މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ ޚިދްމަތުގެ އަގު ޚާއްޞަ ގޮތެއްގައި ސަރުކާރުން ވަޒަން ކުރައްވާ ގޮތަށް ނިންމަވާފައިވުމާއެކު، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވާ އެކިއެކި ކަންކަމުގައި، މިއަހަރު ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނާއި، އަދި މީގެފަހުން އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން، ބައިވެރިކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސަރުކާރުގެ އޮފީސްތަކަށް މިއަދު އަންގަވައިފިއެވެ. މިކަމާބެހޭގޮތުން އެ އޮފީހުން ނެރުއްވި ދެންނެވުން މިއަދު ނެރުއްވި ސަރުކާރުގެ ގެޒެޓުގައިވެސް ވަނީ ޝާއިޢު ކުރައްވާފައެވެ.

މިގޮތުން، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކާއި، ޖަލްސާތަކާއި، އެކިއެކި މުބާރާތްތަކުގެ ޝަރަފުވެރި މެހްމާނުންނަށް، ބޭފުޅުން ހަމަޖައްސަވާއިރު، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންވެސް ހަމަޖެއްސެވުމަށް ސަރުކާރުގެ އޮފީސްތަކަށް މިދެންނެވުމުގައި ވަނީ އަންގަވާފައެވެ. އަދި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން، އެބޭފުޅުންނަށް އިނާމު ލިބިވަޑައިގެންނެވި ދާއިރާއާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުންނާއި، ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން އިންތިޒާމު ކުރައްވާ އެކިކަންކަމުގައި ބައިވެރިކުރައްވައި، އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ މަޢްލޫމާތާއި ތަޖުރިބާ ޙިއްޞާ ކުރެއްވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް އަންގަވާފައިވެއެވެ.

މީގެއިތުރުން، ސަރުކާރުގެ އޮފީސްތަކުން އިންތިޒާމު ކުރައްވައިގެން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކަށާއި، ޖަލްސާތަކަށާއި، ބައްދަލުވުންތަކަށާއި، މުބާރާތްތަކަށް، އެ އޮފީހަކުން ކަނޑައަޅުއްވާ އުޞޫލަކުން އެބޭފުޅުންނަށް ދަޢުވަތު ދެއްވަމުން ގެންދެވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

މިއަހަރު އިނާމު ލިބުނު ފަރާތްތަކުގެ ތެރޭގައި ކޮލެޖަކާއި، ޖަމްޢިއްޔާއަކާއި، ކުންފުންޏެއް ހިމެނޭތީ، އެތަންތަނަށް ދަޢުވަތު ދެއްވާއިރު، އެތަނެއް ހިންގަވަން ހުންނަވާ އެންމެ އިސްބޭފުޅަކަށްވެސް މި އުޞޫލުން ދަޢުވަތު ދެއްވަމުން ގެންދެވުމަށްވެސްވަނީ އަންގަވާފައެވެ.