ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއާއި ރަޝިޔާގެ ގުޅުން ބަދަހި ކުރެއްވުމަށް ރަޝިޔާގެ ސަފީރު ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާއިން ރާއްޖެއަށް ދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ރަޝިޔާ ސަފީރު ވަނީ ފާއިތުވި އަހަރުތަކުގައި ރާއްޖެއާ ރަޝިޔާއާ ގުޅުން ބަދަހިވެގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން، ދެބޭފުޅުން ވަނީ ވިސާގެ ލުއިފަސޭހަކަން ހޯދުމަށް ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ މައްޗަށް ވާހަކަފުޅުދައްކަވައި އެކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިވިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރަޝިޔާ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ، ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.