ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، މެލޭޝިޔާގެ ޓޭލަރޒް ޔުނިވަރސިޓީ ކޮލެޖްގެ ރައީސް އަދި ވައިސް ޗާންސެލަރ ޕްރޮފެސަރ، ޑާޓޯ ޑޮކްޓަރ ޙަސަން ސަޢީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޓޭލަރޒް ކޮލެޖަކީ މިހާރުވެސް ރާއްޖޭގެ ވަރަށް ގިނަ ކުދިން ތަޢުލީމް ހާސިލް ކުރަމުންގެންދާ ކޮލެޖެއްކަން ފާހަގަކުރެއްވިއެވެ. އަދި ޓޭލަރޒް ކޮލެޖުން، ރާއްޖޭގެ ތަޢުލީމަށް އެކިގޮތްގޮތުން ވެދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ޓޭލަރޒް ކޮލެޖުން ރާއްޖޭގެ ކުދިންނަށް 30 ސްކޮލަރޝިޕް ދެއްވުމަށް މިހާރު ހަމަޖައްސަވާފައިވުމާއެކު، މިކަމަކީ ސަރުކާރުން ވަރަށް އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޓޭލަރޒް ކޮލެޖް ކުރިއެރުމަށް އެ ކޮލެޖުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު، އެ ކޮލެޖްގެ ރައީސް، ނައިބު ރައީސަށް އެރުއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ރާއްޖޭގެ ފަރާތްތަކާ ގުޅިގެން، އެކޮލެޖުން ކުރަމުން ގެންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތުވެސް ދެއްވިއެވެ.

ޓޭލަރޒް ކޮލެޖްގެ ރައީސްގެ މިދަތުރުފުޅަކީ، ރާއްޖޭގައި އިންވެސްޓްކުރުމާއި އިންސާނީ ވަސީލަތް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދަވައި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ބޭއްވެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.