ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، މާދަމާ ހެނދުނު 10 ޖަހާއިރު ދަރުބާރުގޭގައި އޮންނާނެއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާގައި އޮންނާނެ އެންމެ ޚާއްޞަ އެއްކަމަކީ، މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ސަރުކާރުން ދެއްވުމަށް ހަމަޖައްސަވާފައިވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމެވެ. މިބޭފުޅުންނަށް އިނާމުތައް ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފްގެ އައްޑަނައަކާއި، ޝަރަފްގެ ބެޖާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން، އިނާމާ ޙަވާލުވެވަޑައިގަތުމަށް ސްޓޭޖަށް ވަޑައިގަންނަވާނީ، އެމް.އެން.ޑީ.އެފް.ގެ އެސްކޯޓްގައެވެ.

މި ޖަލްސާގައި މަރްޙަބާ ދަންނަވާނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބެވެ. މި ޖަލްސާގައި، ޤައުމީ އިނާމް ކޮމިޓީގެ ރިޕޯޓާ ގުޅޭގޮތުން ތައްޔާރު ކުރައްވާފައިވާ ވީޑިއޯއަކާއި، ޝަރަފްވެރިކަމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނާއި، ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނާ ބެހޭގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯ ރިޕޯޓް ދެއްކެވުން އޮންނާނެއެވެ.

މި ޖަލްސާ، ޓީ.ވީ އިންނާއި ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުއްވާނެއެވެ. އަދި މިޖަލްސާ ވެބްކާސްޓް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.