بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއަރމަން ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު، މަޓީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން، މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް، ދައުލަތުގެ ވަޒީރުން، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން އަޅުގަނޑުމެން މިދަނީ މިހާރު ފާހަގަކުރަމުން. އޭގެތެރެއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ފަރާތުން އިންތިޒާމުކޮށްގެން މި ބާއްވާ ޙަފްލާއަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިގޮތުން ބޭއްވޭ އެންމެ އުފާވެރި، އެންމެ މުހިންމު ޙަފްލާ.
މަޓީގެ މިޙަފްލާ މި ބާއްވަނީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްވެގެންދިޔަ ފުރަތަމަ ރަށް ކަމަށްވާ ވިހަމަނާފުށި، އާދެ، މިހާރުގެ ކުރުނބާ މޯލްޑިވްސްގައި ކަމަށްވީކަމީ، މި ޙަފްލާއަށް އިތުރަށް ފުރިހަމަކަމެއް ގެނެސްދޭ ކަމެއް.
ތިޔަ ބޭފުޅުންނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވި ބޭފުޅުން. މުޅި ދުނިޔޭގައި ފާހަގަކުރެވޭ ތަނަކަށް، މި ދިވެހިރާއްޖެ ބަދަލުކޮށްލެއްވީ ތިޔަ ބޭފުޅުން. އަދި މިއަދުވެސް އެ ގޮތުގައި މި އިންޑަސްޓްރީ ދަމަހައްޓަމުން ތިޔަ ގެންދަވަނީ ހަމަ ތިޔަ ބޭފުޅުން. އެ ސަބަބަށްޓަކައި، މި ޙަފްލާ އިންތިޒާމު ކުރެއްވި މަޓީއަށާއި، މި އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންނަށް ވަރަށް އުފަލާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
ޚާއްޞަކޮށް، މީގެ 50 އަހަރު ކުރިން ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުން މިތަނުގައި އެބަ ތިއްބެވި. އެ ހަތަރު ބޭފުޅުން ކަމަށްވާ، މުޙައްމަދު ޢުމަރު މަނިކާއި، މިހާރުގެ ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި، ޗަމްޕާ ޙުސައިން ޢަފީފަށާއި އަދި އިޓަލީ ވިލާތުގެ މިސްޓަރ ޖޯޖް ކޯބިންއަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން.
ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަޤާމު މިގޮތުގައި މިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވި ބޭފުޅުންގެ ވަރުގަދަ ޢަޒުމާއި ކުރެއްވި ބުރަ މަސައްކަތުން. އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ސަބަބުން. އަދި މިއަދު މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން.
ތިޔަ ބޭފުޅުންނަކީ، މި މުހިންމު ޞިނާޢަތް، ރާއްޖޭގެ ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމުގައި، އެންމެ ރަނގަޅު ވިސްނުމާއި ޚިޔާލު ނެރެދެއްވޭނެ، މިކަމުގެ ތަޖުރިބާކާރު މާހިރުން. ތިޔަ ބޭފުޅުންނަށް ވުރެ ބޮޑަށް މި އިންޑަސްޓްރީ އެނގިވަޑައިގަންނަވާ، އަދި ކުރިއަށް ދާންވީ މިސްރާބު ބުނެދެވޭނެ އެހެން ބަޔަކު، ތިބޭނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މިހެން މިދެންނެވީ، ރާއްޖޭގައި މިއޮތީ ތިޔަ ބޭފުޅުން އަލަށް އުފެއްދެވި ޕްރޮޑަކްޓަކަށް ވާތީ. އަދި އެއަށް ގެންނަންޖެހޭ ބަދަލުތައްވެސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ ތިޔަ ބޭފުޅުންނަށް ކަމަށްވާތީ.
ސަރުކާރު މިއޮތީ ތިޔަ ބޭފުޅުންގެ އަޑު އަހަން. މި ޞިނާޢަތުގެ ކުރިއެރުމަށް ކުރާ މަސައްކަތުގައި، ތިޔަ ބޭފުޅުންގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް ދެމިއޮންނާނެ. އަޅުގަނޑުމެން ކުރިއަށް ދާނީ ތިޔަ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ އަޑު އަހައިގެން.
ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށް މި އިންޑަސްޓްރީގެ ބޭފުޅުން ވެދެއްވި އެހީތެރިކަމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. އަދި، މި އިންޑަސްޓްރީގެ ތާރީޚުގައި ވަރަށް މުހިންމު ޚިދުމަތްތަކެއް ކުރައްވައިގެން މި ޙަފްލާގައި އެވޯޑް ޙާޞިލްކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއްވެސް ދަންނަވަން.
ހަމައެފަދައިން، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވުމުގެ ގޮތުން، ކުރީގެ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޙޫމް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅުތަކާއި، މި ޞިނާޢަތުގެ ތަރައްޤީއަށްޓަކައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތްޕުޅުތައް މިއަދު ފާހަގަކުރެވިގެންދާކަމީ، އަޅުގަނޑު ނުހަނު އުފާކުރާ ކަމެއް. އަދި އެ ދެ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
ހަޤީޤަތުގައި އަޅުގަނޑުމެން މިއަދު މި ފާހަގަކުރަމުން ދަނީ، ހަމައެކަނި ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތެއް ނޫން. އެއަށްވުރެ މާ ބޮޑު މުނާސަބަތެއް. އަޅުގަނޑުމެން މި ފާހަގަކުރަނީ، ރާއްޖޭގެ މުޅި ތާރީޚުގައި، ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު. މި ފާހަގަކުރެވެނީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި 50 އަހަރު. ތަރައްޤީއާ މެދު ވިސްނާ ވިސްނުންވެސް ބަދަލުކޮށްލި 50 އަހަރު.
ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފްވިއިރުވެސް، ރާއްޖޭގައި އިޤްތިޞާދީ އެހެން ޙަރަކާތްތައް ހިނގަމުން ދިޔަ. އަދި ފަތުރުވެރިކަން ފުޅާވަމުން ދިޔަ ވަރަކަށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ މާކެޓް ފުޅާވަމުން ދިޔަ. ޢިމާރާތްކުރުމުގެ ދާއިރާ ފުޅާކުރަން ޖެހުނު. ރާއްޖޭގެ މައިގަނޑު އެއް ސިނާޢަތުގެ ގޮތުގައި، ޢިމާރާތްކުރުމުގެ ދާއިރާ ދެމި މިއޮންނަނީ، ފަތުރުވެރިކަން ފުޅާވާތީ ކަމަށްވެސް ދަންނަވަންޖެހޭ.
މި ދެންނެވި އިޤްތިޞާދީ ޙަރަކާތްތައް ކުރިއްސުރެ ހިނގަމުން ދިޔަ ނަމަވެސް، ރާއްޖޭގެ އިޤްތިޞާދަށް ކުއްލި އިންޤިލާބީ ހަލުވިކަމެއް ގެނެސްދިނީ ފަތުރުވެރިކަން. ފަތުރުވެރިކަން ފެށުމާއެކު، ރާއްޖޭގައި ކުރިން ނެތް އެތައް ދާއިރާތަކަކުން ވަޒީފާތައް އުފެދިގެންދިޔަ. އާކިޓެކްޓުން، އިންޓީރިއަރ ޑިޒައިނަރުން، އާޓިސްޓުން، ޓުއަރ ގައިޑުން ފަދަ އެތައް މަގާމުތަކެއް އުފެދި، އާމްދަނީގެ ފުރުޞަތުތައް ދިވެހިންނަށް ފަހިވެގެންދިޔައީ.
ހަމައެއާއެކު، 1980 އާއި 1990ގެ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ އަލަށް ގުޅިވަޑައިގެންނެވި ވިޔަފާރިވެރިންގެ ސަބަބުން، މި އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި. އެ ބަދަލުތަކުގެ ސަބަބުން، "މޯލްޑިވްސް"، މި ނަމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ބްރޭންޑް ނަމަކަށް ވެގެންދިޔަ. ދުނިޔޭގައި ނަން ހިނގާ އެންމެ ބޮޑެތި ހޮޓާތަކާއި ރިޒޯޓުތައް ރާއްޖޭގައި މިހާރު އެބަހުރި.
ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވި ބޭފުޅުންގެ ފިޔަވަޅު މަތިން މި ޞިނާޢަތު އިތުރަށް ކުރިއަރުވައި، ތަރައްޤީ ކުރެއްވި ބޭފުޅުންވެސް މި ޙަފްލާގައި އެބަ ތިއްބެވި. އަޅުގަނޑު ދެކޭ ގޮތުގައި، އެ ހުރިހާ ބޭފުޅުންނަކީވެސް، ރާއްޖެ މިއަދު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިންތަކެއް.
ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ކިތަންމެ އެވޯޑަކާއި، ކިތަންމެ މެޑެއްޔެއްވެސް ދެވިދާނެ. ތާރީފުގެ ކިތަންމެ ބަސްތަކެއްވެސް ތަކުރާރު ކުރެވިދާނެ. ނަމަވެސް، މި މުހިންމު ޞިނާޢަތު ރާއްޖޭގައި ފަށްޓަވައި ތަރައްޤީ ކުރެއްވުމަށް އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ޙަޤީޤީ އަގު އަޅުގަނޑުމެންނަށް ވަޒަނެއް ނުކުރެވޭނެ. މުޅި ޤައުމު ވަނީ އެ ބޭފުޅުންގެ އެ ޚިދުމަތަށް ދަރަނިވެރިވެފައި. މި ފަސްގަނޑުގައި ދިވެހިން އުޅެމުންދާހާ ހިނދަކު އެ ބޭފުޅުންގެ އަގު ވަޒަންކުރާނެ.
އެނގިވަޑައިގަންނަވާނެ، 2020 ވަނަ އަހަރު ފެށިގެން އައީ ދުނިޔެ މިހާތަނަށް ކުރިމަތިލާން ޖެހުނު، އެންމެ ބޮޑު ޢާލަމީ ބަލިމަޑުކަމާއެކު. ކޯވިޑް-19 ވެގެންދިޔައީ، މިހާތަނަށް އެންމެ ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ވަބާއަށް. ކޮރޯނާ ވައިރަސް، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި. ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުނު. ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް، މިކަން ވީ ވަރަށް ދަތި އުނދަގޫ ކަމަކަށް.
ދުނިޔޭގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ ކަމުގެ ޚަބަރު ލިބުމާއެކު، އެންމެ ފުރަތަމަ އަޅުގަނޑު ބައްދަލުކުރި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެ. 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ މެދުތެރޭގައި ބޭއްވި އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ރާއްޖެއަށް ފަތުރުވެރިން އުފުލާ ބައެއް ފްލައިޓްތައް ކެންސަލް ކުރަން ޖެހުނު. އަދި 27 މާރިޗު 2020 ގައި ރާއްޖޭގެ ބޯޑަރުތައް މުޅިން ބަންދުކުރަން ސަރުކާރުން ނިންމަން ޖެހުނު. އެއީ ވަރަށް ދަތި އުނދަގޫ ނިންމުމެއް. އެ ނިންމުން އަޅުގަނޑު ނިންމީ ބައެއް ބޭފުޅުންގެ ވިސްނުމާ ދެކޮޅަށް.
ރިޒޯޓުތައް މުޅިން ބަންދުކޮށްފައި ބޭއްވުމަކީ، ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް، ރިޒޯޓް ހިންގާ ފަރާތްތަކަށް ވާނެ ކަމެއްކަން އަޅުގަނޑުމެންނަށް އޭރުވެސް އިޙްސާސް ކުރެވޭ. އެހެންކަމުން، ރާއްޖެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު، ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން އައީ ފޯރުކޮށްދެމުން.
ތިން މަސްދުވަހަށްފަހު، ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލީ، ހަމަ ބައެއް ބޭފުޅުންގެ ވިސްނުމާވެސް އިދިކޮޅަށް. އެހެން ނަމަވެސް، އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ހަމަ ޙަޤީޤަތުގައިވެސް ރަނގަޅު ނިންމުމެއް. މިއަދު އަޅުގަނޑުމެން މިތިބަ ހިސާބަށް އާދެވިފައި މިތިބީ އެ ނިންމުމުގެ ސަބަބުން.
މިއަދުވެސް ދުނިޔޭގެ އިޤްތިޞާދު އޮތީ ހަމަ މާ ފަހި ދުވެއްޔެއްގައެއް ނޫން. ޔޫރަޕްގެ އިރުމަތީ ބިތުގައި އެ ކުރާ ވަރުގަދަ ހަނގުރާމަ، މުޅި ދުނިޔެއަށް ނުރައްކާކޮށްފި. އިޤްތިޞާދުތައް ހީނަރުކޮށް، ދަތުރުފަތުރަށް ބުރޫ އަރުވައިފި. ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެން ފަށައިފި. މިފަދަ ޙައްޞާޞް ދަނޑިވަޅެއްގައި ކޮންމެ ޤައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން.
ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މިގެންދަނީ މަސައްކަތް ކުރަމުން. އެގޮތުން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައްވެސް އަޅުގަނޑުމެން އެބަ ގެންނަން. ސްޓްރާޓާ އުޞޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ފަތުރުވެރިކަން މިހާރު ވާނީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމަނާފައި. މިއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ޚާއްޞަކޮށްފައިވާ ޕްރޮޑަކްޓްތަކެއް. މީގެ އިތުރުންވެސް، މި އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް ތިޔަބޭފުޅުންނަށް އަރުވަން.
ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީވަމުންދާ ހަލުވި ދުވެއްޔާ އަޅައިބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުކުރުން. އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރު، ޓަރމިނަލްގެ މަސައްކަތްތައް ހުރީ އެކި ހިސާބުތަކުގައި މަޑުޖެހިފައި. އެކިއެކި ސަބަބުތަކާ ހެދި. އެކަންކަން ޙައްލުކުރުމަށްފަހު، މިހާރު އަލުން އެ މަސައްކަތްތައް ފަށައިގެން ކުރިއަށް އެބަދޭ. މިހާރު ހަދަމުންދާ ޓަރމިނަލްގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއަރޕޯޓުން ޚިދުމަތް ދެވޭނެ. އޭގެ އިތުރުން، އަތޮޅުތަކުގައި ތަރައްޤީކުރާ އިތުރު އެއަރޕޯޓްތަކުގެ ސަބަބުންވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ.
އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި މިހާރު އޮތީ ވަރަށް ވާދަވެރި މާޙައުލެއް. ރާއްޖޭގެ ފަތުރުވެރިކަން ނަމޫނާއަކަށް ބަލައިގެން ފަތުރުވެރިކަން ތަރައްޤީކުރާ ކިތަންމެ މަންޒިލެއް މިހާރު އެބަހުރި. މި ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ނަން ދެމެހެއްޓޭނީ، އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ދިވެހި ފަތުރުވެރިކަމުގެ ޚާއްޞަ ސިފަތައް އެގޮތުގައި ދެމެހެއްޓުން.
ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް ރާއްޖެ ވެގެންދިޔައީ، މި ވެށީގެ ޞުލްޙަވެރިކަމާއި، އަމާންކަމާއި، ދިވެހިންގެ ހިތްހެޔޮކަމާއި ފުރިހަމަ މެހްމާންދާރީން. ހަމައެއާއެކު، ރާއްޖޭގެ ޤުދުރަތީ ރީތިކަން. ކަނޑުފަޅުގެ ރީތިކަމާއި، ރަށްތަކުގެ ހިތްފަސޭހަކަން. އެކަންކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މިއަދުވެސް އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއްކޮށް، އެކަމަށް ސަމާލުކަން އެބަ ދޭންޖެހޭ.
ހަމައެއާއެކު، މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަކީވެސް، މި ޞިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ފަތުރުވެރިކަމުގެ ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތައިލުމަކީވެސް، އަޅުގަނޑުމެންގެ ވިސްނުމުގައި ބަހައްޓަންޖެހޭނެ ކަމެއް.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުންވެސް، ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތުގެ ހުރިހާ ފަންތިއެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި ޝުކުރު ދަންނަވަން. ރާއްޖެއަށް ފަތުރުވެރިން އުފުލައިދޭ އެއަރލައިންތަކާއި ޓުއަރ އޮޕަރޭޓަރުންނަށްވެސް ޝުކުރު ދަންނަވަން. ޓޫރިޒަމް މިނިސްޓްރީގެ އެންމެހައި މުވައްޒަފުންނަށާއި، ފަތުރުވެރިކަން އިޝްތިހާރު ކުރައްވާ އެމް.އެމް.ޕީ.އާރް.ސީ. އަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. ޓޫރިޒަމް މިނިސްޓަރާއި، ޓޫރިޒަމް މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އޭގައި އަޅުގަނޑު ޝާމިލްކުރަން.
އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް، މި ޞިނާޢަތުގެ ޙިއްޞާދާރުން ކުރައްވާ ބުރަ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ކާމިޔާބު މިންވަރު ކުރެއްވުން. ދިވެހިރާއްޖެއަކީ މި ޤައުމަށް ޒިޔާރަތްކުރާ ކޮންމެ މެހްމާނަކަށް ފުރިހަމަ އަމާންކަމާއި ހަމަޖެހުން ލިއްބައިދޭ ޞުލްޙަވެރި މުޖުތަމަޢެއް ކަމުގައި ލައްވައި، ފާގަތިކަމާއި ތަނަވަސްކަން މި ރާއްޖެއަށް މިންވަރު ކުރައްވާށި. އާމީން!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.