بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ވޭވަށު ކައުންސިލްގެ ރައީސް މަމްދޫޙު ވަޙީދު، މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އިކްރާމް ޙަސަން، ދައުލަތުގެ ވަޒީރުން، ކުންފުނިތަކުގެ ސީ.އީ.އޯ.އިންނާއި، އެމް.ޑީ.އިން، ހާޒިރުވެވަޑައިގެން ތިއްބެވި ވޭވަށުގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ވޭވަށަށް އަޅުގަނޑަށް މި އާދެވުނީ، ވޭވަށުގެ ރައްޔިތުން އެތައް ދުވަސްވާންދެން އެދެމުންދިޔަ ކަންތައްތަކެއްގެ ނިމުން ފާހަގަކުރުމާ ގުޅޭގޮތުން. ރަސްމިއްޔާތުތަކަކާވެސް އެކުގައި. އަޅުގަނޑުމެން މިއަދު މި ރަށަށް އައުމުން ވޭވަށުގެ ރައްޔިތުން ވިދާޅުވި މަރުޙަބާއަށާއި، އަދާކުރައްވަމުން ގެންދަވާ މެހްމާންދާރީއަށް އަޅުގަނޑު ފުރަތަމަވެސް ވޭވަށުގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރަން.

ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްގޮތަށް އަދި ޚާއްޞަކޮށް އާބާދީ މަދު ރަށްރަށުގައި ދިމާވެފައި ހުރި ދަތިތައް، ގޮންޖެހުންތައް އެއީ މި ރަށަށްވެސް އޮތް ޒަމާންވީ ގޮންޖެހުމެއް. އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމަށްފަހުގައި، އަޅުގަނޑުމެންގެ މަޤްޞަދަކަށްވީ ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއް އެއީ، އާބާދީ ބޮޑަސް، ކުޑަޔަސް، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދޭންޖެހޭ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކެއް ހުންނާނެކަމާއި، އެ ކަންތައްތައް ކޮށްދިނުން. އެއީ، އަޅުގަނޑުމެންގެ އެންމެބޮޑު ވަޢުދު. އެއީ، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުން. ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން. ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދިނުން. ރަށުގައި ތިބެގެން ތަޢުލީމު ހާސިލްކުރެވޭނެގޮތް ދަރިވަރުންނަށް ފޯރުކޮށްދިނުން. އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތް ރަށުންނާއި، އެ ސަރަޙައްދަކުން ފޯރުކޮށްދިނުން.

ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން އެ މަސައްކަތްތަކުގެ އަމާޒު އެ ދިމާއަށް ހިފައި، އިރާދަކުރެއްވިއްޔާ ގިނަ މަސައްކަތްތަކެއް މިހާރު މިވަނީ ކުރެވިފައި. އަދި ކުރަމުން އެބަގެންދޭ. ކޯވިޑުގެ ދެ އަހަރުގެ ދަތިތަކާއެކުގައިވެސް އަޅުގަނޑުމެންގެ މަޝްރޫޢުތައް، އޭރު ބަޖެޓް ތަންދިން މިންވަރަކުން ނުހުއްޓި ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައި. ވޭވަށަށްވެސް ޒަމާނުއްސުރެ ކުރިމަތިވެފައި އޮތް އެންމެބޮޑު ދަތި އުނދަގުލަކީ، ފުރަތަމަ ކަމަކަށް ލަފާފުރުމުގެ ދަތިކަން. މާކުރިއްސުރެ މިތާ އޮތް ނެރެއް ފުންކުރުމަށްޓަކައި ކޮނެލި ޖާގައަކުން ލިބުނު ކުޑަކުޑަ ފަސޭހައެއްގެ ތެރޭގައި، ރައްޔިތުން މިހާތަނަށް އުޅެމުން މިގެންދިޔައީ.

ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، މި ރަށަކީ މަސްގަނެ، ކައްކާ، ހިއްކާ، ރާއްޖެއިން ބޭރަށް، ވަކި ބްރޭންޑެއްގެ ގޮތުގައި މި ރަށުގެ މަސް ބޭރުކުރަމުން ގެންދާ ރަށެއް. އެހެން ނަމަވެސް، މި ރަށަށް ދިމާވެފައި އޮތް ދަތިކަމަކީ، ދޯނިފަހަރު އައިސް ރަށަށް ވަދެ، ފަސޭހައިން އެ މަސްކޮޅު ވިއްކާލައި، އެ ފަސޭހައިގެ ތެރޭގައި ތިބެން ލިބިފައި އޮތް ދަތި.

އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވެއްޖިއްޔާ، ދުވާލެއްގެ މައްޗަށް ފަންސަވީހަކަށް ޓަނު މި ރަށަށް ގަނެ، ކައްކާ، އެބަ ހިއްކާ. މިއީ، މިފަދަ އާބާދީއަކަށް ބަލާއިރު ހަމަ ރަނގަޅު މަސައްކަތެއް ކަމުގައި އަޅުގަނޑު ދެކެން. މިކަން ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފަސޭހަ ބަނދަރެއް މި ރަށުގައި ޤާއިމުކުރުން. އިރާދަކުރެއްވިއްޔާ، މިއަދު މިވަނީ އެ ބަނދަރު ހަދައި ޤާއިމްކޮށް، ޚިދުމަތް ދޭން ފެށިފައި. އަޅުގަނޑު ހިތުން މި ބަނދަރުގެ ބޭނުން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދިގު މުއްދަތެއްގައި ފަސޭހަކަމާއެކީގައި ދައްޗެއްނެތި މި ރަށުގެ ރައްޔިތުންނަށް ލިބެމުންދާނެ.

މި ބަނދަރު މިހާ އަވަހަށް، މިހާ ރަނގަޅަށް ހެދިގެން މި ދިޔައީ، އަޅުގަނޑުމެންގެ ކުންފުނި އެމް.ޓީ.ސީ.ސީ.ގެ ހީވާގި، ބުރަ، ކޮލިޓީ މަސައްކަތުގެ ސަބަބުން. ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތި އެމް.ޓީ.ސީ.ސީ. އިން އެދަނީ ބަދަލުކުރަމުން. މި ދައުރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ، އެމް.ޓީ.ސީ.ސީ.ގެ އެ މަސައްކަތާ އެކީގައި، ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން އޮތް ހަމަ އެއްވެސް ރަށެއް ނޯންނާނެއޭ، އަޅުގަނޑަށް ދަންނަވަން ކެރިދާނެ.

ބަނދަރު ހެދުމާއި، ގޮނޑުދޮށް ޙިމާޔަތް ކުރުމާ އެކީގައި، ގާތްގަނޑަކަށް 115 ވަރަކަށް ރަށުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އިން މިހާރުވެސް އެދަނީ ކުރަމުން. އޭގެތެރެއިން 38 ރަށެއްގެ މަސައްކަތް ނިންމައި، މިހާރުވެސް ގިނަ މަސައްކަތްތައް ކުރިއަށް އެބަދޭ.

އިޤްތިޞާދީ މަސައްކަތްތަކެއް ކުރިއަރުވަން ބޭނުންވާއިރުގައި، ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، ކޮންމެހެން ކުރަންޖެހޭ އަދި ލިބެންޖެހޭ ޚިދުމަތްތަކެއް އެބަހުރޭ. އެއީ، ގެސްޓްހައުސްގެ ޚިދުމަތް ކަމަށްވިޔަސް އަދި ޢާންމު ޙާލަތެއްގައި މީހުން ދިރިއުޅެން ކަމަށްވިޔަސް، ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރޭ. ފެނާއި ނަރުދަމާ އެއީ ކޮންމެހެން ބޭނުންކަމެއް. މި ރަށުގައި އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށްޓަކައި ކުރަމުންދާ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށް އެބަދޭ. އަޅުގަނޑު ދެންނެވި ފަދައިން، މިފަރާތުން، ވާތްފަރާތުން މި ފެންނަނީ ބަނދަރު. މިފަރާތުން މި ފެންނަނީ ކޯޓުގެ އާ ޢިމާރާތް އެޅެމުންދާތަން. ތަންކޮޅެއް ދުރަށްޖެހިލާއިރުގައި، ފެނަކައިގެ އިންޖީނުގެ ނިމިފައި މިހިރީ.

އެހެންވީމާ، ރައްޔިތުން ތިޔަ ބޭނުންވާ ޚިދުމަތްތައް، ވަސީލަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ޕްލޭނާ އެކީގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދާނީ ކުރިއަށް. އަޅުގަނޑުމެން ބޭނުންވަނީ ތިޔަބޭފުޅުންގެ އެހީތެރިކަމާއި، ތިޔަބޭފުޅުންގެ އެއްބާރުލުން. އަޅުގަނޑު އުންމީދު ކުރަން، މި ރަށުގެ ރައްޔިތުން އެ ވިސްނުމުގައި، ރަށަށް ބޭނުންވާ ތަރައްޤީ ހޯދައިދިނުމަށްޓަކައި، ހަމަ އެކުއެކީގައި ހުރިހާ އެންމެން އެއްކޮށް އަޅުގަނޑުމެންނާ އެކީގައި ކުރިއަށްދާނެ ކަމަށް.

މީގެކުރިން ސަރުކާރުތަކެއް އައިސް ގޮސްފައިވާނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިދިޔަ ސަރުކާރުގެ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މި ރަށަށް ތަރައްޤީގެ މަޝްރޫޢުތަކަކަށް، ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފި. އެހެން ނަމަވެސް، މިއަދު ހަތަރު އަހަރު މި ސަރުކާރަށް ވެގެންދާއިރުގައި، މި ރަށަށް އެކަނި ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ޚަރަދުކޮށްފިން.

މެދު ރާއްޖެތެރޭގެ ރަށްތަކަކީ ޚާއްޞަކޮށް، ކުރިން އަޅައިނުލާ ދޫކޮށްލެވިފައި އޮތް ރަށްތަކެއް. އިއްޔެ ދިއްގަރުގައި ބޭއްވި ބައްދަލުވުމުގައިވެސް، ކޮންމެވެސް ބޭފުޅަކު ވިދާޅުވިފަދައިން، ސަރުކާރުތަކުން މަޝްރޫޢުތައް ފަށަނީ އެންމެ އުތުރުން، ނޫނީވިއްޔާ އެންމެ ދެކުނުން. ވަކި ހިސާބަކަށް އައިސް، ހުރިހާ މަޝްރޫޢެއް ހުއްޓިފައި، މެދުރާއްޖެތެރެ އޮންނަނީ ބާކީވެފައި. މެދުރާއްޖެތެރޭގެ ރަށްތަކަށް އަޅުގަނޑު މި ކުރާ ދަތުރުތަކުގައި އެކަން ފާހަގަވޭ. އެއީ މި ދެންނެވިހެން ބަނދަރު ކަމަށްވިޔަސް، ޞިއްޙީ ޚިދުމަތް ކަމަށްވިޔަސް، ސްކޫލް ކަމަށްވިޔަސް، އަދި އެހެން ޚިދުމަތްތައް ކަމަށްވިޔަސް އެކަން އޮތީ އެހެން. އެހެން ނަމަވެސް، މި ސަރުކާރުން ވަކި ދާއިރާއެއް، ވަކި އަތޮޅެއް، ވަކި ރަށެއް ބާކީއެއްނުކުރާނެ. ވަކި ވިސްނުމެއްވެސް ބާކީއެއްނުކުރާނެ.

އާދެ، ވޭވަށަށް ބޭނުންވާ އަދިވެސް ގިނަ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެން މިއަށްފަހުގައި ކައުންސިލާ އެކީގައި ބައްދަލުވުމެއް ބާއްވާނަން. ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް، އެބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނާ ހިސާބަށް ހުށަހަޅައިދޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އެއާއެކީގައި، ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި، ވޭވަށަށް ބޭނުންވާ އެހެން ކަންތައްތައް ފުއްދައިދިނުމުގައި، އަޅުގަނޑުމެން ކުރިއަށްދާނެ ވާހަކަ ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.

އަޅުގަނޑު އެދެނީ ވޭވަވަށާއި މި އަތޮޅަށް މިއަށްވުރެ ފަހި ފާގަތި މުސްތަޤްބަލެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.