ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ޕީޓަރ ހޭޒްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ރަސްމީގެ، މުލީއާގޭގައި، މިއަދު މެންދުރުފަހު ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާއި އަދި މިނޫންވެސް އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

އިނގިރޭސި ސަފީރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިނގިރޭސިވިލާތުން ތާއީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް ރާއްޖޭގައި ބޭއްވުނު ކްލައިމެޓް ވަލްނަރަބަލް ފޯރަމަކީ ރާއްޖެއިން މިކުރާ މަސައްކަތުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރެއްވުމަށާއި އަދިވެސް އެހެން މުހިންމު ދާއިރާތަކުގައި އިނގިރޭސިވިލާތުގެ އެހީއާއި އެއްބާރުލުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ލިބެމުންދާ އެއްބާރުލުމަށް އިނގިރޭސި ސަފީރަށް ޝުކުރުއަދާކުރެއްވިއެވެ.