ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ" ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ބަނޑޮސް މޯލްޑިވްސްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކޮންފަރެންސްގައި، ކޮންފަރެންސްގެ ބައިވެރިންނަށް ލިބިލެއްވި މަޢުލޫމާތުގެ ސަބަބުން ޞިއްޙީ ދާއިރާގެ ޚިދުމަތްދެއްވުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށް އެކަމަނާ އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަނާ ވަނީޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ޙާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދެވުމަށް ބާރުއަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަރޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެ ން ނިންމުމާ ހިސާބަށް ދިޔުމުގެ ފައިދާތައް ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޑޮކްޓަރ ފާޠިމަތު ޝިފާޒާ ރާއްޖެ ދޫކުރައްވައި އެހެން ޤައުމަކަށް ހިޖުރަކުރެއްވުމަށްފަހު ވެސް ރާއްޖޭގެ ނަރސިންގް ކޮމިއުނިޓީއަށް ކޮށްދެއްވަމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަނާގެ މަސައްކަތްތައް ނަމޫނާއަކަށް ދެކި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް އެފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ ރާއްޖޭގެ މުޖުތަމަޢަށް ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނާ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.
މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ބޭނުންތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.