ކާބަން ނިއުޓްރަލް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ގްރޫޕެއް އުފެއްދިއްޖެނަމަ، ކޯޕަންހޭގަންއިން ނުކުންނަ ނަތީޖާ ބަދަލުކުރެވިދާނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ފެށުނު "ކްލައިމެޓް ވަލްނަރަބްލް ފޯރަމް"ގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ ގްރޫޕަކުން ދުނިޔެއަށް ވަރަށް ސާފު މެސެޖެއް ދެވިދާނެކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، މިބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކަކީ މޫސުމަށް އަންނަ އާދަޔާ ޚިލާފް ބަދަލުތަކުގެ ނުރައްކާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ކުރިމަތިވާ ޤައުމުތައްކަން ފާހަގަކުރައްވަމުން، މޫސުމަށް އަންނަ ބަދަލުތަކަކީ މިޤައުމުތަކުގެ ސަލާމަތާ ދެމިއޮތުމާ ގުޅުންހުރިކަމެއް ކަމުގައި ވިދާޅުވިއެވެ.

ދުނިޔެ ހޫނުކުރަމުން މިދާ ކާބަން، ޖައްވަށް ބޭރުކުރުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކަމެއްކޮށްފައި ނުވިނަމަވެސް، މިމައްސަލައަކީ އެހެން ބައެއްގެ މައްސަލައެއްކަމަށް ބަލައިގެން ތިބެވޭކަށް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިމައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްނުކޮށް ފޯރަމްގައި ބައިވެރިވާ ޤައުމުތަކަށް ތިބެވޭކަށް ނެތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، މިކަމުގައި އަޅާ ކޮންމެ ފިޔަވަޅެއްވެސް ބިނާވެގެންވާނީ، ތިމާވެއްޓާބެހޭ ސައިންސްވެރިންގެ އެންމެ ފަހުގެ ލަފައަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ޤުދުރަތީގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް އަޅުގަނޑުމެން ދަސްކުރަންވެއްޖެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ އާދަޔާ ޚިލާފް ބަދަލުތަކަށް ޙައްލެއް ހޯދުމަށް ވަގުތު ފާއިތު ވެފައިވާކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވަމުން، ކޯޕަންހޭގަންއަށް ދާއިރު ފުރިހަމައަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އިންސާނިއްޔަތާއި، އިންސާނުންގެ ޤާބިލުކަމާމެދު އިތުބާރުކުރައްވާ ކަމަށާއި، އެންމެން މަސައްކަތްކޮށްފިނަމަ މިކަން ޙައްލުކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ފެށުނު މިބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް އެންމެ ނާޒުކު ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންތައްތަކާ ކުރިމަތިލާނެ ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުމެކެވެ.