މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 59 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ބިލު“ އަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، [ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ބިލް“ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ދެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނަށް 10 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައިވާ ގޮތުން، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 18.50 އެމެރިކާ ޑޮލަރުގެ އަގު ނަންގަވާނެއެވެ. އަދި ޢުމުރުން ދެއަހަރު ފުރިހަމަވެފައިވާ ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރު ނަންގަވާނެއެވެ. ޑިޕްލޮމެޓިކް އިމިޔުނިޓީ ލިބިފައިވާ ފަރާތްތަކާއި، ބޭރު ޤައުމުތަކުގެ ވަޒީރުން ފެށިގެން މަތީ ފެންވަރުގެ ވެރިންނާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން ދެއަހަރު ފުރިހަމަނުވާ ކުޑަކުދިން، ސަރވިސް އެއަރޕޯޓް ޗާޖް ނެގުމުން އިސްތިސްނާވާނެ ކަމަށް މިޤާނޫނު ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ އިސް ޢިއްޒަތްތެރިޔާ ކަމުގެ ޝަރަފާއި ލަޤަބް ކަނޑައެޅިފައިވާ މީހާއެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ މަހަކު އެއްލައްކަ ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާއާއި އޭނާގެ ޢާއިލާ ދިރިއުޅޭނޭ ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އަދި އެގެއަށް ހިނގާނެ ޚަރަދު، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް މިޤާނޫނުގައި ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި އޭނާގެ އަނބިމީހާއަށާއި، ޢުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި، 18 އަހަރު ފުރިފައިވީނަމަވެސް، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިންނަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ މަންމައާއި ބައްޕައަށް ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދްމަތް ލިބިދޭންޖެހޭނެ ކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ކުރައްވާފައިވާ ރަށެއްގެ ގޮތުގައި މާލެއަތޮޅު އާރަށް ހަމަޖައްސަންވާނެ ކަމަށާއި، މިރަށާ ގުޅޭ ހުރިހާ ކަމެއް ކުރަމުން ގެންދާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިން ކަމަށް މިޤާނޫނުގައި ބުނެފައިވެއެވެ.

މިޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަކީ މަހަކު ހަތްދިހަފަސްހާސް ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އޭނާގެ ޢާއިލާ ދިރިއުޅުމަށްޓަކައި ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އަދި އެގެއަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭންވާނެ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މިޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އޭނާގެ ޢާއިލާއަށް ދެވޭ ޙިމާޔަތާއި ރައްކާތެރިކަމާއި، ދަތުރުފަތުރު ކުރުމުގެ އެންމެހާ ކަންކަން ހަމަޖައްސާނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއިންނެވެ.