ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރެއްވުމަށްޓަކައި އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލެއްވި ރިޕޯޓު "އެދުރުންގެ ފަންނު:ގޮންޖެހުންތަކާއި ހުށަހެޅުންތައް" ޝާއިޢު ކޮށްފިއެވެ.
މި ރިޕޯޓް ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv ފެނިވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ކުރައްވަން ނިންމަވައި ރައީސުލްޖުމްހުރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް، އެކަން އިޢުލާންކުރެއްވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައެވެ.
ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ފަންނީ މި ގުރޫޕާއި ދިރާސާގެ މަސައްކަތް ހަވާލުކުރެއްވީ 31 އޮކްޓޫބަރު 2021 ގައެވެ. މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް މީހުން ޝައުޤުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމާއި، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ގޮތުގެ ހާލަތު ދެނެގަނެ ސަރުކާރު ސްކޫލުތަކުގައި މަސައްކަތް ކުރާ މުދައްރިސުން މި ފަންނުގައި ދެމިތިބެ އަދި ކުރިއަށްދިއުމަށް ދަތިވެފައިވާ ސަބަބުތައް ދެނެގަތުމެވެ. އަދި ދިރާސާގެ އަލީގައި މި ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ހުށަހެޅުންތަކެއް ހުށަހެޅުމެވެ.
މި ދިރާސާއިން، މުދައްރިސުން ތަޢުލީމީ ދާއިރާ ދޫކޮށްފައިދާ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މުސާރަކުޑަވުމާއި، މަސައްކަތް ބުރަވުމާއި، މުދައްރިސުންގެ ޙައްޤުތައް ރައްކާތެރިނުވުމާއި އަދި މަސައްކަތު މާޙައުލުގެ ވަޞީލަތްތައް ނެތުންފަދަ ކަންތައްތައް ފާހަގަވިއެވެ. މި ރިޕޯރޓް ވަނީ 9 މާރިޗު 2022، ދުވަހު ރިސާރޗް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅުއްވާފައެވެ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެކަން ވަނީ އިޢުލާންކުރައްވާފައެވެ.