بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ޚާއްޞަކޮށް ރާއްޖޭގެ ނޭޝަނަލް ޓީޓީ ޓީމް؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއީ މާގިނަ ވާހަކަތަކެއް އަޅުގަނޑު ދައްކަން އޮތް ވަގުތެއް ނޫން. ވަރަށްދިގު ދަތުރަކަށްފަހު، އަޅުގަނޑުމެންގެ ޓީމު ރާއްޖެއަށް އައިސް އެތިބީ، ގާތްގަނޑަކަށް 7 ގަޑިއިރު، 8 ގަޑިއިރުގެ ޓްރެވަލްއަށްފަހު. އަރާމު ކުރަން ބޭނުންވާނެ. އެހެން ނަމަވެސް، އެންމެ ފުރަތަމަ ކަމަކަށް، އަޅުގަނޑު ޓީމަށް މަރުޙަބާ ކިޔަން.

މިއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ލިބުނު ވަރަށްބޮޑު ފަޚްރަކާއި ކާމިޔާބެއް. ޚާއްޞަކޮށް، މިއަދު އަޅުގަނޑު ފަޚްރުވެރިވާ، އުފާވާ އެއްކަމަކީ، ކުޅިވަރުގެ މައިދާނުގައި އަންހެނުން ހޯދަމުންގެންދާ ކާމިޔާބު. އެގޮތުން މިއަދު ރާއްޖޭގެ ޤައުމީ އަންހެން ޓޭބަލް ޓެނިސް ޓީމް ތިޔަ ހޯދި ކާމިޔާބަކީ ރަން އަކުރުން ފެވިގެންދާނެ ކާމިޔާބެއް.

އާދެ، ތިޔަ ކުދިން ތިޔަ ދައްކައިދިނީ އަޅުގަނޑުމެންނަށް ކުޅިވަރުގެ މައިދާނުގައި މިއަށްވުރެ މާބޮޑެތި ކާމިޔާބުތައް ހާސިލުކުރެވޭނެ ކަމުގެ އުންމީދާއި ޔަޤީންކަން. މިއަދު އަޅުގަނޑުމެންނަށް އައިސް މިތިބެވުނީ، މި ސަރަޙައްދު ކަޑައްތުކޮށް، އެއަށްވުރެ މާދުރުގައި. އަޅުގަނޑުމެންގެ ކާމިޔާބުތައް ކުރިން ފެންނަމުންދިޔައީ، މި ރީޖަންގެ ބައެއް ކުޅިވަރުތަކުގައި. އެހެން ނަމަވެސް، އެއަށްވުރެ ދުރަށް ގޮސް ބްރޯންޒް މެޑެލް ޓީޓީ ޓީމުން މިއަދު ހޯދައިގެން ތިޔަ އައީ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި، ގާތްގަނޑަކަށް 57 ޤައުމާ ވާދަކޮށްގެން. މިއީ އަޅުގަނޑު ކުރިންވެސް މި ދެންނެވި ފަދައިން، ރާއްޖޭގެ ކުޅިވަރަށް ލިބުނު އުފާވެރި، ފަޚްރުވެރިވުން ޙައްޤު ދުވަހެއް.

އާދެ، ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބުތަކެއް ހޯދާ ކަމަށްވަންޏާ، ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް ހުރޭ. އަޅުގަނޑުމެން ކޮށްދޭންޖެހޭ، ކުޅުންތެރިންނަށް ކޮށްދޭންޖެހޭ ބައިވަރު ކަންތައްތަކެއް ހުރޭ. އެގޮތުން، ރަނގަޅު ޓްރޭނިންގ ލިބޭނެ ފެސިލިޓީޒްތަކެއް އަޅުގަނޑުމެން އެބަ ހޯދައިދޭންޖެހޭ. ޓްރެއިން ކޮށްދޭނެ ރަނގަޅު ކޯޗުން އެބަ ހޯދައިދޭންޖެހޭ. ކުޅުންތެރިން މެންޓަލީ، ފިޒިކަލީ އެބަ ތައްޔާރުކޮށްދޭންޖެހޭ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެ ކުދިންނަށް ބައިވެރިވެ، އެއް ފެންވަރެއްގައި ވާދަކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އެބަ ހޯދައިދޭންޖެހޭ. އެއީ، ބައިނަލްއަޤްވާމީ ފެންވަރުގައި ކާމިޔާބެއް ހޯދަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތައް.

ދެންމެ މިނިސްޓަރ މަޚްލޫފް އެ ވިދާޅުވި ފަދައިން، އަޅުގަނޑުމެން މިގެންދަނީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރަކަށް، ޓޭބަލްޓެނިހާއި، ފުޓްބޯޅައާއި، ވޮލީއާއި، އަދި ބީޗްވޮލީ ކަމަށްވިޔަސް، އަދި ސީ ސްޕޯޓްސް ކަމަށްވިޔަސް، ބޮޑީ ބޯޑިންގ ސަރފިންގއާއި، އެހެންގޮސް އެހެންހުރި ހުރިހާ ކުޅިވަރަކަށްވެސް ވެދެވެންހުރި ހުރިހާ އެހީތެރިކަމެއް ވެދެމުން. އަދި އެ ކަންތައްތައް ކޮށްދެމުން ގެންދާއިރުގައި، ދެންމެ ޝިއުރީ އެ ވިދާޅުވި ފަދައިން، އެބަޖެހޭ މުޅި ރާއްޖެއަށް މިވެސް ފެތުރެން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި، ވަރަށް ހުނަރުވެރި ކުޅުންތެރިން. އެތުލީޓުންނަށް ބެއްޔަސް، ވޮލީއަށް ބެއްޔަސް، ޓޭބަލްޓެނިހަށް ބެއްޔަސް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. ބޭނުންވަނީ އެ ކުދިންގެ ހުނަރު ކުރިއެރުވުމަށް ފުރުޞަތުތައް ހޯދައިދޭން. އެތިބި ތަނެއްގައި ތިބެ، ޓްރޭނިންގއެއް ލިބިގެން މުބާރާތްތަކުގައި ބައިވެރިވެވޭނެގޮތް ހޯދައިދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިގެންދަނީ އެކަންތައްތައް ކޮށްދެމުން.

އަޅުގަނޑުމެން މިހޯދާ ކާމިޔާބުތަކުގެ ފަހަތުގައި، ދެންމެ ރަފާވެސް އެ ވިދާޅުވިފަދައިން، ބައިވަރު ބަޔަކު އެބަ އިންވޯލްވޭ. ޓްރެއިން ކުރާ ފަރާތްތައް. އަދި ޚާއްޞަކޮށް، ބެލެނިވެރިންނާއި މައިންބަފައިން އެވާ ޤުރްބާނީ އެއީ އެންމެ މުހިންމު އެއްބައި. މިއަދު މިހިސާބަށް ޓޭބަލްޓެނިސް ޓީމަށް އާދެވިފައި އެތިބީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެންމެ މުހިންމު ސަބަބަކީ، އެކުދިންގެ ބެލެނިވެރިންނާއި މައިންބަފައިން އެ ކުދިންނަށް އެ ފޯރުކޮށްދިން ފުރުޞަތު. އެކަމަށްޓަކައި އެންމެ ބޮޑަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން ބޭނުންވާ ބަޔަކީ، ކުޅުންތެރިންގެ މައިންބަފައިންނާއި ބެލެނިވެރިން. ވަގުތު ހޭދަކޮށް، ޓްރޭނިންގއަށް ބޭނުންވާ ސާމާނު ހޯދައިދީ، ހިތްވަރުދީ، މުބާރާތް ބާއްވާ ތަނަށް ގޮސް، އެކަމުގައި ޢަމަލީގޮތުން ބައިވެރިވެ، އެ ކޮށްދޭ ކަންތައްތަކަކީ، އަޅުގަނޑުމެންނަށް މިއަދު މި ލިބޭ ކާމިޔާބީގެ އެންމެބޮޑު އެއް ސަބަބު.

ބައިނަލްއަޤްވާމީ މުބާރާތެއްގައި ތިޔަ ކުދިން ބައިވެރިވެ، ތިޔަ ހޯދާ ކާމިޔާބުތަކުގައި، އަދި އިތުރު ފައިދާތަކެއް އެބަހުރި. ރާއްޖެ އިތުރަށް ބައިނަލްއަޤްވާމީ ދުނިޔޭގައި މަޝްހޫރުވުމާއި، ތަޢާރުފްވުމާއި، ރާއްޖެއާ ދޭތެރޭގައި މީހުން ދެކޭގޮތް ބަދަލުވެގެން އެބަދޭ. އަޅުގަނޑާ ބައްދަލުވި، މީގެ ކުޑަދުވަސްކޮޅެއް ކުރިން ކްރިކެޓް ކުޅުންތެރިއެއް، ބްރިއަން ލާރާ. ދުނިޔޭގައި އުފެދުނު އެންމެމޮޅު އެއް ކްރިކެޓް ކުޅުންތެރިޔާ. މިހާރު ދެން ރިޓަޔަރ ކޮށްފައި ހުރީ. ކްރިކެޓް ކުޅޭ މީހުންނަށްވެސް އައި ހޭންޑް ކޯޑިނޭޝަން މުހިންމު. އެއީ ޓީޓީއަކީ އެއީ ކުޅޭ އެއްޗެއް. އަޅުގަނޑު ހިތުން ކްރިކެޓް ކުޅޭ މީހުންނަށް އެނގޭނެ. އެންމެ ބޮޑަށް އެމީހުން ކުރާނެ އެއް ކަންތައް އެއީ. ބުނީ ރާއްޖޭގައި ހުރޭދޯއޭ، ވަރަށްމޮޅު ކުޅުންތެރިއެއް. ދީމާގެ ވާހަކަ. އަޅުގަނޑު ހިތުން އެއީ ރާއްޖޭގެ ކުޅުންތެރިންނާ ދޭތެރޭގައި މިހާރު ދުނިޔޭގައި ޝައުޤުވެރިކަމާއި ހޭލުންތެރިކަން އޮތް މިންވަރު. ރާއްޖެ އެނގޭ މިންވަރު ފެނިގެން އެދަނީ. އެއީ އަޅުގަނޑުމެން ބޭރުގައި މި ހޯދާ ކާމިޔާބުތަކާއި، ބައިވެރިވާ ބައިވެރިވުމުގެ ސަބަބުން ލިބޭ ކުރިއެރުމެއް ކަމަށް އަޅުގަނޑު މި ދެކެނީ.

އެހެންވީމާ، ތިޔަ ކުދިން ރާއްޖެއިން ބޭރަށް ގޮސް، ރާއްޖޭގެ ދިދަ ނޭޝަނަލް ޓީމުގައި އުފުލާ، އެކުރާ މަސައްކަތަކީ ހަމައެކަނި ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ލިބޭ ރީތި ނަމެއް ނޫން. އޭގެއިތުރަށް، މުޅި ދުނިޔެއަށް ރާއްޖެ އެބަ ހުޅުވިގެންދޭ. ރާއްޖެއާ ދޭތެރޭގައި ބައިނަލްއަޤްވާމީ މައިދާނުގައި ދެކޭގޮތް ބަދަލުވޭ. ރާއްޖެއާ ދޭތެރޭގައި، ރާއްޖެ ޕްރޮމޯޓްވެ، ރާއްޖެއަށް އަންނަން ބޭނުންވާ މީހުން އިތުރުވެގެން އެބަދޭ.

އެހެންވީމާ، މިހިރީ ކުޅިވަރާ ގުޅިގެން އިތުރަށް އަޅުގަނޑުމެންނަށް ލިބެމުންދާ ފައިދާތައް. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން، އަޅުގަނޑުމެންގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާރަށްވުރެ އިތުރު ގޮތްތައް ހޯދައިދޭނަން. އަދި ޚާއްޞަކޮށް، ކުރިއަށް މި އަރާ ކުޅިވަރުތަކަށް،  އިތުރު ފުރުޞަތުތައް ހޯދައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ، މިއަދު އަޅުގަނޑުމެންނާ އެކީގައި އެބަތިބި ފިރިހެން ޓީމުވެސް. އަޅުގަނޑު ހިތުން ފުރުޞަތު އެބައޮތް. އަޅުގަނޑުމެންގެ ޕްރެކްޓިސްތަކާއި، ޓްރޭނިންގ ކުރިއަށް ގެންދަންވީ. އަޅުގަނޑުމެން މިތިބީ ހަމަ އެހީތެރިކަން ފޯރުކޮށްދޭން. އަޅުގަނޑު ހިތުން ކުރިއަށް އޮތް ތަނުގައި، މިއަދު މި ލިބުނު ކާމިޔާބާ އެކީގައި، ފުރިހަމަ ކާމިޔާބެއް، ކުރިއަށް އޮތް މުބާރާތްތަކުގައި އަޅުގަނޑުމެންނަށް ލިބޭނެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ދިގު ދަތުރަކަށްފަހު، ހުރިހާ ކުދިން އައިސް ތިޔަތިބީ. އަރާމު ކުރުމަށްފަހުގައި، ކިޔެވުމާއި ކުޅިވަރާ އެކީގައި އަނެއްކާވެސް ފަށައިގަންނަންވީ. ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް އަދިވެސް އެއްފަހަރު މަރުޙަބާ ކިޔަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.