بســم اللّـه الرّحمـن الرّحيــم

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّــلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މިރޭގެ ޖަލްސާއަށް އަޅުގަނޑު މިއައީ، މިހާރު ރައްޔިތުންގެ މަޖިލީހުން ބަޙުޘް ކުރައްވަމުން ގެންދަވާ މައްސަލައާ ބެހޭގޮތުން ދެ ވާހަކައެއް ދަންނަވާލުމުގެ ބޭނުމުގައި. އޭގެތެރެއިން އެއް ވާހަކައަކީ، އަޅުގަނޑުމެންނަށް މި ކުރިމަތިވި ޢުދުވާނީ ޙަމަލާ ކުރިމަތިވުމުން، ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި، އަދި މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާގެ ދިފާޢުގައި އަޅުގަނޑުމެންގެ ސިފައިން ކުރި ހިތްވަރާއި، އެމީހުން އެވީ ޤުރްބާނީގެ ވާހަކަ. އެއީ، އެއް ވާހަކައަކަށް ދަންނަވާލަން އޮތީ. ހެނދުނުގެ ޖަލްސާގައި އަޅުގަނޑަށް އެ ވާހަކަ ދަންނަވައި ނުލެވި އޮތީ، މީގެކުރިން ދެ ފަހަރެއްގެ މަތިން ޢާންމުކޮށް ވާހަކަދެއްކުމަށް އަޅުގަނޑަށް ލިބުނު ދެ ފުރުޞަތުގައިވެސް އެވާހަކަ ދައްކާފައިވާތީ. އެހެންނަމަވެސް، ފަހުން ވިސްނާލިއިރު އަޅުގަނޑަށް ފެނުނީ، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ތަމްސީލު ކުރައްވާ ފަރާތް ކަމަށްވެފައި، މި މައްސަލައާ ގުޅޭގޮތުން ބާއްވަވާ ރަސްމީ ޖަލްސާގައި، އަޅުގަނޑު މިހާރު މި އަދާކުރާ މަޤާމުގެ ޙައިޘިއްޔަތުން، އާދެ، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުންނާއި އަދި ސިފައިންގެ ވެރިޔާގެ ޙައިޘިއްޔަތުން އެވާހަކަ ދަންނަވާލުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި.

އާދެ، މަޖިލީހުގެ ވަރަށް ގިނަ ޢިއްޒަތްތެރި މެންބަރުން މިއަދު ޚިޔާލު ފާޅުކުރައްވަމުން ގެންދެވިއިރު، އަޅުގަނޑުމެންގެ ސިފައިން، އެ ދުވަހު ކުރި ޖިހާދުގެ ވާހަކަ ވަރަށް ފުރިހަމަޔަށް ބަޔާންކުރެއްވި. ސިފައިންނަށް ޙައްޤުވާ ތަޢުރީފާއި ޝުކުރު އަދާކުރެއްވި. އާދެ، އެކަން އެހެން އޮތް ކަމުގައިވިޔަސް، އެ ދުވަހު ސިފައިން ވަރަށް މަތިވެރި ޖިހާދެއް ކުރިޔޭ އަދި ބުންޏަކަސް އަޅުގަނޑު ހިތުން އެމީހުން އެ ދުވަހު އެކުރި ހިތްވަރު އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ވަޒަނެއް ނުކުރެވޭނެ.

އަޅުގަނޑުމެންނަށް މި ދިމާވި ނުރައްކާތެރި ޙަމަލާއަކީ، އެއްވެސްކަހަލަ އިޝާރާތެއްނެތި، ކުއްލިއަކަށް ދިމާވި ޙަމަލާއެއް. އެއްވެސްގޮތަކަށް ސަރުކާރުގެ އެއްވެސް ފަރާތަކުން އަދި ސިފައިންވެސް އެކަމަށް ތައްޔާރުވާނެ ފުރުޞަތެއް ނުލިބި، ރޭގަނޑުގެ އަނދިރިކަމުގެ ވަގުތުގެ ތެރޭގައި ބަޔަކުމީހުން ކުރިމަތިކުރި ޙަމަލާއެއް. އެހެންވީމާ، ކަންތައްތައް ވާނެގޮތް ތިޔަބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. އެކަހަލަ ކުއްލިގޮތަކަށް އެ ޙަމަލާ އައިކަމުގައިވިޔަސް، އަޅުގަނޑުމެންގެ ސިފައިން އެ ޙަމަލާއާ ކުރިމަތިލީ ވަރަށް ވަރުގަދަ ހިތްވަރަކާއެކުގައި. ސިފައިންގެ އާދައިގެ މީހުންނަށް އެވަގުތު ކުއްލިއަކަށް އޯޑަރުދޭނެ ނުވަތަ މިވެނިގޮތަކަށް ޢަމަލުކުރަން އަންގާނެ ފަރާތަކަށް އެކަން އެންގުމުގެ ފުރުޞަތެއްވެސް އޮތީ ނުލިބިފައި. އެހެންވީމާ، އެމީހުން ވަގުތުން އެޙަމަލާ ދިފާޢުކުރަން އެ މަސައްކަތްކުރީ، ހަމަ އެމީހުންގެ ހިތުގައި އޮންނަ ޤައުމީ ޝުޢޫރެއްގެ ބޮޑުކަމުންނޭ އަޅުގަނޑު ދަންނަވާނީ.

އަދި މި ހަނގުރާމަ ހިނގަމުންދިޔައިރު، ގާތްގަނޑަކަށް 18 ގަޑިއިރުވަންދެން މެދުނުކެނޑި ހަނގުރާމަ ހިނގަމުންދިޔަ. އެ 18 ގަޑިއިރުވަންދެން އަދި އޭގެއިތުރުންވެސް ކަންތައްތައް ހަމަޔަކަށް އެޅެންދެން، ގާތްގަނޑަކަށް 24 ގަޑިއިރު ވަންދެން ނުވަތަ އެއަށްވުރެވެސް ގިނަ ވަގުތު ހޭދަވަންދެން، ސިފައިން އެމީހުންގެ މަރުކަޒުތަކުގައި، ކޮންމެ މީހަކުވެސް އެމީހެއްގެ މަރުކަޒުގައި ހުރީ ހަމަ އެއްގޮތަކަށްވެސް ގުޑިވެސްނުލާ. ހުރިގޮތަށް ހުރީ 24 ގަޑިއިރުވަންދެން ނުވަތަ އެއަށްވުރެވެސް ގިނައިރުވަންދެން، އެމީހެއްގެ މަޤާމުގައި އެމީހަކާ ޙަވާލުކުރެވުނު ތަނެއްގައި. އެއްވެސް ޙަރަކާތެއްނުކޮށް ހަމަ ދުޝްމަނުންނާ ޙަމަލާދިނުމަށް ތައްޔާރަށް ބަޑި ހިފައިގެން، އެމީހެއްގެ މަޤާމުގައި އޮތީ 24 ގަޑިއިރު ވަންދެން ނުވަތަ އެއަށްވުރެ ގިނައިރު ވަންދެން. އެހެންވީމާ، އެނގިވަޑައިގަންނަވާނެ، އެ މީހުން އެދުވަހު އެކުރި ހިތްވަރު. ކެއިންބުއިމަކަށް އަދި އެނޫންވެސް ކަމަކަށް ފުރުޞަތެއް ނުލިބޭ. ތިބިގޮތަށް ތިބެންޖެހުނީ. އެމީހެއްގެ ޑިއުޓީގައި، އެމީހަކު ހުންނަންޖެހުނީ.

އަދި އެފަހަރު، އެ ދުވަހު ކުއްލިއަކަށް އެއައި ޙަމަލާ ދިފާޢުކުރުމުގައި، ސިފައިންގެ ތެރެއިން ބައެއް މީހުން ޢަމަލުކުރިގޮތުގެ ވާހަކަ ދަންނަވާލުމަކީ، އަޅުގަނޑު ހިތުން ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އާދެ، އެތަނުން އެކަކީ ޕްރައިވެޓް ޙުސައިން އާދަމް. އޭނާއަކީ ހދ. ކުޅުދުއްފުށީ މާވާގޭ މީހެއް. 20 އަހަރުގެ ޒުވާނެއް. އޭނާ ސިފައިންގެ ތެރޭގައި އުޅޭތާ މިހާރު މިވީ 4 އަހަރާއި 5 މަސް. އޭނާ ހުރީ ބަނޑޭރިގެ ބޭރު ގޭޓު ހުޅަނގުގައި ފޯރިއަށް. ހުއްޓާ ކުއްލިއަކަށް ހަމަ އޭނާއާ ދިމާއަށް ބަޑީގެ ވަޒަންތައް އަންނަން ފެށި. ވަގުތުން އޭނާ އެ ޙަމަލާ ދިފާޢުކުރުމުގެ ގޮތުން އޭނާވެސް ބަޑިޖަހަމުން ގެންދިޔައީ. އޭނާގެ އަތުގައި ހުރި ވަޒަންތައް ހުސްވަންދެން ހަނގުރާމަ ކުރަމުން ގެންދިޔައީ. އޭނާ އަތުގައި އެ ވަގުތު އޮތީ 1 މެގަޒިން. އަޅުގަނޑު ހިތުން 30 ވަޒަން. އެ ހުސްވެދަންދެން އޭނާ ހަނގުރާމަ ކުރަމުން ގެންދިޔައީ. އޭނާއަށް މަދަދެއް ފޯރުވޭނެ އެހެންގޮތެއްވެސް ނެތް އެވަގުތަކު. އޭނާ އެހުރި ތާނގައި ހުރެ، އޭނާގެ މަޤާމުގައި ހުންނަންޖެހޭ ތާނގައި ޑިއުޓީގައި ވާޖިބު އަދާކުރުންމަތީ ހުރެގެން، ހަނގުރާމަ ކުރަމުންގޮސް، އެންމެފަހުން އޭނާގެ ގަޔަށް އެއްވަޒަން އަރައި، ދެވަޒަން އަރައި، އެއަށްވުރެ ގިނަ ވަޒަން އަރައިގެން، އެންމެފަހުން މަރުވެގެން ހުރިތަނަށް ވެއްޓިގެންދިޔައީ. އެއީ އެކަކު.

ދެން ރައީސް އޮފީހުގައި ޑިއުޓީއަށް ހުރި މީހެއް. ޕްރައިވެޓް ޢަބްދުﷲ ޒުހައިރު. އޭނާ އެއީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ޝަރީފާ މަންޒިލްގެ، އެގޭގެ މީހެއް. ޢުމުރުން 34 އަހަރު. ސިފައިންގެ ތެރޭގައި އުޅޭތާ 4 އަހަރާއި 7 މަސް. އޭނާހުރީ ރައީސް އޮފީހުގެ ހުޅަނގު ގޭޓުގައި ޑިއުޓީގައި. އެއްވެސް އިޝާރާތެއްނެތި ކުއްލިއަކަށް، ބަޔަކުމީހުން އައިސް އޭނާ ގަޔަށް ބަޑިޖެހިތަން ފެނުނީ. އެހުރިތަނަށް މަރުވެގެން ވެއްޓުނީ. އެއްވެސްކަހަލަ ފުރުޞަތެއް އޭނާގެ އަމިއްލަ ނަފްސުގެ ދިފާޢުގައި ޙަމަލާއެއްދޭކަށް އޭނާއަކަށް ނުލިބުނު.

ދެން ސާރޖެންޓް ކުޑަނެވި ތުއްތުމަނިކު. އޭނާއަކީ އޭނާ ޝަހީދުވީއިރު ހަތިޔާރެއް ހިފައިގެން ހުރި މީހެއް ނޫން. އޭނާގެ ޑިއުޓީއަށް ދާން އޮތް ދިމާއަކަށް އޭނާ ދިޔަތަނާ، ބޭރުގެ ހަތިޔާރުއެޅި މީހުން އޭނާއާ ދިމާކޮށް، ބަޑިޖަހައި، އޭނާ ޝަހީދުކޮށްލީ، އޭނާގެ އަތުގައި އެއްވެސް ހަތިޔާރެއްނެތި. އެހެންނަމަވެސް، އެކަން ހިނގައިދިޔައީ، އޭނާ، އޭނާގެ ޑިއުޓީ އަދާކުރެއްވުމުގައި އުޅުއްވަނިކޮށް، ކޮންމެވެސްގޮތަކަށް އެ ބަޑި ހިފައިގެން ހުރި މީހާގެ އަތުގައި އޮތް ބަޑި އަތުލެއްވޭތޯ މަސައްކަތް ކުރައްވަނިކޮށް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމާ، އެމީހުންގެ ހިތްވަރުހުރިވަރާއި ކެރުންހުރިވަރު ތިޔަބޭފުޅުންނަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ.

ދެން އެން.އެސް.އެސް.ގެ ބައެއް މީހުން ޝަހީދުވި، އެމީހުންގެ ޒޯންގެ ޑިއުޓީގައި އުޅެނިކޮށް. ސިފައިންގެ ޑިއުޓީ ހަމަޖެހިފައި އޮންނަ ގޮތެއްގެ މަތިން، ޒޯންތައް ބެލެހެއްޓުމާ ޙަވާލުވެ ތިބޭ ބައެއްގެ ގޮތުގައި ތިބެ. އެމީހުން އެ ޒޯންގެ ޑިއުޓީގައި ތިއްބައި، މަގުމަތިންލާފައި އެކިދިމަދިމާއަށް ދަނިކޮށް. ގިނަމީހުން ބަޑިޖަހާ އަޑުއިވުމުން، ސިފައިންގެޔަށް އަންނަން އައި އައުމުގެ ތެރޭގައި، އެމީހުންނާ އެ ޓެރަރިސްޓުން މަގުމަތިން ޙަމަލާދީ، އެމީހުން ޝަހީދުކުރީ. އޭގެތެރެއިން އެކަކީ ޕްރައިވެޓް ޙުސައިން މުޙަންމަދު. އޭނާ އެއީ ބ. އަތޮޅު ތުޅާދޫ މަބުސްތާނުގޭ މީހެއް. ޢުމުރުން 44 އަހަރު. ސިފައިންގެ ތެރޭގައި އުޅޭތާ 17 އަހަރާއި 3 މަސް ވެފައިވާ މީހެއް. އޭނާ ޝަހީދުވީ ޒޯން ޑިއުޓީގައި އުޅެނިކޮށް، މުލީއާގޭ މެއިންގޭޓުގެ ކުރިމަތިން މަގުގެ މެދުގައި، އެހިސާބަށް ދިޔަތަނާ އެތާތިބި ހަތިޔާރުއެޅި ބަޔަކު ބަޑިޖަހައި ޙަމަލާދީގެން އޭނާ ޝަހީދުވީ.

ޒޯން ޑިއުޓީގައި އުޅެނިކޮށް ޝަހީދުވި އަނެކަކީ، ލާންސް ކޯޕްރަލް ކުޑައާދަމް ކުޑަތުއްތު. އޭނާއަކީ ހެންވޭރު ދިއްގާމާގޭ މީހެއް. ޢުމުރުން 46 އަހަރު. ސިފައިންގޭގައި އުޅޭތާ 27 އަހަރާއި 1 މަސްވީ. އޭނާ ޒޯން ޑިއުޓީގައި އުޅެ، އިސްލާމީ މަރުކަޒުގެ ދެކުނުފަރާތު މެދުޒިޔާރަތް މަގުގައި ހަމަ ކުރިންވެސް ދެންނެވިފަދައިން، އެތާނގައި ތިބި ޓެރަރިސްޓުންގެ ބަޔަކު އޭނާއަށް ޙަމަލާދީ އޭނާ ނިޔާވީ.

ދެން އެދުވަހު، ސިފައިން، ރައްދު ޙަމަލާއެއް ދިނުމުގެ ކަންތައްތައް ކުރުމަށްޓަކައި، އެކަމަށް ތައްޔާރުވުމުގެ ގޮތުންނާއި، ބޭރުގައި ދުޝްމަނުން އެތުރިގެން ތިބިގޮތް ބެލުމަށާއި، އެމީހުންގެ ކަންތައްތައް ހުރިގޮތް ބެލުމަށް ސިފައިގެއިން ބޭރަށް ފޮނުވި ޕެޓްރޯލެއް. އާދެ، 10 މީހުންގެ ޕެޓްރޯލެއް. އޭގެތެރޭގައި ދިޔަ އެންމެންވެސް ދިޔައީ އަމިއްލައަށް ވޮލަންޓިއަރ ކޮށްގެން. އެއީ، އެދިޔަ މީހުންނަށް އެނގޭ، ހަމަ މި ނުކުންނަނީ މަރާ ކުރިމަތިލާންކަން. އެހެންނަމަވެސް، އެއްވެސް ޖެހިލުމެއްނެތި ކޮމާންޑުން އެންގި ގޮތެއްގެ މަތިން، 10 މީހުން ބޭނުންވެއޭ އެންގީމާ، 10 މީހުން ނުކުތީ. އެ މީހުންގެ ތެރެއިން އިސް އޮފިސަރަކަށް ދުރުވީ، ލެފްޓިނެންޓް މޫސާ ޖަލީލް. އޭނާޔާ އެކުގައި އިތުރު 9 މީހުން ނުކުތް. ސިފައިންގެއިން ނުކުމެގެން، ބަޑި ހިފައިގެން އެމީހުން އެ ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި ދުވެފައި ނުކުމެގެން، އެ ދާންޖެހޭ ދިމާއަކަށް އެދިޔައީ. ދިޔަ ދިޔުމުގެ ތެރޭގައި، އޭގެތެރެއިން ތިން މީހުން ދުޝްމަނުންގެ ބަޑީގެ ޙަމަލާއިން ޝަހީދުވެގެން މަގުމައްޗަށް ވެއްޓުނީ.

އޭގެތެރެއިން އެކަކީ ލާންސްކޯޕްރަލް އާދަމް ނަޞީރު. އެއީ ހެންވޭރު ޝޭޑީވިލާ. އޭނާގެ ޢުމުރަކީ 26 އަހަރު. ސިފައިންގޭގައި އުޅޭތާ 8 އަހަރާއި 3 ދުވަސް. އޭނާ އެ ދުވަހު މިދެންނެވި، ނުކުންނަން ޖެހުނު ނުވަތަ އަމިއްލައަށް ތަޠައްވަޢުކޮށްގެން، ވޮލަންޓިއަރ ކޮށްގެން ނުކުތް މީހުންގެ ތެރެއިން އެކަކު އެއީ. އޭނާ ދުޝްމަނުންނާ ޙަމަލާދޭން ސިފައިންގެއިން ނުކުތްތަނާ، ދުޝްމަނުންގެ ބަޑީގެ ޙަމަލާ އޭނާ ގަޔަށް އަރައިގެން، އޭނާ ޝަހީދުވީ، ސިފައިންގޭގެ އިރު އުތުރުކަންމަތީ ބަނޑޭރިގޭ ހިނގުމުގައި.

ދެވަނަ މީހަކީ ޕްރައިވެޓް މުޙަންމަދު ޙަސަން މއ. ޗާނދަނީ ފްލާވަރ. އޭނާއަކީ ތ. ދިޔަމިގިލީ ކަޝްމީރުގޭ މީހެއް. ޢުމުރު 28 އަހަރު. ސިފައިންގެތެރޭގައި އުޅޭތާ 4 އަހަރާއި 10 ދުވަސް. އޭނާވެސް ކުރިން މިދެންނެވި 10 މީހުންގެ ތެރޭގައި، އަމިއްލައަށް ވޮލަންޓިއަރ ކޮށްގެން ނުކުތީ. ސިފައިންގެއިން ނުކުތްތަނާ، ދުޝްމަނުންގެ ޙަމަލާއިން އޭނާ ޝަހީދުވެގެން ވެއްޓުނީ، ހުރަވީ ބިލްޑިންގގެ ހުޅަނގު އުތުރު ކަންމައްޗަށް.

ދެން ޕްރައިވެޓް މުޙަންމަދު އިބްރާހީމް. އޭނާ އެއީ ހއ. މޮޅަދޫ ބަހާރުގޭ މީހެއް. ޢުމުރުން 25 އަހަރު. ސިފައިންގޭގައި އުޅޭތާ 8 އަހަރާއި 4 މަސް. އޭނާވެސް ކުރިން ދެންނެވި މީހުންނާ އެކީގައި ނުކުމެގެން ދުޝްމަނުންނާ ޙަމަލާދިނުމުގެ ތެރޭގައި، އެމީހުންގެ ވަޒަން އޭނާ ގަޔަށް އަރައިގެން، އޭނާ ޝަހީދުވެގެން ވެއްޓުނީ، ހުރަވީ ބިލްޑިންގގެ ހުޅަނގު އުތުރު ކަންމައްޗަށް.

އާދެ، މި ދެންނެވި 8 މީހުން ސިފައިންގެ ތެރެއިން އެދުވަހު ޝަހީދުވީ. އެމީހުން ޝަހީދުވީ އެމީހުންގެ ވާޖިބު އަދާކުރުމުގައި އެއްވެސް ޖެހިލުމެއްނެތި ފިސާރި ކެރިގެން، ހަމަ މަރާ ކުރިމަތިލުމުގެ ތެރޭގައި. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އަޅުގަނޑުމެންގެ ސިފައިންނަކީ އެމީހުންނަށް އެދުވަހު އެދިމާވި ކަންތަކުގައި، ކުރިން އެއްވެސްކަހަލަ ތައްޔާރުވުމެއްނެތި، އެއްވެސް ފަރާތެއްގެ އޯޑަރެއް ނައިސް، އަމިއްލައަށް ހަމަ ޤައުމުގެ ދިފާޢުގައި އަދި ރާއްޖޭގައި އުފެދިފައިވާ ދުސްތޫރީ ޤާނޫނީ ސަރުކާރުގެ ދިފާޢުގައި، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކައި، މުޅި ޤައުމުގެ ދިފާޢުގައި ޝަހީދުވެގެންދިޔަ ބަޔެކޭ. އެހެންވީމާ، އެމީހުންގެ ނަންތައް އަޅުގަނޑު ހިތުން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަދި ރާއްޖޭގެ ތާރީޚުގެ އެންމެ ފަޚުރުވެރި ޞަފްޙާތަކުގައި އެމީހުންގެ ނަންތައް ލިޔެވެންޖެހޭނެ.

މި ދެންނެވީ ޝަހީދުވި މީހުންގެ ވާހަކަ. އޭގެ އިތުރަށް، ސިފައިންގެ ވަރަށް ގިނަ މީހުންނަށް އެކިވަރުވަރުގެ ހާނީއްކަ ލިބުނު، ހަމަ ސިފައިންގެ ޑިއުޓީގައި އުޅެނިކޮށް، ނުވަތަ ޑިއުޓީއަށްޓަކައި، ސިފައިންގެޔަށް އަންނަނިކޮށް. ބަޑީގެ އަޑުއިވިގެން، އެމީހަކު ހުރިތާކުން ސިފައިންގެޔަށް އަންނަން މަސައްކަތްކުރި މީހުން، އޭގެތެރޭގައި ހިމެނޭ. އެހެންވީމާ، ސިފައިން އެދުވަހު އެކުރި ޖިހާދުގެ ވާހަކަ އަދި އެހެން ބުނެލިޔަސް، އެމީހުން އެ ދުވަހު އެކުރި ހިތްވަރާއި، އެމީހުން އެ ހާމަކޮށްދިން ބުޠޫލަތު އަޅުގަނޑުމެންގެ ހިތަކަށް ނުވަންނާނެ. އަޅުގަނޑު ހިތުން ކުރިންވެސް ދެންނެވިފަދައިން، މި މީހުން މިކުރި ޖިހާދު، އެމީހުން އެވީ ޤުރްބާނީ އަބަދުގެ އަބަދަށް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ.

އަދި ހަމަ އެފަދައިން، އެ ޝަހީދުވީ މީހުންގެ ޢާއިލާތަކަށް ދާއިމީގޮތެއްގައި ސަރުކާރުން އެހީވެދޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެކަން ހަމަޖެހޭނެ. އޭގެ އިތުރުން، އަމިއްލަ ފަރާތްތަކުންވެސް، ޝަހީދުވި މީހުންގެ ޢާއިލާތަކަށް އެކިއެކި އެހީ ހުށަހަޅުއްވަމުން އެބަ ގެންދަވާ. އެމީހުންގެ ނަމުގައި ފަންޑެއް އުފައްދައި ނުވަތަ އެނޫންވެސް ހަމަޖެހޭ އިންތިޒާމެއްކޮށްގެން، ދާއިމީގޮތެއްގައި އެ ޝަހީދުވި މީހުންގެ އަނބިދަރިންނަށް އަބަދުވެސް އެހީ ލިބޭނެގޮތެއް ހަމަޖެއްސޭތޯ ބައެއް އަމިއްލަ ފަރާތްތަކުން މިހާރު ސަރުކާރަށް ވަނީ ހުށަހަޅުއްވާފައި. އެކަމަށްޓަކައި ސަރުކާރުން އެފަރާތްތަކަށް ޝުކުރު ރައްދުކުރޭ. އަދި އެއީ އެ ހުށަހެޅުއްވި ފަރާތްތަކުގެ ހިތްޕުޅުގައި ޤައުމާ ދޭތެރޭގައި އޮތް ވަރުގަދަ ޝުޢޫރެއް ކަމުގައި ސަރުކާރުން ޤަބޫލުކުރޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން މިތަނަށް އައި ވާހަކައަކީ، އަޅުގަނޑުމެންނަށް މި ޙަމަލާދިން މީހުންނަކީ ޝްރީލަންކާގެ ބައެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ޝްރީލަންކާގެ ތަމަޅައިންގެ ބައެއް. އެމީހުންނާ އެކުގައި ދިވެހިންގެ މީހުންވެސް ތިބި. އެހެންނަމަވެސް، ރާއްޖޭގެ ރައްޔިތުން މިހާތަނާ ޖެހެންދެން ސާބިތުކޮށްދެއްވާފައިވަނީ، ރާއްޖޭގެ ރައްޔިތުންނަކީ ތަންދޮރު އޮޅުންފިލާ، ތަޞައްރުފް ފުދިފައިވާ، ހަމަޖެހޭ އަދި ތަހުޒީބުވެފައިވާ ރައްޔިތެއްކަން. އެހެން މިދެންނެވީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ޢަދަދަކަށް ޝްރީލަންކާގެ މީހުން މިހާރުވެސް ދިރިއުޅެމުން އެބަގެންދޭ. އެހެންނަމަވެސް، އެއިން އެއްވެސް މީހަކާ ދިވެހިންގެ މީހަކު ދިމާކޮށް، އެއިން މީހަކަށް ގޯނާއެއްކޮށް، އުނދަގޫކޮށް ހަދާފައެއް ނެތް. މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ހަމަ ފަޚުރުވެރިވުން ޙައްޤު ކަމެއް. ދުނިޔޭގެ އެހެން ތަންތާނގައި، މިބާވަތުގެ ކަންތައްތައް ހިނގީމާ، މިހާ އޮމާންކޮށް، މިހާ ރީތިކޮށް ތަނުގެ ރައްޔިތުން ޢަމަލުކޮށްފައެއް ނުހުރޭ. އަޅުގަނޑުމެންނަށް ފެންނަ ޚަބަރުތަކުގައި އަދި އިވޭ ޚަބަރުތަކުގައި، އެހެން ތަންތާނގައި މުޅިން އެހެން ގޮތަކަށް ކަންތައްތައް ދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ ޞުލްޙަވެރި، އެކުވެރި އަދި ތަހުޒީބުވެފައިވާ ރައްޔިތެއްކަން މިކަމުން ހާމަކުރޭ. އެހެންވީމާ، އަޅުގަނޑު އެކަމަށްޓަކައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ ރައްޔިތުންގެ އެ ޢަމަލުތައް އެގޮތަށް ހުރިކަމަށްޓަކައި ފަޚުރުވެރިވެސްވަން.

އާދެ، މި ނުކުތާއާ ގުޅިގެން ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ ޙަމަލާދިން ކުލީސިފައިންނަކީ ނުވަތަ ޓެރަރިސްޓުންނަކީ ޝްރީލަންކާގެ ބައެއްކަމުގައިވިޔަސް، ދިވެހިރާއްޖެއާއި ޝްރީލަންކާއާ ދޭތެރޭގައި އޮންނަ ގުޅުމަކަށް އެއްވެސް ބަދަލެއްނާދެއޭ. އަދި ނުވެސް އަންނާނެއޭ. އަޅުގަނޑުމެންގެ ދެ ޤައުމަކީ ޒަމާނުއްސުރެ ވަރަށް އެކުވެރި، ރަޙްމަތްތެރި ދެ ޤައުމު. އަދި ވޭތުވެދިޔަ ތާނގައި އެ އެކުވެރިކަން ބަދަހިވަމުން އައިސްފައިވަނީ، ދެ ޤައުމަށް ފައިދާހުރި ގޮތުގައި. އެހެންވީމާ، މިކަހަލަ ކަމެއް ދިމާވިޔަސް، ބަޔަކު މީހުން މިބާވަތުގެ ކަމެއް އަޅުގަނޑުމެންނާ ކުރިމަތިކުރި ކަމުގައިވިޔަސް، ދެ ޤައުމުގެ ދޭތެރޭގައި އޮންނަންވާ ރަޙްމަތްތެރިކަމުގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެ. އަދި އަޅުގަނޑުމެން އެ ގުޅުމަށް ބަދަލެއް އަޔަދީގެނެއްވެސްނުވާނެ.

ހަމަ އެއާއެކުގައި ދަންނަވަން ޖެހެނީ، އަޅުގަނޑުމެންނަށް ޙަމަލާދިން މީހުންނަކީ ތަމަޅައިންގެ ބަޔަކު ކަމުގައިވިޔަސް، ދިވެހިންނާއި ތަމަޅައިންނާ ދޭތެރޭގައި ޢާންމުކޮށްވެސް އެއްވެސް މައްސަލައެއް އޮވެގެނެއްނުވާނެއޭ. ނުވެސް އޮންނާނެއޭ. ތަމަޅައިންނަކީވެސް ދުނިޔޭގައި ދިރިއުޅޭ ބައެއް. ތަމަޅައިންގެ ވަރަށް ގިނަ މީހުން އިންޑިޔާގައި ދިރިއުޅޭ. އިންޑިޔާގެ ޓެމިލްނާޑޫ ކިޔާ އަތޮޅު ނުވަތަ ސްޓޭޓްގައި އުޅެނީ މުޅިންހެން ތަމަޅައިން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް ފަސްދޮޅަސް މިލިއަން ތަމަޅައިން އެ ސްޓޭޓްގައި ދިރިއުޅޭ. ޝްރީލަންކާގައި އުޅެނީ އެއަށްވުރެ، މާމަދު ބައެއް. އެހެންވީމާ، މުޅި ތަމަޅައިންގެ މުޖުތަމަޢަށް ނުވަތަ ޖަމާޢަތަށް ނިސްބަތްވާގޮތަށް، އަޅުގަނޑުމެންގެ އެއްވެސް ކަމެއް ހުރެގެންވާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. ތަމަޅައިންނާއި ދިވެހިންނާ ދޭތެރޭގައިވެސް އެއްވެސްކަހަލަ ހަމަނުޖެހުމެއް އޮވެގެނެއްނުވާނެ. އަޅުގަނޑުމެންގެ ތާރީޚުގައި، ދެކުނު އިންޑިޔާއާއި ރާއްޖެއާ އޮތީ ވަރަށް ބޮޑަށް ގުޅިފައި. ދެކުނު އިންޑިޔާގެ މީހުން ރާއްޖެއައިސް ވަޒަންވެރިވިކަމަށްވެސްވޭ. އަދި މިހާރުވެސް އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް އެކުވެރި، ރަޙްމަތްރި ގުޅުމެއް. އެކަން އެހެން އޮތުމާއެކުގައި، އަދި އަޅުގަނޑުމެންގެ ގޮތެއްނޫން، މުސްލިމުންގެ ގޮތެއްނޫން، ވަކި މީހަކު ނުވަތަ ބަޔަކު ކަމެއް ކުރިޔަސް، އެކަމުގެ ބަދުނާމު މުޅި ޖަމާޢަތަށް ރައްދުކުރުން އެއީ.

އެހެންވީމާ، އަޅުގަނޑުމެން އެކަން އެގޮތަށް ކުރާކަށްނެތިން. އަޅުގަނޑުމެން ދެކެންވީ އަޅުގަނޑުމެންނަށް މި ޙަމަލާދިން މީހުންނަކީ ކުށްވެރިން ކަމުގައި. އަދި އެމީހުންނާ ބެހޭގޮތުން އަޅުގަނޑުމެންގެ ޤާނޫނު ތަންދޭގޮތަކަށް އަޅުގަނޑުމެން ޢަމަލުކުރަންޖެހޭނެ. އޭގެއިތުރުން، އެހެން ކަމެއް ކުރުމަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގެ އުޞޫލުތައްވެސް އަދި ދިވެހިރާއްޖޭގެ، ޒަމާނުއްސުރެ ރާއްޖޭގެ މީހުން ޢަމަލުކުރަމުންގެންދާ ރީތި އާދަކާދަތައްވެސް ތަންދޭކަމެއްނޫން. މި ވާހަކަ މިހެން ދަންނަވާލަން މިޖެހެނީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން އަޅަންޖެހޭ ބައެއް ފިޔަވަޅާ ބެހޭގޮތުން ބައެއް މީހުންގެ ޚިޔާލު އެހެން ގޮތްގޮތަށް ދަތުރުކޮށްފާނެތީ.

ހިސާބަކަށް، ޝްރީލަންކާގެ ނޫސްތަކުގައިވެސް އެ ވާހަކަ މިހާރު އެބަޖަހާ. ދިވެހި ސަރުކާރުން ތަންކޮޅެއް ބޮޑަށް، މައްސަލައިގައި އަޅަންނުވާކަހަލަ ފިޔަވަޅުތައް އަޅަނީކަމަށް ހީވާކަހަލަ ގޮތަކަށް ބައެއް ނޫސްތަކުގައި އެބަޖަހާ. އެހެންނަމަވެސް، އެއީ އެއްގޮތަކަށްވެސް އެހެންވާކަމެއްނޫން. މިބާވަތުގެ ކަމަކީ މިކަމާ ދޭތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް ވިސްނައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމެއް. ސަލާމަތީގޮތުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަންޖެހޭނެ. އެއީ ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެކަން ކުރާގޮތް. އަޅުގަނޑުމެންވެސް އެކަން ކުރަންޖެހޭނީ ހަމަ އެހެން.

އެހެންވީމާ، މިވަގުތަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުރިކަމުގައިވަނީނަމަ، އެފިޔަވަޅުތައް އަޅަންޖެހޭނެ، އެހެންނަމަވެސް، އޭގެ މާނައަކީ އޭގެ ފަހަތުގައި އެހެންކަހަލަ ކަންތައްތަކެއް ހުރީއެކޭނޫން. ވަކި ޤައުމަކާ އަޅުގަނޑުމެންނާ އޮންނަ ގުޅުން ގޯސްވަނީއެކޭވެސް ނޫން. އަދި ވަކި ޖަމާޢަތަކާ އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަ ގުޅުން ގޯސްވަނީއެކޭވެސް ނޫން. އެހެންވީމާ، އެނުކުތާ އަޅުގަނޑު ސާފުކޮށްލަން ބޭނުންވީ. އަދި ތިޔަބޭފުޅުންގެ އަރިހަށްވެސް، ތިޔަބޭފުޅުންގެ ސަމާލުކަމަށްވެސް އެ ނުކުތާ ގެންނަން އަޅުގަނޑު ބޭނުންވީ.

އާދެ، ދެން ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވާލަން އަޅުގަނޑު ޤަޞްދުކުރަން، އެއީ ކުރިންވެސް ދެންނެވިފަދައިން، ބައެއް ތަންތާނގައި ނޫސްތަކުގައި ޖަހާ، އަޅުގަނޑުމެންނަށް މި ޙަމަލާދިން މީހުންގެ މަޤްޞަދަކީ، ސަރުކާރު ބަދަލުކޮށްލުމޭ. ޢާންމު ރައްޔިތުންނަށް އެއްވެސްކަހަލަ އުނދަގުލެއް ކުރާކަށެއް ނޫނޭ އެމީހުން މަސައްކަތްކުރީ. އެއީ އެއްވެސް ތެދެއް އޮތް ވާހަކައެއް ނޫންކަން ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް މިއަދު ލިބުނު މަޢުލޫމާތުގައި ވަނީ، މިގޮތަށް ބޭރުގެ ނޫސްތަކުގައި ޖެހި އެކަކީ، ހަމަ މެޑްރާސްގައި އުފަންވި ޓެމިލްނާޑޫގެ ތަމަޅައެއް. އޭނާ އެހުރީ މި ޖަމާޢަތާ ކޮންމެވެސްގޮތަކަށް ގުޅިފައި. ނުވަތަ އޭނާގެ ހަމްދަރުދީ އޮތީ މިމީހުންނާ އެކުގައި. އެހެންވީމާ، އޭނާ އެގޮތަށް ނޫސްތަކުގައި އެ ޖަހަމުންގެންދިޔައީ. އެމީހުން އެކުރި ކަންތައް ދުނިޔެއަށް އޮޅުންފިލުވައިދިނުމުގެ ގޮތުން، ވަކި މަޤްޞަދެއްގައި ކުރި ކަމެއްކަން ބަޔާންކުރުމުގެ ގޮތުން، އެމީހުންގެ ދިފާޢުގައި ޖެހި ވާހަކައެއް. އެހެންވީމާ، އޭނާގެ ވާހަކައަކީ އަޅުގަނޑުމެން އެއަށް އެއްވެސްކަހަލަ ބުރަދަނެއް ދޭންވީ ވާހަކައެއް ނޫންކަން މިހާރު އެނގިއްޖެ.

އާދެ، ހަމަ އެއާއެކުގައި ދަންނަވާލަން އޮތީ، އެރޭ ފަތިހު އަދި އެދުވަހުގެ އެހެން ވަގުތުތަކުގައި، އެ ޓެރަރިސްޓުންގެ މީހުން މާލޭގެ އެތަންމިތާނގައި އުޅުނު އުޅުމުގައި، އެއްވެސް ގޮތަކަށް ވަކިބަޔަކަށް ޙަމަލާނުދޭކަށް ޚިޔާލުކޮށްފައެއް ނެތޭ. އެމީހުން ހިތަށްއެރި ކޮންމެ ބަޔަކަށް ޙަމަލާދިނީ. ހިތަށްއެރި ކޮންމެ ދިމާއަކަށް ޙަމަލާދިނީ. އެމީހުންނަށް ވަރިހަމަ، ކިތަންމެ ބަޔަކު މަރުވިކަމުގައިވިޔަސް. އާދެ، އޭގެ އެއް ހެތްކެއްގެ ގޮތުގައި ދަންނަވާލަން އޮތީ، މި މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ހުންނަވާ ގެޔަށް އެމީހުން ދިން ޙަމަލާގެ ވާހަކަ. އަޅުގަނޑު އެތަނަށް ގޮސް ބަލައިލިން. އެގޭގެ ބޭރުގައި އެރޭ ފަތިހު ކުލީސިފައިންގެ މީހުން ތިބެފައި، ވަރަށް ގިނަ ޢަދަދަކަށް އެގެޔަށް ބަޑިޖަހާފައި ހުރި. މިހާރު ތަޙުޤީޤުތަކުން ހިސާބަކަށް އެނގޭގޮތުގައި، ގާތްގަނޑަކަށް ތިރީހަކަށް ވަޒަން އެމީހުން އެގެޔަށްޖެހި. ގޭގެ ކުޑަދޮރުތަކުން ހުރީ އެވަޒަންތައް އެތެރެއަށް ގޮސްފައި، ދޮރުތަކުންވެސް، ފާރުތަކުގައިވެސް ހުރި. އެވަގުތު އެގޭގައި، ހަމަ އެގޭގައި ދިރިއުޅުއްވާ ބޭފުޅުން ތިއްބެވި ކަމަށްވަނީ. އެގޭ އެތެރޭގައި އެބޭފުޅުން ތިއްބެވި އެވަގުތު. އެހެންވީމާ، އެއްވެސް ޙާލެއްގައި އެމީހުން އެ ބުނާ ވާހަކައަކީ ތެދެއްނޫން. އެދުވަހު އެގޭގެ ބޭފުޅަކަށް ކަމެއްނުވީ ހަމަ ގެ ރަޙްމަތްފުޅުންނޭ އަޅުގަނޑު ދަންނަވާނީ. އެކަމަކު އެމީހުންގެ ޢަމަލުތައް ހުރީ މިދެންނެވި ގޮތަކަށް. ހަމަ މި ދެންނެވީ މަދަނީ މީހުން ދިރިއުޅޭ ގެޔަކަށް، އެއްވެސްކަހަލަ ހަތިޔާރެއް ނެތް ގެޔަކަށް، އޭގެ ބަޔަކު އައިސް ދިން ޙަމަލާގެ ހުރިވަރު މި ދެންނެވީ. 30 ވަޒަން، އެއް ގެޔަށް ފޮނުވާލާފައި އޮތީ، އެހެންވީމާ، އެއްވެސް ޙާލެއްގައި، ބައެއް މީހުން އެ ދައްކާ ވާހަކަ، އެއީ މިމީހުން މި ދިމާކުރީ ހަމައެކަނި ސަރުކާރު ވައްޓާލާށޭ. އަމިއްލަ ފަރާތްތަކަށް ނުވަތަ ޢާންމު ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރާކަށް، އެމީހުން ޤަސްދެއްނުކުރެއޭ ބުނި ބުނުން އެއީ ތެދެއް ނޫންކަން، އެމީހުންގެ ޢަމަލުތައް ހުރިގޮތުން ވަރަށް ރަނގަޅަށް ސާބިތުވޭ.

އާދެ، އެ ވާހަކަ ދަންނަވާލަންވެގެން އަޅުގަނޑު މިރޭ މިތަނަށް މިއައީ. ތިޔަބޭފުޅުންގެ މި ޖަލްސާގައި، މިހާ ގިނަ ވަގުތު އަޅުގަނޑު ބޭނުންކުރަންޖެހުނު ކަމަށްޓަކައި މަޢާފަށްވެސް އެދެން. އަދި އަޅުގަނޑަށް މި ފުރުޞަތު ދެއްވި ކަމަށްޓަކައި، މަޖިލީހުގެ ރައީސަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުންވެސް އަޅުގަނޑުގެ ވާހަކަ އައްސަވަން ތިއްބެވި ކަމަށްޓަކައި ތިޔަ ޢިއްޒަތްތެރި މެންބަރުންނަށްވެސް ޝުކުރު ދަންނަވަން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.