ތިން މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބޭފުޅުން އިސްކުރައްވައިފިއެވެ. މިގޮތުން އިސްކުރެއްވި ބޭފުޅުންނަކީ، އެކުވެރި ދައުލަތްތަކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ ނައިބުގެ މަގާމަށް، މާފަންނު ނޫހިރި އަލްފާޟިލާ ތިލްމީޒާ ޙުސައިނާއި، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބުގެ މަގާމަށް މައްޗަންގޮޅި ފެރީނާ އަލްފާޟިލާ ޝާޒްލީ ޝަފީޤާއި، ސިންގަޕޫރުގައި ހުންނަވާ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމަށް ފުވައްމުލައް މާދަޑިގޭ އަލްފާޟިލް މުޙަންމަދު އިބްރާހީމްދީދީއެވެ. މި ތިން ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އިސްކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބުން ފެންވަރުގައެވެ.

މިބޭފުޅުންގެ ތެރެއިން އަލްފާޟިލާ ތިލްމީޒާ ޙުސައިން މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް ކަމުގެ މަގާމުގައެވެ. އަލްފާޟިލާ ޝާޒްލީ ޝަފީޤް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައެވެ.

މީގެއިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑެޕިއުޓީ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް ތިން ބޭފުޅަކު މިއަދު ހަމަޖައްސަވައިފިއެވެ. މިތިން ބޭފުޅުންނަކީ، މައްޗަންގޮޅި ރެސްޓިންގހައުސް އަލްފާޟިލާ ފާޠިމަތު ޢިނާޔާއާއި، މާފަންނު ހަނީޑިއު އަލްއުސްތާޛާ ޢާއިޝަތު ލިއުޝާއާއި، މައްޗަންގޮޅި އާޕިޔާ އަލްފާޟިލާ ޚަދީޖާ ޒާހިރެވެ.