ބައިނަލް އަޤުވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޘަޤާފީ މަސަައްކަތްތެރިކަމާއި ގުޅޭ މައުރަޒު “ޘަޤާފީ މަސައްކަތް ދިރުވުން” ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ. މިމައުރަޒު ކުރިޔަށް ދަނީ ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގައެެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނި މައުރަޒު ބައްލަވާލައްވާފައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޘަޤާފީ މަސައްކަތްތެރި ކަމުގެ މައުރަޒުގައި ވަނީ، ދިވެހިންގެ ޘަޤާފީ މަސައްކަތްތަކާއި، ދިވެހިންގެ އުފެއްދުންތެރިކަމުގެ ބައެއް ތަކެތި ދައްކާލަން ބަހައްޓާފައެވެ. މިގޮތުން ކަނބުރުވެރިކަމާއި ވަޑާމުގެ މަސައްކަތާއި ކަސަބުވިޔުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް ކުރިޔަށްދާގޮތް ވެސް ދައްކާލާފައިވެއެވެ.

މިމައުރަޒުގެ މަޤުޞަދަކީ، ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށް، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން އަގުހުރި ހުނަރާއި ޢިލްމު ލިބިގަތުމުގެ ފުރުޞަތު، ޒުވާނުނަށް ހޯދައި ދިނުމެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ މިމައުރަޒު ހުޅުއްވައިދެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި އެހޮސްޕިޓަލްގެ ޚިދުމަތްތައް ހުރި ގޮތް ބައްލަވާލައްވައި ބަލި މީހުންނާއި ބައްދަލުކޮށްލެއްވިއެވެ. އަދި ހޮސްޕިޓަލްގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލައްވައި ހޮސްޕިޓަލްގެ އިސްވެރިންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވިއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އޮތީ ވަރަށް ރަނގަޅު ޓީމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގެ އެންމެ މުހިއްމު ހޮސްޕިޓަލަށް ވާއިރު، ރަށުން ބޭރުން ހޮސްޕިޓަލަށް ޚިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަަށް ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

މިބައްދަލު ކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ދާޢޫދު ވަނީ، ހޮސްޕިޓަލްގެ ކާމިޔާބީތަކާއި އަދި ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ.​