اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

ޖަމުޢިއްޔަތުލްފަލާޙުގެ ފަރާތުން ބޭއްވެވި 17 ވަނަ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، އިނާމު ދިނުމުގެ ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، އެ ޖަމުޢިއްޔާގެ ހިންގުންތެރި ރައީސް އަލްފާޟިލް އަބޫބަކުރު އިބްރާހީމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޖަމުޢިއްޔަތުލްފަލާޙަށް ޒިޔާރަތް ކުރުމަކީ، އަބަދުވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެ ޖަމުޢިއްޔާގެ ރައީސްގެ ވާހަކަފުޅުގައި، ދެންމެ ވިދާޅުވިފަދައިން، އަޅުގަނޑަކީ މި ޖަމުޢިއްޔާއަށް އާ މީހެއް ނޫން. މީގެކުރިން ދެތިންފަހަރެއްގެ މަތިން، މި ޖަމުޢިއްޔާއަށް ޒިޔާރަތްކޮށް، ބައެއް ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ވަނީ ލިބިފައި. އަދި ތަންކޮޅެއް ކުރިން ރަމަޟާން މަހުގެ ރެއެއްގައި އާދެ، 1970ގެ އަހަރުތަކުގެ ތެރޭގައި އައި ރަމަޟާން މަހެއްގެ ރެއެއްގައި އަޅުގަނޑު ޖަމުޢިއްޔާއަށް އައިސް، ރަމަޟާންމަހާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، ޖަމުޢިއްޔާއާ ގުޅިފައިވާ މީހެއްގެ ޙައިޘިއްޔަތުންނާއި، ޖަމުޢިއްޔާއަށް ހެޔޮއެދޭ މީހެއްގެ ޙައިޘިއްޔަތުން މިރޭ އަޅުގަނޑަށް މި ލިބުނީ، ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަންޖެހޭ.

ޝައްކެއްނެތް، ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަކީ، އިސްލާމީ މުޖުތަމަޢެއްގައި ވަރަށް މުހިންމު ކަމެއް. އަދި އަމިއްލަ ފަރާތަކުން އެފަދަ މުބާރާތެއް ބޭއްވުމަކީ، އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. އެކަމުގައި އެކުލެވިގެންވާ ދަތިތަކެއް ހުރޭ. އެ ހުރިހާ ދަތިތަކެއް ޙައްލުކުރައްވައި، ޖަމުޢިއްޔަތުލްފަލާޙުގެ ފަރާތުން މެދުކެނޑުމެއްނެތި 17 އަހަރު ވަންދެން މި މުބާރާތް ބޭއްވެވިކަން އެއީ، އަޅުގަނޑު ހިތުން އެ ޖަމުޢިއްޔާގެ ފަރާތުން އިސްލާމީ ކަންތައްތައް ދިރުއްވަވައި، އަޅުގަނޑުމެންގެ ޅަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި، އިސްލާމީ ރޫޙު އަށަގެންނެވުމަށް، އެ ޖަމުޢިއްޔާގެ ފަރާތުން ކުރައްވާ ވަރަށް ބޮޑެތި މަސައްކަތްތަކުގެ ދަލީލު.

އާދެ، ޤުރްއާން ކިޔެވުމުގެ މުބާރާތްތަކަކީ، ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގައިވެސް ބޭއްވޭ މުބާރާތްތަކެއް. އެކި ފެންވަރުގައި ބޭއްވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މިކަމަށް އިސްނެންގެވި ފަރާތަކީ، މި ޖަމުޢިއްޔާ. އާދެ، ޖަމުޢިއްޔަތުލްފަލާޙް. އެހެންވީމާ، އެގޮތުންވެސް ޖަމުޢިއްޔަތުލްފަލާޙުގެ ފަރާތުން ވަރަށް މަތިވެރި އިސްނެންގެވުމެއް ނަންގަވައި، ވަރަށް މަތީ ވަނައެއް މިކަމުގައި ހޯއްދަވައިފިކަން ޔަޤީން.

އާދެ، މި މުބާރާތުން އެކި މަޤާމުތައް ހޯދި ކުދިންނަށް އިނާމު ދިނުމުގެ އުފާވެސް އަޅުގަނޑަށް ލިބުނުކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑު ބައިވެރިވާ ކަންތައްތަކުގެ ތެރެއިން އަޅުގަނޑުގެ ހިތަށް އެންމެ ބޮޑަށް އުފާވެރިކަމުގެ ޝުޢޫރު ގެނެސްދޭ ކަމަކީ މަދަރުސާ ކުދިންނާބެހޭ ކަންތައްތައް ކަމުގައި، އަޅުގަނޑު މި ދަންނަވަނީ ތެދުވެރިކަމާއެކު. މަދަރުސާތައް ހުޅުވުން، މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާ ނުވަތަ އެނޫންވެސް، ކިޔަވާކުދިންނާބެހޭ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވުމަކީ، އަޅުގަނޑަށް އަބަދުވެސް ވަރަށް ބޮޑު އުފަލެއް ލިބިދޭ ކަމެއް.

އާދެ، މަދަރުސާ ކުދިންނަކީ ނުވަތަ ކިޔަވާކުދިންނަކީ، އެ ބައެއްގެ އަތްމަތީގައި ޤައުމުގެ މުސްތަޤްބަލް އޮތް ކުދިން. އެ ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އެ ކުދިންނަކީ، ޤައުމަށް ވަފާތެރި ޚާދިމުން ކަމުގައި ހެދުމަކީ، އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް. އެކަން އެހެން އޮތުމާއެކު، އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން، ވަރަށް ގިނަ މުނާސަބަތުތަކުގައި، އެކިއެކި މަދަރުސާތައް ހުޅުވުމުގެ މުނާސަބަތުތަކުގައި ނުވަތަ އެނޫންވެސް، މަދަރުސާތަކާ ގުޅޭ ކަންތައްތަކުގައި ބައިވެރިވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި މި އަންނަނީ ބަލަމުން.

އާދެ، މި މުބާރާތުން މިރޭ އެކި އިނާމުތައް ޙާޞިލުކުރި ކުދިންނަށް ތަހުނިޔާއާއި، މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. ޝައްކެއްނެތް، ދެންމެ މިތާނގައި މުބާރާތުގެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅަކު ކަމުގައިވާ، އަލްއުސްތާޛު މުޙަންމަދު ފާރޫޤް، އެ ވިދާޅުވި ވާހަކަފުޅަކީ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަޅުގަނޑަށްވެސް ލިބިދިން ވާހަކަފުޅެއް. އޭނާ އެ ވިދާޅުވީ، މިފަހަރު މި މުބާރާތުގައި ބައިވެރިވި ކުދިންނަކީ، ރީތިކޮށް ޤުރްއާން ކިޔަވަން ދަސްކޮށްފައި ތިބި ކުދިބައެކޭ. އެހެންނަމަވެސް، އެކުދިންނަކީ، އަދިވެސް ޤުރްއާން ކިޔަވަން ދަސްކުރާ ކުދިބަޔަކަށްވާތީ، އެކުދިންގެ ކިޔެވުމުގައި އުނި ސިފަތަކެއް ހުންނާނެ. އެއެއްނޫން މުހިންމު ކަމަކީ. މުހިންމު ކަމަކީ، އެ ކުދިން ޤުރްއާން ކިޔެވުމަށްދޭ އިސްކަން. ޤުރްއާނަށް އެ ކުދިންގެ ހިތްތަކުގައިވާ ލޯބި. އެކަމަށްޓަކައި، އެ ކުދިންގެ ނަފްސުތަކުގައި އުފެދިފައިވާ ޝައުޤުވެރިކަން. މިކަންކަން އެގޮތުގެ މަތީގައި ހުންނަ ކަމުގައިވަނީނަމަ، ޝައްކެއްނެތްގޮތުގައި، އެ ކުދިންނަކީ، މުސްތަޤްބަލުގައި މިހާރަށްވުރެވެސް ރަނގަޅަށް ޤުރްއާން ކިޔަވައި ހަދާ އަދި ޤުރްއާނަށް ލޯބިކުރާ، ޤުރްއާނުގެ އަހުލުވެރިން ކަމުގައި ވާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.

އާދެ، ޖަމުޢިއްޔަތުލްފަލާޙުގެ ފަރާތުން މިފަދަ މުބާރާތެއް ބާއްވަވާކަމީ، އެ ޖަމުޢިއްޔާއިން އިސްލާމީ ކަންތައްތަކަށް އަދި ޚާއްޞަކޮށް، ކީރިތި ޤުރްއާނަށް ދެއްވަވާ އަހަންމިއްޔަތުގެ ވަރަށް ބޮޑު ހެތްކެއް. އެއީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް. ޤުރްއާނަކީ، އަޅުގަނޑުމެންގެ ދުސްތޫރު. ޤުރްއާނަކީ، ހުރިހާ މުސްލިމުންގެ ޤާނޫނުއަސާސީ. ﷲ ގެ ކަލާމްފުޅު. ދުވަހަކުވެސް ބަދަލެއް ނާންނަ އަދި އެ ކަލާމްފުޅުގައި އިންސާނުންގެ ބާއްޖަވެރިކަމާއި، ކުރިއެރުން ލައްވާފައިވާ ކަލާމްފުޅު. ﷲ ވަޙީކުރައްވަނީ "إِنَّ هَـٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ أَجْرًۭا كَبِيرًۭا." ﷲ އަންގަވަނީ، "ހަމަކަށަވަރުން މި ޤުރްއާން އެންމެ ސީދާ ތެދުމަގަށް ހިދާޔަތު ދައްކައޭ. އަދި ހެޔޮޢަމަލުކުރާ ޞާލިޙް މުއުމިނުންނަށް، އެބައިމީހުންނަށް އޮތް ބޮޑު ދަރުމައިގެ ވާހަކަ. އެ ވާހަކައިގެ އުފާވެރި ޚަބަރު، ތިޔަބައިމީހުންނަށް ދެއޭ. ނުވަތަ އެ މުއުމިނުންނަށް ދެއޭ." އެހެންވީމާ، އެންމެ ސީދާ ތެދުމަގަށް ދުނިޔޭގެ ފަލާޙުގެމަގު، އާދެ، ދުނިޔޭގެ ދިންނެވުމުގެމަގު، އާޚިރަތުގެ ނަޞީބުގެމަގު، އާޚިރަތުގެ ކާމިޔާބީއާއި، ޘަވާބާއި، މަޣްފިރަތުގެމަގު ދައްކާފޮތަކީ، ކީރިތި ޤުރްއާން. އެ ފޮތަށް ކޮންމެ މުސްލިމަކުވެސް، ވަރަށް ބޮޑަށް ޤަދަރުކުރަންޖެހޭ. އެ ފޮތުގައިވާ ގޮތަށް ޢަމަލުކުރެވޭތޯ ހިންމަތާއެކު މަސައްކަތް ކުރަންޖެހޭ. އެ ފޮތް ކިޔަވައި، އެ ފޮތް ތަދައްބުރު ކުރެވޭތޯ ބަލަންޖެހޭ. އަދި މި ރޫޙު، މި ކަންތައް އިސްލާމީ މުޖުތަމަޢުތަކުގައި ފެތުރުމަކީ، އެ މުޖުތަމަޢުތަކުގެ އެކި ކަންކަމާ ޙަވާލުވެ ތިބި މީހުންގެ ވާޖިބެއް ކަމުގައި ވަނީ ވެފައި.

އާދެ، މިފަދަ މުބާރާތެއް ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަކީ، ޝައްކެއްނެތްގޮތުގައި، ވަރަށް އެކަށީގެންވާ މުނާސިބު ކަމެއް. އެހެނީ ރަމަޟާން މަހަކީ، އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މަސް "شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَـٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ." ﷲގެ ވަޙީބަސްފުޅުގައި އެ އަންގަވަނީ، "ރަމަޟާން މަހަކީ، އެ މަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މަހޭ. ޤުރްއާން ބާވައިލެއްވީ، މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައޭ. އަދި ޙައްޤާއި ބާޠިލް ވަކިކުރަނިވި ހެކިތަކެއް، އެ ޤުރްއާނުގައި ލައްވައިފައިވެއޭ." އެ އާޔަތްތައް ނުވަތަ އެ ހެކިތައް ތިޔަބައިމީހުންނަށް، ގެނެސްދެއްވުމަށްޓަކައޭ اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާން ބާވައިލެއްވީ. އެހެންވީމާ، ރަމަޟާންމަހާއި ޤުރްއާނާ އޮތް ގުޅުން، އެއްވެސް އޮޅުމެއްނެތްގޮތުގައި، މި އާޔަތުން ދޭހަވޭ. އެހެންކަމާއެކު، އިސްލާމީ ޤައުމުތަކުގައި ބަރަކާތްތެރި ރަމަޟާން މަހު ކުރާ އެންމެ މުހިންމު އެއްކަމެއް ކަމުގައި އޮންނަނީ، ޤުރްއާން ކިޔެވުމާއި، ޤުރްއާން ތަދައްބުރު ކުރުމުގެ ޖަލްސާތައް ބޭއްވުން. ހަމައެއާއެކުގައި، ޤުރްއާން ކިޔެވުމުގެ މުބާރާތްތައްވެސް ބޭއްވުން. އެފަދަ މުބާރާތެއް ރާއްޖޭގައި ޖަމުޢިއްޔަތުލްފަލާޙުން އިސްނަންގަވައިގެން ބޭއްވެވިކަމީ، ޝައްކެއްނެތްގޮތުގައި، ދިވެހި އުންމަތުގެ އެންމެހައި އަފުރާދުން މި ޖަމުޢިއްޔާއަށް ޝުކުރުވެރިވާންޖެހޭނެ ކަމެއް.

އާދެ، މި މުބާރާތަކީ، ކުރިންވެސް ދެންނެވިފަދައިން، އަމިއްލަ ފަރާތަކުން ބާއްވާ މުބާރާތަކަށްވާތީ، އެކަމުގައި އެކުލެވިގެންވާ ވަރަށް ގިނަ ދަތިތަކެއް ހުންނާނެ. އެހެންނަމަވެސް، އެ ހުރިހާ ދަތިތަކެއް ގިރާކުރައްވައި، މި ޖަމުޢިއްޔާގެ ފަރާތުން 17 އަހަރު ވަންދެން މި މުބާރާތް ބާއްވަވައިފި. އަދި މުސްތަޤްބަލުގައިވެސް އިރާދަކުރެއްވިއްޔާ، ބާއްވަވަމުން ގެންދަވާނެ. އެކަމަށް ސަރުކާރުގެ ފަރާތުން ހިތްވަރުދީ، ވެވެންއޮތް އެހީއެއް ވެދިނުމަކީ، އަޅުގަނޑު ހިތުން ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑު މިހެން ދަންނަވާއިރު، ސަރުކާރުގެ ފަރާތަކުންވެސް ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބާއްވަވާކަން އަޅުގަނޑު ހަނދާނެއްނުނެތޭ. އާދެ، އިސްލާމީ މަރުކަޒުގެ ފަރާތުން ޤައުމީ ފެންވަރެއްގައި ޤުރްއާން ކިޔެވުމުގެ މުބާރާތެއް މިހާރު އެބަ ބާއްވަވާ. އެހެންނަމަވެސް، އޭގެ މާކުރިން ފެށިގެން މި ޖަމުޢިއްޔާގެ ފަރާތުން އެ މަސައްކަތް ވަނީ ކުރައްވަން ފަށްޓަވާފައި. އަދި މެދުކެނޑުމެއްނެތި، މިހާތަނަށް އެ މަސައްކަތް ވަނީ ކުރިއަށް ގެންދަވާފައި. އެހެންކަމުން މިކަހަލަ ކަންތައްތަކަކީ، ހަމައެކަނި ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތްތަކުން ކުރެވޭނެ ކަންތައްތަކެއް ނޫން. އަމިއްލަ ފަރާތްތަކުންވެސް އެކަންކަމުގައި ޙިއްޞާ ކުރަންޖެހޭ.

އެހެންވީމާ، އެފަދަ އަމިއްލަ ފަރާތްތަކަށް، ސަރުކާރުން ދެވެންހުރި އެހީތަކެއް ވެދިނުމަކީ، އަޅުގަނޑު ހިތުން ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، މުސްތަޤްބަލުގައި، މި މުބާރާތް މިއަށްވުރެ ފުރިހަމަގޮތެއްގައި، މިއަށްވުރެ ކާމިޔާބުގޮތެއްގައި ބޭއްވެވުމަށްޓަކައި، ޖަމުޢިއްޔަތުލްފަލާޙުގެ ފަރާތުން ސަރުކާރުގައި އެދިވަޑައިގަންނަވާ، ކޮންމެ އެހީއެއް، ސަރުކާރުން ވެދޭނެކަމުގެ ޔަޤީންކަން އަރުވަން.

އާދެ، މި ޖަމުޢިއްޔާއަކީ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އިސްލާމީ ޖަމުޢިއްޔާ. މި ޖަމުޢިއްޔާ އުފެދިފައިވަނީ، 1961 ވަނަ އަހަރުގެ ތެރޭގައި. އާދެ، މި ޖަމުޢިއްޔާގެ ޢުމުރުން މިހާރު 28 އަހަރު ވެއްޖެ. ހިޖްރީގޮތުން ބަލާނަމަ، 29 އަހަރުވެސް ވެއްޖެ. މެދުކެނޑުމެއްނެތި ވަރަށް ގިނަ ޚިދުމަތްތަކެއް އަޅުގަނޑުމެންގެ މުޖުތަމަޢަށް މި ޖަމުޢިއްޔާގެ ފަރާތުން ގެންދަވަނީ ދެއްވަމުން. މި ޖަމުޢިއްޔާ އުފެދިގެން އައީ އަދި ޖަމުޢިއްޔާގެ އެންމެ ކުރީ ދުވަސްކޮޅު ހިމެނިފައި އޮތީ، ރާއްޖޭގައި ދީނީ ހޭލުންތެރިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވިއޮތް ދުވަސްވަރަކަށް. ޖަމުޢިއްޔާގެ ރައީސްގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، އެދުވަސްވަރު ކަންތައްތައް ހުރީ ތަފާތުގޮތަކަށް. ސަރުކާރުންވެސް އިސްލާމީ ކަންތައްތައް ދިރުވައި، އެ ކަންތައްތައް ކުރިއަށް ގެންދިޔުމަކަށް މާބޮޑު މަސައްކަތެއް އޭރަކު ކުރެވެމުން ނުދޭ. އަދި އަމިއްލަ ފަރާތްތަކުންވެސް، އެ މަސްއޫލިއްޔަތު ކޮނޑުގައި އަޅަމުން ނުދޭ. އެފަދަ ދުވަސްވަރެއްގައި، މި ޖަމުޢިއްޔާގެ ފަރާތުން މިފަދަ ބުރަ މަސައްކަތެއް ފަށްޓަވައި، މި ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވިކަން އެއީ، އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަންޖެހޭނެ ކަމެއް.

ޖަމުޢިއްޔާގެ ފަރާތުން ކުރައްވާ ތަފާތު ގިނަގުނަ ޚިދުމަތްތަކުގެ ތެރޭގައި، ޤުރްއާން ކިޔަވައިދިނުމާއި، ޤުރްއާނުގެ މުބާރާތްތައް ބޭއްވެވުން ހިމެނޭ. އޭގެ އިތުރުން، ކުޑަކުދިންނަށް މަދަރުސާއެއް ހިންގެވުންވެސް ހިމެނޭ. ތުއްތުކުދިންނަށް މިތާނގައި ކްލާސްތަކެއް ބާއްވަވައިގެން ހިންގަވަމުން ގެންދަވާ. އަދި އެނޫންވެސް ދީނީ ވަޢުޡު ބުނުމާއި، ނަޞޭޙަތް ދިނުމާއި، ދީނުގެ ޙުކުމްތައް މީސްތަކުންނަށް އަންގައިދިނުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނޭ. އެކުރައްވާ މަސައްކަތުގައި ރާއްޖޭގައި އެހިނދަކަށް ތިއްބެވި ޢިލްމުވެރި ޤާބިލު ބޭފުޅުންގެ ޚިދުމަތް މި ޖަމުޢިއްޔާއިން ގެންދަވަނީ ހޯއްދަވަމުން.

މި ޖަމުޢިއްޔާއަކީ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، އިޖުތިމާޢީ ޚިދުމަތުގެ ރޮނގުން ފާހަގަކުރެވޭ ޚިދުމަތްތަކެއް، މިދިޔަ 28 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 29 އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާ ޖަމުޢިއްޔާއެއް. އެކަން ސަރުކާރުގެ ފަރާތުން ވަނީ ފާހަގަކޮށްފައި. އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، 1985 ވަނަ އަހަރު ޖަމާޢަތުގެ ފައިދާއަށް، ޖަމާޢަތަށް ފައިދާހުރި ކަންތައްތައް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދައުލަތުން ވަނީ، މި ޖަމުޢިއްޔާގެ ރައީސް އަލްފާޟިލް އަބޫބަކުރު އިބްރާހީމަށް އަރުވާފައި. އެހެންވީމާ، އެއިން ދޭހަވަނީ އޭނާ އެ ކުރައްވާ ޚިދުމަތާއި އަދި މި ޖަމުޢިއްޔާގެ ފަރާތުން ދިވެހި މުޖުތަމަޢަށް އެ ކުރައްވާ ޚިދުމަތް ސަރުކާރުން ފާހަގަކުރާކަން.

ޝައްކެއްނެތް، އިސްލާމީ ޖަމުޢިއްޔާތަކުން ކޮންމެ އިސްލާމީ ޤައުމެއްގައިވެސް، ކުރެވޭނެ، ވަރަށް މުހިންމު ކަންތައްތަކެއް ހުންނާނެ، އެބަހުރި. އާދެ، އެއީ މާތް އިސްލާމީ އުޞޫލުތައް މުޖުތަމަޢުގައި ފެތުރުން. އިސްލާމީ އުޚުއްވަތްތެރިކަން މީހުންގެ ތެރޭގައި ފަތުރައި، ހުރިހާ މުސްލިމުންނަކީ، އެއްބަނޑުއެއްބަފާ ބައެއްކަމުގެ ރޫޙު، މުސްލިމުންގެ ހިތްތަކުގައި އަށަގެންނެވުން. އެކިއެކި ހަމަނުޖެހުންތައް ޙައްލުކުރުމަށް މަސައްކަތްކޮށް، މުޖުތަމަޢުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރުން. އަދި ހުރިހާ ހެޔޮކަމެއްގައި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، ނަޞޭޙަތްދީ ވާގިދީ ހެދުން. މިކަން ބަޔާންކުރައްވައި اللهُ سُبْحَانَهُ وَتَعَالَى ވަޙީކުރައްވަނީ وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ "ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ވާގިދޭށޭ، ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރިވުމަށް، އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކު ވާގިނުދޭށޭ، ފާފަކުރުމާއި އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަތުމަށް."

އާދެ، ހެޔޮކަމާއި، ތަޤުވާގެ ދާއިރާއަކީ، ވަރަށް ފުޅާ ދާއިރާއެއް. މުޖުތަމަޢުގެ ކާމިޔާބާއި، މުޖުތަމަޢުގެ ކުރިއެރުން އޮތް ކޮންމެ ކަމެއް އެއީ ހެޔޮކަމެއް. އެއީ، ތަޤުވާގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ފަތުރާ، މީހުންގެ މެދުގައި އެކުވެރިކަން ޤާއިމުކޮށް، މުޖުތަމަޢުގެ ފައިދާއަށް ކުރާ ކޮންމެ ކަމަކީ، ތަޤްވާގެ ތެރެއިން ނުވަތަ ހެޔޮކަމުގެ ތެރެއިން ހިމެނޭ ކަމެއް. އެފަދަ ކަންތައްތައް ކުރުން އެއީ، އިސްލާމީ ޖަމާޢަތްތަކުގެ އެންމެ ބޮޑު ވާޖިބެއް ކަމުގައި ވާންޖެހެނީ.

އާދެ، ރާއްޖޭގައި މިނޫނަސް އިސްލާމީ ބައެއް ޖަމުޢިއްޔާތައް އުފެދިފައި އެބަހުރި. އެހެންނަމަވެސް، އެ ޖަމުޢިއްޔާތަކުން ކުރައްވާ މަސައްކަތްތަކަށްވުރެ، ޖަމުޢިއްޔަތުލްފަލާޙުން ކުރައްވާ މަސައްކަތްތައް މާބޮޑު ކަމުގައި ދެންނެވުމަކީ، އެހެން ޖަމުޢިއްޔާތަކަށް ކުރެވޭ ބޭއިންޞާފެއް ކަމުގައި އަޅުގަނޑު ނުދެކެން. ދުނިޔޭގެ އެހެން ތަންތާނގައި މިފަދަ ޖަމުޢިއްޔާތައް އުފެދި، އޭގެ ފައިދާތައް އެތަންތާނގެ މުޖުތަމަޢުތަކަށް ދަނީ ލިބެމުން. އެހެންވީމާ، އެތަންތާނގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް އިޞްލާޙުވެ، މީސްތަކުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާވެ، އިސްލާމީ އުޞޫލުތައް މުޖުތަމަޢުގައި ދިރުވުމަށް ވަރަށް ބޮޑެތި ކަންތައްތަކެއް އެތަންތާނގައި ކުރެވޭ. އަދި އޭގެ ނަތީޖާ، އެއްދުވަހުން އަނެއް ދުވަހަށް ފެންނަމުންވެސްދޭ. އެހެންވީމާ، އެފަދަ ޖަމުޢިއްޔާއަކަށް، ޖަމުޢިއްޔަތުލްފަލާޙް ވާނެކަމާމެދަކު ޝައްކެއް އަޅުގަނޑު ނުކުރަން. އަދި ރާއްޖޭގައި ހުރި އެހެނިހެން އިސްލާމީ ޖަމުޢިއްޔާތައްވެސް، މި ދެންނެވިފަދަ މާތް މަޤްޞަދުގައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކަކަށް ވާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

މިހެން ދަންނަވަން މިޖެހޭ ސަބަބަކީ މި ޒަމާނުގައި، މުސްލިމުންގެ މެދުގައި ތަފާތު ހަމަނުޖެހުންތައް ވަނީ އުފެދިފައި. އެއް ޤައުމެއްގައިވެސް، އެ ޤައުމުގެ މުސްލިމް ރައްޔިތުންގެ މެދުގައި ބޭނުމެއްނެތް ގޮތުގައި، އެކިއެކި ފިތުނަތަކާއި، އެކިއެކި ބޮޑެތި މައްސަލަތައް، މި ޒަމާނަކަށް އައިސް އޮންނަނީ އުފެދިފައި. އެއީ ޝައްކެއްނެތްގޮތުގައި، ވަރަށްދެރަކޮށްވާކަމެއް. އިސްލާމީ އުޞޫލާ ދިމާއިދިކޮޅަށްވާ ކަމެއް. އިސްލާމީ ރޫޙާ ޚިލާފު ކަމެއް. "إِنَّمَا الْمُؤْمِنُونَ إِخْوَةٌ." ﷲ އެ އަންގަވަނީ އަޅުގަނޑުމެންނަށް. ހުރިހާ މުއުމިނުންނަކީ އަޚުންތަކެކޭ. އެއްބަނޑުއެއްބަފާ ބައެކޭ. އެއީ، އަޅުގަނޑުމެންގެ އުޞޫލަކަށްވާންވާނީ. އެހެންނަމަވެސް، މިއާ ޚިލާފަށް، ބައެއް ޖަމާޢަތްތަކުން ދުނިޔޭގެ ބައެއް ތަންތާނގައި ފިތުނަ އުފައްދާ. މީހުންގެ މެދުގައި ބައިބައިވުމާއި، ވަކިވަކިވުން އުފައްދާ. އެއީ، އެއްގޮތަކަށްވެސް އެ ޖަމުޢިއްޔާތަކަށް އެއީ، އިސްލާމީ ޖަމުޢިއްޔާތަކެކޭ އެމީހުން، އެގޮތަށް ނަން ދީފައި އޮތް ކަމުގައިވިޔަސް، ޙަޤީޤަތުގައި އެއީ އިސްލާމީ ޖަމުޢިއްޔާތަކަކަށް ނުވާނެ. އެފަދަ ޖަމުޢިއްޔާއެއް ރާއްޖޭގައި އުފެދުމަކީ ނުވަތަ ހިންގުމަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ މުސްލިމް އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫން.

ޝައްކެއްނެތް، ޖަމުޢިއްޔަތުލްފަލާޙަކީ، މި ދެންނެވިފަދަ ނޭދެވޭ ޢަމަލުތަކެއް ހިންގަވާ ޖަމުޢިއްޔާއެއް ނޫން. އެއާ ޚިލާފަށް، ޖަމުޢިއްޔަތުލްފަލާޙަކީ، ވަރަށްވެސް ހަރުދަނާ ޖަމުޢިއްޔާއެއް. ވަރަށް ރަނގަޅު ބިންގަލެއްގެ މައްޗަށް އުފެދިފައިވާ ޖަމުޢިއްޔާއެއް. ޖަމާޢަތަށް ފައިދާހުރި މަސައްކަތްތަކެއް، އެއްވެސް ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ ޖަމުޢިއްޔާއެއް. އެހެންކަމާއެކު، މި ޖަމުޢިއްޔާއަށް ތަޢުރީފާއި ސާބަސް ރައްދުކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ކުރާހިތްވާނެ ކަމެއް.

އާދެ، އަޅުގަނޑުގެ އެދުމަކީ، ޖަމުޢިއްޔަތުލްފަލާޙަށް اللهُ سُبْحَانَهُ وَتَعَالَى ބާއްޖަވެރި ދުވަސްތަކެއް ދެއްކެވުން. އެ ޖަމުޢިއްޔާގެ ފަރާތުން ދިވެހި މުޖުތަމަޢަށް އެ ކުރައްވަމުން ގެންދަވާ މަތިވެރި ޚިދުމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރައްވައި، ކުރިއަށް ގެންދެވުމުގެ ތައުފީޤު އެކަލާނގެ ދެއްވުން. ހަމައެއާއެކުގައި، ރާއްޖޭގައި އުފެދިފައިވާ އެހެނިހެން އިސްލާމީ ޖަމުޢިއްޔާތަކަށްވެސް، ﷲ ގެ ތައުފީޤު ލިބުން. އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ އަދި ޚާއްޞަކޮށް، ކީރިތި ޤުރްއާނަށް ލޯބިކުރާ، އެ ޤުރްއާނުގައި އަންގަވާފައިވާ ގޮތްތަކުގެމަތިން ޢަމަލުކުރަމުންދާ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނުގެ ނޫރު އަބަދުގެ އަބަދަށް އުޖާލާވެ، އެ ނޫރުގެ އަލީގައި އަޅުގަނޑުމެންނަށް ހިނގޭނޭމަގު ﷲ ތަނަވަސްކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.