެއީ ރާއްޖެއަކީ ވިޔަފާރީގެ ގޮތުން އިތުބާރުހުރި ތަނެއްކަން، ބޭރު ޤައުމުތަކަށް އެންމެ ބޮޑަށް އިޙްސާސް ކުރެވިގެން ގޮސްފައިވަނީ، އެސް.ޓީ.އޯ.ގެ ތެރެއިން ލާފައި. އާދެ، އެހެން މި ދެންނެވީ، އެސް.ޓީ.އޯ.އަކީ ސަރުކާރުގެ ތަނެއް. ސަތޭކައިންސަތޭކަ ސަރުކާރުގެ ތަނެއް. އެހެންވީމާ، ސަރުކާރުގެ ޤަވާޢިދުތަކާއި އުޞޫލުތައް ހަމަޖެހިފައިވާ ގޮތުން، ވިޔަފާރީގައިވެސް އެސް.ޓީ.އޯ. އިން ގެންގުޅުއްވަން ޖެހެނީ ޚާއްޞަ އުޞޫލުތަކެއް. އަމިއްލަ ވިޔަފާރިވެރިން ގެންގުޅޭ މިނިވަން ގޮތްތަކެއް، އެސް.ޓީ.އޯ. އަށް ގެންގުޅެވޭކަށެއް ނޯންނާނެ. އެހެންކަމާއެކު، ބޭރު ދުނިޔޭގައި އެސް.ޓީ.އޯ. ތަޢާރުފް ވެފައިވަނީ އިތުބާރު ހުރި ތަނެއްގެ ގޮތުގައި. އެސް.ޓީ.އޯ.އިން ބުނާ ބަހަކީ ތެދުބަހަކަށްވާނެ ކަމުގެ ޔަޤީންކަން އެމީހުންނަށް ލިބިފައި އޮވޭ. އެސް.ޓީ.އޯ.އިން މުދާ އެތެރެކުރާނަމަ، އެ މުދަލަށް ބޭނުންވާ ފައިސާ އެމީހުންނަށް ވަގުތުން ލިބޭނެކަމުގެ ޔަޤީންކަން، ބޭރުގެ ފަރާތްތަކަށް އޮވޭ. އެހެންވީމާ، ރާއްޖޭގެ ވިޔަފާރިއަށް ބޭރު ދުނިޔޭގައި ލިބިފައިވާ އިތުބާރު، އޭގެ އެންމެ ބޮޑުބައި ރައްދުވާންޖެހޭނީ ހަމަ އެސް.ޓީ.އޯ.އަށް.

އާދެ، އެހެންވީމާ މިއަދުގެ ދިވެހިރާއްޖެއަކީ ހުރިހާ ރޮނގަކުންވެސް ކުރިއަށްދާ ތަނަކަށްވާއިރު، އެންމެ ބޮޑަށް އަޅުގަނޑުމެން މިހާރު ކުރިއަރުވަން މަސައްކަތްކުރާ ދާއިރާއަކީ އިޤްތިޞާދުގެ ދާއިރާ. ވިޔަފާރީގެ ދާއިރާ. މި އިޤްތިޞާދީ ކަންތައްތަކާއި ވިޔަފާރީގެ ކަންތައްތައް ކުރިއަށްދަނީ ވަރަށް ބޮޑު އިތުބާރެއް އޮވެގެން. ވިޔަފާރީގެ ކާމިޔާބުގެ ސިއްރަކީވެސް އަޅުގަނޑު ދަންނަވާނީ ހަމަ އިތުބާރޭ. ވިޔަފާރިކުރާ މީހާއާއި، އެ ވިޔަފާރީގެ ޚިދުމަތް ލިބިގަނެވޭ ފަރާތާ ދޭތެރޭގައި ވަރުގަދަ އިތުބާރެއް ނެތްނަމަ، އެ ވިޔަފާރި އެއީ ކާމިޔާބު ވިޔަފާރިއަކަށް ނުވާނެ. މިދާކަށް ދުވަހަކު އަޅުގަނޑު މިދޭތެރެއިން ވިޔަފާރިވެރިންގެ ޖަމުޢިއްޔާއަށް ހޮވުނު ބޭފުޅުންނާ ބައްދަލުކޮށްލިން. އެބައްދަލުކޮށްލުމުގައިވެސް އަޅުގަނޑު މި ނުކުތާ ފާހަގަކޮށްލި ހަނދާންވޭ. އެއީ އަޅުގަނޑުމެން ވިޔަފާރީގެ މުޢާމަލާތު ހިންގާއިރު، ކޮންމެ ވިޔަފާރިވެރިޔަކުވެސް ވިސްނަވަންޖެހޭނީ އޭނާގެ ދުރު މުސްތަޤްބަލުގައި ފައިދާ އޮތީ ވީހާ ބޮޑަކަށް އޭނާ އެކުރާ މުޢާމަލާތުގައި އިތުބާރު ހުރި މިންވަރު ދެއްކެވުމުގެ މައްޗަށް ކަމަށް އަޅުގަނޑު ވާހަކަ ދެއްކިން. އެއީ ޝައްކެއްނެތްގޮތުގައި ތެދެއް. ވިޔަފާރި ކުރާ ކުރުމުގައި ވަގުތީ ފައިދާއެއް ޙާޞިލްކުރެވިދާނެ، އެކިގޮތްގޮތަށް ޢަމަލުކޮށްގެން. އެހެންނަމަވެސް، އޭގެ ނަތީޖާއަކަށްވާނީ އެވިޔަފާރީގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރު ކެނޑިގެން ދިޔުން. އެހެންވީމާ، ދުރު މުސްތަޤްބަލަށް ބަލާއިރު، ނުވަތަ އޭގެ ފަހަށް ބަލާއިރު، އެ އިތުބާރު ކެނޑުމުގެ ސަބަބުން އެވިޔަފާރިއަށް ވާނީ ޝައްކެއްނެތްގޮތުގައި ގެއްލުން.

އެހެންވީމާ، އެސް.ޓީ.އޯ.ގެ ފަރާތުން ރާއްޖެއަށް ކޮށްދެއްވި އެންމެބޮޑު އެއް ޚިދުމަތެއް ކަމުގައި އަޅުގަނޑު ފާހަގަކުރަނީ، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ވިޔަފާރީގެ ޤަދަރު އުފުއްލެވުން. ރާއްޖެއަކީ ވިޔަފާރީގެ ގޮތުންވެސް އިތުބާރުހުރި ތަނެއްގެ ގޮތުގައި، އޭގެ ތަޞައްވުރު ބޭރު ދުނިޔޭގައި އުފެއްދެވުން. އާދެ، މިހެން ދެންނެވި ކަމުގައިވިޔަސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު އެސް.ޓީ.އޯ.އަކީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫން. ޤައުމަށް ބޭނުންވާ ކޮންމެ ކަމެއް ކުރުމުގައި، އެސް.ޓީ.އޯ.އިން ވަރަށް ބޮޑަށް އިސްނަންގަވަމުން ގެންދަވާ. އެއީ ސަރުކާރުން އެކަން ހަމަޖައްސާފައިވާވެސް ގޮތް.

އާދެ، އަމިއްލަ ވިޔަފާރިވެރިން ވިޔަފާރިކުރާއިރު، ކޮންމެ މީހަކުވެސް ބަލާނީ ނުވަތަ ބަލަންޖެހޭނީވެސް، އެކުރާ ވިޔަފާރިއަކީ ފައިދާވާ ވިޔަފާރިއަކަށްވޭތޯ. ޝައްކެއްނެތް، އެއީ ވިޔަފާރީގެ އުޞޫލު. އެހެންނަމަވެސް، އެސް.ޓީ.އޯ.އިން ވިޔަފާރިކުރާއިރު، އެގޮތަކަށް ބެލޭކަށެއްނޯވޭ. އެއީ އެސް.ޓީ.އޯ.އިން ކުރާ ވިޔަފާރިއަކީ، ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ވިޔަފާރިއަކަށްވާތީ. އެހެންވީމާ، އެވިޔަފާރިން މާބޮޑު ފައިދާއެއް ނުކުރިކަމުގައިވިޔަސް، ރައްޔިތުންގެ ފައިދާއަށްޓަކައި އެޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުވައިދޭންޖެހޭތީ، އެ ވިޔަފާރި އެސް.ޓީ.އޯ.އަށް އޮންނަނީ ކުރަން ޖެހިފައި.

އާދެ، އަޅުގަނޑު ދަންނަވާލާނަން، 1978 ވަނަ އަހަރު އަޅުގަނޑު ރައީސްކަމަށް އިންތިޚާބުވުމާ ގުޅިގެން، ރައީސްކަމާ ޙަވާލުވުމުގެ ކުރިން، މި ވޭތުވެދިޔަ ދުވަސްކޮޅުގެތެރޭގައި، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ، އަޅުގަނޑު ވިސްނަމުން ގެންދިޔައިން. އެކަމާ ދޭތެރޭގައި ވަރަށް ގިނަ ޚިޔާލުކުރިން. އަދި ވަރަށް ގިނަ މީސްމީހުންނާ ބައްދަލުކޮށް، އެމީހުންގެ ޚިޔާލުވެސް ހޯދައި ހެދިން. މާލޭގެ އެކިއެކި މީހުންނާއި، ރާއްޖެތެރޭގެ މީހުން. ހުރިހާ އެންމެންވެސް ބުނިގޮތުގައި، އޭރު ކަންތައްތައް އޮތްގޮތުން ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ބޭނުންވަނީ ކާބޯތަކެތީގެ ޔަޤީންކަން އޮތުން. އެނގިވަޑައިގަންނަވާނެ، އެ ދުވަސްކޮޅުގެ ވާހަކަ މާދިގުކޮށް ނުދެއްކިޔަސް، ކާޑުގެ ގޮތުން އެއީ މާ ތަނަވަސް ދުވަސްކޮޅެއް ނޫން. އެހެންވީމާ، ހުރިހާ އެންމެންވެސް އަޅުގަނޑު ގާތުގައި ބުނީ، ނުވަތަ ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ގާތުގައި ވިދާޅުވީ، އެންމެ ފުރަތަމަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާނެ ކަމަކީ ކާޑުގެ ބާވަތްތައް، އެކަށީގެންވާ ފެންވަރެއްގެ ތަކެތި ރައްޔިތުންނަށް ލިބޭގޮތަށް ހުރުމޭ.

އެހެންވީމާ، އެކަމަށް އަޅުގަނޑު އޭރުއްސުރެ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މިގެންދަނީ. އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު ހުރީ ކާޑުގެ ވަރަށް ކުޑަކުޑަ އެތިކޮޅެއް. މީގެ ކުރިން ކޮންމެވެސް އެއްފަހަރެއްގައި ދެއްކި ވާހަކައެއްގައި އަޅުގަނޑު އެ ވާހަކަ ދެންނެވިން. އެހެންވީމާ، އެވާހަކަ ތަކުރާރުކުރާކަށެއްނެތިން. އެހެންނަމަވެސް، ކުއްލިއަކަށް އެ ދުވަސްކޮޅު ފިޔަވަޅުތަކެއް އަޅައިގެން އެކަން ހަމަޖެއްސުނީ. އޭގެ ފަހުން އިރާދަކުރެއްވިއްޔާ މިހާތަނާ ޖެހެންދެން ކާޑުގެ އެއްވެސް މައްސަލައެއް، ރާއްޖޭގެ ރައްޔިތުންނަކަށް ކުރިމަތިވެފައެއް ނެތް. ރާއްޖޭގެ ރައްޔިތުން ބޭނުންކުރާ ފެންވަރުގެ ކާބޯތަކެތި ހަނޑޫ، ހަކުރު، ފުށް އަބަދުވެސް ލިބެންހުރޭ. އަދި ކުރިންވެސް އަޅުގަނޑު އެހެން ތަނެއްގައިވެސް ވާހަކަ ދައްކަމުން ބުނިފަދައިން، އެ ވަގުތަކު އަޅުގަނޑުމެން އެ ކާ ވައްތަރުގެ ކާބޯތަކެތި ލިބެންހުރި އެންމެ ހެޔޮ އަގެއްގައި ސަރުކާރުން ގެނެސްގެން، ރައްޔިތުންނަށް ވިއްކެންހުރި އެންމެ ހެޔޮ އަގެއްގައި ވިއްކަމުން ގެންދަނީ.

އާދެ، މިހާރުވެސް މި މަސައްކަތް ޚުދު އަޅުގަނޑު ބަލަމުން ގެންދަން. މަހަކު ދެ ފަހަރު އެސް.ޓީ.އޯ.ގައި ހަނޑޫ، ހަކުރު، ފުށް ހުރި މިންވަރު އަޅުގަނޑު ބަލަމުން ގެންދަން. މިހާރު ބާކީހުރީ ކިހާ ހަނޑުލެއްތޯ، ކިހާ ފުށެއްތޯ، ކިހާ ހަކުރެއްތޯ. އަންނަންހުރީ ކިހާވަރެއްތޯ. މި ހުރިހާ ހިސާބުތަކެއް، އެސް.ޓީ.އޯ.އިން ކޮންމެ ދެ ހަފްތާއިން އެއް ހަފްތާއިން އަޅުގަނޑު ގެނެސްގެން، އަޅުގަނޑު އަމިއްލައަށް ބަލައި، ބާކީހުރިވަރު ދެނެގަނެ، އަންނަންހުރިވަރު ބަލައި، މިހުރިހާ ކަމެއް މިހާރުވެސް ކުރަމުން ގެންދަން. އެއީ ކުރިންވެސް ދެންނެވިފަދައިން، 1978 ވަނަ އަހަރު އަޅުގަނޑަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ލިބުނު އެންމެ ފުރަތަމަ ލަފައަކީ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާވަރަށް ކާބޯތަކެތި އަބަދުވެސް ރާއްޖޭގައި ހުންނާނެ ގޮތެއްވޭތޯ ބަލައިދޭށޭ. އެހެންވީމާ، އަޅުގަނޑު ދުށީ އެއީ އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބު ކަމުގައި.

އަޅުގަނޑު މި ދަންނަވަން އުޅޭ އެއްޗަކީ، އެސް.ޓީ.އޯ.އިން އެ ކުރައްވާ ޚިދުމަތުގެ އެންމެ ބޮޑު ބަޔަކީ ރައްޔިތުންނާ ގުޅިފައިވާ ޚިދުމަތެކޭ. ރައްޔިތުންނަށް ބޭނުންވާ ތަކެތި ހޯދައިދިނުން. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ލިބިދިނުން. އެ ޚިދުމަތްތަކުގެ ވާހަކަ، ތިޔަބޭފުޅުންނަށް މިހާރު ވަރަށް ރަނގަޅަށް އޮޅުންފިލައިވަޑައިގެންފައި އޮންނާނެ.

އާދެ، ދެން ދެންމެ އިލްޔާސްގެ ވާހަކަފުޅުގައިވެސް އެ ވިދާޅުވިފަދައިން، އެސް.ޓީ.އޯ.އިން ކޮންމެހެން މަސައްކަތް ކުރަނީކީ ބޮޑެތި ފައިދާތަކެއް ހޯދާކަށެއްނޫން. އެއީ ބައެއްކަހަލަ މަސައްކަތްތަކަކީ އެއިން ފައިދާއެއް ނުވާނެ ކަންތައްތައް ކަމަށްވާތީ. މިސާލަކަށް، ރާއްޖޭގެ ބަލިމީހުންނަށް ބޭނުންވާ ބޭސް އެތެރެކުރުން. މިހާރު ސަރުކާރުން ޤަޞްތުކޮށްފައި އޮތީ މިއަންނަ އަހަރުން ފެށިގެން އަމިއްލަ ވިޔަފާރިވެރިންނަށްވެސް ބޭސް އެތެރެކުރުމުގެ ހުއްދަ ދޭގޮތަށް. އެކަން ވަނީ މިހާރު އިޢުލާނުވެސް ކޮށްފައި. އެހެންނަމަވެސް، މީގެކުރިން ސަރުކާރުން އެކަން ކުރަމުން އައީ. އެކަން އެގޮތަށް ކުރުމަކީ ސަރުކާރަށް ނުވަތަ އެސް.ޓީ.އޯ.އަށް އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން. ހަމަ އެއާއެކުގައި، އޭނާ ވިދާޅުވިފަދައިން، ރަމަޟާން މަހަށް ބޭނުންވާ ބައެއް ކަންތައްތައް ރައްޔިތުންނަށްޓަކައި ކޮށްދިނުން އެއީވެސް އެސް.ޓީ.އޯ.އިން ކުރަމުންގެންދާ ކަމެއް. އެކަންތައް ކުރަނީކީ ފައިދާއެއް ހޯދާކަށެއް ނޫން. އެކަން އެކުރަނީ ޚިދުމަތް އެއީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތަކަށްވާތީ. މުސްތަޤްބަލުގައިވެސް އެކަން އޮންނާނީ އެހެން.

އެހެންވީމާ، އެސް.ޓީ.އޯ އޮތުމުން އަޅުގަނޑު ހިތުން ރައްޔިތުންނަށް ވަރަށް ބޮޑު ޔަޤީންކަމެއް ލިބޭނެ. އެއީ ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަންތައްތައް، މުހިންމު ތަކެތި، ކާބޯތަކެތި ނުވަތަ އެނޫންވެސް ރައްޔިތުންނަށް ބޭނުންވާ މުހިންމު ތަކެތި ރާއްޖޭގައި ލިބެން ހުންނާނެ ކަމުގެ ޔަޤީންކަން. އެހެން މި ދެންނެވީ، މިހާރު އަމިއްލަ ވިޔަފާރިވެރިންނަށް ހުރިހާ ކަމެއް މިއޮތީ ދޫކޮށްލެވިފައި. އަމިއްލަ ވިޔަފާރިވެރިން ކާބޯތަކެތިވެސް އެތެރެކުރައްވަންވީ. އަމިއްލަ ވިޔަފާރިވެރިން، ރާއްޖޭގެ މަސްވެސް އެކްސްޕޯޓް ކުރައްވަންވީ. އެއްވެސް ހުރަހެއް މިހާރަކު ނެތް. އެކަމަކު އެކަންތައް އެހެން ކުރާއިރު، އަމިއްލަ ވިޔަފާރިވެރިން ބައްލަވަންޖެހޭނެ ވަރަށް މުހިންމު ނުކުތާއެއް އެބައޮތް. އެއީ ފައިދާގެ މައްސަލަ. ފައިދާއެއްނެތި އަމިއްލަ ވިޔަފާރިޔަކު އެއްވެސް ކަމެއް ނުކުރާނެ. ކޮށްގެނެއްވެސް ނުވާނެ. ކުރުމުގެ ބޭނުމެއްވެސް ނެތް. އެހެންނަމަވެސް، އެސް.ޓީ.އޯ.އިން ކަންތައް ކުރަން އޮތީކީ އެހެންނެއް ނޫން. ކުރަންޖެހޭނީކީވެސް އެހެންނެއް ނޫން. އެއީ ފައިދާވާ ކަމެއް ކަމުގައިވިޔަސް، މާބޮޑު ފައިދާއެއް ނެތް ކަމެއް ކަމުގައިވިޔަސް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތެއްވިއްޔާ، ސަރުކާރުގެ ފަރާތުން އަންގައިގެން އެސް.ޓީ.އޯ.އިން ޖެހޭނީ އެކަމެއް ކުރަން.

އެހެންވީމާ، އެއީ އެސް.ޓީ.އޯ. އޮތުމުން އަޅުގަނޑު ހިތުން ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ޔަޤީންކަމަކީ. އަމިއްލަ ވިޔަފާރިވެރިންނަށް ކާބޯތަކެތި އެތެރެނުކުރެއްވުނަސް، އެސް.ޓީ.އޯ.ގެ ފަރާތުން އެތެރެކުރާނެ. އަމިއްލަ ވިޔަފާރިވެރިންނަށް ބޭސް އެތެރެނުކުރެވުނަސް، އެސް.ޓީ.އޯ.އިން އެތެރެކުރާނެ. އަދި އެނޫން ތަކެތިވެސް، ރައްޔިތުންނަށް ބޭނުންވާ ތަކެތި، އެހެން ފަރާތްތަކުން އެތެރެނުކުރާ ކަމަށްވަންޏާ، އެސް.ޓީ.އޯ.ގެ ފަރާތުން ފައިދާއެއްނެތިވެސް ނުވަތަ ފައިދާއެއް އޮތް ކަމުގައިވަންޏާ، ވަރަށް ކުޑަކުޑަ ފައިދާއަކާ އެކުގައި ނަމަވެސް، އެތަކެތި އެތެރެކުރަންޖެހޭނެ.

އާދެ، މިރެޔަކީ، ވަރަށްވެސް އުފާވެރި ރެއެއް. ރާއްޖޭގައި މިވަރުގެ ޤައުމީ އޯގަނައިޒޭޝަނެއް އުފެދިގެން، އެތަނަށް 25 އަހަރު ފުރުން ފާހަގަކުރާ ރޭ. އެހެންވީމާ، މި މުނާސަބަތުގައި އެސް.ޓީ.އޯ.ގެ ހިނގުމަށް އައި ބަދަލު ތިޔަބޭފުޅުން ވަޒަންކުރައްވާނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ޢަދަދުތަކުންވެސް އެކަން އެބަ ދޭހަވޭ. ކޮންމެ ކަމެއްވެސް، އޭގެ ފެށުން އޮތީ ވަރަށް ކުޑަގޮތެއްގައި. މި ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އަދި ވަކިން ޚާއްޞަކޮށް، އެންމެ ފަހުން މިއައި ދިހަވަރަކަށް ބާރަވަރަކަށް އަހަރުގެ ތެރޭގައި، އެކި ކަންތައްތައް ދެގުނައަށް، ތިން ގުނައަށް ނުވަތަ ދިހަގުނައަށްވެސް އިތުރުވެގެން ހިނގައްޖެ. އާދެ، އެސް.ޓީ.އޯ.ގެ މުވައްޒަފުންގެ ޢަދަދު ދަންނަވާލިޔަސް، ތިޔަބޭފުޅުންނަށް އެކަން ވިސްނިވަޑައިގަންނަވާނެ. ދެންމެ އިލްޔާސް ވިދާޅުވިގޮތުގައި، 2500 މުވައްޒަފުން އެބަތިބި. އެހެންނަމަވެސް، އަޅުގަނޑު އިތުރަށް ހޯދި މަޢުލޫމާތުތަކަކުން ދޭހަވާގޮތުގައި، މިދެންނެވި އެސް.ޓީ.އޯ.ގެ މުވައްޒަފުންގެ ތެރޭގައި، ވަރަށް ގިނަ ތަފާތު ބައިތައް އެބަ ހިމެނޭ. އެއީ ސަރުކާރުން ދޫކޮށްފައި ތިބި މީހުންނާއި، އެސް.ޓީ.އޯ.އިން ހޯދައިގެން ގެންގުޅޭ މުވައްޒަފުންނާއި، ބިދޭސީންނާއި، އަދި ވަގުތީގޮތުން ގެންގުޅޭ މީހުންނާ، މި ހުރިހާ ބައިތައް އެއްކޮށްލީމާ، މިހާރު އެސް.ޓީ.އޯ.ގައި ތިބި މުވައްޒަފުންގެ އަދަދު 4107 ޖެހޭ. ސަރުކާރު، މުޅި ސަރުކާރުގެ މުވައްޒަފުންގެ ޢަދަދު 9715. އެހެންވީމާ، ސަރުކާރުގެ ދެބައިކުޅައެއްބަޔާ ގާތްކުރާ ޢަދަދަކަށް އެސް.ޓީ.އޯ.ގައި މުވައްޒަފުން އެބަތިބި.

އެހެންވީމާ، އެހާ ބޮޑު އޯގަނައިޒޭޝަނެއް ހިންގާއިރު، އެ އޯގަނައިޒޭޝަނަށް ދިމާވާނެ ދަތިތަކާއި، ކުރަންޖެހޭނެ ކަންތައްތަކާއި، ވިސްނަންޖެހޭނެ ވިސްނުންތަކާ، މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ރަނގަޅަށް ވިސްނެންވާނެ ކަންކަން. އެހެންވީމާ، ރަނގަޅަށް ކަމެއް ކުރެވިއްޖިއްޔާ އެކަމުގެ ތާރީފް އެފަރާތަށް ލިބެންޖެހޭފަދައިން، އެތަނުން ކުރާ ކަމެއް، އެއީ މާ ރަނގަޅު ކަމެއް ކަމުގައި ރައްޔިތުންނަށް ނުފެނުނު ނަމަވެސް، އަޅުގަނޑު ހިތުން ރައްޔިތުންނަށް އިޙްސާސް ކުރެވެންވާނެ، އެފަދަ ތަނަކަށް ދިމާވާނެ ދަތިތައް. އެހާ ބޮޑު އޯގަނައިޒޭޝަނެއް ހިންގުމުގައި ދިމާވާނެ މައްސަލަތަކާއި، ދަތިތަކާއި، ވާނެ ކަންތައްތައް. އެއީ އެމީހުންނަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން އިންސާނުން. ހުރިހާ އެންމެންނަކީވެސް އިންސާނުން. އިންސާނުންގެ ތެރޭގައި، ރަނގަޅު މީހުންނާއި ގޯސް މީހުން ތިބޭ ކޮންމެ ދާއިރާއެއްގައިވެސް. އެހެންވީމާ، ވަކި ނަމެއް ކިޔާފައި، ވަކި އޯގަނައިޒޭޝަނެއްގެ ނަމުގައި އޮތަކަސް، އެތާނގައި އަބަދު ތިބޭނީކީ ސަތޭކައިންސަތޭކަ ރަނގަޅު މީހުންނެއް ނޫން. އަދި ކަންތައްތަކަށް ސަތޭކައިންސަތޭކަ ފަރުވާބަހައްޓާ މީހުންނެއްވެސް ނޫން. ސަތޭކައިންސަތޭކަ އިޚްލާޞްތެރިންނެއްވެސް ނޫން. އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ނުކުތާއެއް. އެހެންނަމަވެސް، މަދުބަޔަކު ކުރާ ނުބައި ޢަމަލެއްގެ ސަބަބުން ނުވަތަ ނޭދެވޭ ކަމެއްގެ ސަބަބުން މުޅި ޖަމާޢަތަށް އޭގެ ބަދުނާމު ރައްދުވުން އެއީ އިންޞާފުވެރި ގޮތެއް ނޫންކަން، އަޅުގަނޑެކޭ އެއްފަދައިން ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ.

އާދެ، ކޮންމެއަކަސް، އެސް.ޓީ.އޯ. ފެށިގެން މިހާތަނަށް އައިއިރު، މިތާނގެ ކަންތައްތަކުގައި، އެކި ފެންވަރުގައި ވަރަށް ބޮޑު ބައެއް އަދާކުރައްވާފައިވާ ބޭފުޅަކީ މިހާރުގެވެސް އެތާނގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމް. އެންމެ ފުރަތަމަ އެސް.ޓީ.އޯ. ފެށިގެން އައިއިރުވެސް އޭނާ އުޅުއްވި. މިހާތަނާ ޖެހެންދެންވެސް ތަފާތު ކަންކަމުގައި އޭނާ އެބައުޅުއްވާ. 1980 ވަނަ އަހަރުން ފެށިގެން އެތާނގެ މެނެޖިންގ ޑިރެކްޓަރުގެ ޙައިޘިއްޔަތުން އެހުންނަވަނީ. އެހެންވީމާ، އެސް.ޓީ.އޯ.އަށް މި ހޯދި ކާމިޔާބު، އޭގެ ވަރަށް ބޮޑު ބައެއް ރައްދުވަނީ އޭނާގެ ވިސްނުންފުޅާއި އަދި އޭނާގެ އިޚްލާޞްތެރި ޢަމަލުގެ މައްޗަށްކަން، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑެކޭ އެއްފަދައިން ވަޒަން ކުރައްވާނެ ކަމުގައި އަޅުގަނޑު ހީކުރަން. އެކަމަށްޓަކައި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރަށް ވަރަށް އިޚްލާޞްތެރިކަމާއެކު، މި އުފާވެރި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެހެންމެ، އެސް.ޓީ.އޯ.ގެ އެހެން ވެރިންނަށް، އާދެ، އެސް.ޓީ.އޯ.ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށް، އެތާނގެ ޑިރެކްޓަރުންނަށް، ޑެޕިއުޓީ ޑިރެކްޓަރުންނަށް އަދި އެނޫންވެސް މަޤާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނަށާއި، އެސް.ޓީ.އޯ.ގެ ހުރިހާ މުވައްޒަފުންނަށް، އެބޭފުޅުން އެކުރައްވާ އަގުހުރި ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެހުރިހާ ބޭފުޅުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި ޙަފްލާގެ އެއްބައި މި ޖަލްސާ މިއީ. މީގެފަހުންވެސް އަދި މިއަށްވުރެ މާ އުފާވެރި ވަގުތުކޮޅެއް އޮންނާނެ ކަމަށް ޔަޤީންކުރެވޭ. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށެއް ނެތިން. މި މުހިންމު އުފާވެރި މުނާސަބަތުގައި، އަދިވެސް އެއްފަހަރު، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، އެސް.ޓީ.އޯ.ގެ ހިންގުންތެރިންނަށާއި މުވައްޒަފުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް اللهُ سُبْحَانَهُ وَتَعَالَى އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުން، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި، އެއް ދުވަހުން އަނެއް ދުވަހަށް ދިވެހި ޤައުމު ތަރައްޤީވަމުން ކުރިއަށްދިޔުމުގެ މަތިވެރި ތައުފީޤު ދިވެހި ރައްޔިތުންނަށާއި އަޅުގަނޑުމެންނަށް އާދެ، ސަރުކާރަށް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.