بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ އެންމެބޮޑު އުފަލެއް ކަމުގައި ދެކެނީ ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި މުރާލިކަމާއި ހީވާގިކަމާއެކު މަސްވެރިކަމުގެ ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ރާއްޖޭގެ މަސްވެރިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން.

މަސްވެރިންގެ ދުވަހަކީ ރާއްޖޭގެ މަސްވެރިންނަށްޓަކައި މަސްވެރިންގެ ޤަދަރު އުފުލުމަށްޓަކައި މަސްވެރިން އެކުރާ މިންނެތް މަސައްކަތުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމަށްޓަކައި އަދި މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށާއި، ރާއްޖޭގެ ހުރިހާ ކަމަކަށް ލިބޭ ފައިދާ އިތުރުކުރުމުގެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން ފާހަގަކުރާ މުނާސަބަތެއް. މި މުނާސަބަތުގައި ހުރިހާވެސް ހެޔޮއެދުމެއް، ހުރިހާވެސް ތަހުނިޔާއެއް، ހުރިހާވެސް މުބާރަކްބާދީއެއް ރައްދުވާންޖެހޭ ފަރާތަކީ ރާއްޖޭގެ ހީވާގި މަސްވެރިން. އެހެންކަމާއެކު، މަސްވެރިންނަށް މިއަދުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހެޔޮއެދުމާއި މުބާރަކުބާދީއާއި ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވާހިނދު، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކަށްވެސް މިއަދުގެ މުނާސަބަތުގައި މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. އާދެ، މިދެންނެވި ފަރާތްތަކުގެ ތެރޭގައި، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ފަރާތްތައް ހިމެނޭ.

މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި އެންމެ ގިނަ މީހުން ކުރާ މަސައްކަތް ކަމަށްވުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ފަރާތްތައް ވަރަށްވެސް ގިނަ. ޝައްކެއްނެތްގޮތުގައި، އެފަރާތްތަކުގެ ހީވާގި މަސައްކަތާއި، އެފަރާތްތަކުގެ އެއްބާރުލެއްވުން ސަރުކާރާ އެކުގައި ނުވާކަމުގައިވަނީނަމަ، މަސްވެރިކަން މިއަދު ތަރައްޤީވެފައިވާ ފެންވަރަކަށް ތަރައްޤީއެއްނުވީސްކަން ކަށަވަރު.

އާދެ، އަމިއްލަ ފަރާތްތަކުގެ ތެރޭގައި ކެޔޮޅުންނާއި، މަސްވެރިންނާއި، އޮޑިވެރިންނާއި އަދި މަސްވެރިކަމުގެ ތަފާތު މަސައްކަތްތައް ކުރައްވާ އަމިއްލަ ފަރާތްތައް ހިމެނޭ. މަހުގެ ބާވަތްތައް ތައްޔާރުކުރައްވައި އެކްސްޕޯޓް ކުރައްވާ ފަރާތްތައްވެސް ހިމެނޭ. އެހުރިހާ ފަރާތްތަކަކަށްވެސް މިއަދުގެ މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ހެޔޮއެދުންތައް ފޮނުވުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ހަމައެއާއެކުގައި، ސަރުކާރުގެ ފަރާތުން މަސްވެރިކަން ތަރައްޤީކޮށް، މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކެއްވެސް ޝާމިލުކުރަން. އޭގެތެރޭގައި، އެންމެ އިސްފަރާތަކީ ޝައްކެއްނެތްގޮތުގައި، އެ މިނިސްޓްރީއެއްގެ ނަމުންވެސް މަސްވެރިކަމުގެ މުހިންމުކަން ދޭހަވާ މިނިސްޓްރީ. އާދެ، މިނިސްޓްރީ އޮފް ފިޝަރީޒް. އެހެންވީމާ، އެމިނިސްޓްރީގެ އެންމެ އިސްވެރިޔާ، މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަށް މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީއާއި އަދި ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާ. ރެޔާއި ދުވާލު އެރޮނގުގައި މަސައްކަތް ކުރައްވާ. އަދި އެމަނިކުފާނުގެ އިރުޝާދާއި ލަފާގެ މަތިން އެމިނިސްޓްރީގެ ހީވާގި ވެރިންނާއި، އެހެން މުވައްޒަފުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ. އެހުރިހާ މަސައްކަތްތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ މަސްވެރިކަމަށް ލިބެމުންދާ ތަރައްޤީއާއި ކުރިއެރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކަށްވެސް މިއަދު ވަންހަނާވެގެންވާނެ ކަމެއް ނޫން.

އާދެ، ރާއްޖޭގެ ކަންތައްތައް މިހާރު ހަމަޖެހިފައިވާ ގޮތުން، ސަރުކާރުގެ ފަރާތުން މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރަނީ ހަމައެކަނި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަރާތަކުން ނޫން. ސަރުކާރުގެ އެހެން ފަރާތްތަކުންވެސް އެމަސައްކަތް ކުރައްވާ. ޤާނޫނީގޮތުން ބަލާނަމަ، މަސްވެރިކަމުގެ ބައެއް ކަންތައްތައް މިހާރު ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒުން. އެހެންވީމާ، އެ މިނިސްޓްރީގެ އެންމެ އިސް ވެރިންނަށާއި މުވައްޒަފުންނަށް، ހަމައެއާއެކުގައި، ސަރުކާރުގެ ފަރާތުން، މަސްވެރިކަމުގެ ވިޔަފާރި ހިންގާ ފަރާތަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް ކަމަށްވާތީ، އެޑިޕާޓްމަންޓްގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، މަސްވެރިކަމަކީ ޤައުމަށް ހެޔޮއެދޭ ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ވަރަށް ޚާއްޞަ މަޤާމެއް ދެވެންވާނެ ކަމެއް. އަދި ދެވިފައިވާ ކަމެއް. މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގެ އިޤްތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ ވަރުގަދަ، އެންމެ ފައިދާހުރި އިޤްތިޞާދީ މަސައްކަތް. އެމަސައްކަތަކީ އެމަސައްކަތް ކުރިނާރުވާ އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދުވެސް އަދި މާދަމާވެސް އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ލިބޭނެ ދުވަހެއް އުންމީދު ކުރަންވެސް ނޭނގޭފަދަ މަސައްކަތެއް.

މި މުނާސަބަތަކީ މަސްވެރިކަމާ ދޭތެރޭގައި ޚިޔާލުކުރާ ކޮންމެ މީހެއްގެ ހިތުގައިވެސް ތަފާތު ޝުޢޫރުތަކެއް އުފެދިގެންދާނެ މުނާސަބަތެއް. ޝައްކެއްނެތްގޮތުގައި، މިއަދު އާދެ، މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ މިފަދަ 8 ވަނަ ދުވަހު، މަސްވެރިކަމާ ދޭތެރޭގައި ޚިޔާލުކުރާ މީހުންގެ ހިތްތަކަށް ވަދެގެންދާނެ އެއް ޝުޢޫރަކީ އުފާވެރިކަމުގެ ޝުޢޫރު. އާދެ، އެއީ މަސްވެރިކަން ހަލުވިކަމާއެކު ކުރިއަށްދާތީ. މަސްވެރިކަމުގެ ސަބަބުން މަސްވެރިންނަށާއި ރާއްޖެއަށް ލިބެމުންދާ އިޤްތިޞާދީ ފައިދާތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ. މަސްވެރިންގެ ދިރިއުޅުން އެއްދުވަހުން އަނެއްދުވަހަށް ތަނަވަސްވަމުންދާތީ.

އާދެ، ޝައްކެއްނެތްގޮތުގައި، މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންނަށް މިހާރު ބޭނޭ ނުވަތަ ހިފޭ މަސްވެސް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން. އަދި އަޅުގަނޑުމެންނަށް އެކްސްޕޯޓް ކުރެވޭ މަހުގެ ޢަދަދުވެސް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން. އަޅުގަނޑު ވަރަށް ޚާއްޞަ އުފަލަކާއެކު ދަންނަވާލަން. 1988 ވަނަ އަހަރު އާދެ، މިހިނގާ އަހަރަކީ މަސްވެރިކަމުގެ ގޮތުން އަދި މިހާތަނަށް އަޅުގަނޑުމެންނަށް ފެނިފައިވާ އެންމެ ރަނގަޅު އަހަރު ކަމުގައި ވެދާނެކަމުގެ އުންމީދު ވަރަށްވެސް ބޮޑޭ. މިއަހަރު މަސްވެރިކަމާބެހޭ ހިސާބުތައް އަދި މުޅިން ނިމިފައެއް ނޯންނާނެކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި އަހަރު ނިމުމަކަށް ނާދޭ. އެހެންނަމަވެސް، މިހާހިސާބަށްވެސް ލިބިފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިއަހަރަކީ މިދިޔަ އަހަރަށްވުރެ މަސްވެރިކަމުގެ ރޮނގުން މާބޮޑުތަން ރާއްޖެ ކުރިއަށް ގޮސްފައިވާ އަހަރެއް. ކިރުވުނު ރޯމަހުގެ ޢަދަދަށް ބަލާއިރުވެސް، މިދިޔަ އަހަރަށްވުރެ މިއަހަރު މިހާރު ވަރަށް ބޮޑުތަން އިތުރުވެފައިވޭ. މިދިޔަ އަހަރު، މުޅި އަހަރު ދުވަހު ކިރުވިފައިވާ ރޯމަހުގެ ޢަދަދަކީ 19423 ޓަނު. މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށްވެސް މިހާރު 27000 ޓަނު ކިރުވިފައިވޭ.

އެހެންވީމާ، އެގޮތުން ބަލާއިރުވެސް ވަރަށް މަތީ ޢަދަދަކަށް މިއަހަރު ކިރުވުނު މަހުގެ ޢަދަދު އިތުރުވެގެން ހިނގައްޖެ. އަދި ރާއްޖެއިން ބޭރުކުރެވިފައިވާ މަސްވެސް މިދިޔަ އަހަރު، މުޅި އަހަރު 56900 ޓަނު ބޭރުކުރެވިފައިވާ ކަމަށް ހިސާބުތަކުން ދައްކަނީ. މިއަހަރުގެ މިހިސާބަކަށް އަދި އަޅުގަނޑަކަށް އޭގެ ފުރިހަމަ ޢަދަދެއް ލިބިފައެއް ނެތް. އެހެންނަމަވެސް، މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާއިރު، އާދެ، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ރާއްޖެއިން ބޭރުކުރެވިފައިވާ ކަމަށް ދައްކަނީ 30100 ޓަނުގެ މަސް. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ފުރަތަމަ 6 މަސްދުވަހު ބޭރުކުރެވިފައިވާ ކަމަށް ދައްކަނީ 33336 ޓަނުގެ މަސް. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑުމެންނަށް ބޭރުކުރެވުނު މަހުގެ ޢަދަދު، ކުރީ އަހަރަށްވުރެ ގިނަކަމަށް ދައްކާ.

އާދެ، މި ތަރައްޤީ އަންނަމުން މިދަނީ ޝައްކެއްވެސްނެތްގޮތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތައް އެކުވެގެން ނުވަތަ އެއިން ކޮންމެ ފަރާތަކުންވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބުރަކޮށް އަދި އެހާމެ ފަރުވާތެރިކަމާއެކު ކުރަމުންގެންދާތީ. އޭގެތެރެއިން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށްގިނަ ކަންތައްތަކަކީ ތަފާތު މަޝްރޫޢުތައް ރޭވިގެން، އޭގެ ދަށުން ހިނގަމުންދާ ކަންތައްތައް. މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ރާވައިގެން ހިންގާ ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަ އަޅުގަނޑު މިއަދު ފާހަގަކޮށްލާހިތްއޮތީ ފެލިވަރުގެ މަސައްކަތް. އެނގިވަޑައިގަންނަވާނެ ފަދައިން، އެކަމާ ސަރުކާރުން ޙަވާލުވިއިރު، އެތާނގެ ކާރުޚާނާ ހުރީ ވަރަށްވެސް އެކަށީގެންނުވާފަދަ ގޮތެއްގައި. އެތާނގެ އެކިއެކި މެޝިންތަކާއި ސާމާނުތައް ހުރީ ވަރަށް ބާވެފައި. އެހެންކަމާއެކު، އެތަން ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ސަރުކާރުން ހިންގައި، އެކަންވަނީ މިހާރު ނިމިފައި. މިހާރު ފެލިވަރަށް ވަރަށް ގިނަ ޢަދަދަކަށް މަސްކިރުވޭ. އަދި އެތަނުގައި، ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއިން ވަރަށްގިނަ ޢަދަދަކަށް މިހާރު ކޮންމެ ދުވަހަކުވެސް ދަޅުގައި މަސް ބަންދުކުރެވޭ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިހާރު 40 ޓަނުގެ މަސް ދުވާލަކު ބަންދުކުރެވޭ. އެއީ އޭގެކުރިން ދުވާލަކު އެންމެ 8 ޓަނުގެ މަސް ބަންދުކުރެވެމުން އައި ތަނެއް.

އެހެންކަމާއެކު، އެތަނަށް ކިރުވޭ މަހުގެ ޢަދަދު ގިނަކަމާއި އަދި އަޅުގަނޑުމެންގެ ދަޅުމަސް އެކްސްޕޯޓް ކުރެވޭލެއް މިހާރު ގިނަކަމުން، ރާއްޖޭގެ މަސްވެރިކަމަށް އައިސްފައިވަނީ ވަރަށްވެސްބޮޑު ތަރައްޤީއެއް. ހަމައެފަދައިން، މަސްވެރިކަމުގެ ތަފާތު ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ހިންގަމުންގެންދޭ. އެ މަޝްރޫޢުތަކުގެ ވާހަކަ ތިޔަބޭފުޅުން މީގެކުރިންވެސް ވާނީ ވަރަށްގިނަފަހަރު އައްސަވާފައި. އެހެންވީމާ، އެވާހަކަތައް ތަކުރާރުކުރާކަށް އަޅުގަނޑު ނެތިން. އެހެންނަމަވެސް، މަހުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމުގެ މަޝްރޫޢާއި، ރާއްޖޭގެ ދެވަނަ މަސްވެރިކަމުގެ މަޝްރޫޢު އެއީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ދެ މަޝްރޫޢު. އެ ދެ މަޝްރޫޢުގެ ދަށުން ވަރަށް ގިނަ ޢަދަދަކަށް މަސްދޯނިފަހަރު ބަނދެވި އަދި މަސްއެއްކުރާ ބޯޓާއި، ތެޔޮތާނގީ ހަދައި، މިކަހަލަ ކިތަންމެ ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި މިހާރުވެސް އެމަޝްރޫޢުތަކުގެ މަސައްކަތްތައް ދަނީ ކުރިއަށް. އެހެންކަމާއެކު، މިމަސައްކަތްތަކުގެ ސަބަބުން މަސްވެރިކަމަށް އައި ދިރުމާއި ކުރިއެރުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް މިހާރު ވަޒަންކުރެވޭނެ ކަމެއް.

މިކަންތައްތައް މިހެން ހުރުމާއެކުގައިވެސް، މި ދެންނެވީ މިއަދު މަސްވެރިންގެ 8 ވަނަ ދުވަހު އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަމުގެ ޝުޢޫރުތަކެއް، މި ތަރައްޤީގެ ސަބަބުން އައިކަމުގައިވިޔަސް، ހަމައެއާއެކުގައި އަޅުގަނޑުމެންގެ ހިތްތަކަށް ހިތްދަތިކަމުގެ ޝުޢޫރުތަކެއްވެސް ވެރިވާން އެބަޖެހޭ. އާދެ، އެއް ސަބަބަކީ އަޅުގަނޑުމެން މި އެކްސްޕޯޓް ކުރާ މަހުގެ އަގު، ދުނިޔޭގެ ބާޒާރުގައި ދަށަށްދާކަން. ޝައްކެއްނެތް، އަޅުގަނޑުމެން ބާނާ މަސް ނުވަތަ ހިފާ މަސް، އޭގެތެރެއިން ވަރަށްބޮޑު ބައެއް މިހާރު އަޅުގަނޑުމެން މިދަނީ އެކްސްޕޯޓް ކުރަމުން. އެކްސްޕޯޓް ކުރާ މަހަށް އެކަށީގެންވާ އަގެއް ނުލިބޭކަމުގައިވަނީނަމަ، އެއިން ރާއްޖެއަށް ކުރާނެ ފައިދާ ވަރަށްވެސް ކުޑަވާނެ.

އާދެ، މިއަހަރުގެ ކުރީކޮޅުގައި، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ގެންދާ ރޯމަހުގެ އަގުހުރީ ތަންކޮޅެއް ރަނގަޅަށް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، 1100 ޑޮލަރަށް، ޓަނުގެ މަގުންވެސް ހުރި. އެހެން ހުރެފައި 690 ޑޮލަރަށް ޓަނެއް ތިރިއަށްޖެހުނު. މިހާރު އަޅުގަނޑު ހިތުން އުޅެނީ ޓަނެއް 740 ނުވަތަ 745 ޑޮލަރަށް. އެހެންވީމާ، މަހުގެ އަގަށް މިއަންނަ ނޭދެވޭ ބަދަލު އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ވަރަށްބޮޑު ދަތިކަމަކަށް ވެގެން އެބަދޭ. އެހެންނަމަވެސް، އެއާ ދޭތެރޭގައި އަޅުގަނޑުމެން ވަކި ކުރާނެ ކަމެއްނެތް. މަހުގެ ބޭރުގެ މާކެޓަކީ ނުވަތަ ބާޒާރަކީ ހަމައެކަނި ރާއްޖެއިން ބޭރުކުރާ މަހުގެ މައްޗަށް އެކުލެވޭ ބާޒާރެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެއިން މިހިފާ ނުވަތަ ބާނާ މަހަކީ އެ މާކެޓްގައި އުޅޭ ވަރަށްވެސް ކުޑަކުޑަ ނިސްބަތެއް. ސަރުކާރުން އަބަދުވެސް ވިސްނަނީ މަސްވެރިންނަށް ހެޔޮގޮތްތައް ހޯދައިދެވޭތޯ. މަސްވެރިންނަށް މަހަށް ލިބޭ އަގުވެސް އިތުރުކޮށްދެވޭތޯ. އެހެންނަމަވެސް، ކިތަންމެވަރަކަށް ސަރުކާރުން އެގޮތަށް ޚިޔާލުކުރި ކަމުގައިވިޔަސް އަދި މަސައްކަތް ކުރިކަމުގައިވިޔަސް، ބޭރުގެ ބާޒާރުތަކުގައި މަހުގެ އަގު މިގޮތަށް ހުންނަ ކަމުގައިވަންޏާ، މަސްވެރިންގެ އަތަށް ލިބޭ ފައިސާވެސް ސަރުކާރުން އިތުރުކޮށްދެވޭކަށެއް ނޯންނާނެ.

އާދެ، އެއީ އަޅުގަނޑުމެންނަށް ކުރިމަތިވާ ހިތްދަތިކަމެއް. މަހުގެ އަގަށް ކިރިޔާވެސް ރަނގަޅު ބަދަލެއް، ބޭރުގެ ބާޒާރުގައި އަތުވެއްޖިއްޔާ އިރާދަކުރެއްވިއްޔާ، ލަހެއްނުވެ މަސްވެރިންނަށް ލިބޭ އަގުވެސް ހަމަ ބަދަލުކޮށްދޭނެ.

އާދެ، އަދިވެސް އެބައޮތް، މިއަދުގެ މުނާސަބަތުގައި މަސްވެރިކަމާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރާއިރު، ކޮންމެވެސްވަރަކަށް އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަމެއް. އެކަމަކީ އަޅުގަނޑުމެން މިހާރު މަސްވެރިކަން ކުރިއަރުވައި ތަރައްޤީކުރަމުން މިގެންދަނީ، ވަރަށްބޮޑެތި މަޝްރޫޢުތަކެއް ރާވައި، އެމަޝްރޫޢުތައް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައިވާއިރު، އެމަޝްރޫޢުތައް ހިންގުމަށް އަޅުގަނޑުމެންނަށް ލިބިފައި ހުންނަ ވަސީލަތްތައް ބޭނުންނުކޮށް ހުންނަގޮތް ދިމާވާކަން. އާދެ، ވަރަށް ގިނަ ޢަދަދަކަށް އަޅުގަނޑުމެން ވަނީ މަސްއެއްކުރާ ބޯޓް، މިދެންނެވި މަޝްރޫޢުތަކުގެ ދަށުން ބަނދެފައި، ތައްޔާރުވެފައި. އެހެންނަމަވެސް، އެބޯޓުތައް އަދި އަޅުގަނޑުމެންނަކަށް ދުއްވޭގޮތެއްނުވޭ. އޭގެތެރެއިން މިހާރުވެސް 8 ބޯޓެއް، މަސްއެއްކުރާ ބޯޓުގެ 8 ބޯޓް އެބައޮތް ނުދުއްވި. ސަބަބަކީ އެބޯޓްފަހަރަށް ބޭނުންވާ މީހުން ނުލިބުން. އާދެ، ސަރުކާރަށް ބޭނުންވާ ކަންތައްތަކުގައިވެސް އަދި އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތަށް ބޭނުންވާ މީހުންވެސް ނުލިބޭ ވާހަކައަކީ ވަރަށް ގިނައިން މިހާރު ދެކެވެމުން އަންނަ ވާހަކައެއް. އެހެންނަމަވެސް، އެކަމަށް ޙައްލެއް ނާންނަ ކަމުގައިވަންޏާ، އެވާހަކަ ޖެހޭނެ އަބަދުވެސް އަޅުގަނޑުމެން ދައްކަން. އަދި އެއަށް ޙައްލެއް ފެނޭތޯ ޖެހޭނެ މަސައްކަތް ކުރަން.

އާދެ، މިދެންނެވި ގޮތުގެމަތިން އަޅުގަނޑުމެން ބޭރުގެ އެހީއެއްގެ ދަށުން، އެހީއެކޭ ދަންނަވާއިރު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެއީ ލޯނެއްކަން. ބޭރުގެ ލޯނެއްގެ ދަށުން ގިނަ ޢަދަދަކަށް ފައިސާ، ސަރުކާރުން ހޯދައިގެން ބޯޓުފަހަރު ބަނުމަށްފަހުގައި، އެބޯޓުފަހަރު ބޭނުންނުކުރެވޭ ކަމަށްވަންޏާ ޝައްކެއްނެތްގޮތުގައި، އެއީ މުޅި ޤައުމަށް ލިބޭ ވަރަށްބޮޑު ގެއްލުމަކަށް ނުވެއެއްނުދާނެ. އެހެންވީމާ، އެ ގެއްލުން ފޫބެއްދޭތޯ، އަދި ޚާއްޞަކޮށް، އެލޯނަކީ އަޅުގަނޑުމެން އަނބުރާ ދައްކަންޖެހޭ ފައިސާއަކަށްވާތީ، އެފައިސާ ދެއްކޭނެ މަގުތައްވެސް ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ލާޒިމް، އެބޯޓުފަހަރު ދުއްވޭނެގޮތެއް ހޯދަން. އެބޯޓުފަހަރު ނުދުއްވިގެން އުޅޭ ސަބަބަކީ، ކުރިންވެސް މިދެންނެވިފަދައިން، އެއަށް ބޭނުންވާ މީހުން ނުލިބުން. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވަރަށްބޮޑަށް ވިސްނައި، ކޮންމެވެސް ޙައްލެއް ނެރެވޭތޯ ބަލަންވެއްޖެ.

އާދެ، ދިވެހިންގެ ތެރެއިން އެކި މަސައްކަތްތަކަށް މީހުން ނުލިބުމުގެ ސަބަބުން ސަރުކާރުންވެސް އަދި އަމިއްލަ ފަރާތްތަކުންވެސް މިހާރު ބޭރުން މަސައްކަތު މީހުން ނުވަތަ ކަމަށް ބޭނުންވާ މުވައްޒަފުން ގެންދަނީ ހޯދަމުން. އޭގައި ހުރި ނުރައްކާތައްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެންމެފަހުން އަޅުގަނޑުމެންނަށް މިދިމާވި ކަންތަކުގައިވެސް ބޭރުގެ މީހުން މާގިނަ ޢަދަދަކަށް ރާއްޖޭގައި ތިބުމުން ދިމާވާ ނުރައްކާތައް އަޅުގަނޑުމެންނަށް އިޙްސާސް ކުރަން އެބަ އެނގޭ މިހާރު. އަދި ޚާއްޞަކޮށް، މިކަހަލަ ދާއިރާއެއްގައި، ބިދޭސީ މަސައްކަތު މީހުން ގެންގުޅުމަކީ އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން ކުރެވޭވަރުގެ ކަމަކަށް ނުވާނެ. އެއީ މިދެންނެވި ބޯޓުފަހަރު، މަސްއެއްކުރާ ބޯޓުފަހަރު ދުއްވަންޖެހެނީ ރާއްޖެތެރޭގައި. ރާއްޖެތެރޭގައި ދުއްވާއިރު، އެބޯޓުފަހަރުގައި ތިބޭ މަސައްކަތު މީހުންނަކީ ނުވަތަ މުވައްޒަފުންނަކީ ބިދޭސީން ކަމަށްވަންޏާ، އެއިން ވަރަށްބޮޑެތި ނުރައްކާތަކެއްވެސް ކުރިމަތިވެދާނެ. އަދި ވަރަށް ބޮޑެތި މައްސަލަތައްވެސް ނުޖެހިއެއްނުދާނެ.

އެހެންވީމާ، އެއްގޮތަކަށްވެސް ބިދޭސީން ގެނެސްގެން، އެމީހުން ލައިގެން އަޅުގަނޑުމެންނަކަށް މި މަސްވެރިކަމުގެ އެކިއެކި މަޝްރޫޢުގެ ދަށުން ބަނދެވިފައިވާ ބޯޓުފަހަރުގައި މަސައްކަތް ކުރެވޭކަށްނޯވޭ. އެބޯޓުފަހަރުގައި މަސައްކަތް ކުރެވޭނީ ހަމަ އަޅުގަނޑުމެން ދިވެހިންނަށް. އެހެންވީމާ، ދިވެހިންގެ ތެރެއިން ބަޔަކު އެކަމަށް ކުރިމަތިލައިގެން ނޫނީ، އަޅުގަނޑުމެންނަށް މިހާރު ހޯދިފައިމިވާ ވަސީލަތްތަކުގެ ބޭނުންވެސް ކުރެވޭކަށް ނޯންނާނެ. އަޅުގަނޑުމެންގެ ރާއްޖެއަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވި ރޯދި އަޅުގަނޑުމެންނަށް ފެންނަން ހުރެމެ އަދި އެރޯދި ބޭނުންކުރެވޭނެ ވަސީލަތްތައްވެސް އަޅުގަނޑުމެންނަށް ލިބިފައި ތިބެމެ، އެ ވަސީލަތްތަކުގެ ބޭނުންނުކުރެވޭކަމީ ޝައްކެއްނެތްގޮތުގައި، ވަރަށް ހިތާމަހުރި ކަމެއް.

އާދެ، މަސްވެރިކަމުގެ ދާއިރާގައިވެސް އަދި އެނޫން ދާއިރާތަކުގައިވެސް ސަރުކާރުން ބޭނުންވަނީ ރައްޔިތުން އެދޭގޮތަށް ކަންތައްތައް ގެންދަން. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރިޔާސީ 3 ވަނަ ދައުރަކާ ޙަވާލުވުމުގެ މުނާސަބަތުގައި، އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައިވެސް އަޅުގަނޑު އިޝާރަތް ކުރިން. މިދައުރުގައި ސަރުކާރުން ބޭނުންވަނީ ވަރަށް ޚާއްޞަގޮތެއްގައި ރައްޔިތުން އެކި ކަންތައްތައް ގެންދަން އެދެނީ ކިހިނެއްތޯ ބަލައި، އެގޮތަށް ކަންތައްތައް ކުރުމަށް ކަމުގައި. އާދެ، މިއަދު މިއީ މަސްވެރިންގެ ދުވަސް ކަމަށްވާތީ، މަސްވެރިކަމުގެ ދާއިރާގައިވެސް ސަރުކާރުން ބޭނުންވަނީ އެގޮތަށް ޢަމަލުކުރާށޭ ދަންނަވަން އަޅުގަނޑު ބޭނުންވޭ. ޙަޤީޤަތަކީވެސް އެއީ. ސަރުކާރެއް އުފެދިފައި އޮންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން. އެހެންވީމާ، ރައްޔިތުން ބޭނުންވާ ޚިދުމަތްތަކަކީ ކޮބައިކަން އެނގިގެން ނޫނީ، އެސަރުކާރަކަށް އެސަރުކާރެއްގެ ފުރިހަމަ ވާޖިބު އަދައެއްނުކުރެވޭނެކަން ކަށަވަރު.

އާދެ، ތިންވަނަފަހަރަކަށް ރާއްޖޭގެ ރައްޔިތުން އަޅުގަނޑު މިހާރު މިހުރި މަޤާމަށް އިންތިޚާބުވަނީ ކުރައްވާފައި. އެހެންނަމަވެސް، އެހިސާބުން ރައްޔިތުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެއްވުނީ ކަމަށް ނުބެއްލެވުން އަޅުގަނޑު އެދެން. ރައްޔިތުންގެ ވާޖިބަކީ ހަމައެކަނި ވެރިޔަކަށް ހުންނާނޭ މީހަކު އިންތިޚާބު ކުރުން ކަމުގައި ބައްލަވައިގެން އަޅުގަނޑު ހިތުން ޤައުމުގެ ތަރައްޤީއަކަށް މާބޮޑު މަސައްކަތްތަކެއް ނުކުރެވޭނެ. އޭގެފަހުންވެސް އެމީހަކަށް ރައްޔިތުން ބޭނުންވާގޮތް ހާމަކޮށްދޭން ޖެހޭނެ. ރައްޔިތުންގެ އިރުޝާދާއި ލަފާ އެމީހަކަށް ލިބެންޖެހޭނެ.

އެހެންވީމާ، އަޅުގަނޑު އެދެނީ މަސްވެރިކަމުގެ ދާއިރާގައިވެސް މަސްވެރިންނާއި، ކެޔޮޅުންނާއި އަދި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަފާތު ފަރާތްތަކުން އެދިވަޑައިގަންނަވާ ގޮތަކީ ކޮބައިކަން އަޅުގަނޑަށް އަންގަވައިދެއްވުން. އާދެ، ހަމައެކަނި އަޅުގަނޑަކަށެއް ނޫން. މިނިސްޓްރީ އޮފް ފިޝަރީޒަށްވެސް އަދި އެ މިނިސްޓްރީ ފިޔަވައި ސަރުކާރުގެ މަސްވެރިކަމާބެހޭ އެހެން އޮފީސްތަކަށްވެސް، ދާއިރާތަކަށްވެސް މަސްވެރިން ބޭނުންވަނީ ސަރުކާރުން ކިހިނެއް ކަންތައް ކުރަންތޯ؟ ކޮންގޮތަކަށް މަސްވެރިކަމުގެ ކަންތައްތައް ގެންދަންތޯ؟ މިއީ އަޅުގަނޑު ހިތުން ވަރަށްބޮޑަށް އަޅުގަނޑުމެން ބޭނުންވާ މަޢުލޫމާތެއް. އެމަޢުލޫމާތު ފުރިހަމައަށް ލިބިގެން ނޫނީ، ރައްޔިތުން ބޭނުންވާގޮތަށް ނުވަތަ ރައްޔިތުން އެދޭގޮތަށް އެއްވެސް ކަމެއް ގެންދެވޭކަށެއް ނޯންނާނެ.

އާދެ! މިވާހަކަ މީގެކުރިންވެސް ބައެއްފަހަރު އަޅުގަނޑަށް ވާނީ ހަމަ ޢާންމު ތަޤްރީރުތަކުގައިވެސް ދެންނެވިފައި. އަޅުގަނޑު ބޭނުމޭ، ރައްޔިތުންގެ ޚިޔާލު، އެކަންކަމާ ދޭތެރޭގައި ޢާންމުންނަށް ފެންނަގޮތް އަޅުގަނޑަށް އަންގަވައިދެއްވާށޭ. ބައެއް ފަރާތްތަކުން އަޅުގަނޑަށް ޖަވާބުވެސް ލިބޭ. ވަރަށް ހަރުދަނާ ޚިޔާލުވެސް އަޅުގަނޑާ ހަމައަށް އައިސްފައި އެބަހުރި. އެ ޚިޔާލުތަކަށް ވެވުނުވަރަކުން މިދަނީ ޢަމަލުވެސްކުރަމުން. ހަމަ ކޮންމެ ރައްޔިތަކުވެސް ޚިޔާލެއް ހުށަހަޅުއްވައިފިއްޔާ، އެޚިޔާލަކާ ދޭތެރޭގައި އަޅުގަނޑު ވަރަށްބޮޑަށް ވިސްނަން. އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެޚިޔާލެއް އެއީ ޢަމަލީގޮތުން ހިންގިދާނެ ކަމެއްތޯވެސް އަޅުގަނޑު ބަލަން. އެއީ ޢަމަލީގޮތުން ހިންގިދާނެ ކަމެއް ކަމުގައިވަނީނަމަ، އެކަމުން ޤައުމަށް ފައިދާއެއް ކުރާނެ ކަމެއް ކަމުގައިވަނީނަމަ، އެކަމެއް މިދަނީ އަޅުގަނޑު ހިންގަމުން. އެއާ އެއްގޮތަށް ޢަމަލުކުރަމުން.

އެހެންވީމާ، އަޅުގަނޑު އެދެނީ، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކުންވެސް ވަރަށް ޚާއްޞަ ގޮތެއްގައި މިއަދު އަޅުގަނޑު މިދަންނަވާ ދެންނެވުމާ އެއްގޮތްވާ ގޮތުގެމަތިން ޚިޔާލުކުރައްވައި، ވިސްނަވައި އަދި އެބޭފުޅުންގެ ޚިޔާލުފުޅާއި، އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް އަޅުގަނޑަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވަމުން ގެންދެވުން.

އާދެ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި ބަޔާންކުރެއްވި ފަދައިން، މިއަހަރުގެ މަސްވެރިންގެ ދުވަސް މިއަންނަނީ ރާއްޖެއަށް ވަރަށްބޮޑު ނުރައްކާތެރި ޙާދިޘާއެއް ކުރިމަތިވިތާ އެންމެ 5 ހަފްތާ ފަހުން. މިދިޔަ ނޮވެމްބަރުމަހު 3 ގައި ބޭރުގެ ޓެރަރިސްޓުންގެ ބަޔަކު ނުވަތަ ކުލީސިފައިންގެ ބަޔަކު ރާއްޖޭގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ދިން ޙަމަލާއަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ ތާރީޚުގައިވެސް ހިނގާފައި ނުވާފަދަ ނުރައްކާތެރި ބިރުވެރި ޙަމަލާއެއް. އެ ޙަމަލާގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި، ސަރުކާރުންނާއި ރައްޔިތުން ކުރަންޖެހޭ މަސައްކަތްތައް ވަރަށްގިނަ ދުވަސްތަކެއް ވަންދެން ކުރަމުން ގެންދަންޖެހޭނެ. އަދި އެ ޙަމަލާގެ ސަބަބުން ލިބިފައިވާ ބައެއް ގެއްލުންތަކަކީ ދުވަހަކުވެސް ފޫބެއްދޭނޭ ގެއްލުންތަކެއް ނޫން. އާދެ، އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު މަރުވެގެން ހިނގައްޖެ، އެއްވެސް ކުށަކާނުލާ. ބައެއްގެ އަމިއްލަ އެދުންތަކެއް ފުއްދުމަށްޓަކައި، އެމީހުންގެ އަމިއްލަ ބޭނުންތަކެއް ފުއްދުމަށްޓަކައި، ރާއްޖޭގެ އެއްވެސް ކުށެއްނެތް ބައެއްގެ ލޭ އޮހޮރުވާލައިފި. ހަމައެއާއެކުގައި، ރާއްޖޭގެ ނަމަށް ވަރަށްބޮޑު ހުތުރެއް ގެނެސްފި. އެހެން މިދެންނެވީ، ރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް އަމާން، ރައްކާތެރި، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައި އޮންނާތީ. މިހާތަނާ ޖެހެންދެންވެސް އޮތީ އެގޮތަށް މަޝްހޫރުވެފައި. އެހެންނަމަވެސް، ނޮވެމްބަރު 3 ވަނަ ދުވަހުގެ ކަންތައްތަކަށްފަހުގައި، މިހާރު ރާއްޖެއަކީ ޞުލްޙަވެރި އަމާން ތަނެކޭ އަޅުގަނޑުމެންނަށް ބުނެވޭނެ ތަނެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ހިއެއްނުވޭ. އެވާހަކަ ބޭރު ދުނިޔޭގައި ދައްކާ ކޮންމެ ފަހަރަކު، އެމީހުން ބުނާނެ، ކިހިނެއްހޭ އެނގެނީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މިއޮތީ ރާއްޖޭގައި ބޮޑު ހަނގުރާމައެއް ކުރެވިފައޭ، އެތައް ބައެއްގެ ލޭ އޮހޮރުވައިލެވިފައޭ. އެހެންވީމާ، ރާއްޖެއަކީ އަމާން ޞުލްޙަވެރި ތަނެއް ކަމުގައި ތިޔަ ބުނަނީ ކިހިނެއްހޭ؟ އެއީ ހަމަ ރަނގަޅު ސުވާލެއް. އެސުވާލުގެ ޖަވާބުދޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގެ.

ރާއްޖޭގެ ޓުއަރިޒަމަށް މިކަމުގެ ސަބަބުން ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް. އާދެ، ބޭރުގެ ބައެއް ނޫސްވެރިން އެސުވާލު ކުރީމާ އަޅުގަނޑު ބުނިން، އަދި ބަދަލެއް އައިސްފައެއްނުވެޔޭ. އާދެ، އެހެންބުނީ ވަރަށްބޮޑު އުންމީދަކާ އެކުގައި. އެއީ މިކަމުގެ ސަބަބުން ބަދަލެއްނައިސް، ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާ ކަމުގައިވަންޏާ އެއީ ޤައުމަށް ލިބޭ ވަރަށްބޮޑު ފައިދާއަކަށްވާނެ. މިކަމުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެއްޖެއޭ އަޅުގަނޑު ބުނެފިނަމަ، އޭގެ ސަބަބުންވެސް އަނެއްކާ ޓުއަރިޒަމްގެ ދާއިރާއަށް އިތުރު ހީނަރުކަމެއް ނައިހެއްނުދާނެ. އެކަން އެހެން އޮތުމާއެކުގައި، އަޅުގަނޑަށް ޓޫރިޒަމްގެ ދާއިރާއަށް އެއްވެސް ބަދަލެއް އައިކަން އެނގިފައެއްނުވެޔޭ އޮތީ ބުނަންޖެހިފައި. އެހެންނަމަވެސް، ޙަޤީޤަތުގައި ކޮންމެވެސް ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑުމެން އިންތިޒާރު ކުރަންޖެހޭނެ. އެއީ ކުރިންވެސް ދެންނެވިފަދައިން، ރާއްޖެއަށް މީހުން އަންނަހިތްވާ އެންމެބޮޑު ސަބަބަކީ ރާއްޖޭގެ އަމާންކަމާއި، ރާއްޖޭގެ ރައްކާތެރިކަމާއި، ރާއްޖޭގެ ޞުލްޙަވެރިކަން.

ދުނިޔޭގެ އެތަންމިތާނގައި އަބަދުވެސް ހަމަނުޖެހުންތައް ހިނގަމުންދާއިރު، ދުނިޔޭގެ އެހެން ތަންތާނގައި އެކިއެކި ނަސްލީ ދެކޮޅުވެރިކަން ނުވަތަ ސިޔާސީ ހަމަނުޖެހުން ނުވަތަ އެނޫންވެސް ބޮޑެތި ކަންތައްތައް ހިނގަމުން އެބަދޭ. އަދި އޭގެ ސަބަބުން އެތަންމިތާނގައި މީހުން މަރައި، އެކި ވައްތަރުވައްތަރުގެ ޓެރަރިސްޓް ޙަރަކާތްތައް ހިނގަމުން އެބަދޭ. އެކަންތައްތައް އެހެން ހިނގަމުންދިޔަ ކަމުގައިވިޔަސް، ރާއްޖޭގައި އެފަދަ ކަމެއް ހިނގަމުންނުދާކަން އެއީ ބޭރުގެ މީހުން ކުރިންވެސް ފާހަގަކުރަމުން އައިސްފައިވާ ކަމެއް. އަދި ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް މީހުން އަންނަން ބޭނުންވާ ސަބަބަކީވެސް މިއީ ކަމަށް އޮންނަނީވެފައި. އެހެންއޮއްވައި މިއަދު އަޅުގަނޑުމެންގެ މާޙައުލު ކުއްލިއަކަށް މިދިޔައީ މުޅިން އެހެން ގޮތަކަށް ބަދަލުވެގެން.

އެހެންވީމާ، މިއައި ނުރައްކާތެރި ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ނައިސްނުދާނެ ބަދަލުތަކަކީ އަޅުގަނޑުމެންނަށް މިހާރު އަދި ވަޒަންވެސް ކުރަން ނޭނގޭފަދަ ބޮޑެތި ބަދަލުތަކެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ހަމައެކަނި އަޅުގަނޑުމެންގެ ތެރެއިން ކުށެއް ނެތް ބަޔަކު މަރުވެގެންދިޔަކަމެއް ނޫން. ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖޭގެ ތަންތަން ހަލާކުވެގެންދިޔަކަމެއް ނޫން. ލިބިފައިވާ މާލީ ނުވަތަ އިޤްތިޞާދީ ގެއްލުންތަކެއް ނޫން. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިއަށް އޮތް ތާނގައި އަންނަން އޮތް ވަރަށް ގިނަ ބަދަލުތައްވެސް، އޭގެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަން އެބަޖެހޭ.

އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މިވާހަކަ އަޅުގަނޑު މިދައްކަނީ އެއީ ޤައުމީ ފެންވަރުގައި ބޭއްވޭ ޖަލްސާއަކަށްވާތީ. ރާއްޖޭގެ މަސްވެރިންނަށްވެސް އަދި މަސްވެރިން ފިޔަވައި އެހެން މީހުންނަށްވެސް ރާއްޖޭގައި ހަމަޖެހޭ ދިރިއުޅުމެއް ޤާއިމުކޮށްގެން، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކުގެ ފައިދާއަށްޓަކައި މަސައްކަތް ކުރަމުން ގެންދެވޭނީ، އަޅުގަނޑުމެންނަކީ ސިޔާސީގޮތުން ހަމަޖެހިފައިވާ ޞުލްޙަވެރި ތަނަކަށްވެގެން. އެއީ ޤައުމުގެ އެންމެބޮޑު ބޭނުމަކީ. ރައްޔިތުންގެވެސް އަދި ސަރުކާރުގެވެސް. ދުނިޔޭގެ އެއްވެސް ތަނެއްގައި ޚިލާފެއް ނެތިއެއްނުދާނެ. ކަންކަމާ ދޭތެރޭގައި މީހުންގެ ޚިޔާލު ތަފާތުވެދާނެ. ރާއްޖޭގައިވެސް އަދި ރާއްޖެ ނޫން އެހެން ތަންތާނގައިވެސް. އެހެންނަމަވެސް، ޚިޔާލުތަފާތުވާ ތަފާތުވުމަކީ، އެކަން ޙައްލުކުރުމަށްޓަކައި ހަތިޔާރު އުފުލަންޖެހޭ ކަމަކަށް ވެއްޖެނަމަ، އެއީ އެޤައުމެއްގެ ހަލާކު.

ބައްލަވާ! ދުނިޔޭގެ އެހެން ތަންތަން. އިނގިރޭސިވިލާތުގައި، އެމެރިކާގައި، ފަރަންސޭސިވިލާތުގައި އަދި އެނޫން ތަންތާނގައި ޚިޔާލުތަފާތުވޭ މީހުންގެ. މީހުން އެވާހަކަ ދައްކާހަދާ، ބަޙުޘްކޮށް ހަދާ. އެހެންނަމަވެސް، އެއިން އެއްވެސް ތަނެއްގައި މިބާވަތުގެ ކަމެއް ނުހިނގާ. އެހެންވީމާ، އަޅުގަނޑަށް ޤަބޫލުކުރަންދަތި، މިކަހަލަ ކަމެއް ރާއްޖޭގައި ހިނގުމުގެ ބޭނުމަކީ، ބަޔަކު މީހުންގެ ޚިޔާލުތަފާތުވުން ކަމުގައި. އެއަށްވުރެ މާބޮޑެތި އަޑިތަކެއް، އެކަމުގެ ތެރޭގައި ހިމެނޭނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ވިސްނަންވެއްޖެ، އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވިނަމަވެސް، އެޚިޔާލު އަޅުގަނޑު މިދަންނަވަނީ ހުށަހަޅުއްވާށޭ. އަޅުގަނޑަށްވެސް ހުށަހަޅުއްވާށޭ. އަދި އެނޫން ގޮތްގޮތުންވެސް ހުށަހަޅުއްވާށޭ. ޤާނޫނީގޮތުންވެސް އެއީ ހުއްދަ ކަމެއް. ޤާނޫނީ ގޮތުންނޭ ދަންނަވާއިރު، އަޅުގަނޑު ހިތަށް އެބަ އާދޭ، އަޅުގަނޑުމެންގެ ޤާނޫނު ކިތަންމެކުޑަޔަސް، ޤާނޫނުއަސާސީވެސް ކިތަންމެކުޑަޔަސް، އޭގައިވާ މާއްދާތަކުގެ ޢަދަދު ކިތަންމެ މަދަސް، މުހިންމު އަސާސީ ޙައްޤުތައް، އެޤާނޫނުއަސާސީގައި ވަނީ ރައްޔިތުންނަށް ދީފައި. ސަރުކާރުން ކަންތައް ގެންދާގޮތާ ދޭތެރޭގައި ސުވާލު ކުރުމުގެ ޙައްޤުވެސް ރައްޔިތުންނަށް އޮތީ ޤާނޫނުއަސާސީގައި ދީފައި. ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއާއި 54 ވަނަ މާއްދާ ބުނާގޮތުން، ރައްޔިތުންގެ މަޖިލީހަށް ޙައްޤު އެބައޮވޭ. އެކިއެކި ވަޒީރުން ކަންތައް ހިންގާގޮތާ ދޭތެރޭގައި ސުވާލުކުރުމުގެ ޙައްޤު، އެވެސް އަޅުގަނޑުމެންނަށް އޮތް ޙައްޤެއް. ބޭނުންކުރެވޭވެސް ޙައްޤެއް. އެހެންނަމަވެސް، އެޙައްޤުގެ ބޭނުންކުރުންވެސް އަޅުގަނޑުމެން ރަނގަޅު ގޮތެއްގައި ކުރަމުންގެންދާ ކަމުގައިވަންޏާ ޝައްކެއްނެތްގޮތުގައި، އެއީ ހަމަ ފައިދާ ހުންނާނެ ކަމެއް.

ރައްޔިތުންގެ މަޖިލީހަކީ ހަމައެކަނި ޤާނޫނު ހަދާ މަޖިލީހެއް ނޫން. ޤާނޫނު ހަދާ މަޖިލީހަކަށްވުމުގެ އިތުރަށް، އެއީ ރައްޔިތުން ތަމްސީލުކުރާ މަޖިލީހެއް. ޤާނޫނު އެމަޖިލީހަށް ދޭ ޙައްޤުތައް، އެ މަޖިލީހުގެ ފަރާތުން އެއާ އެއްގޮތަށް ޢަމަލުކުރެއްވުމަކީ އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް. އެޙައްޤުތައް އެމަޖިލީހަށް ކަނޑައެޅިފައި އެ އޮންނަނީ ކޮންމެވެސް ބޭނުމަކު. އެހެންވީމާ، އެއޮތީވެސް މަގެއް. ސަރުކާރުން އެއްވެސް ކަމަކާ ދޭތެރޭގައި ގެންގުޅޭ ސިޔާސަތަކީ، އެންމެ ބޭނުންތެރި، އެންމެ ޢަމަލީ އަދި އެންމެ ފައިދާހުރި ސިޔާސަތު ކަމުގައިވޭތޯ ބެލުމަށްޓަކައި ނުވަތަ އެސިޔާސަތަކީ ރައްޔިތުންގެ ބޭނުންތައް އެއިން ފުއްދައިނުދެވޭ ސިޔާސަތެއް ކަމަށް ހީކުރެވިއްޖެނަމަ ނުވަތަ އެއަށްވުރެ މޮޅު އެހެން ސިޔާސަތެއް، އެއަށްވުރެ މޮޅު އެހެން ގޮތެއް އޮންނާނެތޯ ބެލުމުގެ ގޮތުން ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަޒީރުންނާ ސުވާލު ކުރެއްވިދާނެ. ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އެބޭފުޅުން ކުރައްވާ ކަންތައްތަކަށް ޒިންމާވެވަޑައިގަންނަވަންޖެހޭ ބޭފުޅުން. ޤާނޫނުއަސާސީގައި އެހެން އެބައޮވޭ. އެހެންވީމާ، އަޅުގަނޑުމެންގެ ޤާނޫނު ފުރިހަމަ. އެ ޤާނޫނުގައި އެބައޮތް، ރައްޔިތުންގެ ހުރިހާ ޙައްޤުތައްވެސް ރައްކާތެރިކޮށްދީފައި. އެ ޙައްޤުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ކުރުން އަޅުގަނޑުމެން ދަސްކުރަންވީ ކަމަކީ. އެގޮތަށް އެޙައްޤުތަކުގެ ބޭނުން އެކަށީގެންވާ ރަނގަޅު ގޮތުގައި ކުރަން އަޅުގަނޑުމެންނަށް ދަސްވެގެން، އެ ޙައްޤުތަކުގެ ބޭނުންކުރަމުން ގެންދާކަމުގައިވަނީނަމަ، އަޅުގަނޑުމެންގެ ރާއްޖެއަކީ އަބަދުވެސް ސިޔާސީގޮތުން ހަމަޖެހޭ އަދި އަމަންއަމާންކަން ވެރިވެފައިވާ ޞުލްޙަވެރި، އަމާން ތަނަކަށް އަޅުގަނޑުމެންނަށް ހެދިދާނެ.

އާދެ، އަޅުގަނޑުގެ ފަހުން މިއަދު މަސްވެރިއެއްގެ އަޑު އަޅުގަނޑުމެންނަށް އިވިގެންދާނެ ކަމަށް ޕްރޮގްރާމްގައި ފާހަގަކުރެވިފައި އެބައޮވޭ. އަޅުގަނޑަށް ޕްރޮގްރާމުން އިވުނުގޮތުގައި އެއީ ގއ. ވިލިނގިލީ ބޭކަލެއް. އަލްފާޟިލް ޢަދުނާން ނަމަކަށް ކިޔާ ބޭކަލެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އޭނާގެ ވާހަކަފުޅުގައިވެސް، މަސްވެރިކަމާ ބެހޭގޮތުން، މަސްވެރިން އެދޭގޮތުގެ ވާހަކައެއް ހިމެނުއްވުން.

ދެން މިއަދުގެ ވާހަކަ ނިންމާލުމުގެ ކުރިން، އަޅުގަނޑު އަދި ދެ ވާހަކައެއް ދަންނަވާލަން ބޭނުންވޭ. އެއް ވާހަކައަކީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ބޭއްވެވި މަޒްމޫނު ލިޔުމުގެ މުބާރާތުގައި އަންހެން ކުދިން ހޯދި ކާމިޔާބު. ޚާއްޞަކޮށް، މާލޭގެ އަމީނިއްޔާ ސްކޫލް. އަދި އެސްކޫލްގެ ދަރިވަރުން ހޯދި ކާމިޔާބީ. އަދި ރާއްޖެތެރޭގެ ތަޢުލީމީ މަރުކަޒުތަކުގެ ޠާލިބާއިން ހޯދި ކާމިޔާބީ. އެ ކާމިޔާބީ އަޅުގަނޑު ދެކެނީ ވަރަށްބޮޑު އުންމީދަކާއެކު. އެއީ އަޅުގަނޑުގެ ހިތަށް ވަރަށް ޚާއްޞަ އުފަލެއް ޙާޞިލްކޮށްދިން ކާމިޔާބީއެއް. އެއީ މިހާތަނަށް އަޅުގަނޑުމެންނަށް ހައްތާވެސް މިއުޅެވެނީ ޤައުމުގެ ތަރައްޤީގެ ކަންތައްތަކުގައި، ރާއްޖޭގެ އަންހެނުން ޙިއްޞާކުރާ މިންވަރު ފިރިހެނުންނާ އެއްވަރު ނުވެގެން އެވާހަކަ ދެކެވެނީ. އެހެންނަމަވެސް، މިކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ، ރާއްޖޭގެ ޒުވާން އަންހެން ކުދިންގެ ހިތްތަކުގައި، ޤައުމުގެ ތަރައްޤީއާ ބެހޭގޮތުން ވަރަށް މަތިވެރި ޚިޔާލުތަކެއް ކުރެވެމުންދާކަން. އެހެންވީމާ، އެކުދިންގެ އިސްނެގުމާއި، އެކުދިންގެ ޙިއްޞާކުރުން އެފެންވަރުގައި ހުންނަ ކަމުގައިވަނީނަމަ ޝައްކެއްނެތްގޮތުގައި، ރާއްޖޭގެ މުސްތަޤްބަލް މިހާރަށްވުރެ ރަނގަޅުވެގެންދާނެ. ހުރިހާ ކަމެއްގައިވެސް، ތަރައްޤީގެ މަގުގައި ޚާއްޞަކޮށް އަންހެނުންގެބައި އިތުރުވެގެންދިޔުމަކީ ޤައުމަށް ވަރަށްބޮޑަށް ފައިދާކުރާނެ ކަމެއް. އެހެންވީމާ، އަޅުގަނޑު އެއްގޮތަކަށްވެސް މިއަދު ރާއްޖޭގެ ޠާލިބުންގެ ތެރެއިން، މިދެންނެވީ ރާއްޖޭގެ ފިރިހެން ކުދިން، މިއަދުގެ މި ނަތީޖާގައި މަތީ ވަނަތަކެއް ހޯދާފައި ނެތުމުގެ ސަބަބުން ހިތާމައެއްނުކުރަން. އެއާ ޚިލާފަށް، އަންހެން ކުދިން އެމަޤާމުތައް ހޯދީތީ، އެކަމާ އަޅުގަނޑު ވަރަށްބޮޑަށް އުފާކުރަން.

އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. އަދި މަސްވެރިންނަށް ލިބޭ އަގުވެސް ރަނގަޅުކޮށްދެވޭތޯ ދަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް، ކުރިންވެސް އިޝާރާތްކުރި ސަބަބުތައް އެހެން ހުރުމާއެކުގައި، އެކަހަލަ ފުރުޞަތެއް މިއަހަރުގެ ތެރޭގައި ނުލިބި މިދިޔައީ. އަޅުގަނޑު، ރާއްޖޭގެ މަސްވެރިކަން ހިންގަވާ ފަރާތްތަކާ މަޝްވަރާކޮށްލި ކޮށްލުމުގައި، އިތުރަށް ކޮން ކަމެއްތޯ މިއަދުގެ މުނާސަބަތުގައި، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ސަރުކާރުން ކޮށްދެވެން އޮންނާނީ، ބެލިބެލުމުގެ ތެރޭގައި ފެނުނީ ހަމަ އެންމެ ކަމެއް. އެކަމަށްޓަކައި ހިތާމަވެސްކުރަން. މިދެންނެވީ މާގިނަ ކަންތައްތަކެއް މިވަގުތު ކޮށްދެވެން ނެތުމާއެކުގައި އެއީ ހިތާމަކުރަންޖެހޭ ކަމަކަށްވަނީ. އެހެންނަމަވެސް، އެކަން އެހެން އެވަނީ، ކުރިންވެސް ދެންނެވި ސަބަބުތައް އެހެން ހުރުމާއެކު.

މިއަދުގެ މުނާސަބަތުގައި، މިވަގުތު ސަރުކާރުން ކޮށްދެވިދާނެ ކަމެއް ކަމަށް ފެންނަނީ، ހަމައެކަނި އެންމެ ކަމެއް ކަމުގައި އަޅުގަނޑުމެންނަށް ފެނުނީ. އެކަމަކީ މީގެކުރިން އޮންނަނީ، ކަށިމިޔަރު ތެޔޮ އެއީ ސަރުކާރުން އެކްސްޕޯޓް ކުރާ އެއްޗެއްގެ ގޮތުގައި އެސް.ޓީ.އޯ.އިން. އެހެންނަމަވެސް، އަޅުގަނޑަށް ހީވަނީ މިހާރުން ފެށިގެން އެއީ އަމިއްލަ ފަރާތްތަކުން އެކްސްޕޯޓް ކުރާ އެއްޗެއްގެ ގޮތުގައި ސަރުކާރަށް ހަމަޖެއްސިދާނެހެން. މިހެން ދަންނަވާއިރުވެސް އެއީ މާބޮޑު ކަމެއް ނޫންކަން އަޅުގަނޑަށްވެސް އެނގޭ. އެހެންނަމަވެސް، ސަރުކާރަށްވެސް އެކި ކަންތައްތައް ކުރެވެން އޮންނަނީ، އެކަމެއް ކުރުމުގެ މަގު ތަނަވަސްވެފައިވާ މިންވަރަކުން ކަމަށްވާތީ، މިވަގުތު އެނޫން ކަމެއް އަދި އިޢުލާނު ކުރެވެންނެތީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ރާއްޖެއަށް އަމާން ރައްކާތެރި ޞުލްޙަވެރި ދުވަސްތަކެއް ދެއްކެވުން. ރާއްޖޭގެ ރައްޔިތުން ކުރާ މަސައްކަތުގައި ތައުފީޤު ލެއްވުން. ރާއްޖޭގެ ތަރައްޤީ އެއްދުވަހުން އަނެއްދުވަހަށް ހަރުދަނާ ގޮތެއްގައި ކުރިއަށްދާނެ މަގު ތަނަވަސްކޮށްދެއްވުން. ރާއްޖޭގެ މަސްވެރިންނަށް ތަނަވަސްކަމާއި ކުރިއެރުން ދެއްކެވުން. ޢާންމުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އުފާވެރި ދުވަސްތަކެއް ދެއްކެވުން. ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންގެންދާ ހުރިހާ މަސައްކަތްތަކެއްގައިވެސް އެކަލާނގެ ބަރަކާތް ލެއްވުން. އަދި ވަކިން ޚާއްޞަކޮށް، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ދިވެހިރާއްޖޭގެ ރައްޔިތުން އަބަދުގެއަބަދަށް ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.