بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގައި މުހިންމު ފިޔަވަޅެއް އެޅޭ ދުވަހެއް. ތިންވަނަ ރިޔާސީ ދައުރަކަށް އަޅުގަނޑު ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ ބިންގާ އަޅައިދޭ ތަނަކީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ މާލޭގައި ހިނގަމުންދާ ކޯޓުތައް ހިނގަމުންދާނޭ ޢިމާރާތެއްގެ ބިންގާކަމަށްވީކަމީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އަދި އެކަމުން ރަމްޒުކޮށްދޭ ކަމަށް އަޅުގަނޑު ހީކުރާހިތްވަނީ މިކަމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތު ހާމަކޮށްދޭ ކަމަކަށްވާނެކަމަށް.

ޝައްކެއްނެތް، އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ރުކުނަކަށްވާންޖެހޭނީ، ޢަދުލު އިންޞާފު ޤާއިމުކުރުން. މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަމަޞްލަޙަތު ރައްކާތެރިވެފައި އޮންނާނީ، އެ މުޖުތަމަޢެއްގައި ޢަދުލު އިންޞާފު ޤާއިމުކުރެވިގެން. ތަނުގެ ސިޔާސީ ހަމަޖެހުމާއި، މީހުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން، ރަނގަޅު ބިންގަލެއްގެ މަތީގައި ހަމަޖެހިފައި އޮންނާނީވެސް، އެތަނެއްގައި އެދެވޭ ގޮތެއްގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް ހަމަޖެހިފައި އޮންނަ ކަމުގައިވަނީނަމަ.

އާދެ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެއް. މާތްވެގެންވާ އިސްލާމްދީނުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް، އާދެ، މީސްތަކުންގެ ޙައްޤުތައް، ދައުލަތުގެ ފަރާތުން ރައްކާތެރިކޮށްދިނުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވޭ. އެކަން ދޭހަވާ އެންމެ ބޮޑު އެއްކަމަކީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ  ހިމެނިވަޑައިގެންފައިވަނީ، އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ އަދި އެންމެ ޢަދުލުވެރި، އެންމެ މާތް ޤާޟީކަމުގައިވީކަން. ޝައްކެއްނެތް، އުންމަތުގެ ނަބިއްޔާ އަދި އުންމަތުގެ ޤާޢިދު، އުންމަތުގެ ޒަޢީމް، އެއީ އެ އުންމަތުގެ އެންމެ މަތިވެރި ޤާޟީ ކަމުގައި، ނުވަތަ ފަނޑިޔާރު ކަމުގައި ހިމެނިވަޑައިގަތުން ދައްކައިދެނީ، އިސްލާމްދީނުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ދެއްވާފައިވާ މަތިވެރި އަހަންމިއްޔަތު. އާދެ، މި އަހަންމިއްޔަތު، ކީރިތި ރަސޫލާގެ ބަސްފުޅުތަކުންނާއި، އިރުޝާދުތަކުން މި އުންމަތަށް ހާމަކޮށްދެއްވާފައިވޭ. ހަމަ އެފަދައިން ނުވަތަ އޭގެ ކުރިން اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ވަޙީބަސްފުޅުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ދެއްވާފައިވާ އަހަންމިއްޔަތު އެނގޭ ކިތަންމެ އާޔަތެއް ކީރިތި ޤުރްއާނުގައިވޭ. ﷲ ވަޙީކުރައްވާފައިވަނީ، "إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَـٰنَـٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًۭا." މާނައަކީ، "ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالَى ތިޔަބައިމީހުން އެކިއެކި އަމާނާތްތައް، އެ އަމާނާތްތަކުގެ އަހުލުވެރިންނަށް ރައްދުކުރުމަށް ޢަމުރުކުރައްވައޭ. އަދި ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ޙުކުމްކުރާނަމަ ޢަދުލުވެރިކަމާއެކު ޙުކުމް ކުރުމަށްވެސް، ޢަމުރުކުރައްވައޭ. ﷲ ތިޔަބައިމީހުންނަށް އެކަމަކާ ބެހޭގޮތުން ވަޢުޡު ދެއްވާ ކަންތަކުގެ މާތްކަން ބޮޑުކަމާއޭ. ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالَى އީ އެންމެ މޮޅަށް އައްސަވާވޮޑިގެންވާ އެންމެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވިޔޭ."

އެއްވެސް އޮޅުމެއްނެތްގޮތުގައި، ޞަރީޙަ ޢިބާރާތުން اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް އަންގަވަނީ، ތިޔަބައިމީހުން މީސްތަކުންގެ މެދުގައި ޙުކުމްކުރާނަމަ، ޢަދުލުވެރިކަމާއެކުގައި ޙުކުމްކުރާށޭ. މީސްތަކުންގެ ޙައްޤުތަކަށް ތިޔަބައިމީހުން ރައްކާތެރިވާށޭ. މި ވަޢުޡު، އެއަށް ތާރީފުކުރައްވައި اللهُ سُبْحَانَهُ وَتَعَالَى އެ އަންގަވަނީ، ﷲ މިކަމާ ބެހޭގޮތުން ތިޔަބައިމީހުންނަށް މި ދެއްވި ވަޢުޡަކީ ނުވަތަ ތިޔަބައިމީހުންނަށް މި ދެއްވި އިރުޝާދަކީ، ތިޔަބައިމީހުންނަށް މި އެންގެވި އެންގެވުމަކީ، ވަރަށް މޮޅު، ވަރަށް މާތް އެންގެވުމެކޭ. އަދި ތިޔަބައިމީހުން މި އެންގެވުމާ ބެހޭގޮތުން ކަންތައްކުރާގޮތް، ﷲ ބައްލަވާވޮޑިގެންވާނެއޭ، އައްސަވާވޮޑިގެންވާނެއޭ. އަދިވެސް ﷲ ވަޙީކުރައްވާފައިވަނީ، "يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوا۟ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَـَٔانُ قَوْمٍ عَلَىٰٓ أَلَّا تَعْدِلُوا۟ ۚ ٱعْدِلُوا۟ هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَٱتَّقُوا۟ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرٌۢ بِمَا تَعْمَلُونَ." ﷲ ވަޙީކުރައްވާފައި އެވަނީ "އޭ! އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައި ޢަދުލަށް ހެކިދޭ ބަޔަކުކަމުގައިވާށޭ. އަދި ތިޔަބައިމީހުން ﷲ އަށްޓަކައި ޢަދުލަށް ހެކިބަސްބުނާ ބަޔަކުކަމުގައިވާށޭ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި ބަޔަކާ ދޭތެރޭގައި އުފެދިފައި އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ނުވަތަ ތިޔަބައިމީހުންގެ ހިތްތަކުގައި އެއްވެސް ބަޔަކާ ދޭތެރޭގައި އުފެދިދާނެ ރުޅިވެރިކަމެއްގެ ސަބަބުން ތިޔަބައިމީހުން އެމީހުންނާ ބެހޭގޮތުން ޢަދުލުވެރިނުވުމަށް ބާރަކަށްވާނެ ކަމެއް ކަމުގައި އެކަން ނަހަދާށޭ." މާނައަކީ، ޢަދުލު އިންޞާފު ޤާއިމުކުރާއިރު، ތިޔަބައިމީހުންގެ ހިތުގައި އޮންނަ އަމިއްލަ ޝުޢޫރަށް ނުބަލާށޭ. ތިޔަބައިމީހުންގެ ކުރިމަތީގައި ޢަދުލު އިންޞާފަށް އެދި ހުއްޓި ތިބޭ ބަޔަކާ ދޭތެރޭގައި، ތިޔަބައިމީހުންގެ ހިތުގައި ވަނީ ލޯބި ކަމުގައިވިޔަސް، ނުވަތަ ރުޅިވެރިކަން ކަމުގައިވިޔަސް، އެކަން މުޅިން އެއްކިބާކޮށްލާފައި، ޙައްޤަށްޓަކައި ތިޔަބައިމީހުން ޙުކުމްކުރާށޭ. އަދި ތިޔަބައިމީހުންގެ ހިތުގައި އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން އެއްވެސް ބަޔަކަށް ބޭއިންޞާފުނުވާށޭ. ބޭއިންޞާފު ގޮތެއްގައިވެސް ޢަމަލުނުކުރާށޭ. "ٱعْدِلُوا۟" "ތިޔަބައިމީހުން ޢަދުލުވެރިވާށޭ، ހުރިހާ ކަމެއްގައިވެސް."

އާދެ، ވަރަށް ޢާންމުކޮށް އެ އަމުރުފުޅު އައިސްފައި އެއޮތީ. އެހެންވީމާ، މިއީ ހަމައެކަނި ޤާޟީންނަށް އޮތް އަމުރެކޭ ނުދެންނެވޭނެ. ހަމައެކަނި ވެރިންނަށް އޮތް އަމުރެކޭ ނުދެންނެވޭނެ. މުޅި އިސްލާމީ އުންމަތަށް އޮތް އަމުރެއް. "ٱعْدِلُوا۟" "ތިޔަބައިމީހުން ޢަދުލުވެރިވާށެވެ!" ކޮންމެ މީހަކުވެސް ޢަދުލުވެރިވާށެވެ! އެމީހަކާބެހޭ ކަންތައްތަކުގައި. އެމީހަކީ ޤައުމުގެ އެންމެ އިސްވެރިޔާ ކަމުގައިވިޔަސް، ޢަދުލުވެރިވާންޖެހޭނެ. އެހެން ވެރިޔެއް ކަމުގައިވިޔަސް ޢަދުލުވެރިވާންޖެހޭނެ. ޤާޟީޔަކު ކަމުގައިވިޔަސް، ޢަދުލުވެރިވާންޖެހޭނެ. އަދި އެނޫން އެހެން މަޤާމެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އަދި އަމިއްލަ މުވާޠިނެއް ކަމުގައިވިޔަސް، އެމީހަކާބެހޭ ކަންތައްތަކުގައި ޢަދުލުވެރިވާންޖެހޭނެ. ކޮންމެ މީހަކުވެސް، ޢަމަލުކުރަންޖެހޭނީ ހަމަޖެހޭ، ޢަދުލުވެރި އިންޞާފުވެރި އުޞޫލެއްގެ މަތިން. ދޭދޭ އަފްރާދުންގެ މެދުގައި އޮންނަ ކަންތައްތަކުގައިވެސް، ޢާއިލާގެ ތެރޭގައި އޮންނަ ކަންތައްތަކުގައިވެސް، އަދި ވިޔަފާރީގެ މުޢާމަލާތްތަކުގައިވެސް، އަދި އެނޫންވެސް ދިރިއުޅުމާބެހޭ ކޮންމެ ކަމެއްގައިވެސް، ހަމަ ކޮންމެ މީހަކުވެސް ޢަދުލުވެރިވާންޖެހޭނެ ކަމަށް اللهُ سُبْحَانَهُ وَتَعَالَى އެ އަންގަވަނީ، "ٱعْدِلُوا۟" "ތިޔަބައިމީހުން ޢަދުލުވެރިވާށޭ!" އެއީ ކީއްވެގެންތޯ؟ ﷲ އަންގަވަނީ "هُوَ أَقْرَبُ لِلتَّقْوَىٰ" "އެޔޭ ތަޤުވާވެރިވުމާ އެންމެ ގާތްގޮތަކީ." ތަޤުވާވެރިވުމަށް އެންމެ ބޮޑަށް ބާރުއަޅައިދޭ ކަމަކީ ޢަދުލުވެރިވުމޭ.

އާދެ، ޝައްކެއްނެތް، އިސްލާމްދީނުގައި ހުރިހާ މުސްލިމުން ތަޤުވާވެރިވުމަށް ވަނީ ވަރަށް ގަދަޔަށް ބާރުއަޅުއްވައި އަންގަވާފައި. އެކަމާބެހޭ އާޔަތްތައް ކީރިތި ޤުރްއާނުގައި ވަރަށް ގިނައިން ވާރިދުވެފައިވޭ. ރަސޫލާގެ ޙަދީޘްފުޅުތަކުގައި ތަޤުވާވެރިވުމަށް އެހާގިނައިން މީސްތަކުންނަށް އަންގަވާފައިވޭ. މި އާޔަތުގައި އެ އަންގަވަނީ ތަޤުވާވެރިވުމަށް އެންމެ ގާތްކަން ބޮޑު ކަމަކީ، އެކަމަށް އެންމެ ބޮޑަށް ބާރުއަޅައިދޭ ކަމަކީ، ޢަދުލުވެރިވުން ކަމަށް.

އާދެ، އެހެންވީމާ، އެގޮތުންވެސް ދަންނަވަންޖެހެނީ، މި އާޔަތުގައި ޢަދުލުވެރިވާށޭ، އަންގަވާފައި އެވަނީ ހަމައެކަނި ވަކި ބަޔަކު ނޫންކަން. ހުރިހާ މުސްލިމުންކަން. އެއީ ތަޤުވާވެރިވާން ޖެހެނީ މުސްލިމުންގެ ތެރެއިން ވަކިބަޔަކު ނޫންކަން. އެންމެންނަށް، އެމީހުންނަށް ތަޤުވާވެރިވުމަށް އޮތް މަގަކީ އެކަމަށް އެންމެ ފަސޭހައިން ވާޞިލުވެވޭނެ މަގަކީ، ޢަދުލުވެރިވުން ކަމުގައި ﷲ އަންގަވާފައި އެވަނީ. ތިޔަބައިމީހުން ޢަދުލުވެރިވާށޭ. ޢަދުލުވެރިވުމަކީ، ތަޤުވާވެރިވުމަށް އެންމެ ގާތްކަން ބޮޑު ގޮތޭ. އެހެން އަންގަވާފައި، ދެން މި އަންގަވަނީ، "وَاتَّقُوا اللَّهَ" ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށޭ. ﷲ އަށް ތަޤުވާވެރިވާށޭ. ތަޤުވާވެރިވުމަށް އެންމެ ގާތްކަން ބޮޑު ގޮތަކީ، ޢަދުލުވެރިވުމޭ. "إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ." "ހަމަކަށަވަރުން اللهُ سُبْحَانَهُ وَتَعَالَى އީ ތިޔަބައިމީހުން ކުރާ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއޭ."

އާދެ، ޝައްކެއްނެތްގޮތުގައި، މި އާޔަތްތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހަންމިއްޔަތު، އެ ދީނުގައި ދެއްވާފައިވާ ސަމާލުކަން، ދެއްވާފައިވާ އިސްކަން ވަރަށް ރަނގަޅަށް ހާމަވެގެންދޭ. ކުރިންވެސް ދެންނެވިފަދައިން، ކީރިތި ރަސޫލާގެ ބަސްފުޅުތަކުންނާއި، ޢަމަލުފުޅުތަކުން މިކަން ސާބިތުވޭ. އެކަލޭގެފާނަކީ، މި އުންމަތުގެ އެންމެ މަތިވެރި، އެންމެ ފުރަތަމަ، އެންމެ ޢަދުލުވެރި ޤާޟީ.

އާދެ، އިސްލާމްދީނުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް މިފަދަ މަތިވެރި އަހަންމިއްޔަތެއް ދެއްވާފައިވާތީ، އިސްލާމީ ތާރީޚުގައި، އިސްލާމީ ކޮންމެ ޤައުމެއްގައިވެސް އެކަން ފާހަގަވެގެން އައީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި. އިސްލާމީ ހުރިހާ ޤައުމުތަކެއްގައިވެސް، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ނުވަތަ މީސްތަކުންގެ ޙައްޤުތަކާ ބެހޭގޮތުން ހިންގާ ޝަރީޢަތްތައް ހިންގުމަށް ވަރަށްމަތީ އިސްކަމެއް ދީފައިވާ ކަމަށް ތާރީޚުގައި އެބައޮތް. އިސްލާމީ އުންމަތުގެ ތާރީޚުން އެކަން ރަނގަޅަށް އެނގޭ. އަޅުގަނޑުމެންގެ ރާއްޖޭގެ ތާރީޚަށް ބަލައިލާއިރުވެސް، އެކަން އެގޮތަށް ދޭހަވޭ. ރާއްޖޭގައި އިސްލާމްދީން އިޢުލާނު ކުރުމަށްފަހުގައި، ނުވަތަ ރާއްޖޭގެ ރައްޔިތުން އިސްލާމްދީން ޤަބޫލުކުރުމަށްފަހުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމަށް ހުރިހާ ދައުރެއްގައިވެސް، ވަރަށް މަތިވެރި އަހަންމިއްޔަތެއް އޮތީ ދެވިފައި.

އެކަން އަޅުގަނޑުމެންގެ ތާރީޚުން ފެންނަން އެބައޮތް. އޭގެތެރެއިން ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވައިދީފާނަން. ކޮންމެ ދައުރެއްގައިވެސް، ދައުލަތުގެ ރަސްމީ މަޤާމުތަކުގެ އިސްފަސް ތަރުތީބު ހަމަޖެހިފައިވާ ގޮތަށް ވިސްނާއިރު، ރަސްކަމުގެ ދައުރުތަކުގައި އެންމެ އިސް މަޤާމެއްގައި ހުންނަވަނީ، ކީރިތި މަހާރަދުން. ކީރިތި މަހާރަދުންނާ ޖެހިގެން ދައުލަތުގެ އެންމެ އިސް ރަސްމީ މަޤާމެއްގައި ހުންނަވަނީ ފަނޑިޔާރު. އެއިރެއްގައި ހުންނެވި ފަނޑިޔާރަކު. އެއީ، ދައުލަތުގެ އެންމެ މަތީ މަޤާމުތައް ތަރުތީބުކުރާއިރު، ދެވަނައަށް ހުންނަވާ ބޭކަލަކު ކަމުގައި އޮތީ ވެފައި. އެކި ދައުރުގައި އެކި ނަން ކިޔެނީ. "ފަނޑިޔާރު" ނުވަތަ "އުއްތަމަ ފަނޑިޔާރު މަނިކުފާނު"ވެސް ކިޔިދާނެ. ނުވަތަ "އުއްތަމަ ފަނޑިޔާރު"ވެސް ކިޔިދާނެ. އެހެންވީމާ، ރާއްޖޭގެ ތާރީޚުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަށް ދީފައިވާ އަހަންމިއްޔަތު މިކަމުންވެސް ދޭހަވޭ. މިހާތަނާ ޖެހެންދެންވެސް ދައުލަތުގެ އެންމެ މަތީ މަޤާމުތައް އިސްފަސް ތަރުތީބު ކުރާއިރު، ކުރެވެމުން އައިސްފައިވަނީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ އެއީ، އެންމެ ފުރަތަމަ މަޤާމުގައި ހުންނަ މީހާ. ދެވަނައަށް އޮންނަނީ، އުއްތަމަ ފަނޑިޔާރު. މިދައުރުގައިވެސް ހަމަ އެހެން.

އާދެ، މިހިސާބުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު މި ބައިވެރިވާ އިޙްތިފާލު، އެއީ ޖަސްޓިސް މިނިސްޓްރީގެ މާލޭގައި ހިނގަމުންދާ ކޯޓުތައް ހިނގާނެ ޢިމާރާތެއްގެ ބިންގާއެޅުން. މި އިޙްތިފާލަށް އައިސް ތިބޭއިރު، އަޅުގަނޑުމެން ވިސްނާލަންވީ ދެ ނުކުތާއެއް އެބައޮތް. އެއް ނުކުތާއަކީ ދެންމެ މިނިސްޓަރ އޮފް ޖަސްޓިސް ފަޟީލަތު އަލްއުސްތާޛު އައްޝައިޚް މުޙަންމަދު ރަޝީދު އިބްރާހީމް އެ ވިދާޅުވިފަދައިން، މާލޭގައި ޖަސްޓިސް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކޯޓުތައް މިހާރު ހިނގަމުންދަނީ، އެކަމަށް ވަރަށް އެކަށީގެންނުވާ ތަނެއްގައި. އެކަމުގެ ސަބަބުވެސް އޭނާ ބަޔާންކުރެއްވި. އެހެންވީމާ، އެއަށްވުރެ ކަމަށް އެކަށީގެންވާ، މީހުން ޤަދަރު ކުރާކަހަލަ ތަނަކަށް ޖަސްޓިސް މިނިސްޓްރީގެ ކޯޓުތައް ބަދަލުވުން އެއީ، ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު ކަމެއް.

އާދެ، އެހެންވީމާ، މި ޢިމާރާތުގެ ބޭނުމަކަށްވާނީ، މާލޭގައި ހިނގަމުންދާ ޖަސްޓިސް މިނިސްޓްރީގެ ކޯޓުތައް ހިނގަމުންދާ ޢިމާރާތަކަށް މިތަންވުން. އެކަމުގެ ސަބަބުން ޝަރީޢަތް ކުރައްވާ ބޭފުޅުންނަށްވެސް، ވަރަށް ބޮޑު ފަސޭހައެއް ލިބިވަޑައިގަންނަވާނެ. އަދި ޢާންމު ރައްޔިތުންނަށްވެސް، ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ. އަދި ކޯޓުތަކަށް، ޝަރީޢަތް ހިންގާ މަޖިލިސްތަކަށް، ޢާންމު ރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ ޤަދަރުވެސް ވަރަށް ބޮޑުތަން އުފުލިގެންދާނެ ކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު ޢިމާރާތެއްގެ ބިންގާ، ﷲ ގެ ވާގިފުޅާއެކުގައި މިއަދު މިއެޅުނީ.

އާދެ، ދެން އަޅުގަނޑުމެން ވިސްނާލަންވީ ނުކުތާއަކީ، ޖަސްޓިސް މިނިސްޓްރީގެ ކޯޓުތައް، ރީތި ޢިމާރާތެއްގައި ހުރުމުން، އެހިސާބުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައް އެ ނިމުނީހޭ. ޝައްކެއްނެތް، އެހިސާބަކުން އެކަމެއް ނުނިމޭނެ. ޖަސްޓިސް މިނިސްޓްރީގެ ކޯޓުތައް ހިންގުމަށްޓަކައި، މިޒަމާނުގެ ގޮތަށް ތައްޔާރުކުރެވޭ ފުރިހަމަ، ރީތި، ޢިމާރާތެއް ހުރުމުގެ އިތުރަށް، ނުވަތަ އެއަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭނީ، އެ ކޯޓުތަކުގައި ހިނގާ ޝަރީޢަތްތައް ޢަދުލުވެރި، އިންޞާފުވެރި ގޮތަކަށް ނިންމުމަށްޓަކައި. އާދެ، އެ މަސައްކަތް ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ކުރަމުން. އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުންވެސް، ޝަރީޢަތް ހިންގުމުގެ ކަންތައްތަކަށް އިތުރު ތަރައްޤީ ގެނެވޭތޯ ވަރަށް ބޮޑަށް ވަނީ މަސައްކަތް ކޮށްފައި. އޭގެތެރެއިން އެއްކަމެއް، އަތޮޅު ކޯޓުތައް އުވާލައި، މީހުން އުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފެއްދުން. އޭގެ ބޭނުމަކީ، ޝަރީޢަތަށް ދިޔުން އެއީ، ފަސޭހަކަމެއް ކަމުގައި މީހުންނަށް ހަދައިދިނުން. އަތޮޅުވެރިކަން ކުރާ ރަށަށް، މައްސަލަ ހިފައިގެން ދަޢުވާކުރަން އެހެން ރަށްރަށުން ދިޔުމަކީ މީހުންނަށް ފަސޭހަކަމެއް ނޫން. އަދި ޝަރީޢަތް ނިމޭނީވެސް، އާދައިގެ ގޮތެއްގައި ދުވަސްކޮޅެއްގެ ފަހުން. އެހެންވީމާ، އެކަހަލަ ކަމަކަށް މީހަކުގޮސް، އެމީހެއްގެ ދިރިއުޅުން މެދުކަނޑާލާފައި، އެހެން ރަށަކަށްގޮސް ހުންނަންޖެހޭ ހުރުން، އެއީ ކޮންމެ މީހަކަށްވެސް ވާނީ، ވަރަށް ބޮޑު ބުރައަކަށް. ވަރަށް ބޮޑު ދައްޗަކަށް. އެ ދަތި ފިލުވައިދިނުމަށްޓަކައި އަދި ޢަދުލު އިންޞާފަކީ، އެންމެންނަށް އެކަމުގެ މަގު ތަނަވަސްވެގެންވާ ފަސޭހަކަމަކަށް ހެދުމަށްޓަކައި، ރާއްޖެތެރޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ކޯޓެއް ޤާއިމުކުރެވުނީ. އެ ކޯޓުތަކަށް މީހުން ތައްޔާރުކުރުމުގެ މަސައްކަތް އޭރުއްސުރެން ފެށިގެން ހިނގަމުން އެދަނީ.

އާދެ، 1979 ވަނަ އަހަރު، މިދެންނެވި ފިޔަވަޅު އެޅުނީ. އޭރުން ފެށިގެން މިހާތަނާ ޖެހެންދެން މެދުނުކެނޑި ޤާޟީން ތަމްރީނުކޮށްދިނުމާއި، ޤާޟީކަން ދަސްކޮށްދިނުމާއި، އެމީހުންގެ މަޢުލޫމާތު ތާޒާކޮށްދިނުމުގެ ބުރުތައް މާލޭގައި ދަނީ އަބަދުވެސް ހިނގަމުން. އެގޮތުން މިހާރުވެސް 159 ޤާޟީން ރާއްޖެތެރޭގެ ކޯޓުތަކުގައި ތިބި ކަމުގައި މިނިސްޓަރ އޮފް ޖަސްޓިސް ދެންމެ ވިދާޅުވެއްޖެ. އަދި ޤާޟީންނަށް ދޭތެރެ ދޭތެރެއިން އެމީހުންގެ މަޢުލޫމާތު އިތުރަށް ތަނަވަސްކޮށްދީ، އަލަށް ހަނދާންކޮށްދިނުމަށްޓަކައި ވަރަށް ޚާއްޞަ ބުރުތަކެއްވެސް ބޭއްވޭ. މިއާއެކުގައި ޤާޟީން ތަމްރީނު ކުރާއިރު، އެމީހުންނަށް ކިޔަވައިދޭ ތަކެތި އެއީވެސް، ވަރަށް މުހިންމު އެއްޗަކަށްވާތީ، މުޤައްރަރުތައް އިޞްލާޙުކޮށް، މިހާރު ޤާޟީންނަށް ކިޔަވައިދޭ މުޤައްރަރު އެއީ، ވަރަށް ތަނަވަސް، ފައިދާހުރި މުޤައްރަރެއް ކަމުގައި ވަނީ ހެދިފައި. ކުރިން އެކަން އޮންނަނީ، ވަރަށްކުޑަގޮތަކަށް. އަޅުގަނޑު ހަނދާންވާގޮތުގައި، 5 މަސް ދުވަހުގެ ކޯހެއް ޤާޟީކަމުގެ ކޯހަކީ. އޭގެފަހުން 8 މަސް ދުވަސް ވަންދެން، އެމީހުން ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި އެކި ކޯޓުތަކުގައި މަސައްކަތް ކުރަނީ ނުވަތަ ޝަރީޢަތް ކުރާގޮތް އަޑުއަހަން ތިބެނީ. އޭރުން ޤާޟީކަމުގެ ކޯސް ފުރިހަމަވީކަމަށް، އޭރު ބެލެމުން އައިސްފައިވަނީ. އެކަމަކު އެއީ، މާ ހަރުދަނާ ގޮތެއް ކަމުގައި ނުފެންނާތީ، މިހާރު ޤާޟީކަމުގެ ކޯސް ވަނީ ވަރަށް ބޮޑަށް ތަރައްޤީ ކުރެވިފައި. ދެ އަހަރު ދުވަހުގެ ކޯހެއް އެއީ. މިހާރު އެ ކޯސް ހިންގަވަނީ، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގައި. އެހެންވީމާ، އެ ޤާޟީންނަށް ލިބޭ މަޢުލޫމާތާއި، އެމީހުން އެ ތައްޔާރުކުރެވޭ ތައްޔާރުކުރެވުން މިހާރު ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަދި އެހިސާބުން އެކަން ނިމެންޖެހޭނެ ކަމަކަށްވެސް އަޅުގަނޑު ނުދެކެން. އޭގެ އިތުރުންވެސް، ޤާޟީންނަށް އިތުރު މަޢުލޫމާތާއި، ތަޖުރިބާ ހޯދައިދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭނެ. މިހާރުވެސް އެފަދަ މަސައްކަތް ކުރެވެމުންދޭ.

އާދެ، ދެން އޮތީ، ސީދާ ޢަދުލު އިންޞާފު ޤާއިމުކުރުމާ ނުބެހުނު ކަމުގައިވިޔަސް، އެކަމަށް އެހީވެދިނުމުގެ ގޮތުން، އަޅައިދެވިފައިވާ ބައެއް ފިޔަވަޅު. އޭގެތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެނީ، ރާއްޖެތެރޭގެ ޤާޟީންނަށް އެމީހުންގެ މުސާރަ ރަނގަޅުކޮށްދިނުން. މިވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެތެރޭގެ ޤާޟީންނަށް 7 ފަހަރެއްގެ މަތިން މުސާރަ ބޮޑުކޮށްދެވިފައިވޭ. އެމީހުންގެ ދިރިއުޅުން ތަންކޮޅެއް ރަނގަޅު ފެންވަރަކަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، އޭރުން އެމީހުންނަށް އެމީހުންގެ މަސައްކަތް ނުވަތަ ވާޖިބު އަދާކުރުމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ކަމަށް ވަނީ. އަދި އެކަމަށް ދޭންޖެހޭ ސަމާލުކަން އެމީހުންނަށް ދެވޭނެކަމަށް ފެންނަނީ.

މާލޭގެ ކޯޓުތަކުގައި ޝަރީޢަތް ކުރައްވާ ޤާޟީންގެ މުސާރައަށްވެސް، ހެޔޮ ބަދަލުތަކެއް ވަނީ ގެނެވިފައި، މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި. އަދި އޭގެ އިތުރުން، މާލޭގެ ކޯޓުތަކުގައި ޝަރީޢަތް ހިންގަވާ ބޭކަލުންނަކީ، އެބޭކަލުން އެކުރައްވަންޖެހޭ މަސައްކަތުގެ ސަބަބުން، އެބޭކަލުން އެ އުފުއްލަވަންޖެހޭ މަސްއޫލިއްޔަތުގެ ސަބަބުން، އެހެން މީހުންގެ ނޯކިރީގައި ތިއްބެވުން ރަނގަޅުކަމަށް ނުފެންނަ ބޭކަލުން ކަމަށްވާތީ، އެގޮތަށްވެސް މިހާރު ވަނީ ހަމަޖެއްސިފައި. އެއްވެސް ޤާޟީއަކު އެހެން މީހެއްގެ ނޯކިރީގައި ހުންނަވާކަށެއް ސަރުކާރަކުން ހުއްދައެއް ނުކުރޭ. އެހެނެއް ނޫން، އެބޭކަލުންވެސް އާމްދަނީ އިތުރުކުރެއްވުމަށްޓަކައި އަމިއްލަ މަސައްކަތެއް ކުރެއްވުމަކީ، އެންމެ ރަނގަޅު ކަމެއް. އެހެންނަމަވެސް، އެކުރައްވާ މަސައްކަތްވެސް ވާންޖެހޭނީ، މީހުންގެ ކުރިމަތީގައި މަޤްބޫލު، ޤަދަރުހުރި ރަނގަޅު މަސައްކަތަކަށް. މިގޮތަށް ހަމަޖެއްސުމާ ގުޅިގެން، މާލޭގައި އުޅުއްވާ ނުވަތަ އެބޭކަލުންގެ ދިރިއުޅުން މާލޭގައި ހަމަޖެހިފައިވާ ޤާޟީން، އޭގެތެރެއިން މާލޭގައި އަމިއްލަ ގެދޮރު ނެތް ޤާޟީންނަށް ސަރުކާރުން އިތުރު އުޖޫރައެއްވެސް ދޭގޮތަށް ވަނީ ހަމަޖެހިފައި. އެ އުޖޫރަވެސް މިހާރުދަނީ ދެވެމުން.

އާދެ، މިކަންކަން މިހެން ކުރަން މިޖެހެނީ، ކުރިންވެސް ދެންނެވި ފަދައިން، ޤާޟީންނަކީ، ވަރަށް ބުރަ މަސްއޫލިއްޔަތެއް އުފުއްލަވަންޖެހޭ ބަޔަކަށްވާތީ، އެބޭކަލުންނަށް އެ މަސްއޫލިއްޔަތު އުފުއްލެވުމުގައި އެހީވެދިނުމުގެ ގޮތުން.

އަޅުގަނޑު ކީ ފޮތެއްގައި، އެ ފޮތުގެ މުއައްލިފް ލިޔުއްވާފައިވޭ. "މުޖުތަމަޢުގައި ޢަދުލު އިންޞާފު ޤާއިމުކުރުމަކީ، ވަރަށް މުހިންމު ކަމެކޭ. އެހެންނަމަވެސް، ހަމައެކަނި ޢަދުލު އިންޞާފު ޤާއިމުކުރުމަކުން ނުފުދޭނެއޭ. އޭގެ އިތުރަށް، އެތަނެއްގައި ޢަދުލު އިންޞާފު ޤާއިމުކުރެވޭކަން މީހުންނަށް އެނގެންވާނެއޭ." އާދެ، އަޅުގަނޑު ހިތުން އެ މުއައްލިފަކު އެ ވިދާޅުވަނީ، ވަރަށް ބޮޑު އެއްޗެއް. އެކަމުގެ ޒާތުގައި ޢަދުލު އިންޞާފު ޤާއިމުކުރެވުނަކަސް، އަދި އެއީ ހަމަޖެހުނީ ކަމަށް ދައުލަތުން ބަލައިގެނެއް ނުވާނެއޭ. އެކަމުގެ ޒާތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އިތުރަށް، އެތަނެއްގައި ޢަދުލު އިންޞާފު ޤާއިމުކުރެވޭކަން، އެތަނެއްގެ މީހުންނަށް ޤަބޫލުކުރެވެންވެސްވާނެއޭ. އެހެން ހަދާނީ ކިހިނެއްތޯ؟ މިއީ މައްސަލައަކީ. އާދެ، އެހެން ހެދުމަށްޓަކައި ބޭނުންވާ އެންމެ ބޮޑު ކަމަކީ، ޤާޟީންގެ ޙިޔާތު ނުވަތަ ވަކިފަރާތަކަށް ނުޖެހުން. ޤާޟީންގެ ނަޒާހަތު، އެ ބޭކަލުން އެ މަސްއޫލިއްޔަތު އުފުއްލަވަނީ، ޝަރުޢީ އުޞޫލުތަކާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިންކަން މީހުންނަށް އެނގުން. އެއްވެސް ކަހަލަ ގުޅުންތަކެއް އެ މައްސަލަތަކުގައި ހިމެނޭ މީހުންނާ ނެތުން. އެމީސްމީހުންގެ ގޭގެޔަށް ޤާޟީން ވަޑައިގެން ނެހެއްދެވުން. އަމިއްލަ ކަންކަމުގައިވެސް، އެފަދަ މީސްމީހުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވައި ނެހެއްދެވުން. ވާހަކައަކީ، ޤާޟީންގެ އަމިއްލަ ދިރިއުޅުމުންވެސް، އެބޭކަލުންނަކީ ޙައްޤަށް ލޯބިކުރައްވާ، މީސްތަކުންގެ ޙައްޤުތަކަށް ރައްކާތެރިވެވަޑައިގަންނަވާ، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބުރަ މަސްއޫލިއްޔަތު އަމާނާތްތެރިކަމާއެކުގައި އުފުއްލަވާ ބޭކަލުން ކަމުގައި މީހުންނަށް އެނގޭނެ ގޮތަކަށް، އެބޭކަލުންގެ ދިރިއުޅުމުގެ ކަންތައްތައްވެސް ރޭވިފައި އޮތުން. ހަމަޖެހިފައި އޮތުން.

އާދެ، އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޤާޟީން އަދި އަޅުގަނޑުމެންގެ ޤާޟީން ފިޔަވައި، ޝަރުޢީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންވެސް، ވަރަށް ބޮޑަށް ހަނދާންކުރައްވަންޖެހޭނެ ކަމެއް. ޢަދުލު އިންޞާފު ޤާއިމުކުރުމުން އެކަނި ނުފުދޭނެކަން. އޭގެ އިތުރަށް، ތަނުގައި ޢަދުލު އިންޞާފު ޤާއިމުކުރެވޭކަން، މީހުންނަށް އެނގެންވެސްވާނެކަން. މީހުންނަށް އެކަން ޤަބޫލުކުރެވެންޖެހޭނެ.

އާދެ، ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައް މިހާރު ހަމަޖެހިފައި ވަނީ ހަމައެކަނި ޖަސްޓިސް މިނިސްޓްރީގެ ކޯޓުތަކުގައެއް ނޫން. ޖަސްޓިސް މިނިސްޓްރީގެ އިތުރަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުންވެސް، ކޯޓެއް ހިނގަމުންދޭ. އާދެ، ފުލުސް ކޯޓު، އެއީވެސް ވަރަށް މުހިންމު ކޯޓެއް. ބައެއް މީހުންނަށް އެ ކޯޓުގެ މުހިންމުކަން ނޭނގި އޮވެދާނެ. ނުވަތަ އެއީ، ޝަރުޢީގޮތުން ހަމަޖެހޭ އުޞޫލެއް ކަމަށް ނުވެދާނެ ކަމަށްވެސް ބައެއް މީހުންނަށް ހީކުރެވިދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެ ހީކުރުން އެއީ، ރަނގަޅު ހީކުރުމެއް ނޫންހެން. ކޮންމެ ތަނެއްގައިވެސް އޮންނަންޖެހޭ އެފަދަ ކޯޓެއް. އޭގެ ބޭނުން ވަރަށް ބޮޑު. މީހުންނަށް ދަތިވާ މައްސަލަތަކުގައި، އަވަހަށް ނިޔާއަކާ ހަމައަށް ދިޔުން. އަދި ކަނޑައެޅިގެން ވަކިކަހަލަ ކަންތައްތަކެއް، ސަރުކާރުގެ އަމުރުތަކާ ގުޅިފައިވާ ވަކިކަހަލަ ޤަވާޢިދުތަކަކާއި ޤާނޫނުތަކަކާ ގުޅިފައިވާ ކުށްތައް ކުރާ މީހުންނަށް ވަގުތުން އަދަބުދެވުން އެއީ، ވަރަށް މުހިންމު ކަމެއް. މީހަކު ކުށެއް ކުރާތާ 5 އަހަރު ފަހުން، ނުވަތަ 10 އަހަރު ފަހުން އަދަބެއް ދެވުނީމާ، އޭގެ އެއްވެސް ފައިދާއެއް ނޯންނާނެ. އެމީހަކަށްވެސް އިޙްސާސެއް ނުވާނެ. އަދި މުޖުތަމަޢަކަށްވެސް އިޙްސާސެއް ނުވާނެ. މުޖުތަމަޢަށް ފެންނާނީ، އެމީހަކު ދޫކޮށްލެވިފައި ހުންނަ ތަން. އޭގެ ބަދަލުގައި އެކުރި ކުށެއްގެ ބާވަތުން އެކުށެއްގެ އަދަބު އެމީހަކަށް ވީހާވެސް އަވަހަކަށް ލިބޭކަމަށްވަންޏާ، އެ އަދަބު ދިނުމުގެ ފަލްސަފާ، އޭގައި ހިމެނޭ ޙިކްމަތް މާބޮޑަށް ޙާޞިލުވާނެ.

އެހެންވީމާ، ފުލުސްކޯޓު އެއީ، އަޅުގަނޑު ދެކޭގޮތުގައި ހުންނަންޖެހޭނެ ތަނެއް. ވަރަށް ބޭނުންތެރި ތަނެއް. އެތަނުން ވަރަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއްވެސް ކުރައްވާ. ވަރަށް ގިނަ ޤަޟިއްޔާތައް ނިމިގެންދޭ. އެހެންނަމަވެސް، އެ ނިމޭ ނިމުމަކީވެސް، އެންމެފަހުގެ ނިޔާއެއް ނޫން. އެހެންވީމާ، މީހުންގެ ޙައްޤުތައްވެސް، އެއޮތީ ރައްކާތެރި ކުރެވިފައި. ފުލުސްކޯޓުން ނިމޭ ކަމަކާ ދޭތެރޭގައި ދެ ޚަޞްމުންކުރެ ޚަޞްމަކު ނުވަތަ އެ ދަޢުވާ އުފުލޭ މީހާ، އެއްވެސް ޝަކުވާއެއް އޮތް ކަމުގައިވަންޏާ، އެމީހަކަށް އެބައޮތް ހައިކޯޓަށް ދިޔުން.

އެހެންވީމާ، އެއްވެސް ޙާލެއްގައި ފުލުސް ކޯޓަށް ދާ މީހުންގެ ޙައްޤުތައް ސަރުކާރުން ނިގުޅައިގަންނަނީކީއެއްވެސް ނޫން. އެހެން ހުރިހާ ކޯޓުތަކެކޭ އެއްފަދައިން، ހައިކޯޓަށް ދިޔުމުގެ އިޚްތިޔާރު އެމީހަކަށް އޮވޭ. ހައިކޯޓު އުފެދުނީ، 1980 ވަނަ އަހަރުގެ ތެރޭގައި. އެކަމަކު އޭގެ ކުރިންވެސް އެއުޞޫލު ރާއްޖޭގައި އޮވޭ. އެއީ، މަޙްކަމަތުއް ޝަރުޢިއްޔާއިން ނިންމާ ކަންތައްތަކާ ދޭތެރޭގައިވެސް، ހިތްހަމަނުޖެހޭ މީހަކު ހުރިނަމަ، ކޮންމެ ޒަމާނެއްގައިވެސް، އިތުރަށް އެ މައްސަލަ ބެލޭނެ ގޮތް އޮންނަނީ ހަމަޖެހިފައި. ބައެއް ޒަމާންތަކުގައި އެކަންތައް ކުރައްވަނީ، ސީދާ ކީރިތި މަހާރަދުން ކަމުގައިވެސް ވެފައި އެބަހުރި. ކީރިތި މަހާރަދުންގެ ޙާޟިރުގައި ބޭފުޅުންކޮޅެއް ތިއްބަވައިގެން. ފަނޑިޔާރު މަނިކުފާނާއި، އަދި އެނޫންވެސް ޢިލްމުވެރި ބޭފުޅުން ތިއްބަވައިގެން، އެ ޝަރީޢަތެއް އަލުން ބަލައި ނިންމައި ހަދާ. ރާއްޖޭގެ ތާރީޚުގައި މިކަން އެބައޮތް. އެހެންވީމާ، އެ އުޞޫލު މިހާރު ހަރުދަނާވެފައި އެއޮތީ، ހައިކޯޓުގެ ނަމުގައި ކޯޓެއް އުފެދި، އެތަނަށް އެކަށީގެންވާ އުއްތަމަ ފަނޑިޔާރަކާއި، ފަނޑިޔާރުން ސަރުކާރުން ލައްވާފައި އެތިބީ. އެހެންވީމާ، އާދައިގެ ކޯޓުތަކުން ނިމޭ ކަންތައްތަކާ ދޭތެރޭގައި ހިތްހަމަނުޖެހުމެއް އޮތް މީހަކުނަމަ، ހައިކޯޓަށް ގޮސްގެން، އެމީހެއްގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ޙައްޤު މިހާރު އޮންނަނީ ހޯދައިދެވިފައި.

ހައިކޯޓު އެއީވެސް ވަރަށް މުހިންމު ތަނެއް. އެއީ، ހައިކޯޓަށް އޮންނަ ބާރުގެ ގޮތުން. އެނގިވަޑައިގަންނަވާނެ ފަދައިން، ދަށު ކޯޓަކުން ނިންމާ ޙުކުމެއް ބާޠިލުކުރުމުގެ އިޚްތިޔާރު، ނުވަތަ އެހެން ގޮތަކަށް ބަދަލުކޮށްލުމުގެ އިޚްތިޔާރު، ހައިކޯޓަށް އޮވޭ. އަދި ހައިކޯޓަށް އެންގިދާނެ، އެހެން ކޯޓުތަކުން ހިންގާ މައްސަލައެއްގެ މަޢުލޫމާތު އިތުބާރުހުރި ގޮތެއްގައި އެކޯޓަށް ލިބިވަޑައިގަނެގެން އެކަމެއް އެގޮތަކަށް ނުގެންދަވަން. އެއީ، ހަމަޖެހިފައި އޮންނަ ގޮތް އަދި އޮންނަންވާނެވެސް ގޮތް. އަދި އެހިސާބުންވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ކަންތައް ނިމުނީކީ ނޫން. އޭގެ ފަހުންވެސް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ޙައްޤު، ކޮންމެ މީހަކަށްވެސް އޮވޭ. ހައިކޯޓުން ނިންމާ ގޮތާ ދޭތެރޭގައި ހިތްހަމަނުޖެހުނު ކަމުގައިވިޔަސް، އެހިސާބުން އެމީހެއްގެ މައްސަލަ މުޅިން ނިމުނީކަމަށް ނުބަލައި، އިތުރަށް ބެލޭނެގޮތް މިހާރު ހަމަޖެހިފައި އޮވޭ. އެއީ، ރައީސުލްޖުމްހޫރިއްޔާއަށް ލިޔުން.

އެހެންވީމާ، ޢަދުލު އިންޞާފު ޤާއިމުކުރަނީ، ހަމައެކަނި މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓުތަކަކުން ނޫން. އޭގެ އިތުރަށް، ފުލުސް ކޯޓުންނާއި، ހައިކޯޓުންވެސް ޢަދުލު އިންޞާފު ޤާއިމުކުރޭ. އެހެންވީމާ، މިފަދަ މުނާސަބަތެއްގައި ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވާ ހުރިހާ ބޭކަލުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

ޤާޟީން އެކުރައްވަނީ ވަރަށް ބުރަ މަސައްކަތެއް. ވަރަށްދަތި ކަންތައްތަކެއް އެބޭކަލުންނަށް ދިމާވެފައިވޭ. އެހެންނަމަވެސް، އެބޭކަލުންގެ ވާޖިބު އަދާކުރައްވަމުން ގެންދަވަނީ. ޤާޟީންގެ ތެރެއިން ގިނަ ބޭކަލުންނަކީ، އަޅުގަނޑު ދަންނަވާނީ، އަމާނާތްތެރިކަމާއެކުގައި، އެބޭކަލުންގެ ޟަމީރަށް ތެދުވެރިވެވަޑައިގެން ތިއްބަވައިގެން ނިޔާކަނޑައަޅުއްވާ ޤާޟީންނޭ. އެހެންވީމާ، އެބޭކަލުންނަށް އަޅުގަނޑުވެސް އަދި ސަރުކާރުވެސް އަދި އަޅުގަނޑު ހިތުން ރައްޔިތުންވެސް، ވަރަށް ބޮޑަށް ޝުކުރުވެރިވާންޖެހޭ. އެބޭކަލުންގެ ތެރޭގައި، އެންމެ ފުރަތަމަ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޅުގަނޑު ހިމަނަން. ފަޟީލަތު އަލްއުސްތާޛުއްޝައިޚް މޫސާ ފަޠުޙީ. އެމަނިކުފާނަކީ، ޢިލްމުވެރިކަމުގެ ގޮތުންނާއި، ތަޖުރިބާގެ ގޮތުން ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ބޭފުޅެކޭވެސް ދެންނެވިދާނެ. އެހެންވީމާ، ރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް އެއް މަޤާމު ފުރުއްވަނީ އެމަނިކުފާނު ކަމަށްވީތީ، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ދެން މިހާރުގެ މިނިސްޓަރ އޮފް ޖަސްޓިސް ފަޟީލަތު އަލްއުސްތާޛު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް. އޭނާއަކީވެސް، ޢިލްމުވެރިކަމުގެ ގޮތުން ވަރަށް މަތީ ދަރަޖައެއް ހޯއްދަވާފައިވާ ބޭފުޅެއް. އޭނާ މިނިސްޓްރީ އޮފް ޖަސްޓިސްގައި ހުންނެވުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. އެއީ، ޖަސްޓިސްގެ ކޯޓުތަކުން ކަންތައްތައް ދާނީ ރަނގަޅަށްކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އޮތީމާ. އެ ދެ ބޭފުޅުންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ހަމައެއާއެކުގައި ކުރިންވެސް ދެންނެވި ފަދައިން، އެކި ފެންވަރުގައި ތިއްބަވާ ޤާޟީންނަށް އާދެ، މިހާރު ޤާޟީން ތިއްބަވާ. ޚާއްޞަ ޤާޟީން ތިއްބަވާ. އިސް ޤާޟީން ތިއްބަވާ. އެހެންވީމާ، މި ހުރިހާ މަޤާމުތަކުގައި ތިއްބަވާ ޤާޟީންނަށް، އެ ބޭކަލުން އެ މަސްއޫލިއްޔަތު އަދާކުރައްވަނީ މާލޭގައި ކަމުގައިވިޔަސް، އަދި ރާއްޖެތެރޭގައި ކަމުގައިވިޔަސް، އެ ހުރިހާ ބޭކަލުންނަށްވެސް މި ފުރުޞަތުގައި ޝުކުރު އަދާކޮށް، އެބޭކަލުން އެކުރައްވާ ބުރަ މަސައްކަތުގެ އަގު ސަރުކާރުން ވަޒަންކުރާކަން ދަންނަވާލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އިސްލާމްދީނުގައި ކޮންމެ ކަމަކާ ބެހޭގޮތުންވެސް އަންގަވާފައިވާ އެންގެވުންތަކަށް ފުރިހަމައަށް ތަބަޢަވުމުގެ ތައުފީޤުވެސް އަޅުގަނޑުމެންނަށް ދެއްވުން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމާއި، އަދި އަޅުގަނޑުމެންގެ އަމިއްލަ މުޢާމަލާތްތަކާއި، ގުޅުންތަކުގައި ކޮންމެ މީހަކުވެސް ޢަދުލުވެރިވުމަށް އަޅުގަނޑުމެންނަށް މަގުފަހިކޮށްދެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.