ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޕަބްލިކް ކޮމްޕްލެއިންޓްސް ބިޔުރޯ އުވާލައްވައިފިއެވެ. ޕަބްލިކް ކޮމްޕްލެއިންޓްސް ބިޔުރޯ އުވާލެއްވީ، އެއޮފީހަކީ، ސަރުކާރުގެ އޮފީސްތަކުން ދެއްވާ ޚިދްމަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާތައް ބަލައިގަތުމަށް އުފައްދަވާފައިވާ އޮފީހެއް ކަމަށްވެފައި، މިބިޔުރޯއަށް ބަލައިގަންނަ ބާވަތުގެ ގިނަ ޝަކުވާތައް ހުށަހަޅާނެ މިނިވަން މުއައްސަސާތައް އުފެދިފައިވާތީ، މިމަސައްކަތްތައް ކުރެއްވުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީއެވެ.

ޕަބްލިކް ކޮމްޕްލެއިންޓްސް ބިޔުރޯ އުވާލެއްވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތަކުންދެއްވާ ޚިދްމަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާތަކުގެ ތެރެއިން، މިހާރު އުފައްދަވާފައިވާ މިނިވަން މުއައްސަސާތަކުން ބެލުމަށް ހަމަޖެހިފައިވާ ޝަކުވާތައް ފިޔަވައި، އެހެން ޝަކުވާތައް ބައްލަވާނެ ސަރުކާރުގެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.