8 މެއި 2009 ދުވަހު އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ 2007 ވަނަ އަހަރީ އޯޑިޓް ރިޕޯޓާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރައްވައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މ.ނިޔަދުރުގޭ އަލްފާޟިލް އަޙްމަދު ނާޒިމާއި، ހ. މީނާޒު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ މައްސަލައެއް، އެއޮފީހުން 5 ނޮވެމްބަރު 2009 ދުވަހު ޖިނާއީ ކޯޓަށް ހުށަހެޅުއްވުމުން އެކޯޓުން އެމައްސަލަ އަނބުރާ ފޮނުއްވާލައްވާފައިވާތީ، އެކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙަންމަދަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

މި ދެމައްސަލަ އަނބުރާ ފޮނުއްވި ފޮނުއްވުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ހަމަހަމަކަމާއި، ޝަރުޢީ ޢަދުލުގެ ނިޒާމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރައްވާފައިވާ ކަމެއް ނޫންކަމަށް ޤަބޫލުފުޅު ކުރެއްވޭކަމަށް މި ސޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މި މައްސަލަ މިގޮތަށް ހިނގާފައިވަނީ ޝަރްޢީ ހަމަތަކާއި އުސޫލުތަކާއެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ބައްލަވާ ދެއްވުމަށްވެސް މި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

އެނގިވަޑައިގަންނަވާނެފަދައިން، އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޯޑޓް ރިޕޯޓުތަކުގައި ތުހުމަތު ކުރައްވާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރެއްވުމުގެ މަސައްކަތަކީ، ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.