بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، ދައުލަތުގެ ވަޒީރުން، މަތީ ސާނަވީ އިމްތިޙާނުން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުން، ސްކޫލްތަކުގެ އިސްވެރިންނާއި، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އަޅުގަނޑުގެ ކުރިމަތިން މި ފެންނަ އުފާވެރި މޫނުތަކުން، އަޅުގަނޑުމެންގެ ހިތްތަކަށް ލިއްބައިދެނީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރުވަނީ ވަރަށް އުންމީދީ އިޙްސާސްތަކެއް. މިއީ މިދިޔަ އަހަރު މުޅި ރާއްޖެއިން ހޮވާލައިގެން ނެގުނު އެންމެ މޮޅު ދަރިވަރުން. އޭގެ ތެރެއިން މަތީ ސާނަވީ އިމްތިޙާނުން 1 ވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި ދަރިވަރުންނާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި ހުރިހާ ދަރިވަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އައްސަރިބަހާއި ސާބަސް ރައްދުކުރަން.

އޭގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަޝިޕް މިރޭ ޙާޞިލްކުރި 6 ދަރިވަރުންނަކީވެސް އަންހެންކުދިން ކަމަށްވުމީ، މިރޭގެ މި ޙަފްލާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެއް. އަޅުގަނޑު ހިތަށްއެރީ މިހެން މިވީ ކީއްވެބާވައޭވެސް. އެހެންނަމަވެސް، ވަރަށް އުފާވެރި އިޙްސާސްތަކެއް ހަމަގައިމުވެސް އަޅުގަނޑުމެންނަށް މިރޭ އެބަ ކުރެވޭ. މި ކުދިންނަކީ ސީ.އެޗް.އެސް.އީ.ގެ 5 ދަރިވަރަކާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރެއް. އެހެންކަމުން އެ 6 ދަރިވަރުންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، އެ ދެ ސްކޫލަށް ވަރަށް ޚާއްޞަ މުބާރިކްބާދީއެއް ދަންނަވަން.

މިރޭ ސްކޮލަރޝިޕް ޙާޞިލްކުރި ތިޔަ ހުރިހާ ދަރިވަރުންވެސް ތިޔަ ތިބީ، ތިޔަ ކުދިންގެ ޙަޔާތުގެ ވަރަށް މުހިންމު މަރުޙަލާއެއް ކަޑައްތުކޮށް، އެއަށްވުރެ މުހިންމު މަރުޙަލާއެއް ފެށުމަށް ތައްޔާރުވެގެން. ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅުމަށްފަހު، އެ ބިންގަލުގެ މަތީގައި ތިޔަ ކުދިންގެ ކުރިމަގު އާރާސްތު ކުރުމުގެ މަރުޙަލާ ފަށާއިރު، މިރޭ ތިޔަ ކުދިން ތިޔަ ޙާޞިލްކުރި ކާމިޔާބީގެ ފަހަތުގައި ތިއްބެވި އެންމެހައި ބޭފުޅުން އެ ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުމަކީ ތިޔަ ކުދިން ކުރަންޖެހޭނެ ކަމެއް.

އޭގެ ތެރެއިންވެސް އެންމެ އިސް ބަޔަކީ، މައިންބަފައިންނާއި ބެލެނިވެރިން. އެމީހުންގެ ލޯތްބާއި އަޅައިލުމާއި، މަތިވެރި ޤުރުބާނީ އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. ތިޔަ ކުދިންނަށް ކިޔަވައިދެއްވި ޓީޗަރުން ދެއްވި އިރުޝާދުތައް، ތިޔަ ކުދިން ދެން ކުރިމަތިލާ ތަޢުލީމީ ރާސްތާއަށްވެސް އަލިކޮށްދީ، ރަނގަޅު މަގު ދައްކައިދޭނެ. އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ.

ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިން. މައިންބަފައިންނާއި ބެލެނިވެރިންނާއި ބަލަދުވެރިންނަކީ، ޢިލްމުވެރިން ކަމަށްނުވިޔަސް، އެމީހުންގެ ދަރިން ޢިލްމުވެރިވެ މޮޅުވެގެން ހިނގައިދާނެ. ކެރިކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް، ދަރިންނަށް އެ ފުރުޞަތު ލިބުމަށް ނޭދޭ ހަމަ އެއްވެސް ރައްޔިތަކު ނުހުރޭ. ރައްޔިތުންގެ މި ދެންނެވި ބޭނުމާއި މުހުތާދު އޮންނަކަން ދެނެގަނެ، ޤައުމުގެ ސިޔާސަތު އޭގެ މައްޗަށް ބިނާކުރުމަކީ ސަރުކާރުތަކުން ކުރަންޖެހޭނެ ކަމެއް. އެ ސަބަބަށްޓަކައި ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް.

މިގޮތުން އިބްތިދާއީ ތަޢުލީމުގެ މަރުޙަލާތައް ފުރިހަމަކުރެވޭނެ ފުރުޞަތު ހަމަހަމަކަމާއެކު އޮންނަންޖެހޭ. އެ ކުއްޖަކު ދިރިއުޅޭ ރަށަކުން ތަޢުލީމު ޙާޞިލްކުރެވޭނެ މަގު އިރާދަކުރެއްވިއްޔާ މިވަނީ ފަހިކޮށްދީފައި. އެކަމަށްޓަކައި ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތުނުވާނެ މަރުޙަލާއަކަށް މިވަނީ އާދެވިފައި. އެ އިންތިޒާމުގެ ދަށުން ދަރިވަރުންނަށް އުނގަންނައިދިނުމުގެ ކަންކަން މި ސަރުކާރުންވާނީ ހަމަޖައްސާފައި.

އިބްތިދާއީ މަރުޙަލާގެ ތަޢުލީމު މުޅި ރާއްޖޭގައި މިވަނީ މި ދެންނެވި މަގުން ތަނަވަސް ކުރެވިފައި. އެއަށްފަހު ދެން އޮންނާނީ ސާނަވީ މަރުޙަލާ. މިކަމަށްޓަކައި މި ސަރުކާރުންވަނީ 7 ރަށެއްގައި އަލަށް ސާނަވީ ތަޢުލީމު ފަށާފައި. އަދި އެއާއެކު 3 ރަށެއްގައި އަލަށް މަތީ ސާނަވީ ތަޢުލީމު ވަނީ ފަށާފައި.

އުނގަންނައިދިނުމުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވާ މުދައްރިސުންނާއި ޕްރިންސިޕަލުން، އެބޭފުޅުންގެ ނެތް ޤާބިލްކަމަކާއި ހުނަރެއް ދަރިވަރުންނަކަށް ހޯދައެއްނުދެވޭނެ. އެކަމަށްޓަކައި އުގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށްވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެން. ސިޔާސަތަށް ގެނެވުނު ބަދަލާ އެއްގޮތަށް ކުރެވޭ މަސައްކަތާއި އަދި މި ކުރެވޭ ހޭދައިގެ ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް. އެއްކަމަކީ އެއް އަހަރުން އަނެއް އަހަރަށް ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލުކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އަންނަކަން. ޢިލްމާއި ހުނަރުން މުއްސަނދިވެފައިވާ މި ޒުވާނުން ޤައުމީ ޚިދުމަތުގައި އަތުކުރި އޮޅައިލުމަކީ، ރާއްޖޭގެ ތަރައްޤީއަށް ކޮށޭނެ އެންމެ އަލި މަގު.

މި ސަރުކާރުގެ ފުރަތަމަ އަހަރުގައި، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް އަޅުގަނޑުމެން ތަޢާރަފްކުރިން. މިހާތަނަށް 14711 ދަރިވަރުންނަށް މި ޕްރޮގްރާމުން ވާނީ ފުރުޞަތު ހޯދައިދެވިފައި. އަދި 4696 ދަރިވަރުން ފުރަތަމަ ޑިގްރީއާއެކު މި ސްކީމުގެ ދަށުން ދަސްވެނިވެއްޖެ. އަޅުގަނޑު ދަންނަވާހެން މަތީ ތަޢުލީމްގެ އުސް ހަރުފަތަކީ ހުސްވެ ކޮޅުންލާނެ އެއްޗެއް ނޫން. އެ ސަބަބަށްޓަކައި، ވީ ވަޢުދާ އެއްގޮތަށް ލޯނު އެހީގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް 2019 ވަނަ އަހަރު ވާނީ އެ ދަރިވަރުންގެ ލޯނުގެ އެޑްމިނިސްޓްރޭޓިވް ޗާޖް 5 ޕަސެންޓުން 3 ޕަސެންޓަށް ކުޑަކޮށްދީފައި. އަދި މިދިޔަ މާރިޗު މަހު ވާނީ މި ޗާޖް 1 ޕަސެންޓަށް ކުޑަކޮށްދީފައި.

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުޞަތުތަކެއް، ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުން. މިގޮތުން ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުޞަތު ރާއްޖޭގައި އިތުރުކުރެވިއްޖެ. ޓިވެޓް ސެންޓަރަކާއި ޖޫނިއަރ ކޮލެޖެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށް އެބަދޭ. އަދި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ.

މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ހޯދާފައިވާ ދަރިވަރުން، މަތީ ތަޢުލީމުގެ ދާއިރާތަކުގައި ޙާޞިލްކުރަމުން ދަނީ ވަރަށް ފޮނި ކާމިޔާބީތަކެއް. މީގެ ތެރެއިން ގިނަ ދަރިވަރުން ޞިއްޙީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރަމުން ގެންދާކަމީ، ޤައުމުގެ ކުރިމަގަށްޓަކައި އެ ކުދިން އެޅި ރަނގަޅު ފިޔަވަޅެއް.

އެންމެ ބޭނުންތެރި ދާއިރާތަކުން ކިޔެވުމަށް އެ ދަރިވަރުންދޭ އަހައްމިއްޔަތުގެ ފައިދާ ވަރަށްވެސް ބޮޑު. ދީނީ ޢިލްމާއި، ޝަރުޢީ ދާއިރާގެ އިތުރުން، ވިޔަފާރީގެ ދާއިރާއާއި، ޓެކްނޮލޮޖީގެ ދާއިރާ މި ޗާޓުން ފާހަގަވާލެއް ބޮޑު. ހަމައެއާއެކު، ޓެކްނިކަލް ދާއިރާތަކުންވެސް މި ސްކޮލަރޝިޕް ޙާޞިލްކޮށްފައިވާ ދަރިވަރުން މިވަގުތުވެސް އުނގެނެމުންދާކަން އަޅުގަނޑު ފާހަގަކުރަން. މިއިން ކޮންމެ ދާއިރާއަކީވެސް ސިންދަފާތުވެފައިވާ އިޤްތިޞާދެއް ބާރު ދުވެލީގައި ކުރިއެރުމަށް ކޮންމެހެން ބޭނުންވާ ދާއިރާއެއް.

އަޅުގަނޑު ތިޔަ ދަރިވަރުންނަށް ބުނެލަން އޮތްހާވެސް ވާހަކައަކީ، އަބަދުވެސް ޤައުމާ ދޭތެރޭގައި ވިސްނާ ޒުވާނުންތަކަކަށް ވާށޭ. ޤައުމު މިހާރު އޮތް ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުކޮށްލެވޭނެ ގޮތަކާމެދު އަބަދުވެސް ފިކުރު ހިންގާށޭ. އެ ބަދަލު ޤައުމަށް ގެނެވޭނީ ތިޔަ ދަރިވަރުންގެ ސިކުނޑީގެ ތެރޭގައި އެ ބަދަލު އުފަންކުރުވައިގެން.

ތިޔަ ދަރިވަރުން މަތީ ތަޢުލީމުގެ މަރުޙަލާއާ ތިޔަ ކުރިމަތިލަނީ، ދުނިޔޭގެ ތާރީޚުގައިވެސް އަދި ރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ނާޒުކް ދަނޑިވަޅެއްގައި. މި ހުރިހާ ދުވަހު މައިންބަފައިންނާއި ބެލެނިވެރިންގެ ހިޔާވަހިކަމުގެ ތެރޭގައި އުޅެމުން އައިއިރު، ރާއްޖެއާއި މުޅި ދުނިޔެ ތަޙައްމަލުކުރަމުންދާ ކަންތައް ތިޔަ ކުދިންނަށްވެސް އިޙްސާސް ކުރެވޭނެ.

މިއަދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަތަރު އުދަރެހުން ތިލަވަމުން އެ ދަނީ، އިޤްތިޞާދީ މައްސަލަތަކާއި، ޞިއްޙީ ކާރިސާތަކާއި، ތިމާވެށީގެ ނުރަނގަޅު އަސަރުތައް. އެކަންކަމުގެ ލޮޅުންތައް އަޅުގަނޑުމެންގެ މުޖުތަމަޢަށް ފޯރާ މިންވަރު، ތިޔަ ކުދިންނަށްވެސް މިހާރު ވަޒަންކުރެވޭނެ. އަދި އެކަންކަމާ ވިސްނައި ފިކުރު ހިންގާ ކުދިންވެސް މިތަނުގައި ތިބޭނެކަން އަޅުގަނޑަށް ހަމަ ޔަޤީން.

މިއަދު އަޅުގަނޑުމެން މި ވާހަކަ ދެއްކިޔަސް، މާދަމާ މިއަށްވުރެ މާ އަސަރާއެކު ތިޔަ ކުދިން މި ވާހަކަތައް ދައްކާނެ. ސަބަބަކީ، ކުރިމަގުގެ ނުރައްކާތަކުން ޤައުމު ސަލާމަތްކުރާނެ ގޮތްތަކާމެދު ވިސްނަން ތިބޭނީވެސް ހަމަ ތިޔަ ދަރިވަރުން ކަމަށްވާތީ. އަދި ކުރިމަގުގައި ޤައުމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެ، ޤައުމު ބިނާކުރަން ތިބޭނީވެސް މިއަދުގެ ދަރިވަރުން ކަމަށްވާތީ. ތިޔަ ކުދިން ޒަމާނީ ތަޢުލީމުގެ އޮޅިގަނޑުތައް ގިރާކުރަމުންދާއިރު، މި ދިވެހި އުންމަތް ތިޔަ ކުދިންނަށް ބަލަން އޮތީ ވަރަށް އުންމީދީ ނަޒަރަކުން.

ތިޔަ ކުދިން ތިޔަ ނުކުންނަނީ ހުޅުވިފައިވާ ދުނިޔެއަކަށް. ތަފާތު ސަގާފަތްތަކާއި، ތަފާތު އާދަކާދަތަކުގެ މަސްހުނި ވެށްޓެއްގެ ތެރެއަށް. އެ ވެށީގެ ތެރެއިން ޒަމާނީ އޮއިވަރާއި އުދަބާނިތައް ތިޔަ ކުދިން ވަށައިލާނެ. ހިތް އެދޭ އެތައް ކަމެއް ތިޔަ ކުދިންގެ ވިސްނުމާ ކުޅެމުންދާނެ. ހޮޅިލައި ނަގާ ކިތަންމެ ރާޅެއް ތިޔަ ކުދިންގެ މިޞްރާބު ބަދަލުކުރުމަށް މަޖުބޫރުކުރުވާނެ.

އެހެން ނަމަވެސް، ތިޔައީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. ކޮންމެ ބިމެއްގައި، ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށްވުރެ ބޮޑަށް، ތިޔަ ކުދިންގެ ހިތު މިޞްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަން ތާއަބަދަށް ހަނދާނުގައި ބަހައްޓަންވާނެ.

ތަޢުލީމް ހޯދުމަށްޓަކައި ތިޔަ ކުދިން ހޭދަކުރި ދުވަސްތަކަށްވުރެ މާ ފާގަތި ކުރިއެރުމެއް، اللهُ سُبْحَانَهُ وَتَعَالَى ތިޔަ ދަރިވަރުންނަށް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. މަތީ ތަޢުލީމް ޙާޞިލްކުރުމަށްފަހު، އެނބުރި ޤައުމަށް އައިސް، ޤައުމަށް ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ތިޔަ ދަރިވަރުންނަށާއި، ދަރިވަރުންގެ ޢާއިލާތަކަށް ކާމިޔާބާއި ކުރިއެރުމަށް އެދެން. ތަޢުލީމީ ދަރިންގެ އަތްމަތިން ޤައުމުގެ ކުރިމަގު އުޖާލާ ކުރުމުގެ ހެޔޮ ނަޞީބު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.