ޔޫ.އެން.އެފް.ޕީ.އޭ.އިން ތައްޔާރުކޮށްފައިވާ 2009 ވަނަ އަހަރުގެ ދުނިޔޭގެ އާބަދީއާބެހޭ ރިޕޯޓް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ނެރުއްވައިދެއްވައިފިއެވެ. މި ރިޕޯޓްގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ، އަންހެނުންނާއި، އާބާދީއާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.

މި ރިޕޯޓު ނެރުއްވައިދެއްވުމަށް، މިއަދު ހެނދުނު ހޮލިޑޭއިން ހޮޓެލްގައި އޮތް ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަމުންދާ އާދަޔާ ޚިލާފް ބަދަލުތަކާ މިހާރުމިވަނީ ކުރިމަތިލާން ޖެހިފައި ކަމަށާއި، މިކަމުގައި ސިޔާސަތުތައް ކަނޑައަޅާއިރު ރައްޔިތުންނަށް ކުރާ އަސަރުތަކަށް ވަރަށް ބޮޑަށް އަލިއަޅުވާލަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް އާބާދީގެ އެންމެ ނިކަމެތި ރައްޔިތުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމުގައިވާތީ، އެމީހުންނަށް ވަކިން ޚާއްޞަކޮށް ބަލަންޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް ޚާއްޞަ ސަމާލުކަމެއްދޭންޖެހޭކަން ފާހަގަކުރައްވަމުން، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދުގައިވާ ފަރަޤު ބޮޑުވަމުންދާން ފަށާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި، އެއްވެސް މުޖްތަމަޢެއްގައި، އެމުޖްތަމަޢުގެ ދެބައިކުޅަ އެއްބައި ރައްޔިތުން ދިމާވެދާނެ ކާރިސާއަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައި ނުވާނަމަ، އެ މުޖްތަމައަކަށް ދެމެހެއްޓެނިވި ތަރައްޤީއާއި ތަމައްދުން ނުގެނެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކާރިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގައި އަންހެނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި، މުސްތަޤްބަލަށްޓަކައި ނިންމާ ކޮންމެ ނިންމުމެއްގައިވެސް ފިރިހެނުންނާ އެއްވަރަށް އަންހެނުންގެ ބައިވެރިވުންވެސް ހިމެނެންވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ބޭއްވެވި ސުވާލާއި ޖަވާބު ސެޝަނެއްގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެން، ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވިއެވެ.