بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް، ދައުލަތުގެ ވަޒީރުން، ކަސްޓަމްސްގެ އިސް ވެރިންނާއި، ހުރިހާ މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މި މުއައްސަސާގެ ވެރިންނަށާއި، އެންމެހައި މުވައްޒަފުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. ކަސްޓަމްސްއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާ. އެހެންކަމުން، ކަސްޓަމްސްއިން ދެމުން އަންނަ ޚިދުމަތްތަކަށްޓަކައި، ކަސްޓަމްސްގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

ކަސްޓަމްސްގެ ޚިދުމަތް ރާއްޖޭގައި ފެށި ދުވަސްވަރާއި، އޭރު ކަސްޓަމްސްގެ ޒިންމާތަކާ އަޅައިބަލާއިރު، މިހާރު ކަސްޓަމްސްގެ ޚިދުމަތްތަކާއި ޒިންމާތައްވެސް މިއޮތީ ވަރަށް ބޮޑަށް އިތުރުވެ ފުޅާވެފައި. ބަންޑާރަ ފިހާރައިގެ ނަމުގައި ކަސްޓަމްގެ ޚިދުމަތް ރާއްޖޭގައި ފެށީ 1890 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު. މިއަދު މި ފުރުނީ 132 އަހަރު.

މި ދިގު މުއްދަތުގައި ކަސްޓަމްސްއަށް ހުރިހާ ގޮތަކުންވެސް ވަރަށް ގިނަ ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ތަނުގެ ނަމަށާއި، ޒިންމާތަކަށާއި، ޚިދުމަތުގެ ދާއިރާގެ އިތުރުން، ޢިމާރާތަށްވެސް ވަރަށް ގިނަ ބަދަލުތަކެއް އަތުވެއްޖެ. ކަސްޓަމްސްގެ ޚިދުމަތްތަކާ ގުޅުންހުރި ދާއިރާތަކަށް އަންނަ ބަދަލުތަކާއެކީ، ކަސްޓަމްސްއަށް އަދިވެސް އިތުރު ބޮޑެތި ބަދަލުތަކެއް އަންނަމުން ދާނެ.

ކަސްޓަމްސްއަކީ ވަކި ޤާނޫނެއްގެ ދަށުން ހިންގަމުން އަންނަ މުއައްސަސާއެއް. ޤާނޫނުގައި ކަސްޓަމްސްގެ ޒިންމާތައްވެސް ކަނޑައެޅިފައި އެބަހުރި. އެ ޒިންމާތައް އަދާކުރުމުގެ ދާއިރާ އޮތީ، އަޅުގަނޑުމެންގެ ޚިޔާލަށްވެސް ނުގެނެވޭހާ ފުޅާގޮތެއްގައި. ރާއްޖެއަށް އަންނަ އަދި ރާއްޖެއިން ފުރާ ފަސިންޖަރުންނާއި، މުދަލާއި، އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސްގެ ޒިންމާއެއް. ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް، ކަސްޓަމްސްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް.

އޭގެ އިތުރުން، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ހުރިހާ ކަމެއް ބެލެހެއްޓުމަކީވެސް ކަސްޓަމްސްގެ ޒިންމާއެއް. އަދި މިކަންކަމާ ގުޅުންހުރި ހުރިހާ ނުރަނގަޅު ކަމެއް ހުއްޓުވައި ކޮންޓްރޯލް ކުރުމަކީވެސް، ކަސްޓަމްސްގެ ޒިންމާއެއް. މި ނޫނަސް ކަސްޓަމްސްއިން އަދާކުރަންޖެހޭ ޒިންމާތަކާއި އުފުލަންޖެހޭ ވަރަށް ގިނަ މަސްއޫލިއްޔަތުތައް އެބަހުރި.

ކަސްޓަމްސްއަކީ، ރާއްޖޭގެ ބޯޑަރުތަކުގެ ފާރަވެރިޔާ. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ އެއްޗެއްގެ ޤާނޫނީ ޞައްޙަކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރަނީ ކަސްޓަމްސްއިން. އެ މަސައްކަތުގައި ކަސްޓަމްސްއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، އެފަދަ ތަކެތި ރާއްޖޭގައި ޓްރާންސިޓް ކުރުން ހުއްޓުވުމަކީ، ގޮންޖެހުން ބޮޑު މަސައްކަތެއް.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަޤްވާމީ ވިއުގަތައް ފުޅާވެފައި އޮތީ ކަންބޮޑުވާހާ ބޮޑު މިންވަރަކަށް. އަދި ރާއްޖޭގައި އޭގެ ވިޔަފާރިއާއި، އޭގެ ބޭނުންކުރުން ފުޅާވެފައި އޮތީވެސް އިންތިހާ ދަރަޖައަށް. މި މައްސަލަ ޙައްލުކުރުމަށް، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އެކަށޭނަ އާލާތްތަކާއި ވަސީލަތްތައް ލިބުމުގައިވެސް އެތައް ދަތިތަކެއް އެބަހުރި.

ގޮންޖެހުން ކިތަންމެ ބޮޑު ނަމަވެސް، މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ޙައްލުކުރަން ބޭނުންވާ މައްސަލައެއް. އެހެންކަމުން، މިކަން ޙައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް އެބަ ކުރަން.

މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ހުއްޓުވުމުގައި، ކަސްޓަމްސްގެ ދައުރު ކިތަންމެ ބޮޑު ނަމަވެސް، މުޅި މައްސަލަ ޙައްލުކުރެވޭނީ، ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާތަކެއް ގުޅިގެން. މިކަން ޙައްލުކުރުމުގެ ގޮތުން އެކުލަވައިލި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް، ކަމާގުޅޭ އިދާރާތަކަށް 2021 ވަނަ އަހަރު ޚާއްޞަ ބަޖެޓެއް އަޅުގަނޑުމެން ހަމަޖެއްސިން.

އޭގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް، ކަސްޓަމްސްގެ ސަރަޙައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި ކަސްޓަމްސްއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށްވެސް ސަރުކާރުން މިގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން.

މިކަންކަމުގެ ރަނގަޅު ނަތީޖާވެސް އަންނަނީ ފެންނަމުން. މަސްތުވާތަކެއްޗާ ދެކޮޅަށް މިކުރާ މަސައްކަތްތަކުގެ ތެރެއިން، ނޮވެންބަރު 2018 އިން ފެށިގެން މިހާތަނަށް، 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައި. މިއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައަށްވުރެ އިތުރު ޢަދަދެއް.

އެއަރޕޯޓްގައި މަސައްކަތް ކުރުމުގައި ކަސްޓަމްސް އޮފިސަރުންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ޙައްލުކުރުމަށްވެސް، ކަސްޓަމްސްގެ އިސް ވެރިންނާއެކު އަޅުގަނޑުމެން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި މިހާރު ތަރައްޤީ ކުރަމުންދާ އައު ޓަރމިނަލް ބޭނުންކުރަން ފެށުމުން، ކަސްޓަމްސްއަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބިގެންދާނެ.

އެއްގަމު މަގުން އެހެން ޤައުމަކާ ގުޅިފައި ނެތަސްވެސް، އަޅުގަނޑުމެންވެސް މިހާރު އުޅެމުން މިދަނީ ހުރިހާ ޤައުމުތަކެއް ގުޅިފައިވާ ދުނިޔެއެއްގައި. ޒަމާނީ ޓެކްނޯލޮޖީ އާއި ދަތުރުފަތުރުގެ ލުއިފަސޭހަތަކާއެކު، އެއް ޤައުމު އަނެއް ޤައުމާ މިއޮތީ ވަރަށް ބޮޑަށް ލާމެހިފައި. އެހެންކަމުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ހިނގާ ކޮންމެ ރަނގަޅު ކަމަކާއި ނުރަނގަޅު ކަމެއްގެ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ރާއްޖެއަށްވެސް އެބަ ފޯރާ.

މަނީ ލޯންޑަރިންގއަކީވެސް ބައިނަލްއަޤްވާމީ ޖިނާއީ ކުށްތަކުގެ ތެރެއިން، ރާއްޖެއިންވެސް އެކަމާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމެއް. ބޯޑަރުތައް ހުރަސްކޮށް، ދޭދޭ ޤައުމުތަކުގެ ވަކިވަކި ފަރުދުންނާއި ގުރޫޕްތަކުގެ މެދުގައި، ދުރާލައި ރާވައިގެން ހިންގާ ޖިނާއީ ކުށްތަކަކީވެސް، ހަމަ އެފަދަ މައްސަލަތަކެއް.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މިފަދަ އެއްވެސް ކަމެއް ހިނގާތޯ ބަލައި ފާރަވެރިވުމަކީ، ކަސްޓަމްސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ޒިންމާއެއް. މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި، ކަސްޓަމްސްގެ ޤާބިލްކަން އިތުރުކުރުމަކީ އަބަދުވެސް ކުރަންޖެހޭ ކަމެއް. އެހެންކަމުން، ރާއްޖޭގެ ބޯޑަރުތަކުގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގެ ބަނދަރުތަކުގައި ހުރި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން.

ދިވެހިރާއްޖެއަކީ މާސިންގާ ކަނޑެއްގެ ތެރެއަށް ފެތުރިފައި އޮތް ޖަޒީރާތަކެއް. މި ސަބަބަށްޓަކައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އުޅަނދުފަހަރު ދަތުރުކުރާ ގޮތް މޮނިޓަރ ކުރުމުގެ ޤާބިލުކަން އިތުރުކުރުމަކީވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް. އެ ޤާބިލުކަން އިތުރުކުރުމުން، މަސްތުވާތަކެތި އެތެރެކުރުމާއި، ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމުގެ ޤާބިލުކަން އިތުރުވެގެންދާނެ.

ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް. މިކަމުގައިވެސް ކަސްޓަމްސްއަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ މުއައްސަސާއެއް. ރާއްޖޭގެ ސަރަޙައްދީ ބަނދަރުތައް އިތުރުކުރަމުންދާއިރު، އެއިން ކޮންމެ ތަނެއްގައިވެސް ފުރިހަމަ ޚިދުމަތްތައް ދިނުމުގައި ކަސްޓަމްސްގެ މުވައްޒަފުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން.

ސަރަޙައްދީ ބަނދަރުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް، ސަރުކާރުގެ ސިޔާސަތަށް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނައިން. އެބަދަލުތަކާއެކު، ސަރަޙައްދީ ބަނދަރުތަކުން އެތެރެކުރާ މުދަލުގެ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައި. މިދިޔަ 2021 ވަނަ އަހަރު ސަރަޙައްދީ ބަނދަރުތަކުން އެތެރެކުރި މުދަލުގެ އަގު 566 މިލިއަން ރުފިޔާއަށްވުރެ މަތި.ސަރުކާރުގެ މިފަދަ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒު މިކުރެވެނީ ކަސްޓަމްސްގެ މުވައްޒަފުންގެ އެއްބާރުލުމާއި، ހީވާގި މަސައްކަތްތަކުންކަން އަޅުގަނޑު ފާހަގަކުރަން.

ކަސްޓަމްސްގެ އިސް ބޭފުޅުންނާ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު ބައްދަލުކުރިން. ޚިދުމަތްތައް ދިނުމުގަޔާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންވީ ކަންކަމާއި، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންކަން އެބޭފުޅުން އަޅުގަނޑާ ޙިއްޞާ ކުރެއްވި.

ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް. ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި، އެކިއެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް.

ކަސްޓަމްސްގެ މުވައްޒަފުންނަކީ މިފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބޭ ބަޔަކަށް ހެދޭނީ، މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަކޮށްދެވިގެން ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ކަސްޓަމްސް މުވައްޒަފުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޯހިޔާވަހިކަމުގެ މައްސަލަ. އެކަން ޙައްލުކުރުމަށް އެކި ދުވަސްވަރު ތަފާތު މަސައްކަތްތައް ކޮށްފައި އެބަހުރި. ނަމަވެސް މިއަދާ ހަމައަށް އައިއިރު އެކަން އަދިވެސް އޮތީ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި. ޝަކުވާއެއްގެ ގޮތުގައި.

އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއްވެސް މި ހިންގަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޚިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން. އެގޮތުން ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން.

އޭގެ އިތުރުން، ކަސްޓަމްސްގެ މުވައްޒަފުންނަށްވެސް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއް. އެކަން ކުރެވޭނެ މަގެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން.

އަދި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަރުވަން. ސަރުކާރުގެ އަމާޒަކީ، ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން.

ކަސްޓަމްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، މިއީ ފުރިހަމަ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭނެ މުއައްސަސާއެއް. ޒިންމާ އަދާކުރުމުގައި އެންމެ މުވައްޒަފަކުވެސް އިހުމާލުވެއްޖެނަމަ، މުޅި މުއައްސަސާގެ ޚިދުމަތް ބޮއްސުންލައިގެން ހިނގައިދާނެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަސްޓަމްސްއިން ނެރުނު ނަތީޖާއަށް ބަލާއިރު، ޒިންމާ އަދާކުރުމުގައިވެސް އަދި އިދާރީ ހިންގުންތެރިކަމުގައިވެސް، މި ދެންނެވި ބަދަހި ގުޅުން ކަސްޓަމްސްގެ ތެރޭގައި އޮތް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. އެއް ޢަޒުމެއްގައި އެއް ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ކަސްޓަމްސްގެ މަޤްބޫލުކަން ވަނީ އިތުރުވެފައި.

ތިޔަ ރޫޙުގައި އެއް ޢާއިލާއެއްގެ ގޮތުގައި، ކަސްޓަމްސްގެ މުވައްޒަފުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ކަސްޓަމްސްގެ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ކަސްޓަމްސްގެ އިސް ވެރިންނާއި ހުރިހާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތްތަކަށް އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން.

ކަސްޓަމްސްއަށް އަބަދުވެސް ކާމިޔާބާއި ކުރިއެރުމަށް އަޅުގަނޑު އެދެން. ކަސްޓަމްސްގެ ހީވާގި މުވައްޒަފުން ކުރައްވަމުން ގެންދަވާ ޤައުމީ ޚިދުމަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. ރާއްޖޭގައި ޞުލްޙަމަސަލަސްކަމާއި އަމާންކަން ޤާއިމުކޮށް، ކުށް މަދު ވެށްޓެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންމިދާ މަސައްކަތުގައި އެކަލާނގެ މަދަދާއި ހެޔޮ ތައުފީޤަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.