ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށްވެސް ވަރަށް މުހިއްމު ދައުރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީކައުންސިލާއި ރާއްޖޭގައި ހުންނަ އދ ގެ އޮފީސް ގުޅިގެން، ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޯވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އަދި އިޤުތިޞާދީ އިޖުތިމާއީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޒުވާނުންކަމަށާއި، އެހެންކަމުން ތަރައްޤީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މުހިންމު ދައުރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިވިލް ސާވިސްގައި އެގާރަހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަދާކުރަމުންދާކަމަށާ، އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޯވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުންވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާދަމާގެ މުސްތަޤުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދީ، ޒުވާނުންނަކީ ޤާބިލް ބަޔަކަށް ހެދުންކަމަށެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް އެމަނިކުފާނުވިދާޅުވިއެވެ. އަދި މިވަގުތު ދިވެހިޤައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއްވެސް އިފްތިތާހްކޮށްދެއްފައެވެ.
މިޖަލްސާގައި ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އާއި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި، ކުޅުދުއްފުށީގެ މުއައްސަސާތަކުގެވެރިން ބައިވެރިވެލެެއްވިއެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަން: ހުރިހާ އުމުރަކާއި ގުޅޭ މުސްތަޤުބަލެއް ބިނާކުރުން" މިޝިއާރެވެ.