ނަމުން ޖުމްހޫރީވެ، ކަމުން ވެރިކަން ހިންގުމަކީ އެއްވެސް ވެރިޔަކަށް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ދެން ކުރެވޭނެ ކަމެއް ނޫންކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ނާ ތަހުޒީބު ޘަޤާފަތު މި ރާއްޖެއާ ދުރަށް އޮޔާލާ ބައްސާލި ބަޔަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކަމަށާއި، ދިވެހިން އެބަދަލުގެނެސް، 11 ނޮވެމްބަރ 2008 ގައި އެ މަސްއޫލިއްޔަތު އުފުލުމަށް ތަޤްދީރު ކުރެހި ޕްލޭނުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މި ހުންނެވީ އެމަނިކުފާނު ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އިރާދަކުރެއްވިއްޔާ، އެމަސްއޫލިއްޔަތު އެމަނިކުފާނު ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވިއެވެ. އަދި އެކަމާ ދެކޮޅަށް ހުރި ހުރަސްތައް ނައްތާލެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ހެޔޮވެރިކަމާއި، އޯގާތެރި ސަރުކާރުތަކަށް މެނުވީ އިރާދަކުރެއްވިއްޔާ، ދެން މިރާއްޖޭގައި ދެމިނޯވެވޭނެ ހުރިހާ ސަބަބުތަކެއް މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހިފަހައްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރާއްޖެއާއި މި ރާއްޖޭގެ ރައްޔިތުންނަށް ލާބަހުރި އެތައް ޒަމާނަކަށް ދެމިގެންދާނެ ސިޔާސީ މަންޒަރެއް ވިސްނުންފުޅުގައި އެބައޮތް ކަމަށާއި، މާ ރީތި އުފާވެރި ކުރެހުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ ގެންނަމުން، ފެންނަމުން، ކުލަޖެހެމުންދާނީ ޒަމާންތަކަށް އަމާޒުވެގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފާއިތުވި އަހަރުތެރޭގައި ފަށްޓަވައިގެން ކުރައްވަމުން މިގެންދަވާ ކަންކަމަކީ، ހަމައެކަނި މިއަދާ މާދަމައަށް ވިސްނާވަޑައިގެން ކުރައްވާ ކަންކަމެއް ނޫންކަމާއި، މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގެން މިތިއްބެވީ، މިކަމުގެ ވިސްނުމާއި، ޙިކުމަތާއި، ހިތްވަރާއެކުގައިކަން ބަޔާންކުރެއްވިއެވެ.

މިއަދު މި ރާއްޖޭގެ ވެރިކަން ކުރައްވަމުން މިގެންދަވަނީ، މިވަގުތު ރާއްޖޭގައި ދިރިތިބި ބަޔަކަށް އެކަންޏެއް ނޫން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހަމައެކަނި އެމް.ޑީ.ޕީ.އާއި ޑީ.އާރު.ޕީ.އާއި އަދި އެހެނިހެން ސިޔާސީ ޕާޓީތަކަކަށް އެކަންޏެއްވެސް ނޫން ކަމަށާއި، މިއަދު ވެރިކަން ކުރައްވަމުން މިގެންދަވަނީ އަދި ނުއުފަންނަ، އެތައް ދިވެހި ދަރިންތަކަށްޓަކައި ކަމުގައި ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޙާޞިލުކުރާން ބޭނުންވާ އެތައް ކަމަކާއި، ލިބެން އެދިއެދި ތިބި އިންޞާފު ލިބެމުންދާނެކަމާމެދަކު ޝައްކު ނުކުރައްވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދިވެސް ވިދާޅުވިއެވެ. " ޤަބީލާއެއްގެ ސިފަތަކުން ނެއްޓި، ޤައުމެއްގެ ޙަޤީޤީ އިސްކޮޅަށް ހިންދެމިލުމަށް ވިސްނުން އަމާޒު ކޮށްގެން ނޫނީ، މިއަދު މިއެދޭ ބަދަލު ހޯދުން ދަތިވާނެއެވެ. އަދި ވަކި ޝަޚްޞަކީ ނުވަތަ ފަރްދަކީ ޢަދުލު އިންޞާފުގެ ފަހުބަސް ކަމުގައިވުން އެއީ، އިންސާނުން ދިރިއުޅޭ މުޖްތަމަޢެއްގައިވެސް ހުތުރު ކަމެކެވެ."

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންމިދާ ސިޔާސީ ވާދަވެރިކަމާއި ޑިމޮކްރެޓިކް ރޫޙަކީ، ޙަޤީޤީ ޑިމޮކްރަސީއަކަށް ރާއްޖެ ފަރިވަމުން ފައްކާވަމުންދާ ކަމުގެ ދިރިހުރި މިސާލެއްކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެކުރައްވާ މަސައްކަތަށް ސާބަސް ދެއްވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ވެރިކަމެއް ނިމި އަހަރެއް ފާއިތުވިއިރު، ސިޔާސީ ކުށްވެރިންގެ ގޮތުގައި އެންމެ މީހަކުވެސް ހިފައި ހައްޔަރު ނުކޮށް ކުރެވިފައި އޮތް ވެރިކަމެއް، މިނޫނިއްޔާ މި ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ނުވާނެކަން ފާހަގަކުރެއްވިއެވެ. އަދި ޒާތީ ޖަޒުބާތުތަކަށްވުރެ މާނަވީ ބަދަލަށް ޖާގަ ދިނުމަކީ، މީގެކުރިން ހިންގި އެއްވެސް ސަރުކާރަކުން ކޮށްފައި އޮތް ކަމެއް ނޫންކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.