ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަތައް ބާއްވަވައިފިއެވެ. މި ބައްދަލުވުން ބާއްވަވާފައި ވަނީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާ އަދި ރާއްޖޭގެ ވެސް އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދުގައި އެތައް ޖީލުތަކަށް ދެމިގެންގޮސްފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ދެޤައުމުގެ މެދުގައި މީގެ ކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި ދެ ޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ދެ ޤައުމުން އިސްކަންދޭ ތަފާތު އެކި ދާއިރާތަކުން މުސްތަޤްބަލުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޖްތިމާޢީ އަދި ޢުމްރާނީ ގޮތުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢާއި، ހައްދުންމަތީ ގަމުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކެންސަރ ހޮސްޕިޓަލާއި، ހުޅުމާލޭގައި 4000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ވެދެއްވާ އެހީތެރިކަމާއި، އަދި މާލެ ސަރަޙައްދުގައި އިތުރު 2000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ޔަޤީންކަން ދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތަކަކީ ދެ ޤައުމަށްވެސް އެކަމުގެ މަންފާކުރާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލުމަށް ރާއްޖެއާއި އިންޑިއާ ގުޅިގެން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ކޮންމެ އަހަރަކު ރާއްޖެއަށް ދެމުން އަންނަ ފުރުޞަތުތަކާއި ދެމުން އަންނަ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 2070 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ކާބަން އެމިޝަންގެ އަމާޒަށް ވާޞިލުވުމަށް އިންޑިއާއިން އަމާޒު ހިފާފައިވާތީ އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ރާއްޖެއިން ވެސް 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އަށް ވާޞިލުވުމަށް އަމާޒުހިފާފައިވާކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއިން އިންޑިއާއާ ގާތުން މަސައްކަތްކޮށް ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރުކުރުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ މެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ހަމަ އެހެންމެ ރާއްޖޭގައި އިންޑިއާގެ ރުޕޭކާޑު ބޭނުންކުރެވޭގޮތަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި އެ މަސައްކަތަކީ ދެ ޤައުމުގެ ދެމެދު ދަތުރުފަތުރާއި ފަތުރުވެރިކަމާއި އިޤްތިޞާދީ ކަންކަން އިތުރުވުމަށް މަގުފަހިވާނެ އަދި އޭގެ ފައިދާ ދެ ޤައުމަށްވެސް ކުރާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބޮޑުވަޒީރު މޯދީ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލް ކުރުމުގައި މި ސަރުކާރުން އަދާކުރި ކާމިޔާބު ދައުރު ފާހަގަކުރައްވައި، އެއީ މުޅި މި ސަރަޙައްދަށްވެސް ނަމޫނާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިންޑިއާއިން ގެންގުޅޭ ނެއިބަރހުޑް ފަސްޓް ޕޮލިސީއަކީ ވަރަށް ފައިދާހުރި ސިޔާސަތެއްކަމަށާއި ޚާއްޞަކޮށް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އެކަން ފެނިގެން ގޮސްފައިވާކަން ފާހަގަކުރައްވައި، މި ސިޔާސަތުގެ ދަށުން ރާއްޖެއަކީ ވަކިން ޚާއްޞަކަމެއް ދީފައި އޮތް ޤައުމެއްކަންވެސް އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި އިންޑިއާއިން ރާއްޖޭގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްމުން އަންނަކަން ފާހަގަކުރައްވައި މުސްތަޤުބަލުގައި ވެސް އެކަން އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.