بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

ދިއްގަރުގެ ލޮބުވެތި ރައްޔިތުން، ދިއްގަރު ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން، ދިއްގަރު ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އިކްރާމް ޙަސަން، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ، ފެނަކައިގެ އެމް.ޑީ؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ ޙަޤީޤަތުގައިވެސް އަޅުގަނޑު މިތާ ހުއްޓި މިހުރީ ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމަކާއެކު. ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވަޢުދުތަކުގެ ތެރެއިން ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް ކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުމާއެކު. އަޅުގަނޑު ހިތުން ދިއްގަރުގެ ލޮބުވެތި ރައްޔިތުންވެސް މިކަން ކޮންމެވެސްވަރަކަށް ގަބޫލުކުރައްވާ. މިހެން މި ދެންނެވީ، އަޅުގަނޑުމެން މިއަދު ހަވީރު މި ރަށަށް އައުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއާއި، އަޅުގަނޑުމެންނަށް އަދާކުރައްވަމުން ތިޔަ ގެންދަވާ މެހްމާންދާރީން އެކަން އަޅުގަނޑަށް ކޮންމެވެސްވަރަކަށް އިޙްސާސްވާތީ.

ކައުންސިލްގެ ރައީސް އަޙްމަދު ނިޝާން، މި ރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި، މި ރަށުގައި ކުރިމަތިވެފައި ހުރި ދަތިތަކުގެ ވާހަކަ، ތާރީޚުގެ ތެރެއިން އެ ވިދާޅުވެދެއްވީ. ރާއްޖޭގެ ރަށްތައް އުފެދިފައި ހުރިގޮތުން، ބައެއް ރަށްރަށަކީ ވަރަށް ބިންތިރި ރަށްރަށް. އެގޮތުން، މެދުރާއްޖެތެރޭގެ ދިއްގަރާއި، މިހިސާބުގެ އެހެން ރަށްރަށަކީ ބިންތިރިކަމުން އުދައަރައި، އޭގެ ގެއްލުންތައް ރައްޔިތުންނަށް ފޯރަމުންދާ ރަށްތަކެއް. ދިއްގަރަކީ އެގޮތަށް އުދައެރުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް މެދުނުކެނޑި އެތައް އަހަރެއް ވާންދެން ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައި އޮތް ރަށެއް. ޚާއްޞަކޮށް، އިރުވައި މޫސުމުގެ ހަޅައިގެ ތެރޭގައި، އިރުމަތިފަރާތުން އެ އަރާ އުދަ، ރަށުގެ މެދުތެރެއާ ހިސާބަށް ގޮސް، ގޭގޭގައި ގެންގުޅޭ ސާމާނާއި، މުދަލަށް އެ ލިބެމުންދިޔަ ގެއްލުންތަކަކީ، ކޮންމެ އަހަރަކު މި ރަށުގެ ރައްޔިތުން ތަޙައްމަލް ކުރަމުން އައި ތަކުލީފެއް.

ދިރިއުޅުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އައި ރައްޔިތެއް ދިރިއުޅެމުން އައި ރަށެއް. މަސައްކަތްތައް ހުއްޓާލައި، މަހަށްނުގޮސް އެތައް ދުވަހަކު ރަށުގައި ތިބެ ބާޑިޖަހައި، އެކަމުން ޙައްލު ހޯދުމަށްޓަކައި ކޮންމެ އަހަރަކު އެ މަސައްކަތް ތަކުރާރުކޮށް ކުރަމުން އައި ރަށެއް. ޙައްލެއް އެއަކަށް ނުލިބޭ. ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އޮންނަނީ އުދައަރައި ގޭގެޔަށް ލޮނުވަދެ، ގެންގުޅޭ ސާމާނާއި މުދަލަށް އިންތިހާއަށް ގެއްލުންވެފައި.

އަޅުގަނޑަށް ހަމަ ޔަޤީން، މި ވާހަކަތައް މި ރަށުގެ ރައްޔިތުންނާއި މި ރަށުގެ ވެރިން، ކުރީގެ ސަރުކާރުތަކުގައިވެސް ދަންނަވާފައިވާނެ. އެންމެފަހަރަކުއެއް ނޫން. ކިތަންމެ ފަހަރަކު މި ވާހަކަތައް ތަކުރާރުކޮށް ސަރުކާރާ ޙިއްޞާކޮށްފައިވާނެ. އަޅުގަނޑަށް ހަމަ ޔަޤީން، އެ ރައްޔިތުން އެ ހުށަހަޅާ ހުށަހެޅުންތަކަށް ޢަމަލީ ސިފަ ގެނެސްދޭނެ ކަމުގެ ވަޢުދުވެސް ވާނެ ކިތަންމެފަހަރަކު ވެފައި. ކިތަންމެފަހަރަކު ޕްލޭންވެސް ދައްކާފައިވާނެ. ބަޖެޓްވެސް ކޮށްފައިވާނެ. އެހެން ނަމަވެސް، އަނެއްކާވެސް އެ ޕްލޭނާ އެކީގައި ދެން އަންނަނީ އަނެއްކާވެސް އިންތިޚާބަކާއެކު. އާދެ، އެއަށްވުރެ ބޮޑު ޕްލޭނެއް ތިޔަބޭފުޅުންނާ ޙިއްޞާ ކުރައްވާފައި. ޖަޕާން ކީއްކުރަންތޯ، އެހެން ކޮންމެވެސް ރަށެއްގެ މިސާލުވެސް ޖައްސަވާނެ. އެހެންނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ މިވަނީ ތިޔަބޭފުޅުންގެ އެ ދުވަސްވީ ތަކުލީފަށް ޙައްލެއް އިރާދަކުރެއްވިއްޔާ ގެނެސްދެވިފައި.

އާދެ، މި މަސައްކަތް މިގޮތަށް ކޮށް ނިންމައިމިލެވުނީ، މީގައި އެތައް ބައެއްގެ ބުރަ މަސައްކަތް ހިމެނިގެން. އަޅުގަނޑު މީގައި އެންމެބޮޑު ކްރެޑިޓެއް ދޭނީ މި ރަށުގެ ރައްޔިތުންނަށް. މިކަމަށް ބޭނުންވެފައި ތިބި މިންވަރު، ސަރުކާރުގައި ޙިއްޞާކޮށް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އިންތިޚާބުކޮށް، ކައުންސިލެއް އިންތިޚާބުކޮށް، ސަރުކާރާ އެކީގައި މިކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނީ ތިޔަބޭފުޅުން.

ސަރުކާރުން ކުރާ ކަންތައްތައް، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި، ސަރުކާރަކާ އެކީގައި، އެއް ވިސްނުމެއްގައި ތިބޭ ބަޔަކު ތިބީމާ ވަރަށް ބޮޑަށް ފަސޭހަވޭ. އަޅުގަނޑު މި ދަންނަވަނީ، ޚިޔާލުތަފާތުވުން ނުހުންނާށެކޭ ނޫން. އެހެން ނަމަވެސް، އުނދަގޫކޮށް، ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވަން މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބަހުރި. އެހެން ނަމަވެސް، އެ ކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް، ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން. އުދައެރުމުން، އެކަމަށް ޙިމާޔަތެއް ހޯދުމަށްޓަކައި މި ކުރެވުނު މަސައްކަތުގައި، ގާތްގަނޑަކަށް 700 މީޓަރުގެ ދިގު ސަރަޙައްދަކަށް ވެލިއަޅައި، މިހާރު މިވަނީ ހިލަތޮށި ލެވިފައި. އަޅުގަނޑުމެން ބަލަންވީ ދެން ކުރިއަށް މިއޮތް ދެތިން އަހަރު އިރުވައި މޫސުމުގައި، ކިހާވަރެއްގެ ޙިމާޔަތެއް މިއިން ލިބޭތޯ. އަދި ބަލަންވާނެ. ބަލާފައި، މިއިން ރަނގަޅު ކުރަންޖެހޭ ކަމެއް އޮވެއްޖިއްޔާ، ހަމަގައިމުވެސް އަޅުގަނޑުމެން އެކަން ކޮށްދޭނަން.

މިރަށުގެ ރައްޔިތުންނަށް ދެވަނައަށް ދިމާވެފައި އޮތް އެންމެބޮޑު ކަމަކީ، ބިން ފުރިފައި އޮތް އޮތުން. އަޅުގަނޑަށް ހަމަ ޔަޤީން، މި ވާހަކަވެސް ކުރީގެ އެތައް ސަރުކާރެއްގައި ތިޔަބޭފުޅުން ދައްކަވާފައި އޮންނާނެ. އަދި ހަމަ އެ ސަރުކާރުތަކުން މިއަށް ޙައްލު ގެނެސްދޭނެ ޕްލޭންތަކާއި، ކުރެހުންތަކާއި، ބަޖެޓާ އެއްޗެތި ދައްކާފައި އޮންނާނެ. އަދި އޭގެއިތުރުން، މޫދަށްއެރި، ކަތީބުން ރޯނުދަމާ، ގޯތިވެސް ދީފައި ހުންނާނީ. އަޅުގަނޑުމެންނެއް އެކަމެއް އެގޮތަކަށެއް ނުކުރާނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދަމުން މިގެންދަނީ. އަދި އަޅުގަނޑުމެން ވީ ވަޢުދުތައް ވީވެސް އެކަމަށް ކުރިއާލައި ރާވައި ބަޖެޓްކޮށް، ތައްޔާރީތައް ވެގެން. ހަމަ އައިސް މިތަނަށް ފައިބާ، ކަމެއް ކޮށްދޭނަމޭ ބުނިއްޔަކީ ނޫން. އެހެންވެގެން އެ ކަންތައްތައް އެ ކުރެވެނީ.

މި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން އަޅުގަނޑުމެން ވަޢުދުވީ 25 ހެކްޓަރ ބިން ހިއްކުމަށް. މިހާރު އެވަނީ އޭގެތެރެއިން 17 ހެކްޓަރުގެ ބިން ހިކިފައި. ކުރިއަށް އޮތް ގާތްގަނޑަކަށް މަސްދުވަހުގެ ތެރޭގައި އަނެއްކާވެސް އެމް.ޓީ.ސީ.ސީ. އިން އެ ތައްޔާރުވަނީ މި ރަށުގެ ނުނިމި އޮތް ބިން ހިއްކުމުގެ މަޝްރޫޢު ނިންމައި، އަޅުގަނޑުމެން ވީ ވަޢުދުތައް ފުރިހަމަކޮށްދޭން. މި ރަށަށް 25 ހެކްޓަރު ބިން އިތުރުވެގެންދާއިރުގައި، ބޮޑުވެގެން އެ ދަނީ ޖުމްލަ 39 ހެކްޓަރު. ރަށުގެ ދެގުނައަށްވުރެވެސް ބޮޑުކޮށް އިރާދަކުރެއްވިއްޔާ މި ރަށް ހިކިގެން އެ ދަނީ.

އަޅުގަނޑު ކައުންސިލްގެ މެންބަރުންނަށް އަދި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މި ބިން ހެޔޮގޮތުގައި ބޭނުންކުރުމުގެ ޕްލޭނެއް މިހާރުވެސް ކުރައްސަވާށޭ. އިޤްތިޞާދީ މަސައްކަތްތަކަށް ފަހިވާގޮތަށް، ރައްޔިތުންނަށް ވަޒީފާ ލިބޭގޮތަށް، ރަށުގައި ތިބެގެން މަސައްކަތް ކުރެވޭގޮތަށް ޕްލޭންތައް ކުރައްވައި، މިހާރުއްސުރެ ފަށައިގެން އެކަމާ ދޭތެރޭގައި ސަރުކާރާ އެކީގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް އަވަސްވެގަންނާށޭ.

މިއީ ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 121 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅުގަނޑުމެން ހިންގާ މަޝްރޫޢެއް. މިކަން މިކުރަނީ އަޅުގަނޑުމެން، ހަމަ މި ރަށުގެ ރައްޔިތުންނަށް، ކުރިއަށް އޮތް މުސްތަޤްބަލުގައި ރަށުގައި ތިބެގެން މަސައްކަތްކޮށްގެން އާމްދަނީ ހޯދައި ރަނގަޅު ދިރިއުޅުމެއް ޢާއިލާއާ އެކުގައި އުޅެވޭނެގޮތް ހޯދައިދިނުމަށް. މީގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވަން ތިއްބެވި ބަޔަކީ ކައުންސިލަރުން.

އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މިގެނައި ބަދަލާ އެކީގައި ކައުންސިލަށް މިވަނީ ބޮޑެތި ބާރުތަކެއް ދޫކޮށްލާފައި. އަޅުގަނޑުމެން މިކުރާ މަސައްކަތް އޭގެ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، ކައުންސިލްތައް މިހާރަށްވުރެވެސް އަދި އެކްޓިވްވެ ހަރަކާތްތެރިވެގެން.

1400 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ އާބާދީގައި އޮތްއިރުގައި، ރަށުގައި އެބަ ދިރިއުޅޭ 1100 އަށްވުރެ ގިނަ މީހުން. މިއީ ޢާންމުކޮށް ރާއްޖޭގެ ރަށްތަކަށް ބަލާއިރުގައި ބޮޑު ޢަދަދެއް. ރަށަށް ބޭނުންވާ އެހެން ޚިދުމަތްތައް ހުންނާނެ. އަޅުގަނޑުމެން މީގެ ކުޑައިރުކޮޅެއް ކުރިން ކައުންސިލާއި ޑަބްލިޔޫ.ޑީ.ސީ.އާ އެކީގައި ބޭއްވުނު ބައްދަލުވުމުގައި، ކުރަންހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައި އެބަހުރި. މި ރަށުގައި އެޅިފައި އޮތް ފެނުގެ ނިޒާމު، މިހާރު ފެން އުފައްދާ މިންވަރު މަދުވުމުގެ ސަބަބުން އިތުރަށް ފެން އުފެއްދޭނެގޮތެއް ހެދުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވި. ފެނަކައިން މިހާރު ތައްޔާރުވަމުން އެދަނީ މިހާރު ހުރި 37 މެޓްރިކް ޓަން އުފެއްދޭ ސިސްޓަމް 50 މެޓްރިކް ޓަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރެއްވުމަށް. އިރާދަކުރެއްވިއްޔާ މި އަހަރު އެކަން އެބޭފުޅުން ކުރައްވާނެ.

ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކަވެސް އަޅުގަނޑުމެންނާ ޙިއްޞާ ކުރެއްވި. މިހާރުވެސް އަޅުގަނޑުމެން ވާނެ، މި ރަށުގެ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢެއް ބަޖެޓުގައި ހިމަނާފައި. ސްކޫލުން ބޭނުންވަނީ މަލްޓި-ޕަރޕަސް ހޯލެއް ސްކޫލްގައި އަޅައިދިނުމަށް ކަމަށްވާތީ، ކައުންސިލްގެ ފަރާތުން އެކަމަށް އެދުނީ. އިރާދަކުރެއްވިއްޔާ، ސްކޫލް އަޕްގްރޭޑް ކުރަމުންދާއިރު، މަލްޓި-ޕަރޕަސް ހޯލެއް މި ރަށުގެ ސްކޫލަށް އަޅުގަނޑުމެން އިތުރުކޮށްދޭނަން.

ކައުންސިލްގެ އިދާރާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ ދެއްކެވި. އަދި ބަޖެޓުގެ ދަތިކަމުގެ ވާހަކަވެސް އަޅުގަނޑުމެންނާ ޙިއްޞާކޮށްފައި އެބައޮތް. ކުރިއަށް މިއޮތް ކައުންސިލްތަކުގެ ބައްދަލުވުންތަކުގައި "ވިއަވަތި ރާއްޖެ"، ލ. އަތޮޅު ގަމުގައި އަޅުގަނޑުމެން ފަށާނަން، ސެޕްޓެންބަރު 10 ވަނަ ދުވަހު. އެ ބައްދަލުވުމުގައި މިކަމާ ބެހޭގޮތުން ރަނގަޅަށް މަޝްވަރާ ކުރެވި، މިހާރަށްވުރެ ރަނގަޅު ބަޖެޓެއް ކައުންސިލަށް ފޯރުކޮށްދިނުމަށް މަޝްވަރާކޮށް، އެއަށް ގޮތެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދައިދޭނަން.

މި ރަށުގެ ބަނދަރަކީ 1998 ވަނަ އަހަރު ހަދާފައި އޮތް ބަނދަރެއް. މި ރަށަށް އޭރު އެތަނުން ލިބުނު ފަސްކޮޅުން ކުޑަ ބިންކޮޅެއް ހިއްކިގެންދިޔައީ. އެއަށްފަހުގައި ރަށުގެ ބަނދަރަށް މިވަނީ ޖާގައިގެ ދަތިކަން ބޮޑުވެ އިތުރުކުރަންޖެހިފައި. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ފަހު ކުއާރޓަރ، ނޫނީވިއްޔާ މި އަންނަ އަހަރުގެ ކުރީކޮޅުގައި މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގަންނާނަން.

އާދެ، އަޅުގަނޑުމެން ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށްދާން ތައްޔާރަށް. އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އެބަހުރި. އަޅުގަނޑުމެންގެ ވިސްނުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކޮށް، އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދީ، އެ ރަށެއްގެ އިޤްތިޞާދު ކުރިއަރުވައި ފުދުންތެރި ކުރުން. ކުރިއަށް މިއޮތް ތަނުގައި ތިޔަބޭފުޅުން ކަންތައްތައް ނިންމަވާއިރުގައި، ވަރަށް ފުންކޮށް ވިސްނަވަންވާނެ. ޖެހިގެން އޮންނަ އަހަރަކީ އަނެއްކާވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް. ތަފާތު ވިސްނުމާއި ފިކުރު ތިޔަބޭފުޅުންގެ ކުރިމައްޗަށް އަންނާނެ. ޕްލޭންތައް ހުންނާނެ. ކުރެހުންތައް ގެންނަވާނެ. އެހެން ނަމަވެސް، ވިސްނަވަންވީ އެއާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ކަންތައްތައް ކުރަނީ ކޮންބައެއްތޯ. ތިޔަބޭފުޅުން ކަންތައްތައް ނިންމަވާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ އަނެއްކާވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމާއިގެން ކުރިއަށްދާން.

އާދެ، މި މަސައްކަތް މިހާ ފުރިހަމައަށް ކޮށް މި ނިންމައިލެވުނީ، އަޅުގަނޑުމެންގެ ކުންފުނި، އެމް.ޓީ.ސީ.ސީ.ގެ ބުރަ މަސައްކަތުން. އެމް.ޓީ.ސީ.ސީ.އަކީ ހަވާލުކުރެވޭ މަސައްކަތްތައް ވަރަށް ފުރިހަމައަށް، އެ އޮންނަ ވަގުތަށް ނިންމަމުންދާ ކުންފުންޏެއް. އެ ކަމަށްޓަކައި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.އަށާއި، އެމް.ޓީ.ސީ.ސީ.ގެ ހުރިހާ މުވައްޒަފުންނަށް މިރޭ ސަރުކާރުގެ ފަރާތުން އަދި މި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން އަޅުގަނޑުމެން ރާވާފައި ހުރި މަސައްކަތްތައް ފުރިހަމަ ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން. އަޅުގަނޑުގެ ދުޢާއަކީ، ދިއްގަރަށް މިއަށްވުރެ ފަހި ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.