بســم اللّـه الرّحمـن الرّحيــم

ޢިއްޒަތްތެރި ވަޒީރުންގެ މަޖިލީހުގެ މެންބަރުން، އަދި މިރޭގެ މި އުފާވެރި ބައްދަލުވުމަށް މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ! ދެންމެ ތިޔަބޭފުޅުންނަށް ތިޔަ އިވިވަޑައިގެންނެވި ފަދައިން، މިރޭގެ މި ބައްދަލުކޮށްލުމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މި ބޭއްވި، ކަނޑުގެ ލޮނުގަނޑު އުސްވުމާ ބެހޭގޮތުން ކުދި ޤައުމުތަކުގެ ފަރާތުން ބައިވެރިވާ ޖަލްސާ، އެ ޖަލްސާގެ ކަންތައްތައް އިންތިޒާމު ކުރައްވައި ރާއްވަވައި އަދި ހިންގެވި ބޭފުޅުންނާ ބައްދަލުކޮށްލާ ބައްދަލުކޮށްލުމެއް. މި ބައްދަލުކޮށްލުމުގެ ބޭނުމަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން. އާދެ، އަޞްލު ބޭނުމަކީ ދެންމެ ޢަބްދުއްރަޝީދު އެ ވިދާޅުވިފަދައިން، ފަރިއްކޮޅަކަށް އިންޞާފުކޮށްދެއްވުމެއް ނޫން. އަޞްލު ބޭނުމަކީ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނާ ބައްދަލުކޮށްލައި، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ޙައްޤުވާ ޝުކުރު ދެންނެވުން.

ޝައްކެއްނެތް، އަޅުގަނޑުމެން މި ބޭއްވި ޖަލްސާ ހިމެނިގެންދިޔައީ ވަރަށް ކާމިޔާބު ޖަލްސާއެއްގެ ގޮތުގައި. މިއީ ހަމައެކަނި އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އިޙްސާސް ކުރެއްވޭނެ. އަދި ބޭރު ޤައުމުތަކުގެ މަންދޫބުން، ޖަލްސާއަށް ވަޑައިގެންނެވި މަންދޫބުންވެސް އެ ވާހަކަ ވަނީ ވިދާޅުވެފައި. ހަމަ އެއާއެކުގައި، އަޅުގަނޑަށް ދަންނަވަންޖެހެނީ، ބޭރު ޤައުމުތަކުގެ ނޫސްތަކުގައިވެސް، މި ޖަލްސާގެ ފުރިހަމަކަމާ ބެހޭގޮތުން ވަރަށް ރަނގަޅަށް އެކިއެކި ބަޔާން ޖަހާފައި އެބައޮތޭ. އަޅުގަނޑުވެސް އޭގެ އެތައް ބަޔާނެއް ދުށިން. ހުރިހާ ފަރާތަކުންވެސް ފާހަގަކުރީ، ރާއްޖެފަދަ ކުޑަ ޤައުމެއްގައި، މިވަރުގެ ޖަލްސާއެއް މިހާ ފުރިހަމަގޮތެއްގައި ބޭއްވިގެންދިޔަކަން އެއީ އެމީހުންވެސް ވަރަށް ފާހަގަކުރާ ކަމެއްގެ ގޮތުގައި. އާދެ، އެކަން އެހެން އެ ދިމާވީ ޝައްކެއްނެތްގޮތުގައި، ތިޔަ ހުރިހާ ބޭފުޅުންގެ ވަރަށް އިޚްލާޞްތެރި މަސައްކަތްޕުޅުތަކެއް މިކަމުގައި ހިމެނިގެން.

އާދެ، މި އަހަރު ފެށުނީއްސުރެ އަޅުގަނޑު ހިތުން، މި ޖަލްސާއަށް ތައްޔާރުވުމުގެ ކަންތައްތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގެންދެވީ ކުރައްވަމުން. ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ތައްޔާރުކުރައްވަންޖެހޭ ކަރުދާސްތައް ތައްޔާރުކުރެއްވުމާއި، ޖަލްސާގެ އެޖެންޑާއާއި، ވާހަކަ ދެކެވޭނެ މައުޟޫޢުތައް ތައްޔާރުކުރެއްވުމާއި، ޖަލްސާއަށް ދަޢުވަތު އެރުވޭ ފަރާތްތަކުގެ ލިސްޓް ހައްދަވައި، އެފަރާތްތަކަށް ދަޢުވަތު ފޮނުވުމާ، މިހެންގޮސް ޖަލްސާގެ މާކުރިއްސުރެ ކުރަންޖެހޭ އެތައް އިންތިޒާމުތަކެއް އެފަރާތްތަކުން ކުރައްވަމުން ގެންދެވި.

ދެން ޖަލްސާ ފެށުނީއްސުރެ ނިމެންދެން، ހުރިހާ ބޭފުޅުންވެސް ވަރަށް ހިންމަތާއެކު މަސައްކަތްކޮށްދެއްވި. ޖަލްސާއަށް ވަޑައިގެންނެވި ބޭފުޅުން ހުޅުލެއަށް ވަޑައިގެންނެވިއިރު އިސްތިޤްބާލުގައި ތިއްބެވުމާއި، އެބޭފުޅުންގެ މުވާޞަލާތުގެ ކަންތައްތައް ފުރިހަމަގޮތެއްގައި ހަލުވިކަމާއެކު ހަމަޖެއްސެވުމާއި އަދި ޖަލްސާގެ އެހެނިހެން އިންތިޒާމުތައްވެސް ފުރިހަމަގޮތެއްގައި ހަމަޖައްސަވައިދެއްވުން. އެބޭފުޅުން ތިއްބެވި ކޮޓަރިތަކާއި އަދި ތިއްބެވި ރަށާއި އަދި އެ ނޫންވެސް އެބޭފުޅުންނަށް ބޭނުންފުޅުވާ ހުރިހާ ޚިދުމަތްތަކެއް ވަރަށް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކުރުނބާ ވިލެޖުގައި އޮތް ހަމަޖެހިފައި. އަދި އެ ކަންތައްތައް ކުރެއްވުމުގައި ތިޔަބޭފުޅުން ވަރަށްބޮޑު ޙިއްޞާއެއް ކުރެއްވީމު.

ދެން އޮތީ ޖަލްސާގެ ކަންތައްތައް. ޖަލްސާވެސް ދިޔައީ ވަރަށް ފުރިހަމަކޮށޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވަމުން އަންނަ ބޮޑު މައްސަލައެއް، މައްސަލައަކީ. ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެއަކަށް ނޫން. އަޅުގަނޑުމެންގެ ރާއްޖެފަދަ ފަސްގަނޑު ތިރި، ދުނިޔޭގައިވާ އެހެން ޤައުމުތަކަށްވެސް ކުރިމަތިވަމުން އަންނަ މައްސަލައެއް. ރާއްޖެއިން އިސްނަގައިގެން މި އުޅެންޖެހޭ ސަބަބު އަޅުގަނޑަށް ތިޔަބޭފުޅުންނަށް ދަންނަވާލާކަށެއް ނުޖެހޭ. އެ ސަބަބު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޮންމެއަކަސް، ޖަލްސާގެ ހުރިހާ ކަމެއްވެސްދިޔައީ ވަރަށް ފުރިހަމަކޮށް. އެކަމުގައި އަޅުގަނޑު ހިތުން ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ކުރެއްވި މަސައްކަތްފުޅުތައްވެސް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީވެސް އަޅުގަނޑުމެންގެ ވަޒީރެއް. އޭނާވެސް ވަރަށް ފުރިހަމަގޮތެއްގައި އެކަން ކޮށްދެއްވި. އަދި ވަފުދުގެ އެހެން ބޭފުޅުންވެސް، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ވާޖިބު ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރެއްވި.

ދެން ޖަލްސާގެ އިންތިޒާމުތައް ބެލެހެއްޓުމުގައި ބައިވެރިވި ފަރާތްތައް އެއީ އަޅުގަނޑަށް އެއްގޮތަކަށްވެސް މިކަހަލަ ކުޑަ ވަގުތުކޮޅެއްގައި ދަންނަވާލެވޭނެ ފަރާތްތަކެއް ނޫން. ވަރަށް ގިނަ ޢަދަދެއްގެ ފަރާތްތައް. ސަރުކާރުގެ ފަރާތްތައް، ސަރުކާރުގެ އެތައް މިނިސްޓްރީއެއް އެކަމުގައި ބައިވެރިވި. މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް، އެއް މިނިސްޓްރީއަކަށް. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، އަދިވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ. ދެން އަޅުގަނޑުމެންގެ އޮފީސްވެސް ވަރަށް ބޮޑު ބައެއް އޭގައި ކުޅުނު. ދެން އެހެންގޮސް ސަރުކާރުގެވެސް ވަރަށް ގިނަ މިނިސްޓްރީތަކާއި އޮފީސްތަކުން ވަރަށް ބޮޑު ބައެއް ކުޅުއްވައިދެއްވި. އޭގެ އިތުރުން، އަމިއްލަ ފަރާތްތަކުންވެސް އަދި ޚާއްޞަކޮށް، ކުރުނބާ ވިލެޖުގެ މެނޭޖްމަންޓްގެ ފަރާތުން، އެތާނގެ ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް އަޅުގަނޑުމެންނަށް ލިބުނީ ވަރަށް މަތިވެރި ޚިދުމަތްތަކެއް. އަމިއްލަ ފަރާތްތަކުގެ ވާހަކަ ދަންނަވާއިރު، "ވެށީ"ގެ ފަރާތުން ތައްޔާރުކުރި މުޒާހަރާ ހިމެނިގެންދިޔައީވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައޭ ދަންނަވާލަންޖެހޭ. އެކަން ބޭރުގެ ނޫސްވެރިންވެސް ފާހަގަކުރި. އަދި ތިޔަބޭފުޅުން އައްސަވާނެ، ބީ.ބީ.ސީ. ޚަބަރުގައިވެސް، ނުވަތަ ބީ.ބީ.ސީ.ގެ ރިޕޯޓަރު ދިން ބަޔާންތަކުގައިވެސް އެ ވާހަކަވެސް ގެނެސްފައި އޮތް.

އެހެންވީމާ، އަޅުގަނޑަށް ދެންނެވެން އަންނަނީ، މިކަމަކީ ޤައުމުގެ ހުރިހާ ފަރާތްތަކުން ބައިވެރިވެގެން ހިންގި ކަމެކޭ. ސަރުކާރުގެ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާ. ހުރިހާ އެންމެންވެސް މަސައްކަތްކުރީ މި ޖަލްސާ މިއީ ކާމިޔާބު ޖަލްސާއަކަށް ހެދޭތޯ. މި ޖަލްސާގެ ސަބަބުން ރާއްޖެއަށް ރީތި ނަމެއް ލިބިދެވޭތޯ. އަދި އޭގެ އިތުރުން، މި ޖަލްސާގައި ފާސްވި ޤަރާރުތަކުގެ ސަބަބުން ރާއްޖެއަށާއި، ރާއްޖެކަހަލަ އެހެން ޤައުމުތަކަށް މުސްތަޤްބަލުގައި އިތުރު ފައިދާތަކެއް ލިބޭގޮތްވޭތޯ. އަޅުގަނޑު ހިތުން އެ މަސައްކަތް ހުރިހާ ބޭފުޅުންވެސް ކުރެއްވީ ވަރަށް ފުރިހަމައަށް.

އެހެންވީމާ، މިރޭގެ މި ބައްދަލުވުމަކީ ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާލުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް. އާދެ، އަޅުގަނޑަށް ތިޔަބޭފުޅުންނާ ވަކިވަކިން ބައްދަލުކޮށް، ކޮންމެ ބޭފުޅަކަށް ޝުކުރު ދެންނެވޭނަމައޭ ހިތަށްއަރާ. އެހެންނަމަވެސް، އެހެން އަޅުގަނޑު ހިތުން އެކަން ކުރުމަކަށް ވަގުތު ތަނެއް ނުދޭ. އެހެންވީމާ، މިތާނގައި ހުއްޓިހުރެ އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މި ދަންނަވާ ޝުކުރު، ތިޔައިން ކޮންމެ ބޭފުޅަކުވެސް އެއީ އެބޭފުޅަކަށް ޚާއްޞަވެގެންވާ ޝުކުރެއް ކަމުގައި ޤަބޫލު ކުރައްވައިފިނަމަ ވަރަށް ހެޔޮފުޅު.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށެއް ނެތިން. މި ބައްދަލުވުމަކީ ޝުކުރު ދަންނަވާލުމުގެ ގޮތުން ބައްދަލުކުރި ބައްދަލުކުރުމެއް ކަމުގައިވިޔަސް، އޭގެފަހުގައި ތިޔަބޭފުޅުން އިންޞާފުކޮށްދެއްވަންޖެހޭ އެހެން ކަމެއްވެސް އެބައޮތް. އެހެންވީމާ، އެކަމަށް ގިނަ ވަގުތު ހުރަސްނާޅައި، އަޅުގަނޑު ވަކިވެލަން ޤަޞްދުކުރަން.

އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އެދެނީ، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް. އުފާވެރި ދުވަސްތަކަކަށް. ތިޔަބޭފުޅުންގެ މަސައްކަތްޕުޅުތައް އަބަދުވެސް ކާމިޔާބު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް އަޅުގަނޑު ދުޢާކުރަން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.