ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް މާފަންނު ވެސްޓްސައިޑް އަލްފާޟިލް އަޙްމަދު ސަރީރު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލްފާޟިލް އަޙްމަދު ސަރީރު، ސަފީރު ކަމުގެ މަގާމަށް ރައީސް މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

އަލްފާޟިލް އަޙްމަދު ސަރީރަށް ފަތްކޮޅު ދެއްވުމަށްފަހު، ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރެއްވައި ޚާއްޞަކޮށް ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ސަފީރުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.