ޞިއްޙީ ޚިދުމަތުގެ ނިޒާމް އިސްލާޙު ކުރުމުގައި އެއްމެ އިސްކަންދޭންޖެހޭ އެއްކަމަކީ، ޞިއްޙަތާބެހޭގޮތުން ކުރިން ގަބޫލުކުރަމުންއައި ގޮތްތައް މިޒަމާނުގެ ސައެންސްގެ އަލީގައި ސާބިތުކުރެވިފައިވާ ގޮތްތަކަށް ބަދަލުކުރުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، "ނޭޝަނަލް ވާރކްޝޮޕް އޮން އެޑްރެސިން ސޯޝަލް ޑިޓަރމިނަންޓްސް އޮފް ހެލްތް" ގެ ނަމުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން އިންތިޒާމް ކުރެއްވި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ވަކިވަކި ފަރުދުންނާއި، އެމީހުންގެ އާއިލާތަކާއި، މުޅި މުޖްތަމަޢުގެ ޞިއްޙަތުވަނީ ގުޅިފައި ކަމަށާއި، ޞިއްޙަތަށް އަސަރ ުފޯރުވާ އިޖްތިމާޢީ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު، މުޖުތަމަޢުގައި ހިމެނޭ މި ހުރިހާ ބައިތަކާބެހޭގޮތުން ވަކި ވަކިން ވާހަކަ ދެއްކޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. ޞިއްޙަތާ ބެހޭގޮތުން މުޅި މުޖުތަމަޢުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން، މުޅި މުޖުތަމަޢުގައި ހިމެނޭ ވަކިވަކި ފަރުދުންގެ ޞިއްޙަތަށް އަސަރުކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގައި ޞިއްޙަތާބެހޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޅި މުޖުތަމަޢުން ޞިއްޙަތާމެދު ދެކޭގޮތް ބަދަލުކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި މުޖުތަމަޢުގައި ތިބި ދުވަސްވީ ހަރު މީހުންނާއި، ޒަމާންވީ ގޮތްގޮތަށް ފަރުވާދޭ ބޭސްވެރިންނަށް ޒަމާނީ ގޮތުން ހޯދިފައިވާ ހޯދުންތަކާބެހޭ މަޢުލޫމާތު ދޭންޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން، ޞިއްޙަތާއި ޞިއްޙީ ފަރުވާއާ ބެހޭގޮތުން ހޯދިފައިވާ ޒަމާނީ ހޯދުންތައް، މުޖުތަމަޢުގެ އާދަކާދައިގެ ބައެއްގެ ގޮތުގައި ހިމެނިގެން ދިޔުމަކީ މުހިންމު ކަމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމުގެ ދާއިރާ ކާމިޔާބުކަމާއެކު ކުރިއެރުވުމުގައި ސަރުކާރުގެ އެހެން ހުރިހާ ދާއިރާތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގެ ގިނަ އިދާރާތައް ހިނގަމުން ދަނީ ވަކިވަކިން، އެހެން ދާއިރާތަކާ މާބޮޑު ގުޅުމެއްނެތި ކަމުގައި ވިދާޅުވެ، މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން ޞިއްޙީ ޚިދުމަތް ފޯރުވައިދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތަ ކުރުމުގެ ރޫޙު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، ޞިއްޙަތަށް އަސަރު ފޯރުވާ އިޖްތިމާޢީ ކަންތައްތަކާމެދު ތަފާތު ދާއިރާތަކުން އަމަލު ކުރަންވީގޮތްތައް ދެނެގަތުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން އިސްނަންގަވައިގެން މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް ބާއްވަވާ މަސައްކަތު ބައްދަލުވުމެކެވެ.