ރާއްޖޭގައި ދެމެހެއްޓެނިވި އަދި ގިނަދުވަހަށް ދެމިގެންދާނެ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އެއިން ފައިދާކުރާނެ ވެރިކަމުގެ ނިޒާމެއް އަށަގެންނެވުމަކީ، މި ސަރުކާރުގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، [ޑިމޮކްރަސީ ފެއަރ 2009] އިފްތިތާޙު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި މިރޭ ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން މިއަދު ކުރައްވަމުން މިގެންދަވާ ވެރިކަން ޙަޤީޤަތުގައި ކުރައްވަމުން މިގެންދަވަނީ، ހަމައެކަނި މިއަދު މި ރާއްޖޭގައި ތިބި މީހުންގެ މައްޗަށް އެކަންޏެއް ނޫން ކަމަށާއި، އެ ވެރިކަން ކުރައްވަމުން މިގެންދަވަނީ އަންނަން އޮތް ޖީލުތަކަށާއި، އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންގެ ޑިމޮކްރަސީއަށާއި މުސްތަޤްބަލަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުޞޫލުން އެ ސިޔާސަތުގެ ދަށުން ވެރިކަން ހިންގާއިރު، ދައުލަތުގެ އެންމެހާ މުއައްސަސާތައް އެ ޤާނޫނުއަސާސީއަށް ލެންބުމާއި އަދި ޤާނޫނުއަސާސީއާ އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ބާރުވެސް ނުވަތަ ޒިންމާވެސް އެޅިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ކަމަށް ވިދާޅުވިއެވެ.

[ޑިމޮކްރަސީ ފެއަރ 2009“ އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި [ޤައުމީ ތަރައްޤީގެ އޮނިގަނޑު 2009ން 2013] އަށް މިފޮތާއި، [ޑިމޮކްރެޓިކް ވެރިކަމުގެ ފުރަތަމަ އަހަރު“ މި ދެފޮތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނެރުއްވައިދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، [ޤައުމީ ތަރައްޤީގެ އޮނިގަނޑު] މިފޮތަކީ ސަރުކާރުން އެކުލަވާލެއްވި މެނިފެސްޓޯގައިވާ ވަޢުދުތައް ފުއްދެވުމަށްޓަކައި ސަރުކާރުން ކަން ކުރައްވާނެގޮތް ސާފުކޮށް އޮޅުންފިލުއްވައިދެއްވާފައިވާ ފޮތެއް ކަމަށާއި، އެއޮނިގަނޑުގައިވަނީ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގައި ސަރުކާރުން ޢަމަލު ކުރައްވަމުން ގެންދަވާނެ ގޮތުގެ ތަފްޞީލު ކަމުގައި ވިދާޅުވިއެވެ.

[ޑިމޮކްރަސީ ފެއަރ 2009] ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވުމަށްފަހު، އެފެއަރގައި ހުރި ސްޓޯލްތަކަށް އެމަނިކުފާނު ޒިޔާރަތް ކުރައްވައި، އެ ސްޓޯލްތައް ބައްލަވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.