ކޮމަންވެލްތު އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުންނާއި ރާއްޖޭގައި ފަހުން މި ހިނގައި ދިޔަ ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޒީރުންގެ މަޖިލީހާ ޙިއްޞާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޢުލޫމާތުތައް ޙިއްޞާކުރައްވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

ޖޫން 20 އިން 25އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަޤުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ހެނދުނު ރަސްމީ ދަނޑުގައި ކުރިޔަށްގެންދިޔަ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް، އެތަނަށްބަޔަކު ވަދެ ހިންގި ކަންކަމާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ. އެގޮތުން މި ކަންތައްތައް ހިނގާދިޔަގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ކުޑަކޮމެޓީގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ކޯވިޑް މަލިމަޑުކަމުގެ ހާލަތާބެހޭ އެންމެ ފަހުގެ މަޢޫލޫމާތާއި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލެއްވި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ޙިއްޞާކުރެއްވިއެވެ.