ރާއްޖޭގެ އަތޮޅުތަކުގެ ދެރަށެއްގައި ގެދޮރު ޢިމާރާތް ކުރައްވަން ފެށްޓެވުމުގެ އެގްރީމެންޓްގައި، އިންޑިއާގެ ޓާޓާ ކުންފުންޏާ އެކުގައި މި ހަފްތާގެ ތެރޭގައި ސޮއިކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ހެނދުނު ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަން ގަސްދު ކުރައްވާފައިވާ ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢާއި، ބިން ހިއްކުމާއި ބިން ބޮޑުކުރުމުގެ މަޝްރޫޢުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިމަސައްކަތް ފެށިގެން ކުރިއަށްދާއިރު ސަރުކާރުގެ އަމާޒުގައިވާ ދިހަހާސް ގެ ޢިމާރާތް ކުރުމުގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭގައި އެއްހާސް ތިންސަތޭކަ ގެ އެޅުއްވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިކަމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުގެ މަޢްލޫމާތު ހޯއްދެވުމަށްފަހުގައި، ސަރުކާރުން އެފަރާތްތަކާ އެކުގައި އެގްރީމެންޓް ކުރައްވައި، މާލޭގައި ގެދޮރު އެޅުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެން ހިނގައިދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

4 ރަށެއްގެ ބިން ހިއްކެވުމަށް ފަށްޓަވާ މަޝްރޫޢުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ސަރުކާރުން މިހާރުވަނީ އެކަމުގެ ލޯން އެގްރީމެންޓްގައި ސޮއިކުރައްވާ ހިސާބަށް ކަންކަން ގެންދަވާފައި ކަމުގައި ވިދާޅުވިއެވެ. އެއީ، 35 މިލިއަން ޑޮލަރުގެ ލޯނެއް ކަމަށާއި، އެ ލޯނުން ސަރުކާރުން ހިއްކެވުމަށް މަސައްކަތް ކުރައްވަނީ، ޅ. އަތޮޅު ހިންނަވަރާއި، ބ. އަތޮޅު ތުޅާދުއާއި، ނ. އަތޮޅު ވެލިދުއާއި އަދި ހއ. ދިއްދޫކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މި 4 ރަށަކީވެސް ބިމުގެ ޖާގައަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ 4 ރަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި 4 ރަށުގެ ތެރެއިން ތުޅާދުއާއި ހިންނަވަރު ވަރަށްބޮޑު ދެރަށުގެ ގޮތުގައި އާބާދު ކުރައްވައި ތަރައްޤީ ކުރައްވަމުން ގެންދެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިއޯ ޚިޠާބުގައި، މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، ވަޒީރެއްގެ މައްޗަށް ނެގުނު ވޯޓުގެ މައްޗަށް ބައްލަވާލައްވައި، އެއީ ސަރުކާރަށް އިތުބާރު އޮތްކަމުގެ ވަރަށް ފުރިހަމަ ވޯޓެއް ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ސީދާ ގޮތުގައި އެ ވޯޓު ނެގުނު ނަމަވެސް، ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުބާރު އޮތްކަން އެވޯޓުން ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުގެ އެކިކަންކަމާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތް ބެއްލެވުމަށް މިދިޔަ ދިހަވަރަކަށް ދުވަހުގެ ތެރޭގައި މުލީއާގެއިން ކުރެއްވި ސަރވޭއެއްގެ ނަތީޖާގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ސީދާ ގޮތުގައި ސަރުކާރާ ނުރުހޭ ނުވަތަ ސަރުކާރު ހިނގާގޮތް އެއްގޮތަކަށްވެސް ކަމުނުދާ ކަމަށް، 4000 މީހުންގެ ތެރެއިން 32 އިންސައްތަ މީހުން ބުނެފައިވާ ކަމަށާއި، ސަރުކާރު ހިނގާގޮތް ދެންތިބި އެންމެންނަށްވެސް ރަނގަޅު ކަމަށް ބުނެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެހެން ނަމަވެސް، ސަރުކާރުގައި އިޞްލާޙު ކުރަން ހުރި ކަންތައްތައްވެސް އެބަހުރި ކަމަށާއި، މިފަދަ މަޢްލޫމާތުތައް ލިބުމަކީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.