بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ވޭވަށު ކައުންސިލްގެ ރައީސް، އަދި ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ވޭވަށް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި ވޭވަށުގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުމެން އެއްވެ މިތިބީ ވޭވަށަށް ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް ދަތި އުނދަގުލެއްގެ ނިމުން ނިމުމާއެކު، ވޭވަށަށް ދިމާވެފައިވާ ކަރަންޓުގެ ޚިދުމަތް މިޒަމާނަށް ބަދަލުކޮށް، އެތަން ހުޅުވުމުގެ ކުޑަ ޙަފްލާއަކަށް. ވޭވަށުގެ ކަރަންޓުގެ ޚިދުމަތަށް މި ގެނެވުނު ބަދަލުގެ މާބޮޑު ތަފްޞީލަކަށް އަޅުގަނޑު ނުދިޔަޔަސް، އަޅުގަނޑުގެ ވާތްފަރާތުން ފެންނަން މިހުރި ފޮޓޯއާއި، ކަނާތްފަރާތުން މި ފެންނަ ފޮޓޯއިން ތިޔަ ހުރިހާ ބޭފުޅުންނަށް އެ މަންޒަރު ވަރަށް ސާފުކޮށް ފެނިގެން އެބަދޭ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގެ އެއް ބައިވެރިޔަކީ، އެންމެބޮޑު އެއް ބައިވެރިޔަކީ ފެނަކަ ކޯޕަރޭޝަން. ޚާއްޞަކޮށް، ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ. ސަޢީދާއި، ހީވާގި މުރާލި މުވައްޒަފުން އެ ކުރައްވާ މަސައްކަތަކީ، ރާއްޖެއަށް އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީގެ ހަމަ އެންމެ ބޮޑު ބައިވެރިން. އެކަމަށްޓަކައި އެމް.ޑީ. ސަޢީދަށާއި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑާއި ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

ކަމެއް ކުރަން ބޭނުންވީމާ، އެކަމެއް ކުރެވޭނެ. މާބޮޑު ބަހަނާތަކެއް ދައްކައި، އޭގެ ފައިސާ ނެތޭ، މުވައްޒަފުން ނެތޭ، މިތައް މިތައް އުނދަގޫތައް އެބަހުއްޓޭ، އެ ދައްކަނީކީ މާހަމަޖެހޭ، ދެކޮޅުޖެހޭ ވާހަކައެއް ނޫން. އެކަން ތިޔަބޭފުޅުންނަށް ފެނަކައާއި އެމް.ޓީ.ސީ.ސީ. އިން އެދަނީ ހާމަކޮށްދެމުން. ބޭނުންވަނީ އަމާޒަކާ އެކީގައި ރަނގަޅު ވިސްނުމަކާ އެކީގައި ކުރިއަށްދިޔުން. އަޅުގަނޑަށް ހަމަ ޔަޤީން، ރައްޔިތުންނަށް ވެފައި މިވާ ވަޢުދުތައް، ޖަޒީރާ ތަރައްޤީގެ ވެފައިމިވާ ވަޢުދުތައް ފުރިހަމަކޮށްދިނުމުގައި، މި ދެ ކުންފުންޏާ އެކީގައި އަޅުގަނޑުމެން މިކުރާ ދަތުރުގައި ރައްޔިތުން ތިޔަ ބޭނުންވާ މަންޒިލަށް ދެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދު އެބައޮތް.

މިއަދު މި ރަށުގައި މި ހުޅުވޭ އާ އިންޖީނުގެޔަކީ ރަށަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތަށް، ލިބޭގޮތަށް ހުޅުވިގެންދާ އިންޖީނުގެއެއް. 400 ކިލޯ ވޯޓުގެ ތިން ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް، ދުރު މުސްތަޤްބަލަށް ރާވައިގެން ޕްލޭން ކުރެވިފައި އޮތް އިންޖީނުގެއެއް. އަޅުގަނޑު ހިތުން ކުރިއަށް މިއޮތް 20، 30 އަހަރާ ހިސާބަށްދާއިރުވެސް މިރަށުގައި ކަރަންޓްގެ ދަތިކަމެއްނެތި، ތިޔަބޭފުޅުންނަށް އެ ޚިދުމަތް ފޯރުކޮށްދެވޭނެ.

ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް. ކުރިން ފެނަކައާ ދޭތެރޭގައި ރައްޔިތުން އެ ދެކެމުން އައި ވިސްނުން މިއަދު ބަދަލުވެއްޖެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް އޭރު ކުރިން ދެމުންއައީ، އެ ރަށެއްގެ ރަށް ކުރިއަރުވާ ކޮމިޓީ، ނޫނީވިއްޔާ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަމިއްލަ މަސައްކަތުން. އެހެން ނަމަވެސް، މިއަދު ފެނަކައިގެ ޚިދުމަތް ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލައަށް ހިންގަމުންދާ އިންޖީނުގެތަކާއި، ކައުންސިލްތަކުން ހިންގަމުންދާ އިންޖީނުގެތައް އެދަނީ ހިތުން ރުހުމުން ހަވާލުކުރަމުން. މިއަދު ހަމައެކަނި ކައުންސިލަކުން ހިންގާ ރާއްޖޭގައި ހުރީ އެންމެ އިންޖީނުގެއެއް. އެއީ، އުނގޫފާރުގައި ހިންގާ އިންޖީނުގެ އެކަނި. މި އަންނަ މަހު އަޅުގަނޑު ހިތުން، ނޫނީވިއްޔާ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، އުނގޫފާރުންވެސް ތައްޔާރުވަމުން އެ އަންނަނީ އެ އިންޖީނުގެ ފެނަކައާ ހަވާލުކުރަން.

އެއާއެކީގައި ސްޓެލްކޯއިން މާލެއަތޮޅާއި، ވ. އަތޮޅާއި، އ. އަތޮޅުގައި ހިންގާ އިންޖީނުގެތައް ފިޔަވައި މުޅި ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދާ ކަރަންޓުގެ ޚިދުމަތް ދެމުންގެންދާނީ ފެނަކަ ކޯޕަރޭޝަނުން. ވަރަށް ބޮޑު އިތުބާރެއް އެ އުފެއްދެވީ. އެއާއެކީގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، ފެނަކައިގެ ޚިދުމަތް، އިންޖީނުގެތަކުން ރަށްރަށުގެ ރައްޔިތުންނަށް ދެމުންދާއިރުގައި، އޭގެ އިތުރުން އިތުރު ޚިދުމަތްތައް ފެނަކަ މެދުވެރިކޮށް ރަށްރަށަށް ދިނުމަށް.

އެގޮތުން، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އައިސް ޕްލާންޓްތައް ހިންގުން މިއަދު އަޅުގަނޑުމެން މިދަނީ ފެނަކައާ ހަވާލުކުރަމުން. ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި، ހުރިހާ އައިސް ޕްލާންޓްތަކެއް ހިންގުން ފެނަކައާ ހަވާލުކުރުމުން، އެ ޚިދުމަތް މިހާރު މެދުކެނޑިފައި ހުރި ރަށްރަށަށްވެސް ފަސޭހައިން ލިބޭގޮތަށް އެކަން ހަމަޖެހިގެންދާނެ.

ރަށްރަށުގެ ކަރަންޓުގެ ދަތިކަމަކީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި، ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައި އޮތް ދަތިކަމެއް. ފެނަކައިން މިހާތަނަށް 141 ރަށަކަށް އާ އިންޖީނު ފޯރުކޮށްދީފި. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ޚިދުމަތް މިއަދު މިވަނީ ފެނަކައިން ބަދަލުކޮށްލަދީފައި. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، ފެނަކައިގެ ހީވާގި ޓީމަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން.

އާދެ، ރަށްތައް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެންގެ ވިސްނުން އޮތްގޮތް ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް ހާމަވެގެންދާނެ. ކުޑަ ރަށެއް، ބޮޑު ރަށެއް، ދެންމެ ކުރިން އެ ފެނުނު ވީޑިއޯގައި އެ ބުނިގޮތަށް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އެއީ، އަޅުގަނޑުމެންވީ ވަޢުދެއް. އެ ވަޢުދާ އެއްގޮތަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތް ދާނީ ކުރިއަށް. އެގޮތުން މި ރަށަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައް، ބައެއް މަސައްކަތް ނިމި، މިއަދުވެސް ހުޅުވިގެން އެދިޔައީ. ކުރިއަށް އޮތީ ފެނާއި ނަރުދަމާ. ކޯޓު އަދި އިތުރަށް ސްކޫލާއި، ޞިއްޙީ މަރުކަޒުގެ ބޭނުންވާ ޚިދުމަތްތައްވެސް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

ތިޔަބޭފުޅުން ވިސްނަވަންވީ، ކުރިއަށް އޮތް ތަނުގައި، މި ޚިދުމަތްތައް ހޯދުމަށްޓަކައި މިކުރާ މަސައްކަތުގައި އަޅުގަނޑުމެންނާ އެކީގައި ކުރިއަށްދާނީތޯ، ނޫންތޯ. އެއީ، ހަމަ ތިޔަބޭފުޅުންގެ އަތްމަތީގައި އޮތް ނިންމުމެއް.

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ވޭވަށުގެ ރައްޔިތުންގެވެސް އެއްބާރުލުން އަޅުގަނޑުމެންނަށް ލިބި، އަޅުގަނޑުމެންނާ އެކީގައި ކުރިއަށް ދިޔުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެފައި މިއޮތް ވަޢުދުތައް ފުއްދުމުގައި ތަފާތުކުރުމެއްނެތި، ހުރިހާ ރަށަކަށް މި ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އަދި ޒުވާނުން ބޭނުންވެފައި މި އޮތް ކުޅިވަރުގެ އެކިއެކި ފެސިލިޓީޒްތައް ޤާއިމުކުރުމުގައި، ޔޫތު މިނިސްޓްރީ ހަމަ ޔަޤީނުންވެސް މި ރަށެއް ބާކީއެއްނުކުރާނެ. މި ރަށަށް ބޭނުންވެފައިވާ ފުޓްބޯޅަ ދަނޑަކަސް އަދި އެހެންކަހަލަ ފެސިލިޓީއެއް ކަމަށްވިޔަސް، އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބަޖެޓުތެރޭގައި ހިމަނައިގެން އެކަން ކުރިއަށް ގެންދާނެ. އެ ޔަޤީންކަން ތިޔަބޭފުޅުން މިއަދުވެސް ބާއްވަވަންޖެހޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މިއަދު ކުރުކޮށްލާނަން. ވަރަށް ހޫނުވަމުން އަންނަ ގަޑިއެއް. އެހެންވީމާ، އަދިވެސް އެއްފަހަރު ފެނަކަ އެމް.ޑީ.އަށާއި، ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރަމުން، ވޭވަށުގެ ރައްޔިތުންނަށް މިއަށްވުރެ އުފާވެރި، ފާގަތި މާދަމާއެއް އެދެމުން އަޅުގަނޑު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.