بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ މަތީ އަރުތަވެރިންގެ އިނާމު ޙާޞިލްކުރާ އެންމެހައި ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ޓީޗަރުން، އަދި ދަރިވަރުންގެ ލޮބުވެތި މައިންބަފައިންނާއި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ތިޔަ ދަރިވަރުން ޙާޞިލްކުރި ފޮނި ނަތީޖާގެ އަގު ވަޒަންކުރެވިގެންދާ މި އުފާވެރި ޙަފްލާގައި، އެންމެ ފުރަތަމަ ވެސް ދަންނަވަން އޮތީ، ތިޔަ ކުދިންނަށް އައްސަރިބަހާއި ސާބަހޭ. އަދި ތިޔަ ދަރިވަރުން ހޯދި ފުރިހަމަ ނަތީޖާގެ ފަހަތުގައި ތިއްބެވި، ސްކޫލްތަކުގެ ވެރިންނަށާއި މުދައްރިސުންނަށް ތަޢުރީފާއި ޝުކުރު އަދާކުރަން. އަދި ތިޔަ ދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިން ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި، އެ ބޭފުޅުންނަށް ވެސް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ތަޢުލީމުގެ ވާހަކަ މި ދައްކަނީ، އަދި ކިޔަވައިގެން ރަނގަޅު ނަތީޖާ ޙާޞިލްކުރާ ކުދިންގެ އަގު ވަޒަން މިކުރަނީ ވަރަށް މުހިންމު މަޤްޞަދެއް އޮތީމަ. އަދި ކިޔަވައިގެން މޮޅުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދެނީ ވަރަށް މުހިންމު އަމާޒެއްވެސް އަޅުގަނޑުމެންގެ އޮތީމަ.

އެއީ ތަޢުލީމީ ހުނަރުވެރި އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން. ތިޔަ ދަރިވަރުން ހޯދި ފޮނި ކާމިޔާބީ ރަމްޒުކޮށްދެނީ، އެ އަމާޒަށް ވާސިލުވުމަށް ތިޔަ ދަރިވަރުން ކަމަރު ބަނދެފައިވާ މިންވަރު. މިހެން ދަންނަވާއިރު ވެސް، މިދިޔަ ދެ އަހަރަކީ ވަރަށް ގިނަ ދަތި އުނދަގޫތަކެއް ހުރަސްކުރަން ޖެހުނު ދެ އަހަރުކަން އަޅުގަނޑުމެން ހަނދާން އެބަހުރި.

ކޯވިޑް-19ގެ ދަތިކަމުގެ ތެރޭގައި، ކިޔެވުން ކުރިއަށް ގެންދިޔައިރު، ތިޔަ ކުދިންވެސް ވަރަށް އާ ކަންތައްތައް ތަޖުރިބާކޮށްފައިވާނެ. ބައެއް ދުވަސްތަކުގައި ސްކޫލަށް ހާޒިރުވެ މާސްކް އަޅައިގެން ދުރުދުރުގައި ތިބެގެން، އަދި ބައެއް ދުވަސްތަކުގައި ގޭގައި ތިބެ އޮންލައިންކޮށް ކިޔެވުމަކީ މުޅިން އާ ތަޖުރިބާއެއް. އެ ދަތިކަމުގެ ތެރޭގައިވެސް، ތިޔަ ދަރިވަރުން މިހާ ފުރިހަމަ ނަތީޖާއެއް ޙާޞިލުކުރެވުނީ، ސްކޫލްތަކުން ދެމުންދިޔަ އިރުޝާދުތަކަށް ބޯލަނބައި، މައިންބަފައިންގެ ބަސްއަހައިގެން، ކެތްތެރިކަމާއެކު ތިޔަ ކުދިން ކުރި ހިތްވަރުގެ ސަބަބުން.

އަޅުގަނޑު ދެކޭގޮތުގައި، މިދިޔަ ދެ އަހަރު ތިޔަ ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، އަދި ދަތި އުނދަގޫ ޙާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު އާ ޢަޒުމެއްގައި ކަންތައްތަކާ ކުރިމަތިލުމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް. އަދި އެއީ ޢަޒުމެއް އޮތިއްޔާ، ކިތަންމެ ބޮޑެތި ހުރަސްތަކެއް ގިރާކޮށްފައިވެސް، ކާމިޔާބީގެ އައްސޭރި އަތުވާނެ ކަމުގެ ވަރަށް އަލިގަދަ ހެއްކެއް.

ރަނގަޅު ނަތީޖާއާއި ފޮނި ކާމިޔާބީ ޙާޞިލްކުރާއިރު، އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭ ވަރަށް މުހިންމު އެހެން ކަމެއްވެސް އެބައޮތް. އެއީ މޮޅު ކުއްޖަކަށް ވަނީ، ފޮތުގެ ތަޢުލީމުން ރަން ވަނަ ޙާޞިލު ކުރުމުން އެކަނި ނޫންކަން. މާތް ﷲ އަޅުގަނޑުމެން ކޮންމެ މީހަކަށް ދެއްވި 20 އިނގިލި ވެސް، އެއް އިނގިލި އަނެއް އިނގިއްޔާ ތަފާތު. އެހެންވިޔަސް، އެއިން ކޮންމެ އިނގިއްޔަކީ އޭގެ ޒާތުގައި މުހިންމު ގުނަވަނެއް.

ހަމަ އެ ތަފާތު އަޅުގަނޑުމެންގެ އިންސާނުންގެ މެދުގައިވެސް ހުންނާނެ. އެ ތަފާތާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ތަފާތު ޤާބިލުކަމެއް ހުންނާނެ. އަޅުގަނޑުމެން، ދައުލަތުގެ މުއައްސަސާތަކުންނާއި، މައިންބަފައިންނާއި ބެލެނިވެރިން ވެސް، މަސައްކަތް ކުރަންވީ، ކުދިންގެ ކިބައިގައި ހުރި އެފަދަ ހުނަރުވެރިކަމާއި ޤާބިލުކަން ދެނެގަނެ، އެ ހުނަރު އިތުރަށް ތަރައްޤީކޮށްދިނުމަށް.

ތިޔަ ކުދިންގެ ވިސްނުން މިއަދު އަމާޒު ކުރަންވީ، ޤައުމު ބިނާކުރުމަށް. ޤައުމު ބިނާކުރުމުގެ ފެށުމަކީ، ތިޔަ ކުދިންގެ އަމިއްލަ ނަފްސު ބިނާކުރުން. ޤައުމަށްޓަކައި ތިމާގެ ކިބައިގައި އުފައްދަންވީ ކޮންކަހަލަ ޝަޚްޞިއްޔަތެއްކަން ކަނޑައެޅުން. އެފަދަ ޝަޚްޞިއްޔަތެއްގައި ހުންނަންޖެހޭނެ ޢިލްމީ ޤާބިލްކަމާއި ފަންނީ ހުނަރުވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުން.

މަތީ ތަޢުލީމު ޙާޞިލްކުރާއިރު ވެސް، އެންމެ ފަސޭހައިން ޙާޞިލުކުރެވެން އޮތް ޑިގްރީއަކަށް ވިސްނުމުގެ ބަދަލުގައި، ވިސްނުން ހިންގަންވީ އެ ކުއްޖަކު އެންމެ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް. މިއަދު ތިޔައިން ކޮންމެ ކުއްޖަކަށް ވެސް އެނގޭނެ، ތިމަންނާ ކުރިއަށް ދާން އެންމެ ބޭނުންވަނީ ކޮން ދާއިރާއަކުން ކަން. ވަކި މީހަކު މަޖުބޫރު ކޮށްގެން ވަކި ކަމެއް ކުރަން އުޅުމަކީ، ތިމާގެ ކިބައިގައި ހުންނަ ހުނަރު، ބައެއް ފަހަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވިދާނެ ކަމެއް.

ދިރިއުޅުމަށް ރަނގަޅު ބިންގަލެއް އެޅޭނީ، އެ ކުއްޖަކު އެންމެ ޝައުޤުވެރިވާ ދާއިރާއަކުން ކުރިއަށް ދާން މަސައްކަތް ކޮށްގެން. ކޮންމެ ދާއިރާއަކީ ވެސް އޭގެ ޒާތުގައި ރަނގަޅު، އަދި ކުރިއަށް ދިއުމުގެ ފުރުޞަތު ހުރި ދާއިރާތައް.

ތަރައްޤީގެ އެތައް މަޝްރޫޢެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް އެބަ ހިނގާ. ޒަރޫރީ ޚިދުމަތްތައް ނެތް ކިތަންމެ ރަށެއްގައި އެ ޚިދުމަތްތައް އެބަ ޤާއިމުކުރެވޭ. އެއިން ކޮންމެ ޚިދުމަތަކީ ވަޒީފާގެ އެތައް ފުރުޞަތެއް. ބޭނުންވަނީ، އެ ވަޒީފާތައް އަދާކުރާނެ ހުނަރުވެރި އަދި ފަންނުވެރި ތަޢުލީމީ ދިވެހި ޒުވާނުން.

ތަޢުލީމީ ޒުވާން ޖީލެއް ފައްކާވެ، ޤައުމީ ޚިދުމަތަށް ނުކުންނައިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ ވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ތަރައްޤީ ލާމަރުކަޒުވެގެން ދާވަރަކަށް، ވަޒީފާއާއި ޒަރޫރީ ޚިދުމަތްތައް ހޯދުމަށްޓަކައި ހިޖްރަކުރަންޖެހޭ މިންވަރު ދާނީ ދަށްވަމުން. މިއަދު ތިޔަ ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި ޢާއިލާއާ އެކުގައި ތިބެގެން، ޤައުމަށް ޚިދުމަތް ކުރެވެން އޮތީ ކޮން ގޮތަކަށްތޯ.

ޒަމާން ބަދަލުވެ ވަސީލަތްތައް ތަފާތުވެއްޖެ. ކަންކުރަމުން އައި އާދަކާދަ ވެސް ބަދަލުވެއްޖެ. ސިޔާސަތުތައް ކަނޑައެޅުމާއި ތަރައްޤީގެ ރޭވުންތަކުގައި ރައްޔިތުންގެ ދައުރު ފުޅާވެ، އަންހެނުންގެ ބައިވެރިވުން އިތުރުވެއްޖެ. ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދުތަކާ އެއް މިސްރާބަކަށް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުވެސް މިވަނީ ދީލާލެވިފައި.

މިދެންނެވި ސިޔާސަތުތައް ތަންފީޒުކުރުމަށް ސްކޫލްތަކުގެ އިސް ވެރިންނާއި މުދައްރިސުންނާއި މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރާކަން އަޅުގަނޑު ޤަބޫލުކުރަން. ކުރީ އަހަރުތަކާ އަޅައިބަލާއިރު، ސާނަވީ އިމްތިޙާނުގެ މިއަހަރުގެ ނަތީޖާ ރަނގަޅުވެފައިވުމަކީ، އެކަމުގެ ހެއްކެއް.

މި މުހިންމު ކާމިޔާބީ ފާހަގަކުރާއިރު، ޢިލްމު ލިބިފައިވާ ޙިލްމުވެރި އަދި ޙިކްމަތްތެރި ޖީލެއް ބިނާކޮށްދިނުމަށް، އެންމެހައި މުދައްރިސުންނަށާއި ބެލެނިވެރިންނަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން. ހަމައެފަދައިން، މަތީ ތަޢުލީމް ޙާޞިލްކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ދަރިވަރުންނަށް ހިފޭނެ ގޮތަކަށް ހަމަޖައްސައިދިނުމަށް ވެސް އަޅުގަނޑު ގޮވާލަން.

ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 14930 ދަރިވަރަކަށް ފުރުޞަތު ދެވިއްޖެ. ސްޓޫޑެންޓް ލޯނުގެ ދަށުން މި ސަރުކާރުން މިހާތަނަށް 1986 ދަރިވަރަކަށް ފުރުޞަތު ދީފައިވާނެ. އަދި 20 ޤައުމެއްގެ ތަފާތު ޔުނިވަރސިޓީތަކުގައި ތަފާތު ސްކޮލަރޝިޕްތަކުގައި ކިޔެވުމުގެ ފުރުޞަތު 468 ދަރިވަރަކަށް ފަހިކޮށްދީފައިވާނެ.

މި ދަންނަވަނީ، މިފަދަ ކިތަންމެ ފުރުޞަތުތަކެއް ތިޔަ ދަރިވަރުންގެ ކުރިމަތީގައިވެސް ހުރި ވާހަކަ. ތިޔަ ދަރިވަރުންގެ މޫނުމަތިން ފާއްދަމުންދާ އުފާވެރިކަމުގެ ފަހަތުގައި، ފޮނި އުންމީދުތަކެއް ވާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ސަރުކާރުން ކޮށްދެވެން އޮތް ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބިކަން، މި ފުރުޞަތުގައި ތިޔަ ކުދިންނަށާއި ތިޔަ ކުދިންގެ ބެލެނިވެރިންނަށް އަޅުގަނޑު ޔަޤީންކޮށް އަރުވަން.

މިރޭގެ އަރުތަވެރިންނަށް އަޅުގަނޑު ގޮވާލާނީ، ތިޔަ ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށް ތައްޔާރުވާށޭ. ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައިގެން، ދުނިޔެއާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރާށޭ. އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ތިޔަ ޒުވާން ހަކަތައިގެ ބޭނުންކުރާށޭ.

މިފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދިނުމުގައި ސްކޫލްތަކުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތް. ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުއްލެވި ބުރަ އަޅުގަނޑަށް އިޙްސާސް ކުރެވޭ. އެ ދަތިކަމުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ވެސް މަތީ ވަނަތަކެއް ރާއްޖޭގެ ދަރިވަރުން ޙާޞިލްކުރީ، ޓީޗަރުންނާއި ބެލެނިވެރިންގެ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ސަބަބުން. އަޅުގަނޑު ދެކޭގޮތުގައި އެއީ ޤައުމަށްޓަކައި އެ ބޭފުޅުން ކޮށްދެއްވި ވަރަށް އަގުހުރި މަސައްކަތްތަކެއް. އެކަމަށްޓަކައި ސްކޫލްތަކުގެ ވެރީންނަށާއި މުދައްރިސުންނަށާއި މުވައްޒަފުން އަދި ކުދިންގެ ބެލެނިވެރިންނަށް، އަދިވެސް އެއްފަހަރު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި އެ ދަތި ދަނޑިވަޅުގައި އެޑިޔުކޭޝަން މިނިސްޓަރާއި، މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން އުފުލި ބުރަ އަޅުގަނޑަށް ވަރަށްގާތުން ފެނިގެންދިޔަ. އެކަމަށްޓަކައި މިނިސްޓްރީގެ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު މިރޭ ޝުކުރު އަދާކުރަން.

ތިޔަ ކުދިންނަށާއި ރާއްޖޭގެ އެންމެހައި ދަރިވަރުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ ކާމިޔާބާއި ކުރިއެރުން. ކިޔަވައިގެން މަތީ ވަނަތައް ހޯދުމަށްޓަކައި ތިޔަ ކުދިން ކުރި މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މަތީ ތަޢުލީމީ މަރުޙަލާގައި އެއަށްވުރެ މާ ފުރިހަމަ ނަތީޖާއެއް ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ތިޔަ ދަރިވަރުންނަށާއި ދަރިވަރުންގެ ޢާއިލާތަކަށް އުފާ ފާގަތިކަމާއި ކާމިޔާބާއި ކުރިއެރުމަށް އެދެން. އަދަށްވުރެ ފަހި މާދަމާއަކަށް މި ރާއްޖެ ގެންގޮސްދިނުމުގެ ހިތްވަރާއި ކެރުމާއި ޤާބިލުކަން ތިޔަ ދަރިވަރުންނަށް ދެއްވައި، ޤައުމުގެ ކުރިމަގު އުޖާލާ ކުރުމުގެ ހެޔޮ ނަޞީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.