ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހައްދުންމަތީ ދަނބިދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ދަނބިދޫ ކައުންސިލުން ވަނީ، ކުރީގެ ސަރުކާރުތަކުން ދަނބިދޫގައި މާގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގާފައި ނުވާތީ ރައްޔިތުން މާޔޫސްވެފައި ތިބެނިކޮށް މި ސަރުކާރުން ވެފައިވާ ގިނަ ވަޢުދުތަކާއި ބަޖެޓުގައި ހިމެނޭ ކަންތައްތައް ކުރަންފެށުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން މިސަރުކާރު ބަލައިގެންފައިވާކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި، ދަނބިދޫގެ ރައްޔިތުންގެ ނަމުގައި، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވަނީ ދަނބިދޫގެ ރައްޔިތުންނަށް މިހާރު ކުރިމަތިވަމުންދާ ދަތިތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ނަރުދަމާގެ ނިޒާމުގައި ހުރި މައްސަލަތަކާއި، ޞިއްޙީ މަރުކަޒުގައި މުވައްޒަފުން މަދުވުމާއި ލެބޯޓަރީއެއް ނުތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލްގެ ލައިބްރަރީއެއް އިމާރާތްކުރުމަށް ބޭނުންވާކަމަށާއި، ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދަނބިދޫގައި ކުނިކޮށްޓެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުންވަނީ ތަފްޞީލުކޮށް އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ދާއިރާގައި ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވެވިއެވެ. އަދި ރަށުގައި ހުރި މިސްކިތުގައި ޖާގައިގެ ދަތިކަން އޮތް ކަމަށާ، ރަށުގެ ނެރުބައްތި ނެތުމާ، ނެރު ތިލަވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވެވިއެވެ. މީގެ އިތުރުން އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވުމަށްވެސް މި ބައްދަކުރެއްވުމުގައި ކައުންސިލުން ވަނީ އެމަނިކުފާނުގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން އެންމެ އިސްކަންދީގެން ޙައްލުކުރަން ބޭނުންވާކަންކަމުގެ މަަޢުލޫމާތު ހޯއްދަވައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ދަނބިދޫގައި ހިންގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.