بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

މާތްވެގެންވާ މައްކާގެ މުޤައްދަސް ބިމުގައި ހުރެ، މި އަހަރުގެ އުފާވެރި އަޟްޙާ ޢީދު ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފޮނުވުމުގެ ހެޔޮ ނަސީބު މިންވަރު ކުރެއްވިކަމަށްޓަކައި، އެންމެ ދީލަތިވަންތަ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. މި އުފާވެރި ޢީދުގެ ހެޔޮއެދުންތައް، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި ދިވެހިންނަށާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށާއި މުޅި އިސްލާމީ އުންމަތަށްވެސް މިފޮނުވަނީ އަޅުގަނޑުގެ ހިތުގެ އެންމެ ފުން ލޯތްބާއި އިޚްލާޞްތެރިކަމާ އެކުގައެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ކަނޑައަޅުއްވައިދެއްވާފައިވާ މިފަދަ ކޮންމެ މުނާސަބަތަކީ، އަޅުގަނޑުމެން އެތައް ޢިބްރަތްތަކެއް ލިބިގަނެ، ދެދުނިޔޭގެ ކާމިޔާބީ ޙާޞިލްކުރުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުޞަތެކެވެ. އޭގެ ތެރެއިން އަޟްޙާ ޢީދަކީ، ވަރަށް މަތިވެރި ޤުރުބާނީތަކަކާއި، ނަފްސުގެ އެތައް ގިނަގުނަ ޖިހާދުތަކަކާ ވިދިގެން އަންނަ އުފާވެރި މުނާސަބަތެކެވެ. މި ބަރަކާތްތެރި މުނާސަބާ އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ އެންމެ މުހިންމު ހަނދާނަކީ، އެންމެހައި އިންސާނުންގެ މެދުގައި މާތް ﷲ ލައްވަވާފައިވާ ހަމަހަމަކަމާއި އެއްބައެއްވަންތަކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުމެވެ.

މި ބަރަކާތްތެރި ޢީދުގެ އުފާ ފާހަގަކުރާއިރު، މިއަދު އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށެވެ. އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމުގައި، ޢާއިލާއަށް އިސްކަން ދިނުމާއެކު، ގާތްތިމާގެ މީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، ޢީދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ. އަދި ރައްޓެހިންނާއި ރަޙްމަތްތެރިންނާއި އެކުވެރިންނާ އެކުގައިވެސް، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށް ވަގުތުކޮޅެއް ޚާއްޞަކޮށްލުމަކީ މުހިންމު ކަމެކެވެ.

ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްޙާ ޢީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ޙައްޖުގެ އަޅުކަމާ ގުޅިފައިވާ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެން އިލްހާމް ލިބިގަންނަންޖެހެއެވެ. ނަފްސު ޠާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަކީ ޙައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތަކެވެ. މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ޤައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަމެވެ.

މިފަދަ އުފާވެރި ކޮންމެ މުނާސަބަތެއް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ކޮންމެ ކަމެއް ޙާޞިލްކުރުމުގައި ވެސް، ސަބަބުތަކުގައި ހިފުމާއެކު، މާތް ﷲ އަށް ވަކީލުކޮށް އެކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގެ މުހިންމު ކަމެވެ. ވުމާއެކު، މި ބަރަކާތްތެރި ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ ޙަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ޤައުމާއިގެން ކުރިއަށްދިޔުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ޔަޤީނެވެ.

މި ބަރަކާތްތެރި ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. ދިވެހިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ދިވެހިންނަށް ފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރެއްވުން އެދި، މި މުޤައްދަސް ބިމުގައި ހުރެ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި އިބްތިހާލްވެ ދުޢާ ދަންނަވަމެވެ. އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، މުޅި ޤައުމުގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން.